top of page
Featured Posts
@zauja saaliha

..⛔️ އިބްރާހީމް (ޢަލައިހިއްސަލާމް) ގެ ގެ.



⛔️ އިބްރާހީމް (ޢަލައިހިއްސަލާމް) ގެ ގެ.

"އިބްރާހީމްގެ ގެ" މި ނަމުގައި އެމިރޭޓްގެ ސާމިރީ (މުޙައްމަދު ބިން ޒާއިދު) ފަށާފައިވާ މަޝްރޫޢަކީ މާދަމާގެ މުސްލިމް ޖީލަށް ހުރި ކިހާވަރެއްގެ ނުރައްކާތެރިކަމެއްކަން އެނގޭތޯއެވެ. މިނުބައި ކަލޭގެ ބޭނުންވަނީ ނަބިއްޔާ ﷺ ގެ މާތް ޞަޙާބީންގެ ލޭ އޮހޮރުވައި ފަތަޙަކޮށް ﷲގެ އެއްކައުވަންތަކަމަށް އެތަންތާގެ އަހުލުން ގެނުވި ބިންތަކުގައި އެއިލާހު ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމެވެ. އަދި މުސްލިމް ބިންތަކުގައި ޝިރުކަށް މަގުކޮށުމަށް ޑުބާއީ އަކީ ލާމަސީލު ނަމޫނާއަކަށް ވުމެވެ. އެބައިމީހުން ބުނާގޮތުންނަމަ އެއީ ހުރިހާ އިންސާނުންވެސް އެކުވެރިމުޖުތަމަޢެއްގައި އުޅުމެވެ.


ފަހެ މިބައިމީހުން ﷲ އާއި ، އެއިލާހުގެ ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީންނަށްވުރެ މީސްތަކުންގެ މައްޗަށް އޯގާތެރިވެގެން ވަނީހެއްޔެވެ؟ ނުވަތަ އިންސާނިއްޔަތުގެ ނަމުގައި ފަރުދާގެ ފުރަގަހުން އެހެން މަޤްޞަދެއް ފޮރުވިފައި ވޭބާއެވެ.


"އިބްރާހީމް" މިނަން ޚިޔާރުކުރީ ކީއްވެކަން އެނގޭހެއްޔެވެ؟ އެއީ ޔަހޫދީންނާއި ނަޞޯރާއިން އެބައިމީހުން ބުނާގޮތުގައި "އިބްރާހީމްގެ ފާނު" ވަނީ އެބައިމީހުންގެ ތެރެއިންނެވެ. އެބަހީ އެބައިމީހުންގެ ދީނުގެ މަތީގައެވެ. ހަމައެހެންމެ މުސްލިމުންގެ ޢަޤީދާގައި ވަނީ އިބްރާހީމްގެާނަކީ ތައުޙީދުގެ ބައްޕައެވެ.އަދި އެކަލޭގެފާނުވަނީ މުސްލިމުންގެ ތެރެއިންކަމުގައެވެ. ހަމައެހެންމެ ޤުރުއާނުގައިވެސް ވަނީ މިފަދައިންނެވެ.

یَـٰۤأَهۡلَ ٱلۡكِتَـٰبِ لِمَ تُحَاۤجُّونَ فِیۤ إِبۡرَ ٰ⁠هِیمَ وَمَاۤ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِیلُ إِلَّا مِنۢ بَعۡدِهِۦۤۚ أَفَلَا تَعۡقِلُونَ ۝

އޭ ފޮތުގެ أهل ވެރިންނޭވެ! إبراهيم ގެފާނަށް ފަހުގައި މެނުވީ، توراة އާއި، إنجيل ބާވައިލައްވާފައި ނުވާއިރު، إبراهيم ގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟(65 آلعمران)

ނަމަވެސް އެބައިމީހުން އަނެއްކާވެސް މި ޖަދަލު އަލުންފެށީއެވެ. އެހެނީ ބަނޫއިސްރާއީލުގެ ސުލާލަތު ފެށިފައިވަނީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ ކިބައިންނެވެ. އެހެނަސް ﷲގެ ޙަޟްރަތުގައި އެއިލާހުގެ އައުލިޔާއިންގުޅެނީ ޙަސަބާއި ނަސަބަކުންނޫނެވެ.އެހެނަސް އީމާނާއި ތައުޙީދުންނެވެ. މިނޫން މީޒާނެއް މިކަން ފަރަޤުކުރުމަކަށް ނުވެއެވެ.

