ޛިއްމީ ނަޞާރާއަކަށް އޭނާގެ ގެ ވިއްކާލި މީހެކެވެ.
އިމާމް އަޙްމަދު އާއި ސުވާލު ދެންނެވުނެވެ:
'ޛިއްމީ ނަޞާރާއަކަށް އޭނާގެ ގެ ވިއްކާލި މީހެކެވެ. އެގޭގައި އަޅުކަންކުރަން ޚާއްޞަ ކޮޓަރިތައްވެސްވެއެވެ.'
އެހިނދު ވިދާޅުވިއެވެ: 'ނަޞާރާއަކަށްހެއްޔެވެ!؟'
އަދި އެކަންތައް އެކަލޭގެފާނު ވަރަށް ބޮޑު ކުރެއްވިއެވެ.
އަދި ވިދާޅުވިއެވެ: 'ނުވިއްކޭހުއްޓެވެ. އެތަނުގައި ނަޞާރާއިންގެ ރަނގަބީލުޖަހާ، ޞަލީބުތައް ކޮޅަށްޖަހަން ދޫކޮށްލަންވީހެއްޔެވެ! ކާފަރުންނަށް (އެފަދައިން ގެ) ނުވިއްކޭހުއްޓެވެ.' އަދި ވަރަށް ހަރުކަށިކޮށް އެކަލޭގެފާނު އެކަމުގައި ވާހަކަ ދެއްކެވިއެވެ.
އަދިވެސް އިމާމް އަޙްމަދުއާއި ސުވާލު ކުރެވުނެވެ:
'އޭނާގެ ގެ ވިއްކަން އުޅޭ މީހެކެވެ. ދެން ނަޞާރާއެއް އައިސް ޝައުގުވެރިކަން ފާޅުކޮށް، އަދި ގަންނާނޭ އަގުވެސް މަތިކުރިއެވެ. ފަހެ އޭނާގެ ގެ އެ ނަޞާރާއަށް ނުވަތަ ޔަހޫދީއަށް ނުވަތަ މަޖޫސީއަކަށް ވިއްކާލެވޭނެކަމަށް ކަލޭގެފާނު ދެކެންތޯއެވެ؟'
ވިދާޅުވިއެވެ: 'އޭނާއަށް އެފަދައިން ކަންތައް ކުރެވޭނެކަމަށް ތިމަން ނުދެކެމެވެ.
ﷲ އަށް އެތަނުގައި ކާފަރުވާ ޢަމަލުތައް ކުރާނޭ ކާފަރަކަށް ގެ ވިއްކާލަންވީހެއްޔެވެ!؟ މުސްލިމަކަށް ވިއްކުން ތިމަންކަލޭގެފާނަށް މާލޮބުވެތިކަން ބޮޑެވެ. "
📖 އަޙްކާމު އަހްލުލް މިލަލް 📖