ޒަމާންތަކެއް ވަންދެން ހަނގުރާމަތަކުގައި ބައިވެރިވި ޒުވާނެއް އުޅުނެވެ. ޝަހީދުވޭތޯ އެތައް ފަހަރަކު....
#ވާހަކައެއް
އިމާމް އިބްނުލް މުބާރަކުގެ ކިތާބުލް ޖިހާދުގައި ގެންނަވާފައިވާ އެހެން ވާހަކައެކެވެ:
ޘާބިތުލް ބުނާނިއްޔު ވިދާޅުވިއެވެ:
"ޒަމާންތަކެއް ވަންދެން ހަނގުރާމަތަކުގައި ބައިވެރިވި ޒުވާނެއް އުޅުނެވެ. ޝަހީދުވޭތޯ އެތައް ފަހަރަކު އޭނާ ކުރިމަތިލިއެވެ. އެކަމަކު ލައްވައެއް ނުލިއެވެ. ދެން އޭނާގެ އަމިއްލަ ނަފްސަށް ބުންޏެވެ: 'ﷲ ގަންދީ ބުނަމެވެ! އަހަރެން (ޝަހީދުވާގޮތެއް ނުވެ ދެން ހަނގުރާމައިން ނިމިގެން) އަނބުރާ އަހުލުންގެ ގާތަށް ގޮސް ކައިވެނިކުރުން ނޫންގޮތެއް ނުފެނެއެވެ.'
ދެން އެޒުވާނާ ފޭލިގޭގައި އެދުވަހު މެންދުރުގަޑި ނިދާލަން އޮތެވެ. މެންދުރު ނަމާދު ގަޑި ޖެހުމުން އޭނާގެ އެކުވެރިން އޭނާ ހޭލެއްވިއެވެ. އެހިނދު އޭނާ ރޯންފެށިއެވެ. އޭނާގެ އެކުވެރިން އޭނާއަށް ކަމެއް ދިމާވީކަމަށް ބިރުހީކޮށްފުމަށް ދާންދެނެވެ. ދެން އޭނާއަށް އެތަން ފެނުމުން ބުނެފިއެވެ: 'އަހަރެންގެ ގައިގައި އެއްވެސް ކަމެއް ނެތެވެ.
އެކަމަކުވީ ގޮތަކީ: އަހަރެން ނިދާފައި އޮށްވާ މީހަކު އަހަރެންގެ ގާތަށް އައިސް ބުނެފިއެވެ: 'ތިބާގެ އަނބިމީހާ 'ޢައިނާ' ގެ ކައިރިއަށް ހިނގާށެވެ.'
ދެން އަހަރެން އޭނާއާއި އެކުގައި ތެދުވެއްޖައީމެވެ. އަދި ސާފު ހުދު ބިމެއްގައި އަހަރެން ގޮވައިގެން އޭނާ ދިޔައެވެ. އެހެންގޮސް ބަގީޗާއެއްގެ ކައިރިއަށް އަހަރުމެންނަށް އާދެވުނެވެ. އެފަދަ ރީތި ބަގީޗާއެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ދެން ބަލާލިއިރު އެތަނުގައި ދިހަ ޒުވާން އަންހެނުން ތިއްބެވެ. އެހާ ރީތި އަންހެނުންތަކެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެބުނާ 'ޢައިނާ' އަކީ އެތަނުން އަންހެނެއްކަމުގައިވުމަށް އަހަރެން އުއްމީދުކުރީމެވެ.
ދެން އަހަރެން ބުނީމެވެ: 'ތިޔަކުދިންގެ ތެރޭގައި ޢައިނާ އެބަހުރި ހެއްޔެވެ؟' އެކުދިންތައް ޖަވާބުދިނެވެ: 'އެކަމަނާ ވަނީ އަދި އަހަރުމެންގެ ކުރީގައިއެވެ. އަހަރުމެންނަކީ އެކަމަނާގެ ޖާރިޔާއިންނެވެ.'
