އޭ ޙަރާމް ޓެކްސް ޖަމާކުރުމުގައި އުޅޭ މީހުންނޭވެ!
ސުފްޔާނު އައްޘައުރީ (161ހ) ވިދާޅުވެފައިވެއެވެ:
"ޤިޔާމަތް ދުވަހު ގޮވާލެވޭނެއެވެ. "ނުބައި ވެރިންނާއި އެމީހުންގެ އެހީތެރި އަޢުވާނުންތައް ތެދުވާށެވެ!" ދެންފަހެ އެވެރިންނަށް ދެލި ތައްޔާރުކޮށްދީ، ނުވަތަ ފަންސޫރު ތޫނުކޮށްދީ، ނުވަތަ ދޫލައެއް އުފުލައިދީފި މީހާއަށް ދާންދެން ނުވަތަ އެމީހުންނަށް ކަމަކަށް އެހީތެރިވެއްޖެ މީހަކުވެސްވާހުށީ އެމީހުންނާއި އެކުގައިއެވެ."
◾މީހަކު އިބްނުލް މުބާރަކުގެ (181ހ) އަރިހަށް އައިސް ދެންނެވިއެވެ:
"އަޅުގަނޑަކީ ފަހާ މީހެކެވެ. ބައެއްފަހަރު ސުލްޠާނުގެ ބައެއް ވަކީލުންނަށްވެސް އަޅުގަނޑު އެއްޗެހި ފަހައިދީފައި ވެދާނެއެވެ. ފަހެ އަޅުގަނޑު އަނިޔާވެރިންގެ އަޢުވާނުންގެ ތެރެއިން ވެދާނޭކަމަށް ކަލޭގެފާނު ދެކެވަޑައިގަންނަވަންތޯއެވެ؟"
ވިދާޅުވިއެވެ:
"ކަލޭ ތިޔައީ އަނިޔާވެރިންގެ އެހީތެރިންގެ ތެރެއިންވާ މީހެއްނޫނެވެ! އަދި ކިއެއްތަ، ކަލޭ ވަނީވެސް ޚުދު އަނިޔާވެރިންގެ ތެރެއިންނެވެ! އަނިޔާވެރިންގެ އަޢުވާނުންނަށް ވާކަންކަށަވަރީ ކަލެއަށް ތިނޯހާއި ރޮދި ވިއްކާ މީހުންނެވެ!"
◾އެއްފަހަރަކު ޢިލްމުވެރިންގެ ތެރެއިން ބޭކަލަކު، އަމީރެއްގެ ދީވާނުގައި ޙާޒިރުވެ އިންނަވަނިކޮށް، ދެން އެއަމީރު ލިޔުމެއް ލިޔުނެވެ. އަދި ބުންޏެވެ:
" މިލިޔުމުގައި ސިއްކަ ޖަހަން ނިކަން މަށިކޮޅެއް ގެނެސްބަލާށެވެ."
ދެން އެޢިލްމުވެރިޔާ އެކަމުން މަނާވެގަނެ ވިދާޅުވިއެވެ:
"ކަލޭ ތިޔަ ލިޔުނު ލިޔުމެއް ބަލަން އިހަށް އަހަރެންގެ އަތަށް ގެނެސްބަލާށެވެ." އެކަމަކު އެލިޔުމެއް ނުދިނެވެ.
◾އެފަދައިން ސުފްޔާނު އައްޘައުރީވެސް ޢަމަލުކުރެއްވިކަމަށް ރިވާވެގެންވެއެވެ. އެއީ ޚަލީފާ މަހްދީގެ ގާތުގައިއެވެ. އެގޮތުން ސުފްޔާނު، މަހްދީގެ ގާތަށް ގެނެވުނުހިނދު މަހްދީގެ އަތުގައި ހުދުކުލައިގެ ގަނޑެއް އޮތެވެ. ދެން ސުފްޔާނަށް ދެންނެވިއެވެ:
"އޭ އަބޫ ޢަބްދު ﷲ އެވެ! މީގައި އެއްޗެއް ލިޔެލުމަށްޓަކައި ތިޔަ ދެލިފުޅި ދީބަލާށެވެ."
އެހިނދު ސުފްޔާނު ވިދާޅުވިއެވެ:
"ތިބާ ތިޔަ ލިޔަނީ ކޮން އެއްޗެއްތޯ ފުރަތަމަ ޚަބަރުދޭށެވެ. އެއީ ޙައްޤު އެއްޗެއްކަމުގައިވާނަމަ ދޭނަމެވެ. އެހެންނޫނީ އަހަރެންވާހުށީ އަނިޔާއަކަށް އެހީވާ މީހެއްކަމުގައިއެވެ."
◾އަދި މައްކާގައި އެއްފަހަރަކު ހުރި އަމީރެއް، މުސްލިމުންގެ ހަނގުރާމަމަތީ ބޯރޑަރުތަކުން ބޯރޑަރެއްގެ ޢިމާރާތުގެ ކަމެއް ކުރުމަށް މީހަކަށް އަމުރުކުރިއެވެ. ދެން އެމީހާގެ ހިތަށް އެކަމުގައި އުނދަގުލެއްވިއެވެ. އަދި ސުފްޔާނުގެ އަރިހުން އެކަމާއިމެދު ސުވާލުކުރިއެވެ. އެހިނދު ވިދާޅުވިއެވެ:
"ތިބާ އެކަންތައް ނުކޮށްދޭހުށިކަމެވެ! ކިތަންމެ ކުޑަކަމެއްގައިވިޔަސް ގިނަކަންތަކެއްގައި ވިޔަސް އެމީހުންނަށް އެއްވެސް އެހީއެއް ނުވާށެވެ!"
