ކައިވެނިކޮށްފުމަށް ދާންދެން ޒުވާނާގެ އަޅުވެރިކަން ފުރިހަމަ ނުވާނެއެވެ.
🔹 ޠާވޫސް ބްނު ކައިސާން (106ހ) ވިދާޅުވިއެވެ:
"ކައިވެނިކޮށްފުމަށް ދާންދެން ޒުވާނާގެ އަޅުވެރިކަން ފުރިހަމަ ނުވާނެއެވެ. "
📖 މުޞައްނަފު އިބްނު އަބީ ޝައިބާ 📖
◾އެހެން ތާބިޢީ ބޭކަލެއްކަމުގައިވާ އިބްރާހިމް އައްނަޚަޢީ (96ހ)ވިދާޅުވިއެވެ:
"ކައިވެނިކުރާށެވެ! ފަހެ އެއަންހެންމީހާގެ ގޭގައިވާ ޙާލު އެއަންހެންމީހާއަށް ރިޒްޤުދެއްވަމުން ދިޔަ އިލާހު، ތިބާގެ ގޭގައި އެއަންހެނާ ވާޙާލު އެއަންހެނާއާއި ތިބާއަށްވެސް ރިޒްޤު ދެއްވާނެއެވެ!"
📖 ތާރީޚު އިބްނު މަޢީން 📖
ވާޞިލު ވިދާޅުވިއެވެ:
"އަހަރެން އިބްނު ސީރީންގެ އަރިހަށް ވަނުމުން އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ:
"ތިބާ ކައިވެނިކޮށްފިންހެއްޔެވެ؟"
އަހަރެން ދެންނެވީމެވެ:
"ނޫނެކެވެ."
ވިދާޅުވިއެވެ:
"އެކަން މަނާ ކުރަނީ ކޮންކަމެއްހެއްޔެވެ؟"
އަހަރެން ދެންނެވީމެވެ:
" އަތުގައި އެއްޗެއް ނެތި، މަދުކަމުންނެވެ."
އެހިނދު ވިދާޅުވިއެވެ:
"މުޙައްމަދު ބްނު ސީރީންގެ ދަރިކަލުން ޢަބްދުﷲ ކައިވެނިކުރި އިރު އެއްވެސް އެއްޗެއް އަތުގައި ނެތެވެ. ދެން ﷲ އޭނާއަށް ރިޒްޤުދެއްވިއެވެ."
📖 އިޢުތިލާލުލް ޤުލޫބު 📖
🔹 އިމާމް އަޙްމަދުއާއި ސުވާލު ކުރެވުނެވެ:
"މަސައްކަތްކޮށްގެން ހަމައެކަނި އެދުވަހަކު އޭނާ އެކަނި ކާލާނެ އެތިކޮޅެއް މެނުވީ ނުލިބޭ މީހެކެވެ. އޭނާ ކައިވެނިކުރަން ކުރިމަތިލާ އުޅެންވީހެއްޔެވެ؟"
ވިދާޅުވިއެވެ:
"ކައިވެނިކުރަން ކުރިމަތިލާށެވެ!
ފަހެ ހަމަކަށަވަރުން އެއަންހެނާގެ ރިޒްޤު ﷲ ދެއްވާނެއެވެ. ކައިވެނިކޮށް، ދަރަންޏަށް (ނަގަން ޖެހިއްޖެނަމަ) ދަރަނިވެސް ނަގާށެވެ!
އޭނާގެ އަތުގައި ޙައްޖަށް ދެވޭވަރަށް ދުއިސައްތަ ދިރްހަމު އޮވެފައި، އަދި އޭނާގެ ނަފްސުގެ މައްޗަށް ފިތުނައަށް ބިރުގަންނަނަމަ، އަހަރެން އޭނާއަށް އަމުރުކުރާނީ ޙައްޖުނުކޮށް ކައިވެނި ކުރުމަށެވެ."
📖 މަސާއިލު ޞާލިޙު 📖