ފައިވާން ކިބަ
މިސްކިތުން ނުކުމެ ދެކޮޅު ހޯދާލީމެވެ. އަރަން ގެންގުޅުނު ފައިވާނުގެ ހިލަމެއް ނުވެގެންނެވެ. އަޖައިބެކެވެ. މިހާރު ޖެހުނު ތާނގައި ލަކުނުވެސް ނެތެވެ. ވައްކަން ކުރާކުދީންވެސް ހާދަހައިވާ މޮޅީއެވެ. ހަމަ އެތިބެނީ އެކުދީން ހާސިލުކުރަން ބޭނުންވާ އެއްޗެއް އަތުލައި ގަންނާނެ މޮޅު ގޮތެއް ރާވާލަ ރާވާލައެވެ. އެއްފަހަރު ދަށުން ދަމާލިއްޔާ އަނެއްފަހަރު މަތިން ދަމައިގަންނާނެއެވެ. މިއީއަކީ ގައިމު ނުއުމާން ވަ މަރިޔަމުގައި ދިވެހިރާއްޖެ އަހަރުތަކެއް ފަހުން އޮންނާނެ ގޮތް ކަމަށް ސަލާހުއްދީން ލިޔުއްވާފައވާ ސިފަތަކެއްނޫނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟
ހިތުން ޝަކުވާ ކުރީމެވެ. އެހެނެއްކަމަކު ކުރެވޭނެ ކަމެއްނެތެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ވައްކަންކުރާ ކުދީންވެސް ވަނީ އާ ހަރުފަތްތަކަކަށް އެކުދިންގެ "ހުނަރު"ތައް ފުޅާ ކޮށް އުސްކޮށްފައެެވެ. މިސްކިތުގެ ދޮރުމަތީގައި ހުރެފައި ހުސް ދެފައިތިލައަށް ބަލާލީމެވެ. ފައިވާނާ ނުލައި އެއީ އަހަރެންގެ ދެފައިތިލަ ކަމަށް ގަބޫލުކުރާ ހިތެއްނުވެއެވެ. އެހެން ނޫނަސް ފައިވާން ނެތުމުން ފަޔަށް އެލިބޭ ފަޅުކަން ބަޔާން ކުރާނީވެސް ކޮންފަދައަކުންތޯއެވެ. އެއީ ފައިތިލައިގެ ފޭރާމެވެ. ފައިތިލައަށް ރައްކާތެރިކަންދީ ހިމާޔަތްކޮށްދޭ މަދަދުގާރެވެ. ކޮންމެ ދުވަހަކުވެސް އިންސާނާގެ ހަޔާތުގައި ފައިވާން ފައިތިލައާއިއެކު ހޭދަކުރާ ވަގުތުކޮޅަކީ އަޖައިބެއްކަހަލަ ވަގުތުކޮޅެކެވެ. ބައެއް ފަހަރަށް ފައިތިލައިން ވަކިނުވާންވެގެން އަޒުމު ކަނޑައަޅައިގެން އިންނަ ކަހަލައެވެ. އަނެއްބައި ފަހަރަށް ދެފައިތިލަ ދޫކޮށްލާފައި މާދުރަށްވެސް ގޮސްފާނެއެވެ. ބަޔާންކުރެވުނު ދެ އިހުސާސް ދެބަވެފައި ހުރެވުނީ ކިހާއިރަކު ކަމެއްނޭނގެ އެވެ. އެހެންވީއަކީ އަރަން ގެންގުޅުނު ފައިވާނަކީ ބަޣުދާދު މޮޅު ފައިވާނަކަށް ވީމައެއް ނޫނެވެ، ނުވަތަ އިހުގެ ރަސްކަލަކު އަރުއްވާން ގެންގުޅުއްވި މަރުވަޅިއަކަށް ވީމައެއްވެސް ނޫނެވެ، އަރާން ގެންގުޅުނު އާދައިގެ ކަންފަތިވެފައިވާ ފައިވާނަށް ޖެހިފައި އޮތް ލޯތްބެއްގެ ސަބަބުންނެވެ. ލޯތްބަކީވެސް އާދަޔާ ހިލާފު އެއްޗެކެވެ. ލޯބި އެކިފަހަރު ވެވެނީ އެކިގޮތަށެވެ. ތިމާއެއްޗެއް ހޯދާން އުޅޭ އުޅުމަށްވެސް ލޯތްބޭ ކިޔައެވެ. ނުވަތަ އެއްޗެއްގެ މައްޗަށް ލެނބޭ ލެނބުމަށްވެސް ލޯތްބޭ ކިޔައެވެ. ދެން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރުމަށްވެސް ބައެއްމީހުން ލޯތްބޭ ކިޔާއުޅެއެވެ. މިބާވަތުގެ ލޯތްބަށް ކިޔާންވީ ގެރި ލޯބި ކަމަށް ފެނެއެވެ. އެހެނެއްކަމަކު މިފަހަރު ތަފާތެވެ. ފައިވާނާމެދުގައި އަޅުގަނޑުގެ ހިތްވަނީ ހަމަ ޚަލާސްވެފައެވެ. ހިތްއޮތީ ސާފު ލެނބުމަކުން ސާފު ލޯތްބަކުން ލެނބި ހުސްވެފައެވެ. ހަމަ ފައިވާނާ މެދުގައި ވެވޭ ހަމްދަރުދީއެވެ. މެންދުރު އަނބުރަނީއެވެ. ބަނޑުގައި ޖަހާލާ ހައި ކަމުގެ ޓަކި ފަހަރަކަށްވުރެ ފަހަރެއް ގަދަ ވަމުން ބާރުވަމުން ދިޔައެވެ. ސިކުނޑި ބުނާ ކަހަލައެވެ. " ބަލަ. ތިޔަހެން ތިތާ އެއްޗެއް ނުކައި ކޮޅަށް ހުރީމާ ފައިވާނެއް ލިބޭނެ ހެއްޔެވެ؟" ފައިވާނުގެ އިހުސާސުގެ މައްޗަށް ބަނޑުގެ ނުފޫޒު ގަދަކޮށްލައިފިއެވެ. ދެފަޔަށް ބުނާ ކަހަަލައެވެ. ބަނޑަށް އެއްޗެއްނުލާ ހުރުމުން ހަމަ ގެއްލުން ލިބޭނީ ހަމަ ތިޔަ ދެފަޔަށެވެ. ސިކުނޑިއާއި ހިސާބުން އުފެދުނު ހަމަ ނުޖެހުން ނިމުނީ ދެފައިތިލައާއި ހިސާބުންނެވެ. ދެފައިތިލައިން ކުރިޔަށް ފިޔަވަޅު އަޅަން ފަށައިފީމެވެ. މެންދުރުގެ ގަދަ ހޫނުކަން ލިބިފައިވާ މުށިތަޅަން މަތީގައި ހުރި ދެފައިތިލައިން ދުވެލި ބާރު ކޮށްލައިފީމެވެ. ފައިވާން ނެތުމުން ލިބުނު ފަޅުކަން އަނެއްކާވެސް އިހުސާސް ކުރެވޭން ފަށައިފިއެވެ. މަތީގައި ހުރި އިރު ފާޑަކަށް ލޯއަޅާފައި އިންސާނުންނަކީ ހާދަ ސުކުރު ނުކުރާ ބަޔެކޭ ބުނާކަހަލައެވެ. ހަމަ ހޫނުވާން ފެށުމުން ފައިވާނުގެ މަތީން ކުއްލިއަކަށް ހަނދާންވީމައެވެ. ކޮންމެއަކަސް ޖަވާހިރެއްގެ އަގު އެނގޭނީ އެއެއްޗެއް ގެއްލުމުންނޭ ބުނަނީ ހަމަ ހެޔޮކޮށެވެ. ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުންގޮސް ދާންބޭނުންވާ ގެޔަށް ދެވިއްޖެއެވެ. ދެފައިތިލަ ހުރީ ނުތާހިރުވުފައެވެ. އަވަހަށް ދެފައިތިލަ ތާހިރުކޮށްލައިފީމެވެ. ކައިގެން އަނެއްކާވެސް ގެންގުޅުނު އަނެއް ފައިވާން ފެނޭތޯ ބަލަން ފަށައިފީމެވެ. ފައިވާން ހަރު ބަލާ ނިމުނުއިރު އަތުގައި އޮތީ އެންމެ ކިބަޔެކެވެ. އަނެއްކިބަ ވަނީ ކޮންތާކަށް ބާވައެވެ. ހޯދާން އުޅުން ފައިވާން ދޫކޮށްލައިފީމެވެ. ދެން އެހެންފައިވާނެއް ހޯދާނީ ބޭރަށް ދާންވީމައޭ ހިތަށް އަރާފައެވެ. އެހެން ނޫނަސް ބޫޓު ހަރުގަނޑާ ދިމާއިން އެތައްބޫޓެއް އެތިބެނީ "މަށަށް މަށަށް" ގޮވާލަ ގޮވާލައެވެ. ހާސްވާނެ ކަމެއްނެތްތާއެވެ. ނަމަވެސް ކުއްލިއަކަށް ދުނިޔޭގެ ދިރުއުުޅުމާއި އާޚިރަތުގެ ދިރުމުގެ ވާހަކަތަކާ ބެހޭ ގޮތުން ޓީވީއާއި ދިމާއިން އަންނަ ވާހަކަތަކެއް ކަންފަތުގައި ޖެހި ސިހުންގެނުވައިފިއެވެ. އިވެމުން އެދަނީ ހާދަހާ ބޮޑު ހަގީގަތެކޭ އަޅުގަނޑުގެ ހިތަށް އަރަމުން ދިޔައެވެ. އިވެމުން ދިޔައީ މި އަޑުތަކެވެ. އިންސާނާއާއި އެންމެގާތުގައި ވަނީ ފައިވާނުގެ ވަދު ނޫން ކަމެވެ. ފައިވާން ގެއްލިގެން އާ ކަމަޅި މަތީ ފައިވާނެއް ގަތްކަމުގައިވިޔަސް އާދިރިއުޅުމެއް އަލުން ދުނިޔެމަތިން ނުލިބޭނެކަމެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫންކަމާއި ހެއްދެވި ފަރާތަށް ދައްކާން ހުށައެޅޭން އޮންނާނީ ކުރި ހެޔޮ އަމަލެއްކަމެވެ. ދުނިޔޭގެ މިގިނަ ނިއުމަތްތަކަށް ޝުކުރުނުކުރާ ކަމުގައިވާނަމަ ނަރަކައިގެ އަލިފާނުގެ ހޫނު އަޒާބު ލިބިދާނެކަމެވެ.
އެވަގުތު ގެއްލުނު ފައިވާނާމެދުގައި ހިތުގައި އުފެދުނު ޝުއޫރުތަށް ފަނޑުވެއްޖެއެވެ. ހެއްދެވި މަތިވެރި އިލާހުގެ ފަރާތުން ލިބިދާނެ އަޒާބަކަށް ބިރުވެތިވެ ހެޔޮހިތުން ތައުބާ ވެއްޖައީމެވެ. ދެއަތް މައްޗަށް އުފުލާ ނަރަކައިން ލިބިދާނެ އަޒާބަކުން ސަލާމަތް ކުރެއްވުން އެދި ކަރުނައަޅައި ހޭރިޔާ ކުރަން ފަށައިފީމެވެ. ދެންމެ އެއިވުނު ފަދައިން ނަރަަކައިގެ ބައެއް މީހުންނަށް ދެއްވޭ އެންމެ ކުޑަ އަޒާބުންވެސް ސަލާމަތް ކޮށްދެއްވާތޯ ދުއާކުރީމެވެ.
އެހެނީ އެއީ ނަރަކައިގެ އަލިފާނުން ހެއްދެވިފައިވާ އަލިފާނުގެ ދެފައިވާން ކިބައެވެ. ނިމުނީ