top of page
Featured Posts
Aruoxam

އައު އަހަރާއި ކާފަރުންގެ އެހެނިހެން މުނާސަބާތައް ފާހަގަކުރުން



ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) ތަރުޖަމާ: އަލްއަޚް ޢަބްދުއްރަޙްމާން ބުން ޢަބްދުﷲ (جزاه الله جير)


ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: وَالَّذِينَ لا يَشْهَدُونَ الزُّورَ "އަދި ނުބައިކަންކަމަށް (ބާޠިލަށް) ހެކިނުވާ މިހުންނެވެ." (އަލްފުރްޤާން:72) މުޝްރިކުންގެ ޢީދުތަކަށް ބަލާއިރު، އެ ޢީދުތައްވަނީ އެކުލެވިފައިވަނީ ޝުބުހަތަކާއި، ޝަހުވާނީ އެދުންތަކަކާއި ބާޠިލުގެ މައްޗަށެވެ. އެކަންކަމުގައި ދީނީގޮތުން މަންފާކުރާ އެއްވެސްކަމެއް ނުވެއެވެ. އަދި އަވަސްއަރުވާލައި ހޯދަމުންދާ ލައްޛަތުތައް ނިމިގެންދަނީ ވޭނެއްގައެވެ. އެހެންކަމުން، އެއީ ނުބައިކަންކަން ކަމުގައިވެއެވެ. އަދި އެކަމަށް ހެކިވުމުގެ މާނައަކީ، އެކަންކަމުގައި ބައިވެރިވުމެވެ.


އެފަދަކަމެއް ބެލުމަށްޓަކައި ނުވަތަ އަޑުއެހުމަށްޓަކައި އެކަމުގައި ބައިވެރިވުމަށް ނުދާ މިހާއަށް ﷲ ތަޢުރީފު ކުރައްވާފައިވާއިރު، އޭގައި ބައިވެރިވުމުގެ އިތުރުން، ބާޠިލު ޢަމަލުގެ ގޮތުގައި އެއަށްވުރެ އިތުރަށް ކުރެވޭ ކަންތައްތަކުގެ ޙާލަކީ ކޮބައިތޯއެވެ؟ މިއާޔަތުގައި އެކަނިވެސް (ނުބައިކަންކަމުގައި ބައިވެރިނުވާ މީހުންނަށް) މަދަޙަ ޘަނާ ކިޔާފައިވެއެވެ. އޭގެ މާނައަކީ، މިފަދަ ޢީދުތަކުގައި އަދި އެހެނިހެން ނުބައިކަންކަމުގައި މީސްތަކުން ބައިވެރިވުމުން ދުރުހެލިވުމެވެ. އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ ނުބައިކަމެއްކަން އަހަރެމެންނަށް ވިސްނެނީ، އެހެނީ އެ ޢީދުތަކަށް " الزُّور" (ނުބައިކަން/ބާޠިލް) ގެ ނަމުން ﷲ ނަންދެއްވާފައި ވުމުންނެވެ. މިއާޔަތުގައި "الزُّور" ގެ ނަމުން ﷲ ނަން ދެއްވާފައިވުމުން، އެކަން ކުރުމަކީ ޙަރާމް ކަމެއްކަމަށް ދަލީލުކޮށްދެއެވެ. އެހެންމީހަކަށް އެކަމުން ގެއްލުމެއް ނުލިބުނު ނަމަވެސް، "الزُّور" (ނުބައި/ބާޠިލް) ވާހަކަ ދައްކާމީހާއަކީ ތަޢުރީފު ލިބުން ޙައްޤުނޫން މީހެއްކަން ކަށަވަރެވެ. ޒިހާރުކުރުން (ތިބާތީ އަހަރެންގެ މަންމަގެ ބުރަކަށި ފަދަ މީހެކޭ – މިފަދަ ލަފްޡަކުންބުނެ ވަރިވާ ވަރިވުން) ޙަރާމްކުރައްވާ ﷲ ބާވާލެއްވެވި މިއާޔަތުގައިވާ ފަދައިންނެވެ. ﷲ ވަޙީކުރެއްވިއެވެ. وَإِنَّهُمْ لَيَقُولُونَ مُنْكَرًا مِنَ الْقَوْلِ وَزُورًا "...