ދެން އޭނާ ދެންނެވިއެވެ:
"އޭ އަބޫ ޢަބްދު ﷲ އެވެ! މިދައްކަނީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްޓަކައި މުސްލިމުންނަށްޓަކައި އަޅާ ފާރެއްގެ ވާހަކައެވެ!"
ސުފްޔާނު ވިދާޅުވިއެވެ:
" އާނއެކެވެ! އެކަމަކު އޭގެ ސަބަބުން އެންމެ ކުޑަމިނުންވެސް ކަލޭގެ ހިތަށްވަންނާނެ އެއްކަމަކީ: ކަލޭގެ މަސައްކަތުގެ އުޖޫރަ ބަރާބަރަށް އެމީހުން ފުއްދައިދިނުމަށްޓަކައި އެމީހުން ވެރިކަމުގައި ތިބުމަށް ކަލޭ އެދުންވެރިވެ ލޯބިކުރުމެވެ!
އެއިރުން ކަލޭ ވެގެންދާނީ ﷲ ކޯފާވެވޮޑިގެންވާ ބަޔަކުދެކެ ލޯބިވީ މީހެއްކަމުގައިއެވެ. އަދި ޚަބަރުގައި އައިސްފައިވެއެވެ:
"އަނިޔާވެރިއަކު ގިނަދުވަހު ލެހެއްޓެވުމަށް އެދި ދުޢާކޮށްފި މީހާ، ފަހެ ﷲ އަށް އުރެދިގެންވުމަށް ލޯބިކޮށްފިއެވެ.'"
📖 ޤޫތުލް ޤުލޫބު 📖
✍🏽 މުސްލިމުންގެ ލެޔާއި މުދަލަށް އަނިޔާވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިމެނޭ ކަމަކަށް ކިރިޔާވެސް އެހީތެރިކަމެއް ދިނުމަކީ ނުހަނު ނުރައްކާތެރިކަމެކެވެ. އޭނާ ކިތަންމެ ވަރަކަށް ރޮއެ ތައުބާވިޔަސް މީސްތަކުންގެ ޙައްޤުތައް ކަނޑައިނުދެނީސް އޭނާއަކަށް ތައުބާއެއް ނުވެއެވެ. އެޙައްޤުތައް ޤިޔާމަތްދުވަހުވެސް އަތުލެވޭނެއެވެ.
އައްޛަހަބީ (748ހ) ވިދާޅުވިއެވެ:
"އަދި ޓެކްސް ނަގާ މީހާއަކީ އަނިޔާވެރިންގެ އެންމެ ބޮޑެތި އަޢުވާނުންގެ އެކަކެވެ!
އަދި ކިއެއްތަ، އޭނާއަކީ ސީދާ އަނިޔާވެރިންގެ ތެރެއިންވާ މީހެކެވެ!
ފަހެ އޭނާ ޙައްޤުވެގެންނުވާ މުދާ ނަގާ، އަދި ޙައްޤުވެގެން ނުވާ ފަރާތްތަކަށް ދިނުމުގައި އުޅެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ:
"ޓެކްސް ނަގާ މީހާ ސުވަރުގެ ނުވަންނާނެއެވެ!"
އެހެން އެކަންވީ މީސްތަކުންގެ އެތަކެއް ޙައްޤުތަކަކަށް އޭނާ އަރައިގަނެފައި ހުރީމައެވެ.
ފަހެ ޓެކްސް ނެގުމުގައި އުޅުނުމީހާ، ޤިޔާމަތް ދުވަހު އެނެގިހާ ތަކެތި އެހުރިހާ އެންމެންނަށް އަދާކޮށް ނެރޭނީ ފަހެ ކޮންތާކުންހެއްޔެވެ!؟ އެކަމަކު އޭނާގެ ހެޔޮކަމެއް އޮތްނަމަ އެހެޔޮކަންތައް ނަގާ އެންމެންނަށް ބަހާލެވޭނެއެވެ."
📖 އަލްކަބާއިރު 📖
އެހެންކަމުން އޭ މީރާފަދަ ޙަރާމް ޓެކްސް ފައިސާތައް މުސްލިމުންގެ އަތުން ގަދަކަމުން ނަގާ ޖަމަޢަކުރާ ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނޭވެ!
ތިޔަބައިމީހުން ކޮންމެ ދުވަހަކު ތިޔަ ހިނިތުންވެ ފުލް ބެގީގައި ތިބެ ތިޔަ ނަގަމުން ދަނީ އަނގުރު އަލިފާނެވެ. އަދި އަނިޔާއަށް އެހީތެރިވެ މުސްލިމުންގެ މުދާތައް ޙަރާމްގޮތުގައި ނެގުމުގެ ބައިއެޅެމުންދާނެއެވެ. ޤިޔާމަތް ދުވަހު މުޅިން ބަނގުރޫޓުވެ ހުސްވެގެން އަންނަން ބޭނުންނުވާނަމަ ތިޔަފަދަ ވަޒީފާތަކުން އެއްކިބާވެ ދުރުވާށެވެ!