ދަޢުވަތު ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާ ފަރުދީ ވާޖިބެއް
އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. މި އުއްމަތުގެ ތެރެއިން ބަޔަކު ނިކުމެ މުންކަރާތްތަކާއި ކުރިމަތިލާ، އެ މުންކަރާތްތައް ހުއްޓުވާ، ހަމަ އެ އާއި އެކު ޙައްޤު ތަމްޞީލުކޮށް ޙައްޤު ފެތުރުމުގައި އެންމެ އިސް ޞަފުގައި ތިބެން ޖެހެއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވި ބަސްކޮޅުން އަހަރެމެންގެ ސުވާލުގެ ޖަވާބު ބެހިގެންދާ ދެވަނަ ގޮތުގެ ޖަވާބު ލިބެއެވެ. އެއީ ދަޢުވަތު ދިނުމީ ކޮންމެ ފަރުދެއްގެ މައްޗަށް ކުޅަދާނަވީ މިންވަރަކުން ވާޖިބުވެގެންވާ ކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޭނާއަށް ކުޅަދާނަވީ އެންމެ ފުރިހަމަ މިންވަރަކަށް އޭނާގެ ވަށައިގެންވާ ކަންތަކާއި ގުޅޭގޮތުން ދަޢުވަތު ދިނުމީ ފަރުޟު ޢައިނެކެވެ. އަދި އެއީ އޭނާގެ ފަރުދީ ޒިންމާއެކެވެ. އަދި މިކަންކަން އެބަޔެއްގެ ޢިލްމީ ފެންވަރަށް އަދި ވަށައިގެންވާ މާހައުލަށް ރިއާޔަތްކޮށް އެކި މިންވަރުގައި ބަދަލު އާދެއެވެ.
ތިބާގެ ދަޢުވަތު ބިނާވާން ވާނީ ތިބާ ވަށައިގެންވާ ކަންތަކުން ތިބާއަށް އެނގޭ އެއްޗެއްގެ މައްޗަށެވެ. ތިބާ ކޮންމެހެން ޚަޠީބަކަށް ވާކަށް ނުޖެހޭނެވެ. އެހެނަސް ނަމާދަކީ ފަރުޟެއްކަން ތިބާއަށް އެނގެއެވެ. އެހެންކަމުން، މީހަކު ނަމާދު ނުކޮށް ހުއްޓާ ތިބާއަށް ފެނިއްޖެނަމަ، ނަމާދަކީ އަހަރުމެން މައްޗަށް ވާ ފަރުޟެކޭ އަދި ނަމާދުކުރަން ޖެހޭނެ ކަމަށް ތިބާ ބުނާށެވެ. ޣީބަ ބުނުމަކީ ޙަރާމް ކަމެއްކަން ތިބާއަށް އެނގެއެވެ. އެހެންކަމުން ޣީބަ ބުނަމުން ދެވޭ ތަނެއްގައި ތިބާ ވާ ހިނދު، އެކަން ހުއްޓުމަށް ގޮވާލާ، އެއީ ޙަރާމްކަމެކޭ ބުނާށެވެ.
ޞަޙީޙް އަލް-ބުޚާރީގައި، ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ:
بلِّغُوا عنِّي ولوْ آية
ތިމަންކަލޭގެފާނު ކިބައިން އެންމެ އާޔަތެއްގެ މިންވަރުވިޔަސް ފޯރުކޮށްދޭށެވެ.
ތިބާއަށް އެންމެ އާޔަތެއް އެނގޭ ކަމުގައި ވަނީނަމަ، ކުރިއަށް ނުކުމެ އެ ފޯރުކޮށްދޭށެވެ. އެ އާޔަތުގެ މާނަ ތިބާއަށް ޙަޤީޤަތުގައިވެސް ފަހުމްވާކަން އެނގޭ ނަމަ، ދެން އެ ފޯރުކޮށްދޭށެވެ.
﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ١٠٤﴾
"ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެބައިމީހުންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ." (آل عِمرَان:104)
ޞަޙީޙް މުސްލިމްގައި، ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވި ކަމަށް އަބޫ ޙުރައިރާ رضي الله عنه ވިދާޅުވިއެވެ. "ނުބައި ކަމެއް ފެނިއްޖެ މީހާ، އޭނާގެ އަތުން އެ ބަދަލު ކުރާ ހުއްޓެވެ. އެފަދައިން ނުވާ ކަމުގައި ވަނީ ނަމަ، އޭނާގެ ދުލުންނެވެ. އެފަދައިން ނުވާ ކަމުގައި ވަނީ ނަމަ، އޭނާގެ ހިތުންނެވެ." ކޮންމެ މުސްލިމަކަށްވެސް އިރުޝާދު ދެވިގެން ވަނީ އެކަން ބަދަލުކުރުމަށެވެ. އަދި މީގެ ކޮންމެ ގުނަވަނަކަށް (ދޫ، އަތް، އަދި ހިތް) ވަކި ޙުކުމްތަކާއި ޤަވާޢިދުތަކެއް ވާކަން ކަށަވަރެވެ.
އޭނާ އާއި ހަވާލުވެފައިވާ ބަޔަކަށް އެމީހަކު ދަޢުވަތު ދިނުން އެމީހަކަށް ވާޖިބުވެގެންވެއެވެ. މިސާލަކަށް އޭނާގެ އަމިއްލަ ދަރިންނެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ.. ٦﴾
"އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ..." (سُورَةُ التَّحرِيم: ٦)
އެކުދިންނަށް ދަޢުވަތު ނުދީ އެ ކުދިން ސަލާމަތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާއަށް ދަޢުވަތު ދޭން ޖެހޭނެވެ. އެހެނީ، އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކޮންމެ މީހަކާއި މެދު އޭނާއާއި ސުވާލުކުރެވޭނެވެ. އަންހެނަކު އެކަނބުލޭގެ އާއިލާ އަށާއި އަވައްޓެރިންނަށާއި، ތިމާގެ މީހުންނަށް އަދި ރަޙުމަތްތެރިންގެ އިތުރުން ގާތްމީހުންނަށް ދަޢުވަތު ދޭން ޖެހޭނެވެ. ސަބަބަކީ، އެކަމާއި މެދު އެކަނބުލޭގެއާއި ސުވާލު ވެވިދާނެތީވެއެވެ. އެކަނބުލޭގެ ޙާޟިރުވެ ހުރި ތަނެއްގައި ދިމާވާ ޙާދިސާ އަކާއި މެދުގައި އެކަނބުލޭގެ އާއި ސުވާލުވެވި ދާނެއެވެ. އެގޮތުން ބަނގުރާ ބުއިމަށް އެރުވޭ މާލަމެއް ނުވަތަ ސުފުރާއެއްގައި މީހަކު ވާނަމަ، ބަނގުރާ ބޭނުންކުރުމީ ޙަރާމް ކަމެއް ކަން އެމީހުންނަށް އޭނާ ބަޔާންކޮށްދޭން ވާނެއެވެ. މުންކަރާތް މަނާކުރުމުގެ އެންމެ ކުޑަ މިންވަރަކީ އޭނާ އެތަން ދޫކޮށް ދިއުމެވެ. އެތަން ދޫކޮށްފަ ދިޔުމަކީ އޭގެ ޒާތުގައި މުންކަރާތް ނަޙީކުރުމެކެވެ. ނަމަވެސް ހެޔޮ ގޮތަކީ ތިބާ އެމީހުން ކައިރީ ބުނެ އެކަމުގެ ޙަޤީޤަތް ބަޔާންކޮށްދިނުމެވެ.
އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) - ތަވްޙީދުގެ ކުލާސްތަކުން
@Tazkirat_Nufoos