އަދި ހަމަކަށަވަރުން އެބައިމީހުން އެބުނަނީ ނުބައި ބަހެކެވެ. އަދި ދޮގެކެވެ." (އަލްމުޖާދިލާ:2) އަދިވެސް ﷲ ވަޙީކުރެއްވިއެވެ. فَاجْتَنِبُوا الرِّجْسَ مِنَ الأوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ "...އެހެންކަމުން އައުޘާނުންގެ (ﷲ ފިޔަވައި އަޅުކަން ރައްދުކުރެވޭ – ގަސް، ދިދަ، ހިލަ، ﷲގެ ޝަރުޢުއާ ޚިލާފަށް ހެދޭ ޤާނޫނުތައް ފަދަ އެންމެހާ ތަކެތީގެ) ނުޠާހިރުކަމުން ދުރުހެލިވާށެވެ! އަދި ނުބައި ވާހަކަތަކުން ދުރުހެލިވާށެވެ!" (އަލްޙައްޖު:30) އެހެންކަމުން، "الزُّور" (ނުބައި ބަސްބުނެއުޅޭ، ނުވަތަ ނުބައި ކަންކޮށްއުޅޭ) މީހާވަނީ އެފަދައިންނެވެ. ސުންނަތުން: އަނަސް ބުން މާލިކް (رضي الله عنه) ވިދާޅުވިއެވެ. "ނަބިއްޔާ (صلى الله عليه وسلم) (މަދީނާއަށް) ވަޑައިގެންނެވިއެވެ. އަދި (އަރާމުކޮށް) ކުޅިވަރުކުޅުމަށްޓަކައި އެބައިމީހުންނަށް ދެދުވަހެއް ވިއެވެ. އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. "މިއީ ކޮން ދެދުވަހެއް ހެއްޔެވެ؟" އެމީހުން ބުންޏެވެ. "ޖާހިލިއްޔަތުގައި އަހަރެމެން (މިދެދުވަހު) ކުޅިވަރުކުޅެ އުޅެމެވެ." ނަބިއްޔާ (صلى الله عليه وسلم) ޚަދީޘްކުރެއްވިއެވެ. "އެދުވަސްތަކުގެ ބަދަލުގައި މާހެޔޮ ރަނގަޅު ދުވަސްތަކެއް ﷲ ކަލޭމެންނަށް ކަނޑައެޅުއްވިއެވެ. يوم الأضحى (އަޟްޙާ ޢީދު ދުވަސް) އަދި يوم الفطر (ފިޠުރު ޢީދު ދުވަސް) އެވެ." (އަބޫ ދާޥޫދު) މިކަމުން ޞަރީޚަކޮށް އެނގޭގޮތުގައި، ނަބިއްޔާ (صلى الله عليه وسلم) ކާފަރުންގެ ދެޢީދު ދުވަސް ފާހަގަކުރުމަކަށް އިޤުރާރުވެ ވަޑައެއްނުގަންނަވައެވެ. އަދި ޢާދަކާދައިގެ ގޮތުން އެބައިމީހުން އެކަމުގެ މަތީގައި ދެމިތިބުމަކަށް ދޫކޮށެއްވެސް ނުލައްވައެވެ. އަދި އެހެންމެ އެދުވަސްތަކުގެ ބަދަލުގައި އެހެން ދެދުވަހެއް ﷲ ކަނޑައެޅުއްވިކަމުގައި ޙަދީޘްކުރެއްވިއެވެ. އަހުލު ކިތާބީންގެ ދީނަކީ ސަމާވީ ދީނެއްކަމުގައި ޤަބޫލުކުރެވުމުގެ މާނައަކީ، އެބައިމީހުންގެ ޢީދުތައް ފާހަގަކުރުމަކީ ހުއްދަކަމެއް ގޮތުގައި ދެކުމެއްނޫނެވެ. އަދި އެފަދަ ދުވަސްތައް އާލާކޮށް ހެދުމެއްވެސް ނޫނެވެ. އެބައިމީހުންގެ އެހެނިހެން ކުފުރުތަކާއި ކުށްފާފަތައްވެސް