top of page
Featured Posts
Aruoxam

ލަވައާއި އަދި މިޔުޒިކު.....(3)



އަބޫ ކިނާނާ


ލަވަކިޔުމަކީ ޙަރާމްކަމެއްކަމުގެ މައްޗަށް ބައެއް އިލުމްވެރިންގެ ފަތުވާ ޝައިޙުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަހިމަހުﷲ ގެ ބަޔާން ޝައިޙުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެލައްވައެވެ. ޝައިތާނާގެ ކަންތައްތަކުގެ ތެރެއިން (އިންސާނާއަށް) އެންމެބޮޑަށް އަސަރުކުރާ ކަންތައްތަކުގެ ތެރޭގައި ލަވައާއި ބޭކާރު ކުޅިވަރުފަދަ އެއްޗެތީގެ އަޑުއެހުން ހިމެނެއެވެ. އަސްލު ޙަޤީޤަތުގައި އެއީ މުޝްރިކުންގެ ކަމެކެވެ. ޔަޢުނީ އެފަދަ އެއްޗެހި އަޑުއަހާނަމަ އެހިނގެނީ މުޝްރިކުންގެ މަގުންނެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ ބައިތުﷲގައި ޔައުނީ ﷲގެ ގެކޮޅުގައި އެމީހުންގެ ނަމާދު ތުނބުން ފުމުމާއި އަތްތިލަބަޑިޖެހުން ކަމުގައި މެނުވީ ނުވެއެވެ. ( ސޫރަތުލް އަންފާލު 35) އިބުނު ޢައްބާސްއާއި އިބުނު ޢުމަރާއި އަދި އަޞްޙާބު ބޭކަލުން ވިދާޅުވެލައްވަނީ " ތަޞްދިޔާ" ގެ މާނައަކީ އަތްތިލަބަޑިޖެހުން ކަމުގައެވެ. އަދި " މުކާއު" ގެ މާނައަކީ ތުނބުން ފުމުން ކަމުގައެވެ. މުޝްރިކުންވަނީ އެއީ ޢިބާދާތު ( އަޅުކަމެއްކަމުގައި) ހަމަޖައްސާފައެވެ. ވާހަކައަކީ އެއީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އާއި އަދި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނާއި ހަމައަށް (ނުވަތަ އެޒަމާނާއި ޖެހެންދެން) އަޅުކަން ކުރަމުން ގެންދިޔަ ގޮތެވެ. އެހެން ނަމަވެސް ﷲ ސުބުޙާނަހޫ ވަތައާލާ އެމީހުންނަށް އަންގަވާފައިވަނީ ނަމާދުކުރުމަށާއި ޤުރުއާން ކިޔެވުމަށާއި ﷲގެމަތިން ހަނދުމަކޮށް ޛިކުރުކުރުމަށެވެ. ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައާއި އަދި އެކަލޭގެފާނުގެ ސަޙާބީން ލަވައަޑުއެހުމަކަށް ސަމާލުކަމެއްނުދެއްވައެވެ. އަދި އަތުން އަތްތިލަބަޑި ޖަހާ "ދަފު" ތާރަޖަހައެއްވެސް ނަހައްދަވައެވެ. އެޔަށްފަހު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ލަވައަޑުއެހުމާއި ބެހޭގޮތުން ވިދާޅުވެލައްވަނީ ލަވައަޑުއެހުމުން އޭނާގެ ރޫޙާނީ ބާރު ( ޔަޢުނީ ޤުރުއާން ކިޔެވުމުން ލިބޭ ފޮނިކަން) ޤުރުއާން އަޑުއަހާ ވަޤުތު މަރުވެ (އަސަރު) ކެނޑިގެންދެއެވެ. އަދި ޝައިތާނާގެ އޮނުފުމޭ އަޑުއިވޭ ހިނދު ހިނދު ވަރުގަދަވެ (ޖޯޝު) އާދެއެވެ. އެހެންވެގެން ލަވައަޑުއަހާ މީހުން ރޭގަނޑު