ސަމާސާ އަދަބު: ކުރިސްޓިޔަން ދީނަށް ގޮވާލަން ޓުރޭން ކުރި މީހާ
أبو عبد الله عبد الرحيم المدني
ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމުން ނަޞާރާކޮށް އެދީނުގެ ދައުވަތު ފެތުރުމަށް ޞަލީބީން ވަރަށް ވަރުގަދައަށް މަސައްކަތްކުރަމުންދެއެވެ. އަދި އެމީހުންގެ މަކަރުވެރިކަމުގެ ދަލުގައި އެކި މީހުން ޖައްސަންވެސް ޖައްސައެވެ. މިބައިމީހުން ދައުވަތު ދިނުމުގައި ގެންގުޅެނީ މަކަރުވެރި ހިޔަޅު ގޮތްތަކެވެ. ޚާއްޞަކޮށް އިސްލާމީ ގައުމުތަކަށެވެ. އެގައުމުތަކަށް އެކި އެކި ފަންނުވެރިންގެ ނަމުގައި ގޮސް މިފަދަ ދައުވަތުގެ ކަންތައްތައް ހިންގައެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިކަން ކުރުމަށް ގަދައަޅައި ހިތްވަރުކުރަމުން އަންނަ ބަޔަކު އެބައުޅެއެވެ. އެބައިމީހުން ދަނީ ދިވެހިބަހުން ނަޞާރާ ދީނުގެ ލީފުލެޓުތަކާއި ވީޑިއޯތަކާއި އަދި އެބައިމީހުންގެ ފޮތްތައްވެސް ތައްޔާރުކޮށް ބަހައި އެކިއެކި ކަންކަން ހިންގަމުންނެވެ. މިއީ އަޅުގަނޑުމެން ސަމާލުވެ ނުތިބިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މުޞީބާތެއް ކުރިމަތިވެދާނެ ކަންކަމެވެ. ނަޞާރާ ދީނަކީ މަންސޫހުވެފައިވާ ބާތިލު، އަދި އެދީނުގެ އަސްލު ގެއްލިފައިވާ ދީނެކެވެ. ކޮންމެއަކަސް މިފަހަރު މިއޮތީ އެހެންވާހަކައެކެވެ. އިސްލާމީ ޤައުމެއްގައި ދިމާވި ޙަޤީޤީ ހެއްވާ ހާދިޘާއެކެވެ. އިސްލާމީ ޤައުމެއްގައި ނަޞާރާ ދީނަށް ގޮވާލާ ބަޔަކު އެކިޤައުމުތަކުން މުސްލިމުން ބައިވެރިކޮށްގެން ނަޞާރާ ކުރުމަށާއި އަދި ނަޞާރާ ދީނަށް މީހުން ވެއްދުމަށްޓަކައި ދައުވަތު ދިނުމަށް ޕުރޮގުރާމެއް ހިންގިއެވެ. ރަށްފުށުގައި ހިންގި މި ހަރަކާތުގައި އެމީހުން އޮތީ މި ޕުރޮގުރާމް ނިންމާ ފަރާތްތަކަށް ފައިސާގެ ބޮޑު އަދަދެއްވެސް ދޭ ގޮތަށެވެ. ކޮންމެއަކަސް މި ޕުރޮގުރާމު ނިންމާ ނިންމުމުގެ ރަސްމިއްޔާތު ފެށިއްޖެއެވެ. އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ޖަލްސާ ކުރިޔަށް ހިނގަމުން ދިޔައެވެ. އަދި ނިންމި ފަރާތްތަކަށްވެސް ދޭން ޖެހޭ ހަނދާނީ ލިޔުމާއި އަދި ފައިސާތައްވެސް ހަވާލުކުރެވެމުން ދިޔައެވެ. މިހުރިހާ ކަމެއް ނިމުމާއެކުގައި އޮތީ ޖަލްސާގެ އެންމެފަހު ނަންބަރެވެ. އެއީ ޖަލްސާގެ އެންމެ މުހިންމުވެސް އެއް ނަންބަރެވެ. މި ޕުރޮގުރާމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ވާހަކަދެއްކުމެވެ. އެހާ މުހިންމުވެސް ވީ މިކަން ރޭވި ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ ޙާޞިލުވި މިންވަރުވެސް އެނގިގެން ދާނީ މިނަންބަރުން ކަމަށްވާތީއެވެ. އޭނާ ވާހަކަދައްކަން އަރައިފިއެވެ. އެއީ އިންޑޮނީޝިޔާ މީހެކެވެ. އަދި ވާހަކަ ދައްކަމުން ދައްކަމުން ގޮސް އޭނާ ކަންތައްތައް ކުރާނެ ގޮތްތައް ކިޔައިދެމުން ދިޔައެވެ. އަދި ނިންމާލުމުގެ ކުރިން އޭނާއަށް ލިބުނު ފައިސާއާއި މެދުވެސް އޭނާ ހިޔާލު ފާޅުކޮށްލިއެވެ. އެއީ އޭނާ އެފައިސާއަށް ހަދާނެ ގޮތެވެ. " އަހަރެން މިފައިސާއަށް މި އަންނަ އަހަރު ދާނީ ހައްޖަށް މައްކާއަށް... " އެޔާއެކު މޭ ކެރި މީހުންގެ މޭކެރިއެވެ. ފިތްކެނޑުނު މީހުން ފިތްކެނޑުނެވެ. އަތްޖެހި މީހުން އަތްވެސް ޖެހިއެވެ. ނިމުނީ ނޯޓު: حدثني هذه القصة شيخنا الفاضل حسن ناجي حفظه الله في المدينة النبوية عن أحد أساتذته.