top of page
Featured Posts

ޚާލިޤުވަންތަ އިލާހަށް އަދަބުވެރިވުން



ﷲ ސުބުޙާނަހޫ ވަތަޢާލާއީ އިންސާނާ އެންމެ މަތިވެރި އަދަބާއި އިޙްތިރާމް ބެހެއްޓުން ވާޖިބުވެގެންވާ ފަރާތެވެ. އަދި ޚާއްޞަކޮށް އަހަރެމެން މުސްލިމުން, އަހަރެމެންނަށް ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ﷲ ތަޢާލާއަށް އަހަރެމެން ބަހައްޓަންޖެހޭ އަދަބާއި އިޙްތިރާމް ވަކިން އިތުރުވެފައި ގިނަގުނައެވެ. ޝައްކެއްނެތެވެ. އެއިލާހުއީ އަހުރެމެން ނެތުމުގެތެރެއިން ވުޖޫދަށް ގެންނެވި އިލާހެވެ. އަދި މުސްލިމުންނަކީ މީސްތަކުންގެ ތެރެއިން އެއިލާހު ހޮއްވަވައި ހިދާޔަތުގެ މަތިވެރި ނިޢުމަތް ދެއްވެވި މަޚްލޫޤުންނެވެ. އަދި އެއިލާހުއީ އިންސާނާއަށްޓަކައި ދުނިޔޭގައި ވާހައިތަކެތި ކިޔަމަންތެރި ކޮށްދެއްވައި އެހެނިހެން މަޚުލޫޤުންނަށްވުރެ އިންސާނާ މާތްކުރެއްވި އިލާހެވެ. އެހެންކަމުން އެމަތިވެރި ސާހިބުވަންތަ އިލާހަށް އަދަބުވެރިވެ ޤަދަރުކޮށް އިޙްތިރާމުކުރުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ﷲ ތަޢާލާއީ ތިމާގެ އިލާހުކަމުގައި ޤަބޫލުކޮށް އެމަތިވެރި ފަރާތަށް އީމާންވުމަކީވެސް ހަމަ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ޝައްކެއްނެތް ގޮތުގައި ﷲ ތަޢާލާއީ ތިމާ ހައްދަވައި ރޯދިދެއްވައި މަރުގަންނަވައި ދެން އެއަށްފަހު އާޚިރަތުގެ އަބަދީ ޙަޔާތަކަށް އަލުންވެސް ދިރުއްވާނޭ އެއްކައުވަންތަ އިލާހު ކަމުގައި ހިތުގެއަޑިން ޤަބޫލުކޮށް އެމަތިވެރި ފަރާތަށް އީމާންވުމީ އެފަރާތަށް އަދަބާއި އިޙްތިރާމުކުރުމުގެ އެންމެ ފުރަތަމަ ފެށުމެވެ. އެހެނީ އެމަތިވެރި އިލާހަށް އީމާންނުވެ އެއިލާހަށް އަދަބު އިޙްތިރާމް އަދާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

”اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ “

”ﷲ އީ ތިޔަބައިމީހުން ހައްދަވައި ދެން ތިޔަބައިމީހުންނަށް ރޯދި ދެއްވައި ދެން ތިޔަބައިމީހުން މަރުގަންނަވައި ދެން އަލުންވެސް (ޤިޔާމަތްދުވަހުން) ތިޔަބައިމީހުން ދިރުއްވާނޭ އިލާހެވެ.“

(ރޫމް:40)

އަދި އެއަށްފަހު ﷲ އެއްކައުވަންތަކުރުން ހުއްޓެވެ. އެބަހީ ހުރިހައި މާނައެއްގައި ﷲ ތަޢާލާއީ އެއްކައުވަންތަ އިލާހުކަމުގައި ޤަބޫލުކޮށް އެއްވެސް މާނައެއްގައި އަދި އެއްވެސް ބާވަތަކުން އެއިލާހުގެ ރަސްކަންފުޅާއި ބައިވެރިވާ ޝަރީކެއް (ދެވަނަފަރާތެއް) ނުވާކަމުގައި ހެކިވެ ތިމާގެ ދުލާއި ޢަމަލުން އަދަބުވެރިކަމާއި އިޙްތިރާމާއިއެކު ޘާބިތުކުރުމެވެ. އެބަހީ ރުބޫބިއްޔަ ވަންތަކަމާއި، އުލޫހިއްޔަ ވަންތަކަމާއި، އަސްމާއު ވައްޞިފާތު ގައިވެސް، އެއިލާހު އެއްކައުވަންތަ ކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.


