top of page
Featured Posts
Writer's picturehaqqubooks

އީމާންކަމުގެ އެންމެ ވަރުގަދަ އުޅަކަކީ..

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.:


((އީމާންކަމުގެ އެންމެ ވަރުގަދަ އުޅަކަކީ: ﷲ އަށްޓަކައި  ނަޞްރުދީ ވާގިވެރިވުމާއި އަދި ﷲ އަށްޓަކައި ޢަދާވާތްތެރިވުމެވެ. އަދި ﷲ އަށްޓަކައި ލޯބިވުމާއި، އަދި ﷲ ޢައްޒަވަޖައްލަ އަށްޓަކައި ނުރުހުންވެ ރުޅިއައުމެވެ.)) [ޞަޙީޙުލް ޖާމިޢު]


އިމާމް އިބްނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ.:


((މުޅިދީން ދައުރުވަނީ 4 ޤަވާޢިދެއްގެ މަތީގައެވެ. އެއީ ލޯބިވުމާއި، ނަފްރަތުކުރުމެވެ. އަދި މިދެކަމުގެ މައްޗަށް  ތަރުތީބުވާ  ކުރުމާއި، ދޫކޮށްލުމެވެ. ފަހެ އެމީހެއްގެ ލޯބިވުމާއި، ނަފްރަތުވުމާއި، އަދި ކުރުމާއި (ކިޔަމަންތެރިވުން)، ދޫކޮށްލުން (ދުރުހެލިވުން) ވަނީ ﷲ އަށްޓަކައި ކަމުގައިވާނަމަ، ފަހެ ހަމަކަށަވަރުން އޭނާގެ އީމާންކަން ފުރިހަމަވެއްޖެއެވެ. އެހެނީ އޭނާ ލޯބިވާނަމަ ލޯބިވަނީ ﷲ އަށްޓަކައެވެ. އަދި ނަފްރަތުކުރާނަމަ ނަފްރަތުކުރާނީވެސް ﷲ އަށްޓަކައެވެ. އަދި ކަމެއްކުރާނަމަ ކުރާނީ ﷲ އަށްޓަކައެވެ. އަދި ކަމެއް ދޫކޮށްލާނަމަ ދޫކޮށްލާނީވެސް ﷲ އަށްޓަކައެވެ. އަދި މި 4 ބައިން މިންވަރެއް އުނިވެއްޖެމީހާ، އޭނާގެ އީމާންކަމާއި އޭނާގެ ދީން އޭނާގެ ކިބައިން އުނިވެއްޖެއެވެ. އެކަންކަމުން އޭނާ އުނިކޮށްފައިވީ މިންވަރަކަށެވެ.))

(ރަވާއިޢު އިބްނުލް ޤައްޔިމް)


ވީއިރު މިއަދު އަޅުގަނޑުމެންނަށް ހުޅަނގާއި އެބައިމީހުންގެ ދޮގު ބަހަނާތަކުގެ ޙައްޤުބޮނޑިވަރު ފެނިއްޖެއެވެ. ފަހެ އެބައިމީހުންގެ ކިބައިން ދުރުހެލިވެ، އެބައިމީހުންގެ ސަގާފަތާ އާދަކާދަތަކަށް ލޯބިކުރިމީހުން އެކަންކަމަށް ލޯބިކުރުމާއި، ނަފްރަތުކުރުންވަނީ އޭނާގެ އީމާންކަން އުނިވުމާއި އިތުރުވުމުގައެވެ. އަދި ކާފިރުންނަށް ނަފްރަތުކޮށް ރުޅިއައުންވަނީ އޭނާގެ އިމާންކަމުގެ އެންމެ ވަރުގަދަ އުޅަށް ތަމްސީލުކޮށްދިނުމުގައެވެ. އަދި ދުނިޔޭގެ އެންމެ ދުރުގާއިވިޔަސް ތިބި މުއުމިނުންނަށް ލޯބިވެ ޙަމްދަރުދީވުން ވަނީވެސް އީމާންކަން އިތުރުވުމުގައެވެ.


ފަހެ އެމީހެއްގެ އީމާންކަން އިތުރުވެ ފުރިހަމަވުމަށް އެދޭމީހާ މިއަދު ފަލަޞްޠީނާއި ޣައްޒާއަށް ވާލޯބި މީސްތަކުންގެ ކުރިމަތީ ދައްކުވާށެވެ. އެހެނީ އެއީ ﷲ ޢަދުއްވުން ޔަހޫދީން، އަދި އެމީހުނަށް ވާގިދޭ މުނާފިޤުން ތިބާދެކެ ނަފްރަތު ކުރާނޭ ކަމެކެވެ. ފަހެ ﷲ ގެ ޢަދުއްވަކު ﷲގެ އަޅަކަށް ނަފްރަތު ކުރާނަމަ އެމީހަކަށް ﷲ ގެ މަޢިއްޔަތު ލިބި ރުއްސެވުން ލިބުން ގާތްވެގެންވެއެވެ.


(لَّا تَجِدُ قَوۡمࣰا یُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ یُوَاۤدُّونَ مَنۡ حَاۤدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوۤا۟ ءَابَاۤءَهُمۡ أَوۡ أَبۡنَاۤءَهُمۡ أَوۡ إِخۡوَ ٰ⁠نَهُمۡ أَوۡ عَشِیرَتَهُمۡۚ أُو۟لَـٰۤىِٕكَ كَتَبَ فِی قُلُوبِهِمُ ٱلۡإِیمَـٰنَ وَأَیَّدَهُم بِرُوحࣲ مِّنۡهُۖ وَیُدۡخِلُهُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ رَضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُۚ أُو۟لَـٰۤىِٕكَ حِزۡبُ ٱللَّهِۚ أَلَاۤ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ)


اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ (ދެކޮޅުވެރިވާ މީހުނީ)  އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެެ.


(ސޫރަތުލްމުޖާދަލާ، 22)


ވީއިރު މިއާޔަތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ޢަޤީދާގެ ބިންގާ އަޅަން އެބަޖެހެއެވެ. އެއީ އަޅުގަނޑުމެންގެ ހިތްތަކުގެ އީމާންކަން ލިޔެވިގެން ދިޔުމަށްޓަކައެވެ. ﷲ ގެ ޖަންނަތުތަކަށް ވެއްދެވި އެއިލާހު އެބަޔަކާމެދު ރުއްސަވާ ބަޔަކަށް ވުމަށްޓަކައެވެ.


ހަލަބޮލި މިޙަޔާތުގައި ކަމެއްވާއިރަށް ރަތްބެލޫންތައް ޖަހައިގެން މީހާގެ އީމާންކަން އުނިވުމުގެ ކުރީގައި، އަދި ﷲ ގެ ދީނުގެ ޢަދާވާތްތެރިންގެ ސަފުގައި ހިމެނުމުގެ ކުރީގައި ތިމާގެ ޒަމީރު މިސްރާބުޖަހާފައިވަނީ ކޮންދިމާލަކަށްތޯ ބަލަންޖެހެއެވެ. ﷲ ތަޢާލާ އަޅަމެނަށް ހިދާޔަތަށް މަގުދައްކަވާ އީމާންކަންމަތީ ޘާބިތުކުރައްވާށިއެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page