އިސްލާމީ އަޤީދާގެ މަސްދަރުތަކަކީ ކޮބައިތޯއެވެ؟
މުހައްމަދު އިރުޝާދު އއ.މާޅޮސް
ސުވާލު: އިސްލާމީ ޢަޤީދާ ގެ މަސްދަރު ތަކަކީ ކޮބައިތޯ؟
ޖަވާބު: بسم الله الرحمن الرحيم. الحمد لله رب العالمين. الصلاة و السلام على رسول الله. أما بعد: އިސްލާމީ އަޤީދާ އަށް ވަނީ ހަމައެކަނި ދެމަސްދަރެވެ. އެއީ ﷲ ތަޢާލާގެ ފޮތާއި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތެވެ.
މި ޢަޤީދާ އަކަށް ތިންވަނަ މަޞްދަރެއް ނުވެއެވެ. ސަބަބަކީ ސަލަފުއް ޞާލިހުންގެ އިޖުމާޢު ޤުރުއާނާއި ސުއްނަތުގެ މައްޗަށް މެނުވީ ޤާއިމު ނުވުމެވެ.
އަލް އިމާމް އަލް ބައިހަގީ ރަޙިމަހުﷲ ވިދާޅުވެފައި ވަނީ:
(ސުއްނަތް ޖަމާއަތުގެ މީހުން ޢަޤީދާ ބިނާ ކުރުމުގައި އިޚްތިޔާރު ކުރާ އެއްޗަކީ ޤުރުއާނާއި ސުއްނަތެވެ)
ވީމާ މިއުއްމަތަށް ވަނީ އެއެއްޗެއްގައި ހިފުމަށް އަމުރު ވެވިގެންވާ އެއްޗެއްގައި ހިފުމެވެ އެނޫން އެހެން ގޮތެއް ނެތެވެ. އާދެ އަޅަމެންގެ ވެރި އިލާހުގެ ފޮތާއި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ސުއްނަތެވެ. އެހެނީ އެއިގައި ހިފުމީ ހުރިހައި ކުށްތަކުން ސަލާމަތްވެ މަގުކައްސާލުމުން އެއްކިބާ ކޮށްދޭ ކަމަކެވެ. އަދި ޞައްހަޢަޤީދާ ވިސްނުމުގައި ދެގޮތެއްނުވެ ސާބިތުކުރުވާކަމެވެ. އެއީ އުއްމަތް އެއްބައެއްވަންތަ ކުރުވާ އަދި ބައިބައި ވުމުން އެއްކިބާވުމަށްޓަކައެވެ.
ﷲ ވަޙީ ކުރައްވައިފައި ވަނީ:
(سورة طه 123) فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ
މާނައީ: ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާ ވެއްޖެމީހާ ފަހެ ދަންނާށެވެ! އެމީހަކު މަގުފުރެދިގެން ނުދާނެތެވެ. އަދި އަބާއްޖަވެރިވެސް ނުމެވާނޭމެއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ:
(تركت فيكم ما إن تمسكتم به لن تضلوا أبدا كتاب الله وسنتي)
މާނައީ: ތިމަން ކަލޭގެފާނު ތިޔަބައި މީހުން އެއެއްޗެއަގައި ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގުފުރެދިގެން ނުދާނޭ ދެއެއްޗެއް ދޫކުރެއްވީމެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ.
ވީމާ އެއްވެސް ޝައްކެއްނެތް ގޮތުގައި މިއުއްމަތަށް ﷲ ދެއްވި އެއްމެބޮޑު ނިޢުމަތަކީ ޤުރުއާނާއި ސުއްނަތުގައި ހިފުމުގެ ތައުފީގެވެ.
ސަލަފުއް ޞާލިހުންގެ ވާހަކަ ދައްކަވަމުން ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހު ﷲ ވިދާޅުވެފައިވަނީ: (އެމީހުނަށް ދެއްވުނު އެއްމެ ބޮޑު ނިޢުމަތަކީ ޤުރުއާނާއި ސުއްނަތުގައި ބާރަށް ހިފުމެވެ.)