އަހަރެމެން ޤަބޫލުނުކުރާ ފަދައިންނެވެ. ހަމަކަށަވަރުން، ހުއްދަ (މުބާހު) ކަންތައްތަކުގައްޔާއި އަދި އަޅުކަމުގެ އެތައް ވައްތަރެއްގައި، އެބައިމީހުންނާ ތަފާތުވުމަށް މިއުއްމަތަށް ނަބިއްޔާ (صلى الله عليه وسلم) ވަނީ އެތައްގޮތަކުން އިރުޝާދުދެއްވަވާފައެވެ. އެހެނީ، މިކަންކަމާއި މިނޫންކަންކަމުގައިވެސް އެބައިމީހުންނާ އެއްފަދަ ވެދާނެތީއެވެ. މި ތަފާތުވުމަކީ، ހުރިހާ ކަމެއްގައިވެސް ބަލަންޖެހޭ ހުރަހެކެވެ. އެހެނީ ނަރަކައިގެ އަހުލުވެރިންނާ ތިބާ ތަފާތުވާ ވަރަކުން، ނަރަކައިގެ އަހުލުވެރިން ކުރާ ޢަމަލުތައް ކުރުން ތިބާ މަދުވާނެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ: ޙަދީޘެވެ. لكل قوم عيدا وهذا عيدنا "ކޮންމެ ބަޔަކަށްވެސް ޢީދެއް ވެއެވެ. އަދި އަހަރެމެންގެ ޢީދަކީ މިއީއެވެ." މިޙަދީޘުން ވަކިން އެނގޭގޮތުގައި، ކޮންމެ ބަޔަކަށްވެސް އެބައެއްގެ އަމިއްލަ މުނާޞަބަތެއް ވާނެއެވެ. އަދި ﷲ ވަޙީކުރެއްވިއެވެ. وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا "ކޮންމެ ބަޔަކަށް އެބަޔަކު (ނަމާދުގައި) ކުރިމަތިލައި ވަކި ފަރާތެއްވެއެވެ..." (އަލްބަޤަރާ:148) އަދިވެސް لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا "...އަދި ތިޔަބައިމީހުންގެ ތެރެއިން ކޮންމެބަޔަކަށްވެސް، ޝަރީޢަތަކާއި، ސާފުމަގެއް ތިމަންރަސްކަލާނގެ ލެއްވެވީމެވެ..." (އަލްމާއިދާ:48) މިއާޔަތްތަކުން އެނގޭގޮތުގައި، ކޮންމެ ބަޔަކަށްވެސް އެބައެއްގެ އަމިއްލަ ގޮތްތަކެއް ވާނެއެވެ. لِكُلٍّ ގައިވާ "ލާމް" އިން ދައްކުވައިދެނީ ވަކިވަކީން ކޮންމެ ބަޔަކަށްވެސް ގޮތްތަކެއްވާކަމެވެ. އެހެންކަމުން، ޔަހޫދީންނަށް ޢީދެއްވެއެވެ. އަދި ނަޞާރާއިންނަށް ޢީދެއްވެއެވެ. އެއީ އެބައިމީހުންނަށް އެކަނިވާ ޢީދު ތަކެކެވެ. އަދި އަހަރެމެން އެކަންކަމުގައި އެއްވެސްގޮތަކަށް ބައިވެރިވެގެން ނުވާނެއެވެ. އެއީ އެބައިމީހުންގެ ޤިބުލައިގައިވެސް ނުވަތަ އެބައިމީހުންގެ ޝަރީޢަތްތަކުގައިވެސް އަހަރެމެން ބައިވެރިނުވާ ފަދައިންނެވެ. އޭގެތެރެއިން ދެވަނަ ކަމަކީ: ޢުމަރު ބުނުލް ޚައްޠާބު (رضي الله عنه) ކަނޑައެޅުއްވި އެއް ޝަރުޠަކީ، އަދި އެ ޝަރުޠަށް އެންމެހާ ޞަޙާބީންވެސް އިޖުމާޢުވެލެއްވި އަދި އޭގެފަހުން ވަޑައިގެންނެވި ފިޤުހުވެރީންވެސް