ދެން އަހަރެންގެ އެކުވެރިޔާއާއި އެކުގައި އަނެއްކާ ކުރިއަށް ދިޔައީމެވެ. ދެން ފެނުނީ ދެންމެ ދޫކޮށްދިޔަ ބަގީޗާއަށްވުރެ ދެގުނަ ރީތި ބަގީޗާއެކެވެ. އަދި އެތަނުގައި ވިހި އަންހެނުން ތިއްބެވެ. އެއަންހެނުންގެ ރީތިކަން ކުރީގައި ދޫކޮށްފައި ދިޔަ އަންހެނުންނަށްވުރެވެސް ރީއްޗެވެ. އެހިނދު އެތަނުން ކުއްޖެއް އެއީ ޢައިނާ ކަމުގައިވާނޭނަމައޭ އަހަރެން އެދުނީމެވެ. އެހެންވެ އަހައިފީމެވެ: 'ޢައިނާ ތިތަނުގައި އެބަހުރިހެއްޔެވެ؟' ޖަވާބުގައި ބުންޏެވެ: 'އެކަމަނާވަނީ އަދިވެސް ކުރީގައިއެވެ. އަހަރުމެންނަކީ އެކަމަނާގެ ޖާރިޔާއިންނެވެ.' ދެން ކުރިއަށްގޮސް އަނެއްކާ ތިރީސް ޖާރިޔާއިންގެ ވާހަކަ އެޒުވާނާ އެމޭރުމުން ޛިކުރުކުރިއެވެ.
ދެން އެޒުވާނާ ބުންޏެވެ: 'ދެން އަހަރެންނަށް ދެވުނީ އެތެރެ ހޮއެކޮށް އޮތް ރަތް ޔާޤޫތު ޖަވާހިރަކުންވާ ޤުއްބެއްގެ ކައިރިއަށެވެ. އެތަނުގެ ވަށައިގެންވަނީ އޭގެ އަލިކަމުން ބަބުޅާލާފައެވެ. ދެން އަހަރެންގެ އެކުވެރިޔާ ބުނެފިއެވެ: 'ވަންނާށެވެ.'
އަހަރެން ވަތްހިނދު އެތާގައި އަންހެނަކު ހުއްޓެވެ. އެއަންހެނާއާއި ބަލާފައި ޤުއްބުގެ އެއްވެސް އަލިކަމެއް ނުވާކަހަލައެވެ. ދެން އަހަރެން އެއަންހެންމީހާ އާއިއެކުގައި އިށީންދެ އިރުގަނޑަކު ވާހަކަދައްކަން އިނީމެވެ. އަދި އޭނާވެސް އަހަރެންނާއި ވާހަކަދައްކަން ފެށިއެވެ. އިރުކޮޅަކުން އަހަރެންގެ އެކުވެރިޔާ ގޮވާލާފައި ބުނެފިއެވެ: 'ނިކުމެ ހިނގާށެވެ.' އަހަރެންނަށް އޭނާ ބުނާގޮތް ނުހަދާކަށް ކުޅަދާނައެއް ނުވިއެވެ.
ދެން އަހަރެން ދާންވެގެން ތެދުވިތަނާ އެއަންހެނާ އަހަރެންގެ ހެދުމުގެ ކޮޅުގައި ހިފާ ދަމާލާފައި ބުންޏެވެ: 'މިރޭ ރޯދަވީއްލާންވަނީ އަހަރުމެންގެ ގާތުގައިއެވެ.' ދެން ކުއްލިއަކަށް ތިޔަބައިމީހުން އަހަރެން ހޭލައްވާލިތަނާ އެހުރިހާކަމަކީ ހުވަފެނެއްކަން އަހަރެންނަށް އެނގިގެންދިޔައެވެ. ރޮވުނީ އެހެންވެއެވެ.'
ދެން އިރުކޮޅެއްނުވެ ހަނގުރާމައިގެ ކުރިމަތިލުމަކަށް އަސްތަކުގައި އައުމަށް ގޮވާލެވުނެވެ. އިރުއޮއްސި، ރޯދަވީއްލާ ވަޤުތުވަންދެން މީސްތަކުން ހަނގުރާމަކޮށް ދުއްވަމުން ދިޔައެވެ. އެވަޤުތުގައި އެއްކަލަ ޒުވާނާގެ ގަޔަށް ހަމަލާއެއް އަރާ ޤަތުލުވިއެވެ. އޭނާ ހުރީވެސް ރޯދައަށެވެ. އަހަރެންނަށް ހީވާގޮތުގައި އެޒުވާނާއަކީ އަންޞާރުންގެ މީހެކެވެ."
-ކިތާބުލް ޖިހާދު ލިއިބްނިލް މުބާރަކު: 1/ 144-