ތަނބިކައްޓަށްވުރެ ތިރިއަށް ފަޓުލޫނު ބެހެއްޓުން
ޝެއިޚު މުޙައްމަދު އަލް މުނައްޖިދު
މީސްތަކުން ހަނދާންނައްތާލައި ފަރުވާކުޑަކުރަމުންދާ ޙަރާމްކަންތައްތަކާ ބެހޭގޮތުން މަތީގައިވާ ޞުރުޙީގެ ދަށުން ޝެއިޚު މުނައްޖިދު ލިޔުއްވާފައިވެއެވެ. (މި ލިޔުމުގައި ހެދުމުގެ މާނައިގައި ގެނެސްފައިވަނީ ފިރިހެނުންގެ ހެދުމުގެ ވާހަކައެވެ. އަންހެނުގެ ހެދުމެއްނޫނެވެ)
އެއްވެސްކަމަކަށް ނަހަދައި ބަޔެއްމީހުން ފަރުވާ ކުޑަކޮށް ދޫކޮށްލަމުންދާ އެއްކަމަކީ އިސްބާލުކުރުމެވެ. އެއިގެ މާނައަކީ ފައިގެ ތަނބިކައްޓަށްވުރެ ތިރިއަށް ތިމާ ލައިގެން ހުންނަ ހެދުން ބަހައްޓާ ބެހެއްޓުމެވެ. ނަމަވެސް މިއީ ﷲ ގެ ޙަޟުރަތުގައި ވަރަށްވެސް ބޮޑުވެގެންވާ ނުރައްކާތެރި މައްސަލައެކެވެ. ބަޔެއްމީހުން އެބައިމީހުންގެ ހެދުންތައް ބިންމަތީގެ ދެމޭވަރަށް ލާ އިރު އަނެއްބަޔަކު ތިމާ ލައިގެން ހުންނަ ހެދުން(ފަޓުލޫނު ނުވަތަ ޖިންސު) މުޅި ބިންމަތީގައި ދެމޭވަރުގެ ހެދުންތައް ލައިގެން ހިނގައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް އަބޫ ޒައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ރިވާޔަތެއްގެ މާނައިގައިވެއެވެ.
"ޤިޔާމަތް ދުވަހުން އެބަޔަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަސްފުޅު ވަޙީނުކުރައްވާނެ ތިންބަޔަކުވެއެވެ. އެބައިމީހުންނަށް ބައްލަވާވޮޑިނުގަންނަވާނެއެވެ. އަދި އެބައިމީހުންނަށް އެއްވެސް ހެޔޮބަހެއްވެސް ރައްދުނުކުރައްވާނެއެވެ. އެބައިމީހުންނަށް ހުރީ ގަދަފަދަވެގެންވާ އަޒާބެވެ." މިފަދައިން ތިންފަހަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަކުރާރުކުރެއްވިއެވެ. ދެން އަބޫޒައްރު އެބައިމީހުންނާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ.
"ތަނބިކައްޓަށްވުރެ ތިރިއަށް ފައިކުރިބަހައްޓާމީހާއާއި ކަލަގޮވާމީހާއާއި ދޮގުހަދައިގެންނާއި ދޮގުހުވާކޮށްގެން އެއްޗެހި ވިއްކާމީހާއެވެ" މީހަކު ބުނެފާނެއެވެ. ތިމަންނާ ފައިކުރި ތަނބިކައްޓަށްވުރެ ތިރިއަށް ބަހައްޓަނީ ކިބުރުވެރިކަމަކުން ނޫނެވެ. ނަމަވެސް އެމީހަކު އެމީހެއްގެ އަމިއްލަ ނަފުސަށް ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް އަމިއްލައަށް ޘަނާ ކިޔެނީއެވެ. ތަނބިކައްޓަށްވުރެ ތިރިއަށް ފައިކުރި ބަހައްޓާ އެންމެންނަށް ވަނީ ވަޢީދުގެ ބަސްފުޅު އައިސްފައެވެ. އެއީ ކިބުރުވެރިކަމާއެކުގައި ކުރިކަމުގައިވިޔަސް އަދި އެނޫންގޮތަކަށް ކުރިކަމުގައި ވިޔަސް މެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އިޒާރުން ތަނބިކައްޓަށްވުރެ ތިރީގައިވާ ބައިވަނީ ނަރަކައިގައެވެ" (ޞަޙީޙުލް ބުޚާރީ) (އިޒާރުގެ މާނައަކީ: (ފިރިހެނުން ލައިގެން ހުންނަ ހެދުން ފަޓުލޫނު މުންޑު ނުވަތަ އެނޫންވެސް ކޮންމެ އެއްޗެއް))
