ދޫކޮށްލެވިފައިވާ މަންހަޖެއް
- haqqubooks
- Nov 19, 2023
- 1 min read

އިމާމް އަޙްމަދުގެ އަޞްޙާބުންގެ އެންމެ އިސް ދަރިވަރު: އަބޫބަކުރު އަލްޚައްލާލު ވިދާޅުވިއެވެ:
"ތަންދޮރު ނުދަންނަ ގުންޑާއަކު ޖާހިލުކަމާއެކު އެއްޗެއް ކިޔާ ކޮންމެ ފަހަރަކު، ޢިލްމާއި މަޢުރިފާގެ އަހުލުވެރިން އެމީހަކަށް ރައްދުދީ، ޖަދަލުކޮށް، ބަޙުޘްކޮށް ވާހަކަދައްކާ، ދެން އޭނާގެ އުރެދުންތެރިކަމުގައި ބައިވެރިވެ، އޭނާގެ ކުށްފާފަތަކުގެ ކަނޑުގައި އޭނާ އާއިއެކު އެއްހަމައެއްގައި ފީނާކަށް ނުޖެހެއެވެ.
ޢުމަރު ބްނުލް ޚައްޠާބު، ޞަބީޣުއާއި ބަޙުޘްކޮށް، އަދި ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުން އެއްކޮށްގެން އޭނާއާއި އަރައިރުންވެ، ޖަދަލުކޮށް، ބަޔާންކޮށްދޭން ބޭނުންފުޅުވިނަމަ އެކަން ކުރެއްވީހެވެ.
އެކަމަކު އެކަލޭގެފާނު އޭނާގެ ޖާހިލުކަމުގެ މަތީގައި ތަފާލެއް އެޅުއްވިއެވެ. އަދި ވޭންއަޅާވަރަށް އޭނާގެ ގައިގައި ތަޅާލައްވާ، އަރުވާލެއްވިއެވެ. އަދި އޭނާ (ދެއްކި ވާހަކަތައް) ކަރުގައި ތާށިވާވަރު ކޮށްލާފައި، މީސްތަކުންގެ މެދުގައި ހިތިކަރުނައިން ހިތް ކުދިކުދިވެ, ފައްސާލެވި ބޭރުކޮށްލެވިގެންވާ ޙާލު ދޫކޮށްލެއްވިއެވެ.
އޭނާއާ ވާހަކަދެކެވިގެން ނުވާނޭކަން، އަދި އޭނާ އާއިއެކު އިށީންދެގެން ނުވާނޭކަން، އަދި އެއްވެސް ޙުއްޖަތެއް އަދި ރައުޔަކުން ޝިފާއެއްދީގެން ނުވާނޭކަންވެސް އެންގެވިއެވެ. އަދި ކިއެއްތަ، އޭނާގެ ހިތިކަމުގައި ދަންޖެހޭ ވަރުކޮށް، އެއްޗެއް ނުދިރޭ ވަރުކޮށްލައްވާ ދޫކޮށްލެއްވިއެވެ. އޭނާއާއި ވާހަކަދައްކާ މަޖްލިސްކުރުން މީސްތަކުންނަށް މަނާކުރެއްވިއެވެ.
ފަހެ ﷲ އިޛްނަ ދެއްވާފައި ނުވާ ކަމެއް އެކަލާނގެ ދީނުގައި ޝަރުޢުކޮށް ކަނޑައަޅައިފި ކޮންމެ މީހަކާމެދު ހިންގޭނެ ޙުކުމަކީ މިއެވެ. އެއީ އޭނާ އެހުރީ ބިދުޢައާއި މަގުފުރެދުމުގެ މަތީގައިކަން ޚަބަރުދީ، ދެން އޭނާގެ ކިބައިން މީސްތަކުންނަށް އިންޛާރުދީ، އަދި އޭނާއާއި ވާހަކަދައްކާ އޭނާއާއި އެކުގައި އިށީންނުން މަނާކުރުމެވެ."
📖 އައްސުންނާ ލިލްޚައްލާލް 📖