top of page
Featured Posts
Writer's picturehaqqubooks

އަދި ތިމަންއިލާހު އެމީހުންނަށް ރިޒްޤުކުރެއްވި ތަކެތިން އެމީހުން ހޭދަކޮށް އުޅެއެވެ

Updated: Nov 6, 2023

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:


"ﷲ ތަޢާލާގެ މިއާޔަތް:


)وَمِمَّا رَزَقْنَاهُمْ يُنْفِقُونَ) (البقرة:٣)


"އަދި ތިމަންއިލާހު އެމީހުންނަށް ރިޒްޤުކުރެއްވި ތަކެތިން އެމީހުން ހޭދަކޮށް އުޅެއެވެ."


އަލްޙަސަނުލް ބަޞްރީ މިއާޔަތާމެދު ވިދާޅުވިއެވެ:


"އެންމެ ބޮޑު އެއްހޭދައަކީ ޢިލްމުން ކުރާ ހޭދައެވެ." 


ނުވަތަ މިފަދަ ބަސްފުޅެކެވެ.


އަދި އެހެން އަޘަރެއްގައިވެއެވެ: 


"ދެވުމެއްގެ ގޮތުގައި، އަދި ހަދިޔާއެއްގެ ގޮތުގައި މީހާ އަޑުއަހާ ހެޔޮ ބަހެއް، ދެން އޭނާގެ މުސްލިމް އަޚާއަށް އެބަސް ހަދިޔާކުރުމުގެ ހެޔޮކަމާއެވެ!"


އަދި އެހެން އަޘަރެއްގައި އަބުއް ދަރްދާއުގެ އަރިހުން ރިވާވެގެންވެއެވެ:


"އަޅާ އޭނާގެ މުއުމިނު އަޚުންނަށް ދޭ ވަޢުޡު ނަޞޭޙަތަކަށްވުރެ ހެޔޮވެގެންވާ ޞަދަޤާތެއް އޭނާ ނުކުރެއެވެ.


ދެން އެމީހުން ވަކިވެގެންދާއިރު ދަނީ އެބަހުގެ ސަބަބުން ﷲ އެމީހުންނަށް ފައިދާކުރައްވާފައިވާ ޙާލުގައެވެ."


ނުވަތަ މިއާ ވައްތަރުވެގެންވާ ބަސްފުޅެކެވެ.


އަދި ކަޢުބު ބްނު ޢުޖްރާ (މީހަކަށް) ވިދާޅުވިއެވެ:


"އަހަރެން ތިބާއަށް ހަދިޔާއެއް ދެންހެއްޔެވެ؟"


ދެން ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔަވާނޭ ގޮތުގެ ވާހަކަ ކިޔާދެއްވިއެވެ.


އަދި އިބްނު މާޖާގެ ސުނަނުގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރެއްވިއެވެ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: 


"އެންމެ ހެޔޮވެގެންވާ ޞަދަޤާތަކީ މީހާ ޢިލްމެއް އުނގެނި ދަސްކޮށްފައި، ދެން އޭނާގެ މުސްލިމް އަޚާއަށް އެއެއްޗެއް ދަސްކޮށްދިނުމެވެ."


މުޢާޛު ބްނު ޖަބަލު ވިދާޅުވިއެވެ:


"ތިޔަބައިމީހުންގެ މައްޗަށްވަނީ ޢިލްމެވެ!


ފަހެ އެޢިލްމު އުނގެނުމަކީ އަޅުކަމެކެވެ.


އަދި ﷲ އަށްޓަކައި އެދަސްކުރުމަކީ ހެޔޮކަމެކެވެ.


އަދި އޭގެ (ޙައްޤު) އަހުލުވެރިންނަށް އެހޭދަކުރުމަކީ ކުއްތަންވުމެކެވެ.


އަދި އެނޭނގޭ މީހަކަށް އުނގަންނައިދިނުމަކީ ޞަދަޤާތެކެވެ.


އެޢިލްމު ހޯދަން އުޅުމަކީ ޖިހާދެކެވެ.


އެޢިލްމުގެ ހަނދާން އާކުރުމަކީ ތަސްބީޙައެކެވެ."


މިހެންވެ ހެޔޮކަންކަން އުނގަންނައިދޭ މީހާއަށް ކަނޑުތަކުގައިވާ މަސްމަހާ މެއްސަށް ދާންދެން ހުރިހާ ތަކެއްޗެއް އޭނާގެ ފާފަފުއްސަވާދެއްވުމަށް އެދެއެވެ.


އަދި ﷲ އާއި އެކަލާނގެ މަލާއިކަތުން، މީސްތަކުންނަށް ހެޔޮ ރަނގަޅު ކަންކަން އުނގަންނައިދޭ މީހާއަށް ޞަލަވާތް ލައްވަތެވެ. އެއީ ކޮންމެ ކަމަކަށް އޭގައިވާ މަންފާއާއި ފައިދާ ޢާއްމުވެގެންވާތީއެވެ.


އޭގެ އިދިކޮޅަކީ ޢިލްމު ފޮރުވާ މީހުންނެވެ. ފަހެ ﷲ ތަޢާލާ އެމީހުންނަށް ލަޢުނަތް ލައްވާ، އަދި ލަޢުނަތްދޭމީހުންވެސް އެވެރިންނަށް ލަޢުނަތްދެއެވެ.


ސަލަފުންގެ ޖަމާޢަތެއް ވިދާޅުވިއެވެ:


"މީސްތަކުން ޢިލްމު ފޮރުވާ ވަންހަނާކޮށްފިނަމަ، ދެން (އޭގެ ސަބަބުން) ފާފަތަކާއި އުރެދުންތަކުން ޢަމަލުކުރެވިއްޖެނަމަ:, ވާރޭވެހުން ހިފެހެއްޓެވެ.


ދެން ޖަނަވާރުތައް ދަންނަވައެވެ:


އޭ ﷲ އެވެ!  އާދަމުގެ ދަރިންގެ ތެރެއިންވާ އުރެދުންތެރިންނަށް ލަޢުނަތް ލައްވާށިއެވެ! ފަހެ އަޅަމެންނަށް ވާރޭފެން ނުލިބި މަނާވީ އެމީހުންގެ ފާފަތަކާހެދިއެވެ." “


📖 އަލްއިންތިޞާރު ލިއަހްލިލް އަޘަރު 📖 



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page