ކިބުރުވެރިކަމާއެކުގައި މިފަދައިން އެމީހެއްގެ ފޭރާން ތަނބިކައްޓަށްވުރެ ތިރީގައި ބަހައްޓާ މީހާއަށް އެފަދަ ނިޔަތެއްނެތި ބަހައްޓާ މީހަކަށްވުރެ މާ ޢަޒާބު ބޮޑުވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ކިބުރުވެރިކަމާއެކުގައި އެމީހެއްގެ ހެދުން ދަމަމުން ދާ މީހާއަށް ﷲ ޤިޔާމަތް ދުވަހުން ބައްލަވާ ވޮޑިނުގަންނަވާނެތެވެ" ސަބަބަކީ އޭނާ ދެ ޙަރާމް ކަންތަކަށް އެއްފަހަރާ އަރައިގަތުމެވެ. ތަނބިކައްޓަށްވުރެ ތިރިއަށް އަންނަ އެއްވެސްއެއްޗެއް ފިރިހެނުން ލުމަކީ ޙަރާމް ކަމެކެވެ. ބައެއްފަހަރު އަނދެގެން ހުންނަ ތަކެއްޗާއި (ފަޓުލޫނާއި މުންޑާއި އަދިވެސް އެނޫންތަކެތި) އަދި ދިގު ކުރުތާފަދަ މަތިންލާ ހެދުން ނުވަތަ ބޮލުގައި އޮޅާފައި އޮންނަ ފޮތިގަނޑުފަދަ ތަކެތި ތަނބިކައްޓަށްވުރެ ތިރިޔަށް އައުންވަންނާނީ މިބައިގެ ތެރެއަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ކިބުރުވެރިކަމާއެކުގައި އެމީހެއްގެ ހެދުން ދަމަމުން ދާ މީހާއަށް ﷲ ޤިޔާމަތް ދުވަހުން ބައްލަވާ ވޮޑިނުގަންނަވާނެތެވެ" އަދި ހަމައެޔާއެކުގައި އަންހެންކަނބަލުންނަށް ވަނީ އެކަނބަލުންގެ ހެދުން އެއްކައިވަތް ނުވަތަ ދެކައިވަތަށް ފައިގެ ދަށަށް ދިގުކޮށް ބެހެއްޓުން ހުއްދަވެގެން ވެއެވެ. އެއީ ފައި ނިވައިކުރުމަށާއި އަދި އެނޫން ކަމެއްގެ ސަބަބުންވެސް ގައިގެ ތަނެއް ކަޝްފުވެދާނެކަމަށްޓަކައެވެ. އަދި ބަޔެއް ކައިވެނި ޕާރޓީތަކުގައި އެތައް ތަނަކަށް ދިގުކޮށްގެން ފަހަތުގައި ބިންމަތީގައި ދެމުމަށްޓަކައި އިތުރުބައެއް ބަޔާންވެދިޔަ މިންވަރަށްވުރެ ދިގުކުރުން ހުއްދަވެގެން ނުވެއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ ފައިކުރިއާއި ބެހޭގޮތުން އައިސްފައިވާ އެހެނިހެން ބައެއް ޙަދީޘްބަސްފުޅުތައް
عن أبي سعيد الخدري -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : أزرة المؤمن إلى نصف الساق ولا حرج ، أو قال : لا جناح عليه فيما بينه وبين الكعبين ، وما كان أسفل من ذلك فهو في النار ، ومن جر إزاره بطراً لم ينظر الله إليه
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ.
"މުއުމިނާގެ އިޒާރު ހުންނަން ޖެހޭނީ އެމީހެއްގެ ފައިގެކަށިމަތީގެ މެދާ ހިސާބަށެވެ. އަދި އެކަމުގައި މައްސަލައެއް ނެތެވެ." ނުވަތަ ވިދާޅުވިއެވެ. "ތަނބިކައްޓާއި (ކަށިމަތީގެ)މެދާއި ދެމެދުގައި ހުރުމުން ކުށެއްނެތެވެ. އަދި އެޔަށްވުރެ ތިރީގައި (އެބަހީ: ތަނބިކައްޓަށްވުރެ ތިރީގައި އިޒާރުން) ހުންނަބައި ވަނީ ނަރަކައިގައެވެ. އަދި އެމީހެއްގެ ހެދުން ބިންމަތީގައި ކިބުރުވެރިކަމާއެކުގައި ދަމަމުން ހިނގާ މީހާއަށް ﷲ ބައްލަވާވޮޑިނުގަންނަވާނެތެވެ. " އަދިވެސް މިބާބުގައި މިކަމަށް އަރައިގަންނަ މީހުންނަށް ހުރި ޢަޒާބުގެ ވާހަކައިން ޚަބަރުދޭ ވަރުގަދަ ޙަދީޘްފުޅުތައް ވާރިދުވެފައިވެއެވެ. އެހެންފަހަރަކުން އެ ޙަދީޘްތައް ގެނެސްދިނުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން ނޯޓު: މިއީ މިޒަމާނަކަށް އައިސް ވަރަށް ފަރުވާ ކުޑަކުރެވޭ މައްސަލައެކެވެ. ޚާއްޞަކޮށް ޒުވާނުންނެވެ. ފައިކުރި ދަށަށް ފޫ ދަންދެން ޖިންސުގެ ފައިކުރި ޖަހައިގެން އުޅުމަކީ މިޒަމާނުގެ ފެޝަނަކަށް ވަނީ ވެފައެވެ. ވީމާ މިކަމާއި މެދު ހަބަރުދާރުވެ ﷲ އަށް ބިރުވެތިވެ އެއިލާހުގެ މާތް ނަބިއްޔާ ދެއްވާފައިވާ އިންޒާރަށް އިތުރު ސުވާލެއް ކުރުމެއްނެތި އީމާންވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. ކާމިޔާބު ލިބުން އޮތީ ﷲއާއި އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވެގެންނެވެ. ނިމުނީ