top of page
Featured Posts
Aruoxam

މާލެ ޝިރުކުގެ ހާއްޔެއް


WEDNESDAY, MARCH 23, 2011

ޅޮހީ


ވަރަށް ފަހުން މާލޭގައި ބަންގުލަދޭޝް މީހަކު ބަލިވިއެވެ. އޭނާ ތަނެއްގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށްޓަކައި އޭނާ ގޮވައިގެން ދިޔައީ ދިވެއްސެކެވެ. ޑޮކްޓަރަށް ދެއްކީމާ ބަންގުލަދޭޝް މީހާގެ ހިތެއް ހަމައެއްނުޖެހުނެވެ. އޭނާ "ޝަރީފުއްދީން" ގެ ގާތަށް ގެންދާށޭ ބުންޏެވެ. ގިނައިރުތަކެއް ނުވެ ފެނުނީ ދިވެހި މީހާ އޭނާ ގެންގޮސް މުލީއާގެ ކައިރީގައި ހުންނަ މެދުޒިޔާރަތްދޮށަށް ކައިރިކޮށްލިތަނެވެ. ބަންގުލަދޭޝް މެދުޒިޔާރަތް ކުރިމައްޗަށް ރޮއިގެންފައި ވެއްޓިގަތެވެ. ހޭރިގަތެވެ. ހޭރިހޭރިފައި ޒިޔާރަތަށް ދުޢާކުރަން ފެށިއެވެ. އޭނާ ބުނާގޮތުން ބަލި ރަނގަޅުވާނީ އޭރުންނެވެ. މި މަންޒަރު ބަލަން އެ ހިސާބުގައި މީހުންތައް ޖަމާވުމުގެ ސަބަބުން ޓުރެފިކު ބާރުބޮޑުވި ކަމަށްވެސް ވެއެވެ.

