top of page
Featured Posts
Aruoxam

މިސްކިތްތަކުގެ އިމާމުންނަކީ ސަރުކާރުގެ މުސާރަވެރިންކަމަށްބުނެ ޖަމާޢަތަށް ނުދިއުމަކީ ކޮންކަހަލަކަމެއް



ސުވާލު: އަޅުގަޑުގެ ބައެއް ރަޙްމަތްތެރިން ޖަމާޢަތަށް މިސްކިތަށް ނުދަނީ އެމިސްކިތްތަކުގެ އިމާމުންނަކީ މުސާރަވެރި ބައެއްކަމަށްވާތީ ކަމަށް ބުނެ، އެމީހުން ސުވާލު އުފައްދާ ބުނަމުން ދަނީ އިމާމުންގެ މަގްޞަދަކީ މުދާ ހޯދުންކަމަށް ވަނީ ނަމަ އެމީހުންގެ އިމާމަތު ޞައްހާވާނެބާއެވެ؟ އެހެންކަމުން މީސްތަކުންނައިގެން އިމާމުވެ ނަމާދު ކުރާ މީހުން ސަރުކާރުން މުސާރަނެގުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ. ފުރަތަމަކަމަކީ: ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންގެ މައްޗަށް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެކެވެ. ސީދާވެގެންވާ ތެދުމަގު ގެއްލިފައިވާ ފާފަވެރިޔަކު މެނުވީ ޖަމާޢަތުގައި ނަމާދަށް ނުގޮސް ނުހުންނާނެއެވެ. 1. ޞަޙީޙް މުސްލިމް ގެ 654 ވަނަ ޙަދީޘް ގައި އައިސްފައިވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު- ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިން ތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސް މީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެ ކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސްތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާމީހުންނެވެ". 2. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "އެއް ދުވަހަކު ލޮލަށް ނުފެންނަ ލޯފަންމީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. އެހެންކަމުން ތިމަންނާ ޖަމާޢަތަށް މިސްކިތަށް ނުގޮސް ހުރުމުގެ ހުއްދަ ދެއްވުން އެދެމެވެ. ދެން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް އެކަމުގެ ހުއްދަ ދެއްވިއެވެ. އެމީހާ ނިކުމެގެން ދާން ހެދުމުން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް ގޮވާލައްވާ ގެންނެވިއެވެ. އަދި ސުވާލު ކުރެއްވިއެވެ. "ތިބާ އަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟"، އެމީހާ ދެންނެވިއެވެ. "އާދޭހެވެ"، ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވެއްޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ".

އިބްނުލްމުންޛިރް-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ލޯފަންމީހާ އަށް ޢުޛުރެއް ނުވާ ހިނދުގައި ލޮލަށްފެންނަ މީހާއަށް ޢުޛުރެއް ނުވުން މާ އައުލާ ކަން ބޮޑެވެ". (އަލްއައުސަޠު 4/134، އަލްމުޣްނީ 2/3).

ޖަމާޢަތުގެ ނަމާދަކީ ވާޖިބެއްކަން ދޭހަވާ ދަލީލުތައް އިތުރަށް ބެއްލެވުމަށް ސުވާލު ނަމްބަރު 8918 އަށް ޒިޔާރަތްކޮށްލައްވާށެވެ. ދެވަނަކަމަކީ:

އިމާމުމީހާ ސަރުކާރުން މުސާރަ ނަގާކަމަށްވަނީ ނަމަ، އެއީ ބައިތުލްމާލުން އޭނާއަށް ދެވޭ އެއްޗެއްނަމަވެސް، ނުވަތަ މިސްކިތުގެ އަހްލުވެރިންގެ ފަރާތުން އޭނާ އަށް ލިބޭ އެއްޗެއް ކަމުގައިވީނަމަވެސް، އެކަމުގައި އޭނާގެ މައްޗަށް ފާފަ އެއް ނެތެވެ.

