ރަޙްމަތްތެރިކަމާމެދު އިމާމް ޝާފިޢީގެ ނަޞޭޙަތެއް
"ތިބާގެ ރަޙުމަތްތެރިއެއްގެ ފުށުން ތިބާ ނުރުހޭކަމެއް ފޯރައިފިނަމަ،
ފަހެ އަވަސްއަރުވާލާ އޭނާއާ ދެކޮޅުވެރިވެ ރުޅިއަރާ، އަދި ގުޅުން ކަނޑާލުމާއިމެދު ނަމަނަމަ ދުރުވެގަންނާށެވެ!
އެއިރުން ތިބާ ވާހުށީ ޝައްކަކަށް ބިނާކޮށް ޔަޤީންކަން ފިލުވައިލި މީހަކަށެވެ.
އެހެނެއްކަމަކު ތިބާ އޭނާއާ ބައްދަލުކުރާށެވެ. އަދި ބުނާށެވެ: 'ތިބާގެ ކިބައިން މިވެނި އެވެނި ކަމެއް އަހަރެން އަޑުއަހައިފީމެވެ.'
އަދި ތިބާއަށް އެވާހަކަ ފޯރުކޮށްދިން މީހެއްގެ ނަންވެސް ބުނުން އައުލާކަން ބޮޑުވެ ރަނގަޅެވެ.
ދެން އޭނާ އެކަމަކަށް އިންކާރު ކޮށްފިއްޔާ ބުނާށެވެ: 'ތިބާ (އެފަދަ ކަމެއް ކުރުމަށްވުރެ) މާ ތެދުވެރިވެ، ހެޔޮވެގެންވެއެވެ.'
އޭގެ އިތުރަށް އެއްޗެއް ނުކިޔާހުށިކަމެވެ.
ދެންފަހެ އޭނާ އެކަމަކަށް އިޢުތިރާފުވެއްޖެނަމަ، އަދި އެކަމެއް ކުރުމަށް އޭނާއަށް މެދުވެރިވި ޢުޛުރެއް ތިބާއަށް ފެނިއްޖެނަމަ އެޢުޛުރު ބަލައިގަންނާށެވެ.
ދެން ޢުޛުރެއް ބަޔާން ނުކޮށްފިނަމަ ތިބާ ބުނާށެވެ: 'ތިބާގެ ކިބައިން މިއަޑުއިވުނު ކަންތައް ކުރުމަށް ތިބާ ޤަޞްދުކޮށް މެދުވެރިވީ ކޮންކަމަކާހެއްޔެވެ؟'
ދެން އޭނާ ޢުޛުރެއްކަމުގައި ބެލޭނެފަދަ ވާހަކައެއް ނަންގަނެފިނަމަ ފަހެ ތިބާ ޤަބޫލުކުރާށެވެ.
އޭނާ ޢުޛުރެއްގޮތުގައި ބެލޭނެ ވާހަކައެއް ނުބުނިނަމަ، އަދި އެކަމެއްގެ ސަބަބުން ތިބާގެ ހިތަށް ތަދުވެ އުނދަގޫވެއްޖެނަމަ، ދެން އެއީ އޭނާ ކުރި ނުބައި ކުށެއްކަމުުގައި ތިބާ ބަލާށެވެ.
އެއަށްފަހުގައި ތިބާއަށް އޮތީ އިޚްތިޔާރު ލިބިގެންނެވެ. ތިބާ ބޭނުންނަމަ އޭނާ އެކުރި ކަންތައްފަދަ ކަމަކުން އެއްވެސް އިތުރުކުރުމެއްނެތި ތިބާވެސް ބަދަލުގައި ކަންތައް ކުރަންވީއެވެ.
ނުވަތަ ތިބާ ބޭނުންނަމަ އޭނާއަށް މާފުކުރާށެވެ. މާފުކުރުމަކީ ތަޤުވާވެރިކަމާ އެންމެ ގާތްކޮށްދޭނެ ގޮތެވެ. އަދި އޯގާތެރިކަމާ އެންމެ ކައިރިގޮތެވެ.
އެއީ ﷲ ތަޢާލާގެ ބަސްފުޅުގައިވާ ފަދައިންނެވެ: 'ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބުވަނީ، ﷲ ގެ ޙަޟްރަތުގައިއެވެ.' (الشورى ٤٠)
ތިބާގެ ނަފްސު ހަމަ ކޮންމެހެންވެސް ބަދަލުހިފަން އުޅެގަނެފިނަމަ، ފަހެ އިސްވެދިޔަތާގައި އޭނާގެ ކިބައިން ތިބާއަށް ފެނި ތަޖުރިބާކުރެވިފަވާ ރަނގަޅު ކަންތައް ހަނދާނަށް ގެންނާށެވެ.
އަދި އޭނާ ކުރި މިކުށަށްޓަކައި ވޭތުވެދިޔަތާގައި އޭނާގެ ކިބައިން ފާޅުވި ހުރިހާ އިޙްސާންތެރިކަމެއް ކުޑަކޮށްލާ ގެއްލުވާނުލާށެވެ. އެހެނީ އެހެން ހަދައިފިނަމަ އެއީ ހަމަ ސީދާ އަނިޔާވެރިކަމެވެ.
އިހުގެ ޞާލިޙުން ބުނެއުޅެއެވެ: 'އަހަރެން ނުބައިކޮށްކުރި ކަމަކަށް އެއްވެސް އިތުރު ކުރުމެއްނެތި، އަދި އަހަރެންގެ އެއްވެސް ޙައްޤެއް އުނިކޮށްލުމެއްނެތި ބަދަލުހިފައިފި މީހަކަށް ﷲ ރަޙްމަތް ލައްވާށިއެވެ.'..
ތިބާއަށް ރަޙުމަތްތެރިއެއް ލިބިގެންވާނަމަ، ފަހެ ތިބާގެ ދެއަތުން ބާރަށް އެމީހަކު ދިޔަނުދީ ހިފަހައްޓާށެވެ. އެހެނީ ރަޙުމަތްތެރިޔަކު ހޯދުމަކީ އުނދަގޫކަމެކެވެ. އެކަމަކު ރަޙުމަތްތެރިޔަކާ ވަކިވެ ދޫކޮށްލުމަކީ ފަސޭހަ ކަމެކެވެ.
ރަޙުމަތްތެރިޔަކު ދޫކޮށްލާ ވަކިކޮށްލުމުގެ ފަސޭހަކަމުގެ މިސާލެއްގެ ގޮތުން ބައެއް ޞާލިޙުން މިސާލު ޖައްސަވަނީ: ކުޑަކުއްޖަކު ފެންވަޅަކަށް ބޮޑު ހިލަގަނޑެއް ވައްޓާލުމުގެ މިސާލެވެ. ދެން ގައިބާރުހުރި ބޮޑެތި ފިރިހެނުންނަށްވެސް އަނބުރާ އެހިލަގަނޑު އެފުން ވަޅުން ނެގުން އުނދަގޫވެގެންވެއެވެ. "
-ޙިލްޔަތުލް އައުލިޔާ-
-ނޯޓު: މިތާގައި ރަޙުމަތްތެރިއެއްގެ މުރާދަކީ ދީނުގެ ގޮތުން އެމީހަކާ ރަޙުމަތްތެރިވުން އެކަށީގެންވާ، ރަނގަޅު އަޚްލާޤުގެ ވެރި ހެޔޮ ރަޙްމަަތްތެރިންނެވެ.
އެފަދަ މީހެއްގެ ކިބައިންވެސް އިންސާނަކަށްވުމުން މުޢާމަލާތްކުރުމުގައި ހިނގާ ނޭދެވޭ ބައެއް ކަންކަމާއި ބަސްބަހުގެ ވާހަކައެވެ.
އެއްވެސް ޙާލެއްގައި ރަޙުމަތްތެރިއެއްކަމުގައި ބެލުން އަދި އެކުގައި އުޅުން ހުއްދަވެގެންނުވާ ފާސިދު، ފާޖިރު، ނުބައި އަޚްލާޤުތަކުގެ ވެރި، ގޮތެއްފޮތެއް ނެތް މީހުންގެ ވާހަކައެއް ނޫނެވެ.