ކޮންމެއަކަސް އެރޭ ރިހުން މަޑުވީމާ އޭނާ ހުރިހާ ޝުކުރެއް އަދާކުރީ އޭނާ ބުނާގޮތުން ޝަރީފުއްދީނަށެވެ. ނަމަވެސް އޭނާ ޑޮކްޓަރަށް ދައްކާފައި "ޝަރީފުއްދީނު" ގާތަށް ދިޔުމުގެ ކުރިން ދިޔައީ ބޭސްކައިގެންނެވެ. މިއީ ހަމައެކަނި ބަންގުލަދޭޝް މީހުންގެ ހާލަތެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ހާލަތު ހުރީއަކީ ވަކި ސަހަލުކޮށެއްނޫނެވެ. ބައެއް ފަހަރަށް ހުވަފެނެއް ފެންނަ އިރަށް ފާލުބަލާ މީހުންގެ ގާތަށް ދާ މީހުންނާއި އަދި ބޮލުގައި ރިހިލާ އަދި ކުޑަކަމެއްވެލާ އިރަށް ތަވީދުއަޅައި މަތުރަން ދާ މީހުން މި ފުރަ މާލޭގައި ވަރަށްވެސް ގިނައެވެ. ދެން އޮތީ މިޒަމާނުގެ ޒަމާނީ މީޑިޔާއާއި އަދި ސޯސަލް ވެބްސައިޓުތަކެވެ. މި ސައިޓުތަކުގައި ރީތި އާ ނަންނަމުގައި ފާލުބެލުމާއި ތަރިތަކަށް ބެލުމުގެ ފާޑު ފާޑުގެ ޕުރޮގްރާމުތައް ކުރިޔަށް ގެންދެއެވެ. އެގޮތުން އެންމެ ގިނަ ޒުވާނުން ވެއްޓިފައިވާ މަޅިއަކީ ހޮރޮސްކޯޕުގެ ނަމުގައި މުސްތަޤުބަލު ބަޔާންކޮށްދޭ ޕުރޮގުރާމްތަކެވެ. މެގަޒިންތަކާއި ފޭސްބުކާއި އަދިވެސް އެނޫން ވަސީލަތްތަކަކީ މިކަމުގެ މަގުތަކެވެ. އަދި ހަމައެޔާއެކު އަޅުގަނޑުމެންނަށް ވަރަށްފަހުން އިވުނީ ރާއްޖޭގެ ޘަޤާފަތް ދިރުވަންވެގެން ޒިޔާރަތެއް އަޅަން އުޅޭ ކަމުގެ ޚަބަރުތަކާއި އަދި މާލޭގައި މީހުން ޒިޔާރަތްކުރުން ހުއްޓިފައިވާ ޒިޔާރަތްތަކަށް މީހުން ޒިޔާރަތް ކުރުމަށްޓަކައި ހުޅުވާލައި ޒިޔާރަތްތައް އަތްފޯރާ ފަށަށް ގެންނަން އުޅޭ ކަމުގެ ޚަބަރުތަކެވެ. އަދި މިޔާއެކު މީގެ ކުރިންވަނީ އަލިރަސްގެފާނުގެ ޒިޔާރަތް ޕާކެއްހެން ހަދައި މީހުން ޒިޔާރަތްކުރާ ޕާކަކަށް ހަދައިފައެވެ. އަދި އެންމެ ފަހުން ނިޔާވި ރާއްޖޭގެ ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ މަހަނާއިގައިވެސް ކަނޑާނަގައި ބުސްތާނެއް ވަނީ ހަދައިފައެވެ. އަދި ރާއްޖޭގައި ހުރި ޒިޔާރަތްތައް އާސާރީތަކެތީގެ ނަމުގައި ދަނީ ދިރުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އާދަކާދަ ދިރުވުމުގެ ނަމުގައި ޒިޔާރަތެއް ހެދުމުގެ ހުއްދަ އަމިއްލަ ޖަމިއްޔާއަކަށް ސަރުކާރުން ދިނުމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިލިޔުން ވިދާޅުވެލައްވާ މިކަންކަމާއިމެދު ވިސްނާލީމާ އެނގޭ އެއްޗަކީ ދިވެހިރާއްޖޭގެ މައި ވެރިރަށް ޝިރުކުތަކުގެ މައި ހާއްޔަކަށްވެފައިވާ މިންވަރެވެ. ދީނުގައި މަނާ ކުރެވިފައިވާ ކަންކަން ދިރުވަން ބަޔަކު މަސައްކަތްކުރަމުންދާ މިންވަރެވެ. މިއީ ބިރުވެތިވާން ޖެހޭ ކަމެކެވެ. ދިވެހި ދައުލަތަކީ ﷲ ފިޔަވައި ހައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމަށް ބުނަމުން އަންނަތާ މިހާރު ސާސްކަފެއް ފުރުމަށް ގާތްވެފައިވާ ދައުލަތަކަށް ވާ ހިނދު، މި ކަލިމައާއި ފުށުއަރާ މިފަދަ އަމަލުތައް ގިނަވުމަކީ ބިރުވެތިވާންޖެހޭ ކަމެކެވެ. ދިވެހި ދައުލަތަށް މިކަލިމައާއި ފުށުއަރާ އަމަލުތައް ހުއްޓުވުމަކީ ކޮންމެހެންވެސް ބޭނުންޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ ޒުވާނުންނާއި ދީނަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއް މިކަމާއި ހޭލުންތެރި ކުރުވައި މިފަދަ ބިދުޢަތަކަށް، ވަރަށް ގަދައަށް އިސްލާމްދީނުގައި މަނާކުރެވިފައިވާ ކަމަކަށް އަރައިގަތަ ނުދިނުމަކީ އަޅުގަނޑުމެން ދިވެހި މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ތައުޙީދުގެ މަތިވެރިކަލިމަފުޅު ކަމަށްވާ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް އޮންނަ ކަލިމައާއި ފުށުއަރާ އަމަލުތައް މި ދީބުން ފުހެލަން އެބަޖެހެއެވެ. ދިވެހި ފަސްގަނޑުގައި ދިވެހި ދިދަ އެބައެއްގެ ގޮތުގައި ތިބި ދިވެހިންގެ މައްޗަށް މިހާ ދުވަހު ވިހުރުވަދިން ސަބަބަކީ މިކަލިމައެވެ. މިކަލިމަ ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެކެވެ. މިކަލިމަ އަށް އިޙުތިރާމް ނުކުރާ ދިވެއްސަކަށް މިޤައުމު ބޭނުމެއް ނުވެއެވެ. މިއީ ދިވެހިންގެ ބިންގަލެވެ. ދިވެހި ގައުމުގެ ބިންގަލެވެ. ދިވެހިން އެކަލިމައަކަށްޓަކައި އެކަލިމަ ހިމާޔަތް ކުރުމަށްޓަކައި ލޭ އޮހޮރުވާލި ކަލިމައެވެ. ވީމާ ސިޙުރާއި އަދި ފަންޑިތަ ހެދުމާއި ޒިޔާރަތްތަކަށް ނަދުރުބުނެ ދުޢާކޮށް ހެދުން ފަދަ ކަންތައްތަކަކީ އިސްލާމްކަން ނަފީކުރާ، ތިމާއަށް ނޭންގިހުއްޓާ ތިމާގެ ޢަމަލުތައް ބާތިލުވެގެން ހިނގައިދާނެ އަމަލުތަކެކެވެ. މިއީ މިމަތިވެރިވެގެންވާ ކަލިމަ ނަފީކުރާ ކަންތައްތަކެވެ. މިއީ ﷲ ތަބާރަކަ ވަތަޢާލާއާއި ޝަރީކުކުރުމެވެ. އަޅުގަނޑުމެން ﷲ ތަބަރާކަ ވަތަޢާލާއާއި ބައްދަލުކުރަން ބޭނުންވާ ނަމަ ހެޔޮޢަމަލުކޮށް ޝަރީކު ކުރުމުން އެއްކިބާވާން ޖެހެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴿١١٠﴾ މާނައީ: ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ ފަހެ ޞާލިހު ޢަމަލުކުރާށެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްފަރާތަކާއި ޝަރީކު ނުކުރާށެވެ. ނިމުނީ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page