އަލްބަހޫތީ "އަލްކައްޝާފު" އޭ ކިޔުނު ފޮތުގެ (1/475) ގައި ލިޔުއްވާފައިވެއެވެ. "ޝަރްޠަކާއި ނުލާ އިމާމާ އަށް އެއްޗެއް ދެވިއްޖެނަމަ މައްސަލަ އެއް ނެތެވެ. އެއީ ބައިތުލްމާލުން ނުވަތަ މީސްތަކުން އަތުން ނަގާފައި ދިން އެއްޗެއް ނަމަވެސް އެވެ".

ސަޢޫދީ ގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އައްޝެއިޚުލް ފައުޒާން އާއި ސުވާލު ކުރެވުނެވެ. "އަހަރެންނަކީ އަލްއައުގާފް ގެ މުވައްޡަފަކީމެވެ. އަހަރެންގެ ވަޡީފާ އަކީ ދީނީ ޝިޢާރު ތައް ފާޅު ކުރުމެވެ. ނުވަތަ އިމާމްވެ ނަމާދު ކުރުމެވެ. އެކަމަށް އަހަރެން މުސާރަ އެއްވެސް ނަގަމެވެ. އަހަރެންގެ މުސާރަ ޙަލާލުވާނެހެއްޔެވެ؟ އަދި ދަންނަވަމެވެ. އަހަރެންނަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ނުވެއެވެ؟ ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. "އިމާމުންނަށް ބައިތުލް މާލުން ދިނުމަށް ކަޑައެޅިފައިވާ އެއްޗެއް ނަގައިގެން އިމާމުވެ ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން (ވަޡީފާ އަދާ ކުރުމުން ލިބޭ ޢިނާޔަތުގެ ސަބަބުން) ﷲ އަށް ކިޔަމަންތެރި ކަން އަދާ ކުރުމަށް އެހީތެރިވެދޭތީވެއެވެ. މިއީ ދުނިޔަވީ އެދުމެއްނެތި، ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި އިމާމުކަން ކޮށްފިނަމައެވެ. އިމާމުކަން ކުރަނީ ހެވަށް އެދިގެންނެވެ. އަދި ޢިނާޔަތަށް އެދެނީ ދުނިޔަވީ ޙާޖަތުތައް ފުއްދާ، އިމާމު ކަމަށް ވަގުތު ހުސްކުރުމަށެވެ. އެހެންކަމުން، އިމާމުވެ ނަމާދު ކުރާމީހާ އެކަމުގެ މައްޗަށް އުޖޫރައެއް ނެގުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދިކިއެއްތަ، އޭގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އިތުރު ބާރަކަށްވެއެވެ. އެހެންނަމަވެސް، އިންސާނާގެ ގަޞްދަކީ އަޅުކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވޭ ކަންތަކަކީ ދުނިޔެ ޙާޞިލްކުރުން ކަމަށްވަނީނަމަ، އެއީ ހުއްދަ ކަމަކަށް ނުވާނެއެވެ. އަދި އެކަމަކީ ބާޠިލް ކަމެކެވެ". (އަލްމުންތަގާ މިން ފަތާވާ އަލް ފައުޒާން 49/49-50).

މީސްތަކުން ދޭތަކެތީގައި އިމާމު މީހާ ހިފިކަމުގައިވީނަމަވެސް، އެކަމަށް ޝަރުޠުކުރެވިފައިނުވަނީނަމަ އެއީ މައްސަލައެއް ނޫނެވެ. އަދިކިއެއްތަ، މީސްތަކުން ދިން އެއްޗެއް އޭނާ ހިފަނީއެވެ. މަދުވިޔަސް ގިނަވިޔަސް މައްސަލަ އެއް ނެތެވެ.