مَا كَانَ إِبۡرَ ٰ⁠هِیمُ یَهُودِیࣰّا وَلَا نَصۡرَانِیࣰّا وَلَـٰكِن كَانَ حَنِیفࣰا مُّسۡلِمࣰا وَمَا كَانَ مِنَ ٱلۡمُشۡرِكِینَ ۝

يهودى އެއް ކަމުގައިވެސް އަދި، نصرانى އެއް ކަމުގައިވެސް إبراهيم ގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ باطل މަގުން އެއްކިބާވެ، حق دين އަށް تبع ވެގެންވާ مسلم އަކު ކަމުގައެވެ. އަދި، شريك ކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. (67 آلعمران)

މިއާޔަތުގައި ވަރަށް ސާފުކޮށް ﷲ ތަޢާލާ މިވަނީ ބަޔާންކުރައްވާފައެވެ. އިބްރާހީމުގެފާނު ޔަހޫދީއަކު ކަމުގައިވެސް އަދި ނަޞޯރާއަކު ކަމުގައިވެސް ނުވާކަމެވެ.އެހެނަސް އެކަލޭގެފާނު ވަނީ މުސްލިމުންގެ ތެރެއިންކަމުގައެވެ.

ކަންމިހެން ހުރިއިރު އެމިރޭޓް އަދި ސައުދިޢަރަބިއްޔާގައި މިއަދު ފެންނަމުން މިދަނީ އެހެންކަހަލަ މަންޒަރުތަކެކެވެ. އިސްލާމްދީން އެވޭލާ ބޯދާއެއް ޗަކަށް މިޤައުމުތަކުގެ ވެރިންނަށް ވެއްޖެއެވެ. މުސްލިމްގެ ލެޔާ ފުރާނަޔަށްވުރެ ޔަހޫދީންގެ ފައިވާންކިބަ މިބައިމީހުނަށް މާ އަގުބޮޑުވެއްޖެއެވެ. ނަމަވެސް ޔަހޫދީންނާއި ނަޞޯރާއިން މުސްލިމުންނާ މެދު ދެކެނީ އެބައިމިހުންގެ އެންމެބޮޑު ޢަދުއްވުންގެ ގޮތުގައެވެ.

ހަމަ އެހެންމެ އޭގެން ކޮންމެބަޔަކުވެސް އަނެއްބަޔަކު ކާފަރުކޮށް އަރައިރުންވެއެވެ.

وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ (البقرة 113)

يهودى ން ބުނެފޫއެވެ. نصارى އިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި نصارى އިން ބުނެފޫއެވެ. يهودى ން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އެހެންކަމުން އެބައިމީހުންގެ އެ ޢަދާވަތްތެރިކަމަކީ ޢަޤިދާގެ ޢަދާވާތްތެރިކަމެކެވެ. އަބަދަށް ދެމިއޮންނާނެ އެއްޗެކެވެ.ހަމައެހެންމެ ތައުޙީދުގެ ބައްޕަ އިބުރާހީމްގެފާނާއި ޚުލްޤުފުޅުގައިވެސް އަދި ޚަލްޤު (ހަށިގަނޑުގެ ސިފަ)ވެސް އެންމެ ވައްތަރުވެގެންވަނީ އަހަރެމެންގެ ލޮބުވެތި މާތްނަބިއްޔާއާއެވެ.

إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَ ٰ⁠هِیمَ لَلَّذِینَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِیُّ وَٱلَّذِینَ ءَامَنُوا۟ۗ وَٱللَّهُ وَلِیُّ ٱلۡمُؤۡمِنِینَ

ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيم ގެފާނަށް (نسبة ވުމުގައި) އެންމެ أولى ކަން ބޮޑީ، އެކަލޭގެފާނަށް تبع ވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمد ގެފާނަށް)އިމާންވި މީހުންނެވެ.(68 آلعمران)


ހަމަ އެހެންމެ 2019 ވަނައަހަރުގެ އޭޕްރީލް މަހުގައި ޔޫ.އޭ.އީ (އެމިރޭޓު) ގައި ރަސްމީކޮށްހުޅުވިގެންދިޔަ ބުދުފައްޅިއަކީ އެންމެ ބޮޑެތި ބުދުފައްޅިތަކުގެ ތެރޭގައި ގުނާލެވޭ އެއްތަނެވެ. އެތާނގޭ ބޮޑުމިނުގައި 20,000 (ވިހިހާސް) އަކަމީޓަރު ހުރެއެވެ. މިހާރު ބިނާކުރަން ފަށާފައިވާ "އިބްރާހީމްގެ ގެ" މި ބިނާއަކީ 2022 އަށް ހުޅުވަން ހަމަޖެހިފައިވާ ތަނެކެވެ. އެއްފަރާތުގައި މިސްކިތެކެވެ. އެތަން ވަނީ ކަޢުބާއާއި ދިމާލަށެވެ. އިރުމައްޗާ ވީ ދިމާލުން ކްރިސްޓިއަނުންގެ ޗާޗެވެ. އަދި ވާތްފަރާތުން ޔަހޫދީންގެ މަޢުބަދެވެ. އެތަންވަނީ ފަލަސްޠީނުގެ އަލް އަޤްޞާ އާއި ދިމާލަށެވެ. އަދި މިތަންތަނުގައި މި 3 ދީނުގެ މީހުންއައިސް އަޅުކަންކުރަންވީއެވެ. ނަމަވެސް މުސްލިމުން ފިޔަވައި ދެންތިބި ދެބަޔަކީވެސް ޝިރުކުކޮށްފައިވާ މީހުނެވެ. އެހެންކަމުން މިތާނގައި ޙާސިލްކުރަން މިއުޅެނީ ކޮންއެއްޗެއްތޯއެވެ. އެއީ މުސްލިމުންވެސް އެބައިމީހުންގެ އެ ޝިރުކަށް އިޤުރާރުވެ އެޔަށް ރުހުމެވެ. އޭރުން މުސްލިމުންގެ ޝަހާދަތުގައިވާ ﷲ އަށް އެއްވެސް ބައިވެރިޔަކު ޝަރިީކަކު ނުވާކަމަށް ހެކިވާހެކިވުން އެފަދަ މީހާގެ ކިބައިން ނިގުޅައި ގަނެވި ޝިރުކުގެ ތެރެޔަށް އެފަދަމީހާވެސް ވެއްޓެނީއެވެ. ސުވާލަކީ މިއަދު ޢަރަބި ޤައުމުތަކުގައި އިންތިހާއަށް އިސްލާމްދީން ނެތިކޮށްލުމަށް މިކުރާ މަސައްކަތުގެ ޙަޤީޤީ މަޤުޞަދަކީ ކޮބައިތޯއެވެ. މިއީ ކޮންބައެއްގެ މަންފާއަކަށް ކުރާކަމެއްތޯއެވެ. މިއަދު ޙަޤީޤަތުގަވެސް ތައުޙީދުގެ އުޅައްތައް މިބައިމީހުންގެ އަތްތަކުން އުފުރާ ހުސްކޮށްފިއެވެ.އަދި ތައުޙީދު ގަޑުބަޑުކުރަން އެބައިމިހުންގެ މުޅި ރަސްކަމާއި މާލު ހޭދަކޮށްފިއެވެ. އެހެނަސް މިދީނުގެ ނޫރަކީ ނިވޭނެއެއްޗެއް ނޫނެވެ.


