top of page
Featured Posts
Writer's picture@Zauja Saaliha

ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައި (ދެނެގަންނަ) ހުށިކަމެވެ.


﴿خُلِقَ مِن مَّاءٍ دَافِقٍ (6) يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ (7)﴾

" އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ." (7,6)


މިއާޔަތްތަކުގެ ތަފްސީރުގައި މިއުންމަތުގެ ތުރުޖަމާނުލް ޤުރުއާން އަދި ޙަބްރުލް އުއްމަ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައި ވަނީ ( الترائب ) ގެ މުރާދަކީ އަންހެނާގެ ކަރުގައި އެޅިގެންވާ ޤިލާދަ (ހާރު ، ފަށް) ބޭއްވިގެންވާ މައުޟިޢެވެ. އެބަހީ އެކަނބުލޭގެ މޭކަށިގަނޑެވެ. އަދި ޞުލްބަކީ ފިރިހެނާގެ މައިބަދައެވެ. އެބަހީ މިފެން އުފެދިގެން އަންނަނީ މިދެތަނުންނެވެ.


ހަމައެހެންމެ މިކަންކަމަކީ ﷲ ތަޢާލާ އިންސާނާއަށް އުނގަންނައިދިނުމުގެ ކުރީގައި އެނގިގެންވާ ކަންކަމެއް ނޫނެވެ.

﴿عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾

" އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." [سورة العلق 5]


📌 މިފަދަ ނިކަމެތި ޙާލެއްގައި އުފެދިގެން އަންނަ އިންސާނާ ، މައިމީހާގެ ރަޙިމުން ނިކުމެ ދުނިޔެތެރެއަށް ނޭވާ ލަނީ އެ މައިމީހާގެ ބަނޑުގައި އެތައް މަރުޙަލާއެއް ކަޑައްތު ކުރުމަށްފަހުއެވެ. އެއަށްފަހު މި އިންސާނާ ދުނިޔެއަށް އުފަންވާއިރު އޭނާގެ ފުރަތަމަ ކޮއްތު ކަމުގައިވާ މައިމީހާގެ ކިރު އޭނާއަށް ، އެ ނިކަމެތި އަންހެނާގެ ހަށިގަނޑުގައި ﷲ ތަޢާލާ ތައްޔާރު ކުރައްވައެވެ. އަދި އެ މައިމީހާގެ ހިތުގައި އެ ދަރިފުޅާމެދު ޚާއްޞަ ޙަމްދަރުދީވުމެއް ލައްވައެވެ. އެހެނީ ތުއްތު އިރުގައި މި ނިކަމެތި އިންސާނާވަނީ އެނާއަށް ޚާއްޞަ އެހީތެރިކަމެއް ދޭނެ ފަރާތަކަށް ބޭނުންވެގެންނެވެ. އަދި އިސްލާމީ ޝަރުޢުގައި މިއީ އެ މައިންބަފައިންގެ މައްޗަށްވާ ވާޖިބެއްކަމުގައި ލެއްވިގެން ދިޔައެވެ.


ނަމަވެސް މިފަދަ ތަރުތީބަކުން މި ހުރިހާ ކަމެއް ރާވައި އެތުރިގެންދިޔުން އެއީ ހަމަ އެއްވެސް ފަރާތެއްގެ ރޭވުންތެރިކަމާނުލައި ވެދާނެ ކަމެއްބާއެވެ.؟ އެހެންކަމަށް ވާނަމަ އަހަރެމެން އިންސާނުން މަސައްކަތް ކުރާ ވިޔަފާރިތަކާއި ، ޤައުމުގަކުގެ ތާރއްޤީގެ މަގުޗާޓުފަދަ ކަންކަން ރާވައި ހިންގަން އެކަމުގެ ފަންނުވެރީންނަށް ބޭނުންވަނީ ކީއްވެ ހެއްޔެވެ. އެކަންކަން އަމިއްލައަށް ތަރުތީބުވެ ރޭވިގެން ނުދަނީ ކީއްވެ ހެއްޔެވެ؟ ފަހެ މިއަދު މުލްޙިދުން އިންސާނާގެ މި އުފެދުމާއި ކައުނުގެ އުފެދުމާއި ބެހޭގޮތުން އެ ދައްކާބަހަނާގެ އޮށްޓަރެއް އެބަހުރި ހެއްޔެވެ؟ އެބުނާ ހުޅަނގުގެ ތަޢުލީމާއި ތަރައްޤީއާއި ކުރި އެރުމުގައި އަދި އެބައިމީހުން ޢިލްމަށް އެފަދަ މުހިއްމު ކަމެއް ދޭބަޔަކު މިފަދަ މުލްޙިދުން ( އެތީސްޓުން) ނަށް ވިސްނުމުގެ ފުރުޞަތު ހަނިކޮށްލަނީ ކީއްވެބާއެވެ. އެހެނީ އެބައިމީހުންގެ ޙަޤީޤީ މަޤުޞަދަކީ ﷲ ގެ މަގުން މީސްތަކުން އެއްކިބާ ކުރުމެވެ.