އަލްއިމާމް އަބޫދާވޫދު-ރަޙިމަހުﷲ- ވިދާޅުވިއެވެ. ތިމަންނާ ރަމަޟާން މަހު ނަމާދުކޮށްދޭނީ މިވެނި ވަރަކަށް ދީނާރު ދިނުމުންނޭ ބުނާ އިމާމަކާއި ބެހޭ ގޮތުން އިމާމް އަޙްމަދު-ރަޙިމަހު ﷲ- އާއި ސުވާލުވެވުނު އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އިމާމް އަޙްމަދު-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "ﷲ ގެ ޙަޟްރަތުން މާފަށް އެދެމެވެ. މިފަދަ މީހުންގެ ފަހަތުގައި ނަމާދު ކުރަނީ ކާކުތޯއެވެ؟

އަދިވެސް އެކަލޭގެފާނު ވިދާޅުވިކަމަށް އައިސްފައިވެއެވެ. "ޒަކާތް ނުދޭ މީހެއްގެ ފަހަތުގައި ތިޔަބައިމީހުން ނަމާދު ނުކުރާހުށިކަމެވެ. އަދި އަޖުރު ދިނުމަށް ޝަރުޠު ކުރާ މީހެއްގެ ފަހަތުގައި ވެސް ނަމާދު ނުކުރާށެވެ. ޝަރުޠު ކުރުމަކާއި ނުލާ އެއްޗެއް ދިނުމަކުން މައްސަލައެއް ނެތެވެ". (އަލްމުޣްނީ ގެ 2/9). އިބްނު ނުޖައިމް-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "ވަކި ޢަދަދެއް ދިނުމަށް ޝަރުޠު ނުކުރާކަމަށްވެފައި، މިސްކިތުގެ އަހުލުވެރިން އޭނާގެ ޙާޖަތުދެނެގެން ދޭ އެއްޗަކަށް އޭނާ ރުހެނީ ކަމަށްވަނީނަމަ މައްސަލަ އެއް ނެތެވެ". (އަލްބަޙްރުއް ރާއިގް 1/268).

ތިންވަނަކަމަކީ: އިސްވެދިޔަވާހަކަތަކުން ދޭހަވާ ގޮތުގައި އިމާމަކު ސަރުކާރުން މުސާރަނެގުން، ނުވަތަ މީސްތަކުން ދޭ ހަދިޔާގައި ހިފުމަކީ އެއީ އޭނާގެ އިމާމަތަށް އެއްވެސް އަޘަރެއް ކުރާނެ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ޖަރަޙަ ކުރުން ހުއްދަވާ ވަރުގެ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެއީ އެއްވެސް މަޖްބޫރުކަމެއްނެތި އޭނާ ނަގާ އެއްޗަކަށްވީތީއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އިމާމު މީހާ އަކީ ފަގީރަކަށް ނުވިނަމަވެސް މުސާރަނެގުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. އަދި ޝަރުޠު ކޮށްގެން ހޯދިނަމަވެސް މައްސަލައެއް ނެތެވެ. މިއީ މާލިކީ، ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ބައެއް ފިގްހުވެރިން ދެކިލައްވާ ގޮތެވެ. (ޢާދިލް ޝާހީން ގެ އަޚްޛުލްމާލި ޢަލާ އަޢްމާލިލް ގުރްބި ގެ 1/206-220 ބައްލަވާ). ކަންއޮތީ މިހެންކަމަށްވީ އިރު، މިފަދަ އިޖްތިހާދީ މައްސަލަތަކުގައި ތިމާގެ ރައުޔާއި ޚިލާފުވާމީހާ އާއި ދެކޮޅުހެދުމެއް ނެތެވެ. އަދި އެފަދަ މީހުންގެ މައްޗަށް އިންކާރު ކުރުމެއްވެސް ނެތެވެ. އެއީ ދަލީލުގެ ގޮތުން ބޮޑަށް ރަގަޅުކަމަށް އެމީހުންނަށް ގަބޫލުކުރެވޭ ގޮތެވެ. އެހެންކަމުން މިފަދަ ކަންތަކުގައި އެމީހުންގެ މައްޗަށް ޢައިބުބަސް ނުބުނުން ހުއްޓެވެ". ހަތަރުވަނަ ކަމަކީ: އިމާމާގެ މަގްޞަދަކީ ފައިސާހޯދުންތޯ ނުވަތަ ނޫންތޯ، މިފަދަ ކަންތައް ބެލުމަކީ އަޅުގަޑުމެންގެ މައްޗަށް ލާޒިމް ވެގެންވާ ކަންތަކެއް ނޫނެވެ. އެފަދަ ކަންތަކަކީ ﷲ އަށް ވަކީލުކޮށްލައިގެން ދޫކޮށްލަން ޖެހޭކަންތަކެވެ. އަދި މުޢާމަލާތު ކުރަން ޖެހޭނީ ބޭރުފުށަށެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މީސްތަކުންގެ ހިތް ދެފަޅިކޮށް، ބަނޑުފެޅުމަކަށް ތިމަން ކަލޭގެފާނަކަށް އަމުރުވެވިގެންނެއް ނުވެއެވެ".