އެތައްއިރެއްވަންދެން ނެށުމުގައި ހޭދަކުރެއެވެ. އެހެން ނަމަވެސް ނަމާދުވަގުތު އަތުވެއްޖެނަމަ ނަމާދުކުރަނީ އިށީނދެ އިނދެގެންނެވެ. އެހެންނޫނީ ކުކުޅު ހޮވާކާ ފަދައިންނެވެ. ( އެބަހީ ވަރަށް އަވަސް އަވަހަށެވެ) ޤުރުއާން އަޑުއެހުމަކީ ބޮޑުކަމަށްވެ އެޔަށް ފަރުވާލެއް ނުބަހައްޓައެވެ. އަދި އެޔަށް އެއްވެސް ހައިސިއްޔަތެއް ނުބަހައްޓައެވެ. އަދި ޤުރުއާންއަށް އެއްވެސް ލޯތްބެއްނުކުރެއެވެ. އަދި އެއަށް ޝައުޤުވެރިކަން ނުދިނުމުގެ ސަބަބުން އެބައިމީހުންނަށް އެއިން އެއްވެސް ފޮނިކަމެއް ނުލިބެއެވެ. އަދި އޭނާ ލޯބިކުރަނީ އަތްތިލަބަޑި ޖެހުމާއި ތުނބުން ފުމުންފަދަ އަޑުތައް އެހުމަށެވެ. އެވަގުތު ވައްތަރު ވައްތަރުގެ ހަރަކާތްތައް އާދެއެވެ. އެހުރިހާ ހަރަކާތްތަކަކީ އަސްލު ޙަޤީޤަތުގައި ޝައިތާނާގެ ކަންތައްތައްތަކެވެ. އަދި އެފަދަ މީހުންވަނީ ﷲ ސުބުޙާނަހޫ ވަތައާލާގެ މިބަސްފުޅަށް ފެތިގެންނެވެ. މާނައީ: رحمنވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطانއެއް ފާކުރައްވާހުށީމެވެ. ފަހެ، شيطانއާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ. "الزخرف: ٣٦ އިމާމް އިބުނު ޤައްޔިމުގެ ބަޔާން އިމާމް އިބުނު ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެލައްވައެވެ. ﷲ ސުބުޙާނަހޫ ވަތައާލާގެ ދުޝްމަނުންގެ ކިބައިގައި ޢިލްމުއާއި ވިސްނުން އަދި ދީނުގެ ކަންތައްތައް ކުޑަކޮށް އެނގިފައިވާ މީހުން ދަމާ ބަނދެލާ މަކަރާ އަދި ފުށަށް ލަންބާލުމުގެ ކަންތައްތައް ވަރަށްގިނައެވެ. އަދި އެއްޗެއްގެ ޒަރީޢާއިން ޖާހިލުންނާއި ބާތިލު ގޮތްތަކުގައި ވާމީހުންގެ ހިތްތަކަށް ސަވާރުވެއެވެ. އޭގެތެރެއިންވާ އެއްމަކަރަކީ ތުނބުން ފުމުމާއި އަތްތިލަބަޑި ޖެހުމާއި ޙަރާމްލަވަތައް އަޑުއެހުމެވެ. އޭގެ ސަބަބުން ޤުރުއާން އަޑުއެހުމުން ދުރުވެއެވެ. އަދި ނުބައިވެގެންވާ ފާފަތަކުގައި ދެވިހިފަންފަށައެވެ. ލަވަޔަކީ އަސްލު ޙަޤީޤަތުގައި ސައިތާނާގެ ބަހެވެ. ވާހަކައެވެ. އާނއެކެވެ. ރަޙުމަތްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އަޅާއި ދެމެދު ވާ ފަރުދާއެކެވެ. ލަވަޔަކީ އެއްޖިންސުގެ ޢަމަލާއި، ޒިނޭކުރުމަށް މަގުހުޅުވައިދޭ ކަމެކެވެ. އޭގެ ސަބަބުން ފާފަވެރި ލޯބިވެރިޔާ އޭނާގެ ލޯބިވެރިޔާގެ ކިބައިން އޭނާގެ އެދުން ފުރިހަމަކުރެއެވެ. ( ޔަޢުނީ ޒިނޭކުރެއެވެ) އޭގެ ޒަރިއްޔާއިން ޝައިތާނާ ބާތިލު އަހުލުވެރިންގެ ނަފުސުތަކަށް