އެއްބަސްވެލެއްވި ޝަރުޠެކެވެ. އެއީ އިސްލާމީ ވެރިކަމެއްގެ ދަށުގައި (ޖިޒްޔަ ދިނުމަށްފަހު އަލްހުއް ޛިއްމީންގެ ގޮތުގައި) އުޅުމަށް އެއްބަސްވި އަހުލުކިތާބީން، އެބައިމީހުންގެ ޢީދުތައް ހާމަގޮތެއްގައި ދާރުލް އިސްލާމެއްގައި (އިސްލާމީ ޝަރީޢަތް ޤާއިމްކުރެވިފައިވާ ބިމެއްގައި) ފާހަގަކުރުމަކީ މަނާކަމެކެވެ. އެބައިމީހުން އެކަން ހާމަކޮށްކުރުން މަނާކަމެއްކަމުގައި މުސްލިމުން އިޖުމާޢުވެފައިވާއިރު، މުސްލިމުން ޚުދު އެކަންކުރާނީ ކިހިނެއްތޯއެވެ؟ މުސްލިމަކު އެކަން ކޮއްފިނަމަ، ކާފަރަކު ހާމަކޮށް އެފަދަކަމެއް ކުރުމަށްވުރެ މާނުބައެއްނުން ތޯއެވެ؟ އެބައިމީހުންގެ ޢީދުތަކުގައި ހިމެނޭ ފަސާދައާއި، ފާފައާއި، ފާފައިގެ ލައްގަނޑުތަކުގެ ސަބަބުން މެނުވީ، އެޢީދުތައް ހާމަގޮތެއްގައި ފާހަގަކުރުން އަހަރެމެން މަނައެއް ނުކުރަމެވެ. ކޮންމެ ޙާލަތެއްގައިވެސް، ފާފައަކީ ނުވަތަ ފާފައިގެ ލައްގަނޑަކީ މުސްލިމުންނަށް ހުއްދަ އެއްޗެއް ނޫނެވެ. އަދި މުސްލިމުންގެ ޢަމަލުތަކުގެ ސަބަބުން ކާފަރުންނަށް އެހާ ހާމަގޮތެއްގައި އެކަންކުރެވުމަށް ހިއްވަރުދިނުން އިހަށް އެއްފަރާތްކޮށްލުމަށްފަހު، އެނޫން އެހެން ފާފައެއް ހިމެނިފައި ނުވިނަމަވެސް، މުސްލިމަކަށް އެކަން ކުރެވިދާނެތޯއެވެ؟ (އެބައިމީހުންގެ ޢީދުތަކުގައި) ހިމެނިފައިވާ ނުބައިކަން ﷲގެ އިރާދަފުޅާއެކު ތިރީގައި ތަފްޞީލުކޮށްލާނަމެވެ. އަލްބައިހަޤީ ޞައްޙަ ސަނަދުން (އަހްލުއް ޛިއްމާއިންގެ ފައްޅިތަކަށް، އެބައިމީހުންގެ އައު އަހަރު ފާހަގަކުރުމާއި އަދި އެނޫންވެސް ޢީދުތަކަށް، ވަނުމުގެ ނުރުހުންތެރިކަން) މި ބާބުގައި ސުފްޔާނުއް ޡައުރީ، ޡައުރު ބުން ޔަޒީދުގެ ކިބައިން އަދި އޭނާ ޢަތާ އިބްނު ދީނާރުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. "ޢަރަބިން ނޫންމީހުންގެ ބަހުރުވަ ދަސްނުކުރާށެވެ! މުޝްރިކުންގެ ޢީދު ދުވަސްތަކުގައި އެބައިމީހުންގެ ފައްޅިތަކަށް ނުވަންނާށެވެ! އެހެނީ، ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ފާވަމުންދާ ހުއްޓެވެ." ޢުމަރު ބުނުލް ޚައްޠާބު (رضي الله عنه) ވިދާޅުވިއެވެ. "ﷲގެ ޢަދުއްވުންނާ އެބައިމީހުންގެ ޢީދުތަކުގައި ދުރުހެލިވާށެވެ." ޞައްޙަ ސަނަދާއިއެކު، އަބޫ އުސާމާ، އަބުލް މުޣީރާގެ ކިބައިން، އަދި އޭނާ ޢަބްދުﷲ ބުން ޢަމްރު