އެމީހުންގެ ހިތުގައިވާ އެއްޗެއް އަޅުގަޑުމެންނަށް އެގުނު ކަމުގައިވީނަމަވެސް، އެކަމަކުން އަޅުގަޑުމެންގެ ނަމާދަކަށް-އިންޝާ ﷲ- އަޘަރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އޭނާގެ ނިޔަތް ގޯސްވުމުން އޭގެ އަދަބު އޮތީ އެމީހަކަށެވެ. އަދި އެކަމުގެ ސަބަބުން ޖަމާޢަތުގައި ނަމާދު ކުރުން މަނަލެއްވެސް ނުކުރެއެވެ. އަދި ތަގްވާގެ ގޮތުން މަތިވެރި ރަގަޅު އެހެން އިމާމަކު ފެނިއްޖެނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ކުރާނީއެވެ. އެފަދަ އިމާމަކު ނުފެނިއްޖެނަމަވެސް ޖަމާޢަތް ދޫކޮށްލުމަކީ ހުއްދަވެގެންވާ ގޮތެއް ނޫނެވެ. ސުންނަތުގައި ވާ ގޮތަކީ ރަގަޅު އެހެން އިމާމަކު ނެތްކަމަށްވަނީނަމަ، ހުކުރުނަމާދާއި ޖަމާޢަތުގައި ކުރެވޭނަމާދުތައް އިމާމުމީހާ ފާފަ އަކަށް އަރައިގަތުމުގެ ސަބަބުން ދޫކޮށް ނުލުމެވެ. އިމާމް ޠަޙާވީ އެކަލޭގެފާނުގެ "ޢާގީދާ" ގައި ލިޔުއްވާފައިވެއެވެ. "ގިބްލައިގެ އަހްލުވެރިއެއްނަމަ، ފާޖިރެއް ނަމަވެސް، އަދި ޞާލިޙް މީހެއް ނަމަވެސް، އެމީހެއްގެ ފަހަތުގައި ނަމާދު ކުރެވޭނެއެވެ. އަދި އެމީހުންގެ ތެރެއިން މަރުވާ މީހުންގެ މައްޗަށް ކަށުނަމާދުވެސް ކުރެވޭނެއެވެ". ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ބިދްޢަވެރި ފާޖިރު އިމާމެއްގެ ނުލަފާކަން މަނާކުރުމަށްޓަކައި އޭނާގެ ފަހަތުގައި ނަމާދު ކުރުމަށް ވުރެ ބޮޑު ނުބައިކަމަކަށް އަރައިގަންން ޖެހެނީނަމަ، އެގޮތެއް ހުއްދަ އެއް ނުވާނެއެވެ. އަދިކިއެއްތަ، ހުކުރުނަމާދާއި، ޢީދުނަމާދު އަދި މިނޫންވެސް ޖަމާޢަތުގައި ކުރެވޭ ނަމާދު ތައް އެނޫންމީހެއްގެ ފަހަތުގައި ކުރެވެން ނެތްނަމަ އެފަދަ އިމާމެއްގެ ފަހަތުގައި ކުރަންވާނެއެވެ. އެހެންކަމުން މުޚްތާރު ބިން އަބީ ޢުބައިދުއްޘަގަފީ އާއި ޙައްޖާޖު ބިން ޔޫސުފް ގެ ފަހަތުގައި ޞަޙާބީން ހުކުރުނަމާދާއި އެނޫންވެސް ޖަމާޢަތުގެ ނަމާދުތައް ކުރެއްވިއެވެ. ފާޖިރު އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމަށް ވުރެ ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ގެއްލުވާލުމުގެ ގެއްލުން މާބޮޑެވެ. ޚާއްޞަ ގޮތެއްގައި އެމީހުންގެ ފަހަތުގައި ނަމާދު ކުރުން ދޫކޮށްލުމުގެ ސަބަބުން އެމީހުން އިޞްލާޙު ވާނެ ކަމުގެ މަގެއް ފެންނަން ނެތް ނަމަ އެވެ. އެހެންކަމުން ޝަރްޢީ މަޞްލަޙަތެއް ގެއްލުވާލެވެނީ އެއްވެސް ނުބައިމަގެއް ދުރުކުރުމެއްނެތިއެވެ. އެހެންކަމުން ޖަމާޢަތަށް ނުދާމީހުން ސަލަފުންގެ ތެރޭގައި ބަލާ އުޅެނީ ބިދްޢަވެރިންގެ ތެރޭގައެވެ. ޞާލިޙް ރަގަޅު އިމާމެއްގެ ފަހަތުގައި ނަމާދު ކުރެވެނީ ނަމަ، ފާޖިރެއްގެ ފަހަތުގައި ކުރުމަށްވުރެ އައުލާ ކަން ބޮޑެވެ". (މަޖްމޫޢުލް ފަތާވާ 23/343).