”فَاعْلَمْ أَنَّهُ لا إِلَهَ إِلا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ“

”ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަން، ދެނެގަންނާށެވެ. ދެން އޭގެފަހުގައި ކަލެގެފާނާއި މުއުމިން ފިރިހެންތަކުންނާއި މުއުމިން އަންހެނުންތަކުންގެ ފާފަ ފުއްސެވުން އެދި ދަންނަވާށެވެ.“

(މުޙައްމަދު:19)

ދެން އެއަށްފަހު ﷲ ގެ އަމުރުފުޅު ތަކަށް ކިޔަމަންތެރިވާށެވެ. އެބަހީ އެއިލާހު އެންގެވި އެންމެހާ އަމުރުފުޅުތައް އަދަބުވެރިކަމާއި އިޙްތިރާމާއި އެކު ޤަބޫލުކޮށް ތިމާގެ ޢަމަލުން އެއަމުރުފުޅުތައް ތަންފީޛުކުރުމެވެ. އަދި ހަމަ އެއާއިއެކު އެއިލާހު ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ބިރުވެތިކަމާއި ކިޔަމަން ތެރިކަމާއިއެކު ދުރުވެގަތުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

”وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ“

”އަދި ތިޔަބައިމީހުން ﷲ އާއި ރަސޫލާއަށް ކިޔަމަންވާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ.“

(އާލް ޢިމްރާން:132)


އަދި ދަންނާށެވެ! އަޅުކަން ކުރާއިރު ހަމައެކަނި ﷲ ތަޢާލާ އަށް އަޅުކަންކުރާށެވެ. އެބަހީ އަޅުކަމުގެ އެންމެހައި ބާވަތްތަކެއް ކުރަމުންދާއިރު އެއިލާހާ އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކޮށް ހަމައެކަނި އެއިލާހު އަށް އަދަބުވެރިކަމާއި އިޙްތިރާމާއި އެކު ކުރުމެވެ. ފަހެ އަޅުކަމުގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއްވެސް ﷲ ތާޢާލާ ނޫން ފަރާތަކަށް ކޮށްފިނަމަ ﷲ ތަޢާލާ އަށް ބަހައްޓަންޖެހޭ އަދަބާއި އިޙްތިރާމް ނުބެހެއްޓުނީއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ:


”وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ“

”ތިމަން އިލާހަށް އަޅުކަން ކުރަންމެނުވީ ޖިންނީންނާއި އިންސީން ޚަލްޤު ނުކުރައްވަމެވެ.“

(އައްޛާރިޔާތު:56)


އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ.


”وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا ..“

”ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެއިލާހުގެ ރަސްކަންފުޅާއި ހަމަ އެކައްޗެއްވެސް ބައިވެރި ނުކުރާށެވެ.“

(ނިސާ:36)


އަދި އެއަށްފަހު ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޝުކުރުކުރުމެވެ. އެބަހީ ތިމާއަށް ﷲ ތަޢާލާ ދެއްވާ ދަރުމަ ކުރައްވާފައިވާ ގިނަގުނަ ނިޢުމަތްތައް ހަނދާންކޮށް އެނިޢުމަތްތައް ދެއްވެވި، ﷲ ތަޢާލާ އަށް ޝުކުރު އަދާކޮށް ތަޢުރީފު ކުރުމީ އެފަރާތަށް ބެހެއްޓޭ ޤަދަރާއި އަދަބު އިޙްތިރާމުގެ ތެރެއިންވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.


”...وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا ...“

”ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާ ޢަދަދު ކުރިކަމުގައި ވީނަމަވެސް އެނިޢުމަތްތައް ކޮޅުންނުލާނެއެވެ.“

(އިބްރާހީމް:34)


އަދި ﷲ ތަޢާލާއީ ހައިބަވަންތަ އެފަރާތަކަށް ބިރުވެތިވުން ޙައްޤު އިލާހެވެ. އެބަހީ ﷲ ތަޢާލާ ތިމާގެ އެންމެހާ ސިއްރަކާއި ފާޅުގެ ޙަރަކާތްތަކާއި ޚިޔާލަށް އަންނަ އެންމެހާ ކަންތައްތައް ރަނގަޅަށް ދެނެވޮޑިގެންވާކަން ހަނދާންކޮށް އެފަރާތަށް ބިރުވެތިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.