ހަމައެހެންމެ އިންސާނާ އުފެދިގެން އަންނަގޮތް މީގެ 1400 އެތައް އަހަރެއް ކުރިން އަޅުގަނޑުމެންގެ ޤުރުއާނުގައި އަދި މާތް ނަބިއްޔާގެ ސުންނަތުގައި ވަނީ ވާރިދުވެގެން އައިއްސައެވެ. އޭރު އެ މެޝިނަރީސްތައް ނެތި ކަރަންޓެއް ނެތި އާލާތްތައް ނެތި މިހާތަފްޞީލްކޮށް މިކަން ބަޔާންކޮށްދެއްވަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އެއީ އިލާހި ވަޙީއެވެ. އެންމެހައި ޢިލްމެއްގެ ވެރި އިލާހުގެ ބަސްފުޅެވެ.


ނަމަވެސް މިމުލްޙިދުން މިއަދު ސަރުކާރުތައް ސޮއިކޮށްފައިވާ ބައެއް މުޢާހަދާތަކުގެ ނިވަލުގައި ، މަދަނީ ޖަމުޢިއްޔާތަކެއްކަމަށް ބުނެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ވަދެގަންނަމުން ދެއެވެ. އަދި ދަރިވަރުން މެދު މަދުރަސީ ދައުރު ނިމި ޘާނަވީ ތަޢުލީމަށް އެޅޭއިރު އޭކުދިންނަކީ މިނިވަނުންކަމާއި އެކުދިންގެ މިނިވަންކަމަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެކަން އަންގައިދީ އެކުދިންނަށް ޤާނޫނުގެ ނަމުގައި މަގުފުރެދުމަށް މަގު ދައްކައި އެހީތެރިވަމުން ދެއެވެ. އެހެންކަމުން ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަމުން އައި މައިންބަފައިން ގޮތްހުސްވެ މުޅި ދިރިއުޅުމަށް މިފަދަކުދީންގެ ނޭދެވޭ އަސަރު ކުރަން ފަށައެވެ. އަދި ދަރިވަރުންގެ މި ޢުމުރު ފުރާއަކީ ފުރާވަރުކަމަުން އެތައްކަމެއް ތަޖުރިބާކުރަން ބޭނުންވެ ، އެންމެހައި ނުބައިތަކަށް މިފަދަ މުލްޙިދުންގެ އެހީތެރިކަމާއެކު އަރައިގަންނަމުން ދެއެވެ. އެއަށްފަހު މުޖުތަމަޢުގައި ތިބި އިޞްލާހަށް މަސައްކަތްކުރާމީހުނާއި އެފަދަ ދަރީން އިޞްލާޙުކުރުމަށް އެދޭ މައިންބަފައިންނަށް އެއީ އެކުދީންގެ ޙައްޤެއްކަމަށް ޤަބޫލުކުރަން މަޖުބޫރުކުރުވައެވެ.


މި މުލްޙިދުން މިގޮތައް އަޅުގަނޑުމެންގެ ދަރީން ހަލާކުކުރަމުން ، މުޖުތަމަޢު ފަސާދަކުރަމުން ދެއެވެ. އަދި މިއަދުގެ ސެކިޔުލަރ ސަރުކާރުތައް މިފަދަ މުލްޙިދުންނަށް އެކި ނަންނަމުގައި ފައިސާތައް ދީ އެކަންކަމަށް މަގު ތަނަވަސްކޮށްދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިކަންކަމާއިމެދު ވިސްނާ ފިކުރުކުރާ މިހުން ވަރަށްވެސް މަދެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page