މާތްﷲ ރުއްސުން ލެއްވި އަބުއްދަރުދާގެ ވާހަކަ
أبو عبد الله عبد الرحيم المدني
މާތް ﷲ ރުއްސުންލެއްވި ސަލްމާން ފާރިސީއާއި އަދި އަބުއްދަރުދާގެ ދެމެދުގައި އޮތް އަޚުވަންތަކަން އަބޫ ޖުހައިފާ ރިވާކުރެއްވިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބުއްދަރުދާ އާއި އަދި ސަލްމާން އާއި ދެބޭކަލުން އަޚުކުރެއްވިއެވެ.
އެއްފަހަރެއްގައި ސަލްމާން އަބުއް ދަރުދާގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އުއްމު ދަރުދާ(އަބުއްދަރުދާގެ އަނބިކަނބަލުން) ވަރަށް ބާ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި ތަން ފެނިވަޑައިގަތެވެ. އަދި އެކަމަނާ އެހާލުކޮޅުގައި ހުންނެވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ.
އެކަމަނާ ޖަވާބުދެއްވިއެވެ. "ތިބާގެ އަޚާ އަބުއްދަރުދާ މި ދުނިޔޭގެ (ޒީނަތްތެރިކަމަށް) އެއްވެސް ސައުޤުވެރިކަމެއް ނެތެވެ." ހަމަ އެވަގުތު އަބުއްދަރުދާ ދުރުވެއްޖެއެވެ. އަދި ސަލްމާންއަށް ފަރިއްކޮޅު ތައްޔާރުކުރައްވައިފިއެވެ. އެވަގުތު ސަލްމާނު އަބުއްދަރުދާގެ އަރިހުން ސަލްމާނާއި އެކުގައި ކެއިންބެއްލެވުމަށް އެދިވަޑައިގަތެވެ. ދެން އަބުއްދަރުދާ އެކަލޭގެފާނު ހުންނެވީ ރޯދައަށް ކަމަށް ވިދާޅުވިއެވެ.
ސަލްމާން ވިދާޅުވިއެވެ. " އަހަރެން ތިބާ ނުކަންޏާމު ނުކާނަމެވެ" ދެން އަބުއްދަރުދާ ސަލްމާނުއާއި އެކު ފަރިއްކުޅުވައިފިއެވެ.
ދެން ރޭގަނޑުވުމުން (ރޭގަނޑުން ބަޔެއް ފާއިތުވުމުން) އަބުއްދަރުދާ (ދަމުނަމާދު ކުރެއްވުމަށް) ތެދުވެވަޑައިގަތެވެ. ނަމަވެސް ސަލްމާނު އެކަލޭގެފާނަށް އަދި ނިދކުރެއްވުމަށް އެދިލެއްވުމުން އަބުއް ދަރުދާ އަލުން ނިދިކުރެއްވިއެވެ. އަނެއްކާވެސް އިރުގަނޑެއްފަހުން އަބުއްދަރުދާ ތެދުވެލެއްވުމުން އަނެއްކާވެސް ސަލްމާނު އެކަލޭގެފާނުގެ ގާތުގައި ނިދިކުރެއްވުމަށް ދަންނަވައިފިއެވެ.
ދެން ރޭގަނޑުގެ ފަހުވަގުތަށް އެޅުމުން ސަލްމާނު އެކަލޭގެފާނުގެ އަރިހުގައި ތެދުވުމަށް ދަންނަވައި އަދި ދެވެރިން އެކުގައި ދަމުނަމާދުކުރައްވައިފިއެވެ.
(އެޔަށްފަހު) ސަލްމާން އަބުއްދަރުދާއަށް ދެންނެވިއެވެ. " ތިބާގެ ވެރިރައްބުގެ މައްޗަށް ތިބާއަށް ހައްޤުތަކެއްވެއެވެ. އަދި ތިބާގެ ފުރާނައިގެ މައްޗަށް ތިބާގެ ހަށިގަނޑަށް ހައްޤުތަކެއްވެއެވެ. އަދި ތިބާގެ ޢާއިލާގެ މައްޗަށް ތިބާއަށް ޙައްޤުތަކެއްވެއެވެ. ވީމާ އެހުރިހާ ފަރާތްތަކެއްގެ މައްޗަށް ތިބާގެ ކޮނޑުގައި އެޅިފައިވާ ޙައްޤުތައް ތިބާއަދާކުރަންވާނެއެވެ."
ދެން އަބުއްދަރުދާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) އަރިހަށް ވަޑައިގެންނެވިއެވެ. އަދި ހުރިހާވާހަކައެއް ދެންނެވިއެވެ. ދެން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. " ސަލްމާނު އެބުނީ ތެދެވެ" (ރިވާކުރެއްވީ އިމާމު ބުޚާރީ)