”مَا لَكُمْ لا تَرْجُونَ لِلَّهِ وَقَارًا (*) وَقَدْ خَلَقَكُمْ أَطْوَارًا“

”ތިޔަބައިމީހުން ﷲ ގެ ހައިބަންވަންތަކަން (ހިތަށް ގެނެސް) ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން އެއިލާހު ތިޔަބައިމީހުން ހައްދަވާފައިވަނީ އެކިއެކި ދައުރު ދައުރަށް ވާގޮތަށެވެ.“

(ނޫޙް:13-14)

އަދި ދަންނާށެވެ! ގިނަގިނައިން ﷲ ތަޢާލާ ގެ ރަޙުމަތަށް އެދި ދުޢާ ކުރާށެވެ. އެބަހީ މާތް ﷲ ގެ ޢަފޫކުރެއްވުމާއި ފުއްސެވުމުގެ ތަނަވަސްކަން ހަނދާންކޮށް ތިމާގެ ކުށް ފާފަތަކާއި އުރެދުންތަކުން ސަލާމަތްކޮށް ދެއްވާތޯ އެއިލާހުގެ ޙަޟްރަތުގައި އަބަދާއި އަބަދު ދުޢާކޮށް ދެންނެވުމީ އެމަތިވެރި އިލާހަށް ބަހައްޓަންޖެހޭ އަދަބާއި އިޙްތިރާމްގެ ތެރެއިންވާ ކަމެކެވެ. އަދި އެއިލާހު އެދިވޮޑިގަންނަވަނީ ކޮންމެ ބޭނުމެއްވެސް ފުއްދުމަށްވެސް އެއިލާހުގެ ޙަޟްރަތަށް ދެންނެވުމަށެވެ. އަދި ކިތަންމެ ބޮޑުފާފައެއް ކުރެވިފައިވީ ނަމަވެސް އެއިލާހުގެ ރަޙުމަތުން އުންމީދު ކަނޑާ ނުލުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.


”قَالَ وَمَنْ يَقْنَطُ مِنْ رَحْمَةِ رَبِّهِ إِلا الضَّالُّونَ“

”މަގުފުރެދިފައިވާ މީހަކު މެނުވީ އޭނާގެ ސާހިބުވަންތަ އިލާހުގެ ރަޙުމަތުން އުންމީދު ކަނޑާނުލާނެތެވެ.“

(އަލް ޙިޖްރް:56)


އަދި އެއަށްފަހު ﷲ ތަޢާލާ އަށް ލޯބިވެތިވުމެވެ. އެބަހީ ތިމާހެއްދެވި މާތް ﷲ އަށް ލޯބިވެތިކަން ބެހެއްޓުމީ އެމަތިވެރި ފަރާތަށް ބެހެއްޓުން ވާޖިބުވެގެންވާ އަދަބާއި އިޙްތިރާމްގެ އެންމެމަތީ ކުރިބޯއްޓެވެ. ދުނިޔޭގައި ވާހާތަކެއްޗަށް ހުންނަ ލޯތްބަށްވުރެ އެމަތިވެރި ފަރާތަށް ބަހައްޓާ ލޯބި ބޮޑުކޮށް މަތިވެރި ކުރުމަކީ މުއުމިނު އަޅާގެ އީމާންކަން ފުރިހަމަވުމުގެ ދަލީލެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:


”قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ“

”ތިޔަބައިމީހުންގެ ބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ގިނަކުރަން އެދޭ މުދަލާއި، އަދި ގެއްލުން ވެދާނެކަމަށް ބިރުވެތިވާ ވިޔަފާރިއާއި، އަދި ތިބުމަށް އެދޭ ގޯތިގެދޯރާއި، (މިކަންކަން) ﷲ އާއި އަދި އެއިލާހުގެ ރަސޫލާއާއި އަދި އެއިލާހުގެ މަގުގައި ޖިހާދުކުރުމަށްވުރެ ތިޔަބައިމީހުންގެ ގާތުގައި ލޮބުވެތިވެއްޖެނަމަ ﷲ ގެ ކޯފާ އަތުވެދާނެކަމަށް ބަލަބަލާ ތިބޭށެވެ. އަދި ހަމަކަށަވަރުން ވެސް ފާސިޤުވެގެންވާ ބަޔަކަށް ﷲ ހިދާޔަތެއް ނުދައްކަވާނެތެވެ.“

(ތައުބާ:24)

މިއާޔަތުގެ މުރާދަކީ ދުނިޔޭގައިވާ އެންމެހާ ތަކެއްޗަށްވުރެ ބޮޑަށް ލޯބިވެތިވާންވީ ފަރާތަކީ ﷲ ތަޢާލާ ކަމެވެ. ދެން އެއިލާހުގެ ރަސޫލާއަށެވެ. ދެން އެއިލާހުގެ މަގުގައި ޖިހާދުކުރުމެވެ. އަދި ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވާ ކޮންމެ ކަމަކަށް ލޯބިކުރުމާއި އެއިލާހު ރުހިވޮޑިގެންނުވާ ކޮންމެކަމަކަށް ރުޅިއައުމީ މިކަމުގެ ތެރެއިންވާކަންކަމެވެ. ﷲ ތަޢާލާ އަށް އަދަބުވެރިވެ އިޙްތިރާމް ކުރުމުގެ ތެރެއިންވާ ކަންކަމެވެ.


އަޞްލު: ލިޔުންތެރިޔާ

18 މެއި 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page