ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް
މުތަރުޖިމު: އިބުނު ޢަބްދުއްރަޙުމާން ޅޮހީ
ޅޮހީގެ ނޯޓެއް: ޝެއިޚު އަލްބާނީ ރަޙިމަހުﷲ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުއްވުމަށްޓަކައި އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރެއްވި ފަހުގެ ތާރީޚެއްގައި އުފެދުނު ޙަދީޘް އެންމެ ބޮޑު އެއް ޢިލްމުވެރިޔާއެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވިގޮތާއި އަދި ޢިލްމުގެ މައިދާނުގައި ސާބިތުވެލައްވައި ހުންނެވި ގޮތަކީ ހައިރާންކުރުވަނިވި މިޒަމާނުގެ ކިޔަވާކުދިން އެކަންކަމުން ޢިބުރަތްލިބިގަތުން ޙައްޤުވެގެންވާ ކަންކަމެވެ. އެކަލޭގެފާނު ދީނުގައި ޞަލަފުއް ޞާލިޙުންގެ މަގުގައި ސާބިތުވެލެއްވި މިންވަރީ ފަހުގެ ތާރީޚެއްގައި ބިދުޢަވެރިން އެންމެ ރުޅިއަރާ އެއްޗެހިކިޔާ އެކެއް ކަމުގައި އެކަލޭގެފާނު ވުމެވެ. ކޮންމެ ގޮތެއްވިޔަސް ޙައްޤު އަރާނީ ކުރިޔަށެވެ. ބާތިލު އަބަދުވެސް އޮންނާނީ ވަތުގައެވެ. މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ މިފަދަ ބޮޑެތި ޢީލްމުވެރިންގެ ޢިލްމުން ފައިދާ ޙާޞިލުކުރާ ބަޔެއްކަމުގައި ލައްވާށިއެވެ. އަދި ބިދުޢަވެރިންގެ ބިދުޢަތައް ފަޟީހަތްކުރައްވައި އެބައިމީހުންގެ ބިދުޢަތައް ނިކަމެތި ކުރައްވައި އެބައިމީހުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތްކުރައްވާށިއެވެ. އާމީން
އެކަލޭގެފާނުގެ ނަންފުޅާއި ނަސަބުފުޅު އެކަލޭގެފާނުގެ ނަންފުޅަކީ މުޙައްމަދު ނާޞިރުއްދީނު އިބުނު ނޫޙު އިބުނު އާދާމަ ނަޖާތީއެވެ. އެކަލޭގެފާނު އުފަންވީ އަލްބޭނީޔާއަށެވެ. އަދި ދިރިއުޅުއްވީ ސޫރިޔާގެ ދިމިޝްޤުގައެވެ. އަދި ޙިޖުރަކުރެއްވީ އުރުދުންއަށެވެ. އެކަލޭގެފާނު އަވަހާރުވުމާއި ހިސާބަށް އުޅުއްވީ އުރުދުންގައެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ އަލްބޭނިޔާގެ ވެރިރަށްކަމުގައިވާ އަޝްކޮޑެރާ ގައެވެ. އެއީ ހިޖުރީ ސަނަތުން 1432 ވަނަ އަހަރުއެވެ. މިލާދީ ސަނަތުން 1914ވަނަ އަހަރުއެވެ. އަދި އެކަލޭގެފާނުގެ ނަންފުޅު ނިސްބަތްކުރައްވާ ޤައުމަކީ އެއީއެވެ. އެކަލޭގެފާނަކީ މުޙައްދިޘެކެވެ. ފިޤުހުވެރިޔެކެވެ. ޞަލަފުއް ޞާލިޙުންގެ މަންހަޖާއި އެއްގޮތަށް ކީރިތި ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލެއްވި ޢިލްމުވެރި ކުޅަދާނަ ލިޔުއްވުންތެރިއެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ އަލްހާއްޖު ނޫހެވެ. އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ރަށުގައި ތިއްބެވި ހަނަފީ މަޒުހަބުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަލްމާނިއްޔަތު ދިރުވި އަޙުމަދު ޒޮގޫގެ ވެރިކަމުގައި މުސްލިމުންނަށް ނުހަނު ގިނަ ދުއްތުރާތައް އަލްބޭނިޔާގައި ޖެހެންފެށިއެވެ. މިކަމުގެ ސަބަބުން ޝެއިޚު އަލްބާނީގެ ބަފައިކަލުން އެކަލޭގެފާނުގެ ހުރިހާ ބޭފުޅުންނާއި އެކު ޝެއިޚު އަލްބާނީވެސް ހިމެނިވަޑައިގަންނަވާ ގޮތުން ﷲގެ ދީނަށްޓަކައި ޝާމަށް ޙިޖުރަކުރެއްވިއެވެ. އެކަލޭގެފާނު ޝާމަށް ޙިޖުރަކުރެއްވީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައިގެ ޙަދީޘްފުޅުގައި އެބިމުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބަސްފުޅުތަކުގެ ސަބަބުންނެވެ. އަދި އެތަނުގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާ ވަޒަންވެރިވެވަޑައިގަތެވެ. އެއިގެ ފަންސާސް އަހަރުފަހުން ޝެއިޚު އަލްބާނީ ރަޙިމަޙުﷲ އުރުދުންއަށް ޙިޖުރަކުރެއްވިއެވެ. އެތަނުގައި އެކަލޭގެފާނުގެ އެންމެ ފަހުވަގުތާއި ޖެހެންދެން ދެމިހުންނެވިއެވެ. އެއީ ޢިލްމުވެރިޔެއްގެ ގޮތުގަޔާއި މުދައްރިސެއްގެ ގޮތުގަޔާއި އަދި ފިޤުހުވެރި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ތަޢުލީމީ ހަޔާތްޕުޅާއި އަދި އުސްތާޛުން އެކަލޭގެފާނު ތަޢުލީމު ޙާޞިލުކުރެއްވީ ދިމިޝްޤުގައި ހިޖުރަކުރާ ފަރާތްތަކަށް ޙާއްޞަކުރެއްވިފައިވާ ހިޔާވަހީގައި ހެދިފައިވާ މަދަރުސާއަކުންނެވެ. މިއީ ޢިލްމުހޯދަން އަންނަ ފަރާތްތަކަށް ހިމާޔަތްދޭ ތަނެއްގެ ގޮތުގައި ކުރީގައި އެތައް އަހަރެއްވަންދެން ޙިދުމަތްދީފައިވާ ތަނެކެވެ. އެކަލޭގެފާނު އެތައް ޢިލްމުވެރިންނެއްގެ އަރިހުން އުގެނިވަޑައިގެން ފައިދާ ހޯއްދެވިއެވެ. އެއީ އެކަލޭގެފާނުގެ ބައްޕާފު އަލްހާއްޖު ނޫހު ސައީދު އަލްބުރުހާނީ އަދި އެހެނިހެން އިލްމުވެރިންގެ އަރިހުންނެވެ. ހަލަބުގެ ތާރީޚު އަދި ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ ޝެއިޚު މުޙައްމަދު ރާޤިބު އައް ތައްބާކު އެކަލޭގެފާނުގެ އިތުބާރު ހިފޭ ރާވީންގެ ރިވާޔަތްތައް ހިމެނޭ ފޮތެއްކަމަށްވާ އަލްއަންވާރުލް އަލް ޖަލިއްޔާ ފީ މުޚުތަޞަރުލް އަޘްބާތުލް ޙަލަބިއްޔާ ކިޔަވައިދިނުމުގެ ހުއްދަ ޝެއިޚު އަލްބާނީ ރަޙިމަޙުﷲ އަށް ދެއްވިއެވެ. މިކަން މެދުވެރިވީ އެކަލޭގެފާނަށް ޝެއިޚުގެ ވިސްނުންތޫނުކަމާއި އާދަޔާޚިލާފު ބުއްދިގަދަކަމާއި އަދި ދެނެގަތުމުގެ ކުޅަދާނަކަމާއި އަދި ދީނީ ޢިލްމާއި އަދި ޙަދީޘްޢިލްމު ހޯއްދެވުމަށް ހުރި ޝައުޤުވެރިކަން ފެނިވަޑައިގަތުމުގެ ސަބަބުންނެވެ. ނުނިމޭ މަސްދަރު: ޝެއިޚު ޢަލްބާނީ ރަޙިމަޙުﷲގެ ރަސްމީ ވެބްސައިޓު