މަންމަން ފަޞާހާތްތެރިޔާގެ އަޖައިބުކުރަނިވި ދަރުސް 2ވަނަބައި
އަރުޒަމް ބުލޮގް
ލޮލަށް ނުފެންނަ އަދި ބީރު މަންމަން ޒުވާނާކަމަށްވާ ފައިޒުގެ ދަރުސް ބަލަންތިބި މީހުންނަށް އަސަރު ކުރިލެއް ބޮޑު ކަމުން އެތައްބަޔަކު ރޮމުން ދިޔައެވެ. އަދި ހަމައެޔާއެކު ލޮލަށް ނުފެންނަ ބީރު މަންމަން ޒުވާނާ ދަރުސް ދޭން ފެއްޓިއެވެ. ނިކަން ވިސްނާށެވެ. ލޮލަށް ނުފެންނަ އަދި އަޑުނުއިވޭ މިޒުވާނާއަކަށް މަންމަން ބަހުރުވައެއް ނޭންގެއެވެ. މިޒުވާނާ ދަރުސް ދޭން ފެށީ އަބޫ ޢަބްދުﷲ ގެ ގައިގައި އަތްލައިގެންނެވެ.
ފައިޒުގެ އަތުގައި އަބޫ ޢަބްދުﷲ އަތްލުމުން ފައިޒު ބުނަން ބޭނުންވާ އެއްޗެއް ދަސްވެފައިވާ ގޮތަށް އަބޫ ޢަބްދުﷲއަށް ކިޔައިދެއެވެ. ކިޔައި ދިނުމުން އަބޫ ޢަބްދުﷲއަށް އެބުނާ އެއްޗެއް ދޭހަވުމުން ބަލަންތިބި މީހުންނަށް ބުނެދޭން ފެށިއެވެ. ބައެއް ފަހަރު ފައިޒު އެބުނާ އެއްޗެއް ދޭހަކުރުމަށް 15 މިނިޓަށްވުރެ ގިނައިރުވާ ފަހަރުވެސް ދިޔައެވެ.
ފައިޒު ބުނެދިނުމުން އަބޫ އަބްދުﷲ ކިޔައިދެމުންދެއެވެ. އަދި ނިމުމާއެކު އަނެއްކާވެސް އަބޫ އަބްދުﷲ ފައިޒުގެ އަތުގައި ކޮއްޓާލައެވެ. މި އާދަޔާ ޙިލާފު އިޝާރާތް ބަހުރުވައިގެ ސަބަބުން ބަލަންތިބި މީހުންތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭންގިފައެވެ. ފައިޒު ދިޔައީ ބަލަންތިބި މީހުންނަށް ތައުބާވުމަށް ހިތްވަރު ދެމުންނެވެ. އަދި އެކަމަށް ނަޞީހަތް ދެމުންނެވެ. އަދި ފައިޒު އޭނާގެ ކަންފަތުގައި ހިފުމަށްފަހު، އަދި ދުލުގައި އަތްލުމަށްފަހު އަދި އެޔަށްފަހު ދެލޮލުގައި އަތް އެޅިއެވެ. ބަލަންތިބި މީހުންނަށް އެބުނާ އެއްޗެއް އަބޫ އަބްދުﷲ ދިޔައީ އޮޅުން ފިލުވައި ދެމުންނެވެ.
" ފައިޒު ނަޞީޙަތްތެރިވަމުން އެދަނީ ތިޔަބައިމީހުންގެ ލޮލާއި އަދި ކަންފަތްތަކުންނާއި އަދި ދުލުން ކުރަމުންދާ ފާފަތަކަށް ނުވެއްޓުމަށެވެ. " ބަލަންތިބި މީހުންނަށް މި މަންޒަރު ފެނުމުން އެއްބަޔަކު ރޮމުން ދިޔައިރު އަނެއްބަޔަކު " ސުބުހާނަﷲ " އޭ ކިޔަމުން ދިޔައެވެ. އަދި އެންމެންވެސް ކަނުލާ މިމަންޒަރު ބަލަން ވަރަށް ސަމާލުވެ ތިއްބެވެ.
މި ލޮލަށް ނުފެންނަ ބީރު އަދި ވާހަކަ ނުދެއްކޭ ޒުވާނާ ދިޔައީ އޭނާއަށް ލިބިފައިވާ ހިއްސުތަކުގެ ބޭނުންކޮށްގެން މި ދީނުގެ ހަނގުރާމަވެރިއެއް ފަދައިން މީސްތަކުންނަށް އިސްލާމްދީނަށް ރުޖޫޢަވުމަށް ގޮވާލަމުންނެވެ. ނަމަވެސް އަޅުގަނޑުމެން ޙިއްސުތައް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންގެ އިސްލާމްކަން ކޮބައިތޯއެވެ؟ އީމާންކަން ކޮބައިތޯއެވެ؟ އެ ޒުވާނާގެ ޙިއްސުތަކުގެ މަދުކަމާއި އެކުވެސް އެދަނީ ދީނަށް ދައުވަތު ދެމުންނެވެ. ނަމަވެސް ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް ދީނަށް ކޮއްދެވުނީ ކޮން ޚިދުމަތެއްތޯ ނިކަން އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާއި ސުވާލުކޮށް ބަލާށެވެ. ފައިޒުގެ ހަރަކާތްތައް ދިޔައީ މަޑުމަޑުން އަދިވެސް ކުރިޔަށެވެ. އެ ބަހުރުވައިން ބުނަމުންދިޔައެވެ. " ތިޔަބައިމީހުން ނަމާދުތައް ދޫކުރަމުން ނަމާދުތައް އަޅަމުންދާނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟
ޙަރާމްތަކެއްޗަށް ބެލުން ހުއްޓާލާނީ ފަހެ ކޮންދުވަހަކުން ހެއްޔެވެ؟
ފާފަތަކަށް އަރައިގަތުމުގައި ކިހާ ދުވަހެއް ހޭދަކުރާނަން ހެއްޔެވެ؟
އަދި ޙަރާމްތަކެތި ބޭނުންކުރުމުގައި ކިހާ ދުވަހަކު ހުންނާނަމުހެއްޔެވެ؟
ޝިރުކުގެ ޢަމަލުތަކުގެ ތެރޭގައި ކިހާ ދުވަހަކު ހުންނާނަމުހެއްޔެވެ؟
ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ކިހާ ވަގުތެއް ވަންދެންހެއްޔެވެ؟
އަހަރެމެންނާއި ދެކޮޅަށް އަހަރެމެންގެ ދުޝްމަނުން ހަނގުރާމަ އިއުލާން ކުރަމުންދާ ދިޔުން ނުފެނޭ ހެއްޔެވެ؟
އަހަރެމެންނާއި ދެކޮޅަށް ދުޝްމަނުން ކުރަމުންދާ ހަނގުރާމައިގައި އެބައިމީހުންނަށް އެއްބާރުލުން ދެމުން ފާފަތަކުގެ ތެރޭގައި ތިޔަތިބެނީ ފަހެ ކީއްވެފައި ހެއްޔެވެ؟ " ލޮލަށް ނުފެންނަ އަޑުނީވޭ އަދި ވާހަކަ ނުދެއްކޭ މިޒުނާގެ މޫނަށް ބުނެދެމުން ދާ ވާހަކަތަކާއެކު އަސަރުތައް އަރާ ފައިބަމުން ދިޔައެވެ. އަޑުއަހަންތިބެ ބަލަންތިބި މީހުންނަށް ކުރި އަސަރުގެ ސަބަބުން އެންމެން ރޮމުންދިޔައެވެ. މިސްކިތްތެރޭގައި ރުއިމުގެ އަޑު ގުގުމާލާފައި ހުއްޓެވެ. ފައިޒުގެ ދަރުސް ނިމިއްޖެއެވެ. އަދި ދަރުސް ނިމުމަށްފަހު އެންމެންނާއި ސަލާމް ކުރަމުން އެދަނީ އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތިއެވެ. މުއްސަންޖެއް ފަޤީރެއް ދޮނެއްކަޅެއް ނެތިއެވެ. އަޅުގަނޑުމެންނަކީ މިފަދަ ބަޔެއްކަމުގައި ވާނެނަމައެވެ. ހިއްސުތައް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް މިއުޅެނީ މިކަންކަން ޙާސިލުނުކުރެވިގެންނެވެ.
މިހުރިހާ ޙިއްސުތަކެއް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް ކަމެއްވާ އިރަށް އުއްމީދުކަނޑާލައި ދަންޖެހި މިފަދަ ކަންކަން ކުރަމުންދަނީއެވެ. އަޅުގަނޑުމެންނަށް ދުނިޔޭގެ ޙަޤީޤަތްތަކާއި އެކު މަތީގައި ބަޔާންވި ދެ ޒުވާނުން ފަދައިން އުޅެން ދަސްވެއްޖެނަމަ އުފަލުގައި އުޅުމަކީ ދަތިކަމެއްނޫނެވެ. ދިމާވާ ދަތިތަކާއި އެކުވެސް އުޅެން ދަސްކުރުމަކީ ޙަޤީޤީ ކާމިޔާބެވެ. މަތީގައިވާ ޙާދިޘާއިން ލިބިގަންނަން ވީ އިބުރަތަކީ އެއީއެވެ. އަދި ޙިއްސުތައް ސަލާމަތުން ހުރުމާއެކު އަޅުގަނޑުމެންނަށް ތެދުމަގު ހޯދުމަށް އުޒުރުތަކެއް ނެތެވެ. ޙިއްސުތައް ނެތްމީހުން އެކަންކަން ޙާސިލުކުރަމުންދާއިރު އަޅުގަނޑުމެންނަށް އެކަން ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ އެއީ އަޅުގަނޑުމެންގެ މައްޗަށް ހުރި ޙުއްޖަތްތަކެއްކަން ދަނެގަނެ މާތްﷲއަށް ތަޢުބާވެ ހެޔޮގޮތުގައި ނިމިގެންދާ އަދި އާޚިރަތުގައި ކާމިޔާބު ލިބިގެންވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން ނިމުނީ އަސްލު: ޝައިޚު މުޙައްމަދު އަރީފީ ލިޔުއްވާފައިވާ " އެންޖޯއީ ޔުއަރ ލައިފު" އެފޮތުން ނަގާފައިވާ ޙާދިޘާއެއް އަމިއްލަ އިބާރާތުން ލިޔެވިފައި ފުރަތަމަބައި ވިދާޅުވެލައްވާ