އެހެންކަމުން އިސްލާމްދީނަށް ކުޑަވެސް ލޯތްބެއް ހުރިކަމަށް ބުނާ ކޮންމެ މީހަކަށް ، ކޮންމެ މުސްލިމް މަންމައަކާއި ބައްޕައަކަށް ބުނެލަމެވެ. ތިޔަބޭފުޅުން ވަޒީފާއާއި ވިޔަފާރި އަދި ދުނިޔަވީކަންކަމުގައި މަޝްޣޫލުވުން އެއީ ތިޔަބޭފުޅުންގެ ދީނާއި އަދި ތިޔަބޭފުޅުންގެ ދަރީންގެ ތަރުބިއްޔަތާއި މެދު ޣާފިލުކުރުވަނިވި ކަމެއްކަމުގައި ނުހަދާށެވެ. ތިޔަބޭފުޅުންގެ ދަރީންގެ މުސްތަޤްބަލް އަނދިރިކޮށް އެކުދިންނަކީ ޝައިޠާނާގެ އޅުންތަކަކަށް ހެދުމަށް ބަޔަކުމީހުން ރެޔާއިދުވާލު ކެނޑިނޭޅި ބުރަމަސައްކަތްތަކެއް ކުރަމުންދެއެވެ.


ދުނިޔެއަށް ލޯހުޅުވާށެވެ. ކަންކަން ހިނގަމުން މިދާ ގޮތާމެދު ވިސްނާފިކުރު ކުރާށެވެ. ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކަށް ދުނިޔެ އޭގެ ފެހިސިގްނަލް ދިނުން ގާތްވެއްޖެ ކަހަލައެވެ.އެހެނީ ޢަރަބި ޖަޒީރާ އަލުން ބުދަށްއަޅުކަންކުރުމަށް ރުޖޫޢަވުމަކީ އާދައިގެ ކުޑަކަމެއް ނޫނެވެ. މުސްލިމް ހުރިހާ ބިމެއްގައި މުސްލިމުންތައް އަޅުވެތި ކުރެވި އަނިޔާދެވި މުސްލިމުންގެ ލޭތައް އަގެއްނެތްގޮތުގައި އޮހޮރިގެން ދިޔުމަކީ އާދައިގެ ކުޑަކަމެއް ނޫނެވެ. މުސްލިމް ބައެއްޤައުމުތައް އިޤްތިސާދީ އެންމެއުހުގައި ފިޔަޖަހަމުންދާއިރު މުސްލިމުން ވަންނާނެ ހިޔާވައްސެއް ނެތި ، ކާނެ ކާއެއްޗެއް ނެތި ބަނޑަށް މަރުވަމުންދިޔުމަކީ ކުޑަކަމެއް ނޫނެވެ. އެހެނީ އެއީ ﷲ ގެ ޙަޟްރަތުގައި ނުހަނު ބޮޑެތި ކަންތައްތަކެވެ. ދުނިޔެ ބޮޑެތި ބަދަލުތަކަކަށް ތައްޔާރު ވެއްޖެއެވެ. ނަމަވެސް ތިބާ އެބަދަލުތަކާއި ކުރިމަތިލިމަށް ތައްޔާރު ވެއްޖެހެއްޔެވެ؟ ތިބާ އެ ފިތުނަތަކުން ސަލާމަތްވާނެ މަގެއް ކޮށައިފިން ހެއްޔެވެ؟ ތިބާ އެ ފިތުނައާއި ޝުބުހަތަކުން ނިކުންނާނެ ޢިލްމެއް ހޯދައި އުނގެނިއްޖައީމު ހެއްޔެވެ؟ ފަހެ ތިބާ ސުވާލު ކޮށްލާށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page