ވެރިވެގަނެއެވެ. އަދދި ޝައިތާނާގެ މަކަރާއި ހީލަތުން އޭނާއަށް އެކަން ޒީނަތްތެރިކޮށް ދައްކުވައެވެ. އަދި އެއީ އެންމެ ރަނގަޅުގޮތްކަމުގައި ހިތަށް ވައްދައެވެ. ޝައިތާނާގެ ބަހަށް ހެއްލި ޤުރުއާން ފުރަގަހަށް އެއްލައެވެ. އެމީހުން ފޯރީގައި ލަވައަޑުއަހަމުން ދާއިރު ނިކަން ތިޔަބޭފުޅުން ބައްލަވާށެވެ. ( އެމީހުން ވަނީ އޭގެތެރެއަށް ވަދެހުސްވެފައެވެ. އެމީހުންގެ އަޑުތަށްވަނީ ކޮންޓުރޯލުން ނައްޓާފައެވެ. އިތުރު ހަރަކާތްތަކުން ވަނީ ހުއްޓިފައެވެ. އޭނާއަށްވަނީ އެފަދަ އަޑުތައް އެހުމުގެ ލޯބިޖެހި ޖޯޝުއުފެދިފައެވެ. އަދި އެހާލުގައި މަސްތުވެފައިވާ މީހަކު އޭނާގެ ހަރަކާތްތަކުގެ ތެރޭގައި އަންހެނުންނާއި އަންހެން ދުޅައިގެ މީހުން ނަށަމުންގެންދާ ފަދައިން އަތުން ފައިން ވައްތަރުޖައްސަމުން ނަށަމުން ނަށަމުން ގެންދެއެވެ. ޖެއްސޭ ވައްތަރެއްވެސް ނޭންގެއެވެ. އެހެންނުވާނީ ކީއްވެގެންހެއްޔެވެ؟ ލަވައިން މުޅި އިންސާނާގެ މުޅި ހަށިގަނޑަށް އަސަރުކުރުވައެވެ. ލަވަކިޔުމުން ރާބުއިމުން ކުރާ އަސަރަށްވުރެ މާވަރުގަދަ އަސަރެއް އޭނާއަށް ކުރެއެވެ. ޝައިތާނާގެ ހިތްތަށް އެތަނުގައި ވަނީ ހުޅުވިގެންނެވެ. އަދި މުދާ ﷲ ސުބުޙާނަހޫ ވަތައާލާއަށް އުރެދުމަށްޓަކައި ހޭދަކުރެއެވެ. ދުނިޔޭގެ ދިރިއުޅުން އުފަލުގައި ހޭދަކުރާ މީހުންނަކީ އެއީ ހެއްޔެވެ. އަދި ބޭކާރު ތާކުންތާކު ނުޖެހޭ ކުޅިވަރުތައް ދީންކަމުގައި ހަދަނީ ހެއްޔެވެ. އެމީހުން ޤުރުއާން އަޑުއެހުމަށްވުރެ ޝައިތާނާގެ އޮނުފުމުމުގެ އަޑު އެހުމަށް މާލޯބިކުރެއެވެ. އެމީހުންނަށް ޤުރުއާން ފެށުނީއްސުރެ ނިމެންދެން އަޑުއެހިއަސް އެއްވެސް އަސަރެއްނުކުރެއެވެ. އަދި އޭނާވަނީ ނިދިޖެހިގެންވާ ހާލުގައެވެ. އެހާލުގައިވެސް ޝައިތާނާގެ (ރޮކު) މިޔުޒިކުގެ އަޑު ޖެހުމާއެކު ހިތާލޯ ހުޅުވިގެންދެއެވެ. އަދި އޭނާއަށް ކެތްނުކުރެވިގެން ގޮސް ފެންކަޅިވެގެންދެއެވެ. އަދި ވަޖިދުވެގެންގޮސް އަތުން ފައިން ހަރަކާތްކުރަން ފަށައެވެ. އަދި ފޯރީގައި އަތްތިލަބަޑި ޖަހަން ފަށައެވެ. އަދި ވަޖިދުވެގެން ގޮސް ނަށަން ފަށައެވެ. އޭނާގެ ނޭވާ ކުރުވެ އަވަސްވެއެވެ. އަދި އޭނާ ހުންނަނީ ގަހުގައެވެ. އޭ ފިތުނައިގެ ތެރެއަށް ގެނބިގެންވާ މީހުންނޭވެ. ﷲގެމަގު ދޫކޮށް ޝައިތާނާގެ މަގު ގަންނަ މީހުންނޭވެ. އޭ އާވާރާ ވެފައިވާ މީހުންނޭވެ. ޤުރުއާނުގެ އަޑުއަހަމުން ދާއިރު ކަލެއަށް އެއިން އަސަރުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޤުރުއާއިން ކިޔަވަމުން ދާއިރު ޝައުޤުވެރިކަމާއި ކެކިގެން ނާރަނީ ކީއްވެގެންހެއްޔެވެ؟ އަސްލު ޙަޤީޤަތުގައި ކޮންމެ މީހަކުވެސް ލެނބެނީ އެމީހެއްގެ ހިތްއެދޭ ކަންތަކާ ދިމާއަށެވެ. އަދި އެމީހާގެ ނަފުސުގެ މައްޗަށެވެ. ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފުތީ ސަމާޙަތުއް ޝައިޙު ބިން ބާޒުގެ ފަތުވާ ސުވާލު ކުރައްވާ ބޭފުޅާ ވިދާޅުވިއެވެ. ލަވައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެ ޙަރާމްހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟ އަދި ހާމަކޮށްދެމެވެ. އަހަރެން ލަވައަޑުއަހަނީ ހިތަށް އަރާމު ދިނުމަށެވެ. ގިޓާ ޖެހުމާއި އަދި ކުރީގެ މުސްކުޅި ލަވަ އަޑުއެހުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދިވެސް ދަންނަވަމެވެ. ކައިވެނި ޕާރޓީތަކުގައި ތަބުލާފަދަ އެއްޗެހި ޖެހުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޖަވާބު: ޝައިޚު އަބްދުލް އަޒީޒް ބުން ބާޒު އިސްވެދެންނެވި ސުވާލުގެ ޖަވާބުގައި ވިދާޅުވެލައްވަނީ ލަވައަޑުއެހުމަކީ ޙަރާމްކަމެކެވެ. އަދި ވަރަށް ނުބައި ކަމެކެވެ. އަދި އެއީ ހިތްތަކުގެ ބައްޔެކެވެ. އޭގެ ވަރުގަދަ ކަމަކީ މީސްތަކުން ﷲ ގެ މަތިން ހަނދާން ކުރުމުންނާއި ނަމާދުކުރުމުން ދުރުކުރެއެވެ. އިސްވެ ގޮސްފައިވާ ޢިލްމުގެ އަހުލުވެރި ބޭކަލުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު " وَ مِنَ النَاسِ مَن يثترِى لَهُوَ الحَدِيثِ " (ލުޢުމާނު ސޫރަތުގެ 6 ވަނަ އާޔަތުން) ގެ ތަފުސީރުކުރައްވަނީ މިދަންނަވާ ގޮތަށެވެ. " لَهُوَ الحَدِيث ގެ މުރާދަކީ ލަވަކަމުގައެވެ. ލަވަޔާއި މިޔުޒިކު ހުރިކަމުގައި ވަންޏާ " މިސާލަކަށް އޮނުފުމުން ވައިލިން، ބޮންގޯ ފަދަ އެއްޗެހި އިސްތިޢުމާލު ކޮށްފައިވާނަމަ އޭގެ ޙަރާމްކަން އެތައް ގުނައަކަށް ބޮޑުވެގެން ދެއެވެ. ޢިލްމުވެރިންގެ ބައެއް ބޭކަލުން އިއްތިފާޤުވެލައްވާފައިވަނީ ލަވަޖެހުމަށް ބޭނުންކުރާ ސާމާނު ( މިޔުޒިކު އިންސުޓްރޫމެންޓު) ބޭނުންކޮށްގެން ލަވަކިޔުމަކީ ޙަރާމް ކަމެކެވެ. އެހެންވެ އެއިން ކޮންމެހެން ދުރުވެ ރައްކާތެރިވާން ޖެހެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ ބައެއްމީހުން ޒިނޭކުރުމާއި ފަށުވިފޭރާން ލުމާއި މަޢާޒިފް ( ލަވަކިޔުމަށް ބޭނުންކުރާ ސާމާނު ) ޙަލާލުކުރާނެއެވެ. ނިކަން ވިސްނަވާށެވެ. ކައިވެނި ހެޔޮވާ އަންހެނުންގެ އަޑަކީވެސް ފިތުނައެކެވެ. ކައިވެނީގެ ޕާރޓީތަކުގައި ދަފު ( ތާރަޔާއެކީ) ސާދާ މަދަހަ ކިޔުމުގެ ހުއްދަ އެބައޮތެވެ. އެވަގުތުގައިވެސް މަޖަލުގައި ތާރަޖަހާ މަދަހަ ކިއުމުގައިވެސް ވިސްނަންޖެހޭނެއެވެ. އަދި ގޭގެ އަންހެންވެރިންގެ އަޑު ކައިވެނި ހެޔޮވާ ފިރިހެނުންގެ ކަންފަތްތަކަށް ފޯރައިގެންނުވާނެއެވެ. އާދެ މިހުރިހާ ވަޢީދު އަށްފަހުވެސް މިއަދުގެ ވަރަށްގިނަ މުސްލިމުން ލަވަކިޔުމާއި އަޑުއެހުން ޙަލާލުކަމެއް ކަމުގައި ދެކެމުން ދެއެވެ. ( އަހަރެންގެ ހިޔާލުގައި) އެކަން ކުރަމުން ގެންދަނީ ޖަހާލަތުގެ ސަބަބުންނެވެ. ނުވަތަ ނުބައި ނުފަލާކަމުންނެވެ. ޙާއްޞަކޮށް ﷲ ސުބުހާނަހޫ ވަތައާލާއަށް އަހަރެމެންނަކީ ހެޔޮ ރަނގަޅު ވާހަކަތަށް އަޑުއަހާ އެއަށް ތަބާވެ ޢަމަލުކުރާ ޞާލިޙު އަޅުންގެ ތެރޭގައި ލެއްވުމުގެ ތަޢުފީޤުދެއްވުށެވެ. އާމީން އަދި ހިދާޔަތުގެ އަހުލުވެރިންނަކީ އެއީއެވެ. އަދި ބުއްދިވެރިންނަކީވެސް އެބައިމީހުންނެވެ. އަދިގިނަގިނައިން ޤުރުއާން ކިޔަވާ ﷲ އަށް ގިނަގިނައިން ޤުރުއާން ކިޔަވާ ﷲއަށް ގިނަގިނައިން ޛިކުރު ކުރުމަށް ތިޔަބޭފުޅާއަށާއި މީސްތަކުންނަށް ވަސިއްޔަތްކުރަމެވެ. އެދެކަންތައްތަކަކީ ވަރަށް ފައިދާ ބޮޑު ލަވަޔާއި މިޔުޒިކު އަޑުއެހުމުން ދުރުވުމަށްޓަކައި ރިވެތިވެގެންވާ ގޮތެކެވެ. އަދި ކިއެއްހެއްޔެވެ؟ ކައިވެނީގެ ވަގުތުގައި ތާރަޖަހާ ސާދާ މަދަހަކިޔުމުގެ ހުއްދަ އޮތްކަމުގައިވިޔަސް އޭގައި އެއްވެސް ޙަރާމްކަމަކަށް ދަޢުވަތުދީ އަދ ޙައްޤުވެގެން ނުވާވަރަށް ތަޢުރީފުކުރެވިފައި އޮވެގެން ނުވާނެއެވެ. އަދި އެކަންކުރަންވާނީވެސް ރޭގަނޑުގެ ވަޤުތުގައި ޙާއްޞަކޮށް އަންހެނުންނަށެވެ. އޭގެ މަޤުޞަދަކަށް ވާންވާނީ ކައިވެނި އިޢުލާންކުރުމެވެ. އަދި ޞަޙީޙް ޙަދީޘް ފުޅުގައި އައިސްފައިވާ ފަދައިން ކައިވެންޏާއި ޙަރާމް ޒިނޭއާއި ދެމެދު ފަރަޤުކުރުމަށެވެ. އެކަމަކު ތަބުލާ ޑުރަމްސެޓު ބޮންގޯ އަދި ބެރުފަދަ އެއްޗެތި އިސްތިޢުމާލު ކޮށްފިނަމަ ކައިވެނީގެ ވަޤުތުގައި އަދި ކީއްކުރަން އެހެން ވަޤުތެއްގައިވެސް ނުޖެހޭނެއެވެ. އަދި ކިއެއް ހެއްޔެވެ؟ ހަމައެކަނި ތާރަޖެހުމާއި ހަމައިން ފުއްދާލާށެވެ. އެއީވެސް ފިރިހެނުންނެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ހަމައެކަނި އަންހެނުންނަށް އެކަންކުރެވިދާނެއެވެ." މި ލިޔުމުގެ އެއްވަނަ ބައި އަދި ދެވަނަ ބައި ވިދާޅުވެލައްވާ

(އިބުނު ބާޒުގެ ފަތުވާ ނިމުނީ)


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page