އޭ ﷲ ގެ އަޅާއެވެ. ފަހެ ތިބާގެ ކިބައިގައި މި ކަލިމައާއި މެދު އަމާނާތްތެރިކަމެއް ވޭހެއްޔެވެ؟
އިންސާނާ އޭނާގެ ކޮނޑު މަތީގައި އުފުލަމުންދަނީ ރަންގަނޑެއް ، ނުވަތަ ،ބޮޑު މާވަހަރެއް ، ނުވަތަ ބޮޑު ޑައިމަންޑެއް ނަމަ އޭނާ އޭތި އުފުލާނެ ގޮތް ތިބާ ތަޞައްވަރު ކޮށްލާށެވެ. އޭނާގެ ދަތުރުގައި 1000 ކިލޯމިޓަރ އަށް އެހިފައިގެން ހިނގަންޖެހުނަސް އޭނާގެ ކޮނޑުމަތިން އޭނާ އޭތި ދޫނުކުރާނެއެވެ. ވަރުބަލިވެގެން ފެންފޮދެއް ބޯލުމަށްވެސް އޭނާ އޭތި ތަނެއްގައި ނުބަހައްޓާނެއެވެ. އެހެނީ އެއީ ކިހާ އަގުބޮޑު އެއްޗެއްކަން އޭނާއަށް އެނގޭތީއެވެ. އޭނާއަށް އޭތި ހިފައިގެން ހުރެ ، ބޮވުނު ގޮތަކަށް ފެންބޮއިގެން އަނެއްކާވެސް އޭނާ ވަރުބަލިކަމާއެކުވެސް ދަތުރު ހުއްޓާނުލާ ކުރިޔަށް ހިނގައެވެ. އެހެނީ އޭނާ އެއުފުލަނީ ވަރަށްވެސް އަގުބޮޑު އެއްޗެކެވެ. ތަނެއްގައި މަޑުކޮށްފިނަމަ ފޭރޭ ބައެއްގެ ނުރައްކާވެސް ކުރިމަތި ވެދާނެތީއެވެ. އަދި އޭނާގެ ދަތުރުގެ މަގުތައް ޚިޔާރުކުރުމުގައި ، ވީހާވެސް އަމާން މަގުތަކުން ހިނގޭތޯ އޭނާ ބަލައެވެ. އެއީ މަގުފޭރޭ މީހުންގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައެވެ.
އޭ ﷲ ގެ އަޅާއެވެ. ފަހެ މިހުރިހާ ތަކެއްޗަށްވުރެ ތިބާގެ ކޮނޑުގައި އުފުލަމުން ތިދާ ((ޝަހާދަތުގެ ދެކަލިމަ)) އަގުބޮޑު ވެފައި ބަރުވެގެން ވެއެވެ.
ﷲ ތަޢާލާ އެތައް ބިލިޔަން މީހުންގެ ތެރެއިން ތިބާ ހޮއްވެވީ އެވެ. އަދި މިމަސައްކަތް ހަވާލު ކުރެއްވީއެވެ. ފަހެ ތިބާގެ މަސައްކަތަކީ މިކަލިމަ އަމާނާތް ތެރިކަމާއެކު އާޚިރަތުގެ ގޭޓާހަމައަށް އުފުލުމެވެ. އޭރުން ތިބާ ވާހުށީ އަމާނާތްތެރިންނާއެކީ ، އަމާންވެގެންވާ ޖަންނަތުގައެވެ. ނުވަތަ ތިބާ މިކަލިމައަށް ފަރުވާ ކުޑަކުރުމުން ތިބާގެ ދަތުރުމަތީގައި ތިބާއަތުން މިކަލިމަ ގެއްލެއެވެ. މަގުފޭރޭ މީހުން [ފާޙިޝް އަންހެނުން ، ޝައިޠާނުން ، ޙައްޤު ފޮރުވާ ޢިލްމުވެރިން ،ނުބައި ރައްޓެހިން] ގެ އަވާގައި ޖެހުމުންނެވެ. އެހިނދު އާޚިރަތުގެ ގޭޓާހަމަޔަށް ތިބާދަނީ ހުސްއަތާއެވެ. ޚިޔާނާތްތެރިއެއްގެ ގޮތުގައެވެ. ދެންތިބާވެސް ޚިޔާނާތްތެރިން ވަނުމަށް ކަނޑައެޅިފައިވާ ތަންކަމުގައިވާ ޖަހަންނަމައަށް ވަދެއެވެ. ފަހެ ޚިޔާނާތްތެރިންގެ ނުބައިކަމާއެވެ.
إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا (ސޫރަތުލް އަޙްޒާބު 72)