ގެކިބައިން ރިވާކުރެއްވިއެވެ. "ޢަރަބި ނޫން ބިންތަކުގައި ދިރިއުޅެ، އެބައިމީހުންގެ އައު އަހަރާއި އެނޫން ޢީދުތައް ފާހަގަކޮށް، އަދި އެމީހުންނާ ވައްތަރުވެ އެގޮތުގައި ހުރެ މަރުވެއްޖެނަމަ، ޤިޔާމަތްދުވަހުން މަޙްޝަރުކުރެވޭނީ އެބައިމީހުންނާ އެކުގައެވެ." އެބައިމީހުންގެ ބަސް ދަސްކުރުމާއި، އަދި ޢީދުތައް ފާހަގަކުރާ ދުވަސްދުވަހު އެބައިމީހުންގެ ފައްޅިތަކަށް ވަނުން ޢުމަރުގެފާނު (رضي الله عنه) މަނާކުރެއްވިއެވެ. އެހެންކަމުން، އެމީހުން އެކުރާފަދަ ކަންކަން އެދުވަސްތަކުގައި ކުރުން ކޮންފަދަ ހެއްޔެވެ؟ އަދި އެބައިމީހުންގެ ދީނުގެ ތެރެއިން ބައެއްކަމުގައިވާ ކަމެއްކުރުން ކޮންފަދަ ހެއްޔެވެ؟ އެމީހުންގެ ބަސް ދަސްކުރުމަށްވުރެ، އެމީހުން ކުރާ ކަންކަން ކުރުން މާނުބައިވެގެން ނުވޭ ހެއްޔެވެ؟ އެބައިމީހުންގެ އެފަދަ ތަންތަނަށް ވަނުމަށްވުރެ، އެމީހުންގެ ޢީދުތަކުގައި ކުރާ ކަންކަން ކުރުން މާނުބައިވެގެން ނުވޭ ހެއްޔެވެ؟ އެބައިމީހުންގެ ޢީދުތަކުގައި ކޮށްއުޅޭ ކަންތައްތަކެއްގެ ސަބަބުން، ﷲގެ ކޯފާ އެބައެއްގެ މައްޗަށް ފާވަމުންދާ ހިނދު، އެބައިމީހުން ޢަމަލުކުރާގޮތަށް ޢަމަލުކޮށް ނުވަތަ އެއިން މިންވަރެއް ކުރާމީހާ، އެފަދައިން ޢަޛާބަށް ހުށަހެޅުމުގައި ޙިއްސާ ނުވެދާނެތޯއެވެ؟ "ﷲގެ ޢަދުއްވުންގެ ކިބައިން އެބައިމީހުންގެ ޢީދުތަކުގައި، ދުރުހެލިވާށެވެ!" މިބަސްފުޅުގެ މާނައަކީ، އެފަދަ ދުވަސްތަކުގައި އެބައިމީހުންނާ ބައްދަލުކޮށް ބައިވެރި ނުވުމެއްނުން ތޯއެވެ؟ ދެން އެހެންވެއްޖެ ނަމަ، މިދުވަސްތަކުގައި ބައިވެރިވެ ފާހަގަ ކުރާމީހާގެ ޙާލަކީ ކޮބައިތޯއެވެ؟ ޢަބްދުﷲ ބުން ޢަމްރު ސާފުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، "ޢަރަބި ނޫން ބިންތަކުގައި ދިރިއުޅެ، އެބައިމީހުންގެ އައު އަހަރާއި އެނޫން ޢީދުތައް ފާހަގަކޮށް، އަދި އެމީހުންނާ ވައްތަރުވެ އެގޮތުގައި ހުރެ މަރުވެއްޖެނަމަ، ޤިޔާމަތްދުވަހުން މަޙްޝަރުކުރެވޭނީ އެބައިމީހުންނާ އެކުގައެވެ." މީގެން ދޭހަވާގޮތުގައި، މިފަދަ ހުރިހާ ކަމެއްގައި އެބައިމީހުންނާ ބައިވެރިވާ މީހަކީ، ކާފަރެކެވެ. ނުވަތަ މިފަދައިން ކަންތައްކުރުމަކީ ނަރަކައިގެ ތެރެއަށް ވެއްޓިގެންދާ "ކަބާއިރު" (ބޮޑެތި ފާފަ) ގެ ތެރެއިންވާ ކަމެކެވެ. މިބަސްކޮޅުގެ ބޭރުފުށުން ދޭހަވާ މަނައަކީ، ފުރަތަމަ ބުނުވުނު ގޮތެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ - އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ - އެބައިމީހުންގެ ބިމުގައި ދިރިއުޅޭ މީހާ، އެހެނީ ޢަބްދުﷲ ބުން ޢަމްރުގެ ދުވަސްވަރު އަދި އެހެން ޞާހާބީންގެ ދުވަސްވަރު، މުސްލިމުންގެ ބިންތަކުގައި ކާފަރުންގެ ޢީދުތައް ހާމަގޮތެއްގައި ފާހަގަކުރުން މަނާކުރެއްވިއެވެ. އަދި މުސްލިމުންގެ ތެރެއިން އެކަކުވެސް އެބައިމީހުންގެ ޢީދުތައް ފާހަގަކޮށެއް ނުހަދައެވެ. އެކަންކުރެވެން އޮތަސް އޮންނަނީ ހަމައެކަނި ކާފަރުންގެ ބިންތަކުގައި ދިރިއުޅޭ އިރުގައި އެކަންޏެވެ. ޢަލީ (رضي الله عنه) އެބައިމީހުން ފާހަގަކޮށްއުޅޭ އެބައިމީހުންގެ ޚާއްޞަ މުނާޞަބުތުތަކުގެ ނަންތައް އެނގިވަޑައިގަތުމާވެސް ދެކޮޅުހެއްދެވިއެވެ. ދެންފަހު، އެކަންކަން ފާހަގަކުރުން އަދި ކޮންފަދައެއްތޯއެވެ؟ މި މައުޟޫޢުއަށް، ޢުމަރުގެފާނާއި ޢަލީގެފާނު (رضي الله عنهما) ކިބައިން ރިވާވެފައިވާ ރިވާޔަތްތަކުގެ މާނަ އަޙްމަދު ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން ޢީދުތަކުގެ މައްސަލާގައި މަޝްވަރާކުރައްވާ ހެއްދެވިއެވެ. އިމާމް އަބުލް ޙަސަނުލް އާމިދީ ވިދާޅުވިއެވެ: އަލްބަޣްދާދީގެ ނަމުން މަޝްހޫރުވެފައިވާ ބޭކަލަކު އެކަލޭގެފާނުގެ ފޮތް (عمدة الحاضر وكفاية المسافر) ގައި ވިދާޅުވިއެވެ. "ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކަށް ބަލާ އަޑުއަހަން ދިއުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ." މުހައްނާގެ ރިވާޔަތުގައި އިމާމް އަޙްމަދު މިފަދައިން ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ އެކަމުގެ ދަލީލަކީ މި އާޔަތެވެ. وَالَّذِينَ لا يَشْهَدُونَ الزُّورَ "އަދި ނުބައިކަންކަމަށް (ބާޠިލަށް) ހެކިނުވާ މިހުންނެވެ." (އަލްފުރްޤާން:72) އަދި ވިދާޅުވިއެވެ. "(މިއީ) އައްޝަޢާނީން އަދި އެބައިމީހުންގެ ޢީދުތަކެވެ." އަދި ވިދާޅުވިއެވެ. "އެބައިމީހުންގެ ކަނީސާތަކަށާއި ފައްޅިތަކަށް ވަނުމުން މުސްލިމުން މަނާކުރުވަން ޖެހޭނެއެވެ." (އިބްނު ތައިމިއްޔާގެ اقتضاء الصراط المستقيم مخالفة أصحاب الجحيم ޞ.183) މަޞްދަރު: http://www.islamhouse.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page