އުއްމަތުގެ ފަރުދުން ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާ ފިކުރުކުރާނީ ކޮންދުވަހަކުން ބާއެވެ.
ފަހެ ޢަރަބި ޖާހިލިއްޔަތުގައި އެމީހުންގެ އަންހެންދަރިން ދިރިދިރިއޮށްވާ ވަޅުލައި މަރާހެދިއެވެ. ނަމަވެސް އެންމެ ޢަދުލުވެރި އޯގާވެރި އިލާހުގެ ޙަޟުރަތުގައި އެ ތުއްތު ކުދިންނަށްވެސް އިންސާފު ލިބިގެންދެއެވެ.
(وَإِذَا ٱلۡمَوۡءُۥدَةُ سُىِٕلَتۡ (8) بِأَیِّ ذَنۢبࣲ قُتِلَتۡ(9))
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ. އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
((ސޫރަތުއް ތަކްވީރު8،9))
ވީއިރު މިއަދު ޣައްޒާގެ ތުއްތު ޅަދަރިންތައް ބިލްޑިންގްތައް ދަށުގައި ވަޅުލަމުން އެދަނީ އެކުދިންގެ ކުށަކީ ކޮބައިތޯއެވެ؟ މުސްލިމަކަށްވުން ހެއްޔެވެ؟ ދެން އެއަށްފަހު މިހުރިހާކަމެއް ލޮލުންދެކިފައި އުއްމަތުގެ ފިރިހެންތަކުން ދެއަތްއުރާލައިގެން ތިބެ ޤިޔާމަތްދުވަހު ﷲ ގެ ދަރުބާރުގައި ހުއްޓިލެވޭނެހެއްޔެވެ؟
(وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ)
އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ ސުވާލު ކުރެވޭނެ ބަޔެކެވެ.
((ސޫރަތުއްޞާފާތު 24))