އެހެންކަމުން އަޅުގަޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ މާތް ﷲ އެކަލާންގެ ނަންފުޅު މަތިވެރިކުރެވި، އަދި، އެނަންފުޅު ގެނެވުމަށް އިރާދަ ކުރައްވައި، އަމުރު ދެއްވައިފައިވާ ގެތަށް ކަމުގައިވާ މިސްކިތަށް ޖަމާޢަތަށް ދިޔުމަށް ނަޞޭޙަތްތެރި ވުމެވެ. އަދ މުސްލިމުންނާއި އެކު މިސްކިތަށް ގޮސް، ޖަމާޢަތުގައި ބައިވެރިވެ، މުސްލިމުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް މަސައްކަތްކޮށް، އެކަކު އަނެކަކުގެ ނެތިނުބައި ކިޔުމާއި، ނުބައިހީތަށް ހީކުރުމާއި، ބައިބައިވުމުން ދުރުހެލިވުމެވެ. والله أعلم. ދެންއޮތީ ވަކި މަޛްހަބަކަށް ނަމާދު ކުރާތީވެ ޖަމާޢަތަށް ނުދަނީއްޔޭ ބުނާވާހަކަ ތަކަށް ރައްދު ދިނުމެވެ. މިކަމާއި ގުޅޭގޮތުން ވެސް ޢިލްމުވެރިންނާއި ކުރެވިފައިވާ ސުވާލަކާއި އޭގެ ޖަވާބު ނަގްލު ކޮށްލާނަމެވެ. وبالله التوفيق. މި ފަތްވާގެ އަޞްލު ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ. http://www.islamqa.com/ar/ref/103339/ ލިޔުން ނެގިފައިވަނީ ރާއްޖެއިސްލާމުން. ފޮޓޯ: ދާއޫދު ، ސުޕެއިން


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page