އިބްނުލް ޤައްޔިމުގެ ތަރުބަވީ ބަސްފުޅުތައް-3
"ކުދިން ވާހަކަ ދައްކާ ޢުމުރަށް އެޅިއްޖެނަމަ، އަދި ވާހަކަ ދެއްކުން ފަސޭހަކޮށްދޭން ބޭނުންވާނަމަ، ފަހެ އެކުދިންގެ ދޫތަކުގައި މާމުޔާއި ހުދުކަންގަދަ ލޮނު އުނގުޅާ ހާކާށެވެ. އެއީ ވާހަކަދެއްކުން މަނާކުރާ އޮލަ ތެތްކަން ދުލުން ފިލުވާލަދޭ އެއްޗެކެވެ.
ދެން އެކުދިން ވާހަކަ ދައްކަން ފަށައިފިނަމަ 'لا إله إلا الله، محمد رسول الله' އެކުދިންނަށް ލައިދޭށެވެ.
އަދި އެކުދިންގެ ކަންފަތްތަކަށް އެންމެ ފުރަތަމަ އަޑުއިވޭ ވާހަކައަކީ ﷲ ތަޢާލާ ދެނެގަތުމުގެ ވާހަކައާއި، އެކަލާނގެ އެއްކައުވަންތަކަމުގެ ތައުޙީދާއި،
އެކަލާނގެ ޢަރްޝިގެ މަތީގައި އެކުދިންނަށް ބައްލަވާ އަދި އަޑުއައްސަވާ ޙާލު ވޮޑިގެންވެ،
އަދި އެކުދިންވީ ކޮންމެ ތާކު އެކުދިންނާއި އެކު އެކަލާނގެ (ޢިލްމުފުޅުން) ވޮޑިގެންވާކަމުގެ ވާހަކަ ކަމުގައި ހަދާހުށިކަމެވެ.
ބަނީ އިސްރާއީލުގެ މީހުންގެ ދަރިންނަށް ވަރަށް ގިނައިން 'ޢިންމާނުވީލް' މިނަންދީ އުޅެއެވެ.
މިކަލިމައިގެ މާނައަކީ: 'އަހަރުމެންގެ އިލާހު އަހަރުމެންނާއިއެކު ވެޔޭ' އެވެ. މިކަމަށްޓަކައި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމަކީ: ޢަބްދުﷲ އަދި ޢަބްދުއްރަޙްމާނު އެވެ.
އެއީ ކުޑަކުއްޖާއަށް ވިސްނި އަދި ކަންކަން ނަގައިގަންނަން ފެށުމުން: އޭނާއަކީ ޢަބްދުﷲ (ﷲ ގެ އަޅެއްކަން) ކަމާއި، އަދި ﷲ އަކީ އޭނާގެ ވެރި ސާހިބާ އަދި މިލްކުވެރިޔާކަން އޭނާއަށް އެނގިގެންދާނެތީއެވެ.
ދެން އެކުދިންގެ ދަތްފަޅާ ޢުމުރަށް ގޮސްފިނަމަ، ކޮންމެ ދުވަހަކު އެކުދިންގެ ހިރުގަނޑުގައި ބަޓަރާއި ގިތެޔޮ ލައި އުނގުޅުން ހުއްޓެވެ.
އަދި ލަގޮނޑިއާއި ކަނދުރާއާއި ދިމާލުގައި ގިނަގިނައިން ތެޔޮލުން ހުއްޓެވެ. އަދި ދަތްފަޅަން ފަށައިގެން ގޮސް ދަތްތައް ފުރިހަމަވެ ވަރުގަދަވެއްޖައުމަށް ދާންދެން، ހަރުއެއްޗެހި ކާންދިނުމުން ސަމާލުވެ ދުރުވުންހުއްޓެވެ. ކޮންމެހެންވެސް އެފަދަ ތަކެތި މަނާކުރަން ވާނެއެވެ. އެއީ އޭގެ ސަބަބުން ދަތްތައް ގުދުވެ އޮރިވެ، ހަލާކުވުމަށް ހުށަހެޅިގެންދާތީއެވެ."
📖 ތުޙްފަތުލް މައުދޫދު 📖