އަހަރެމެން މުސްލިމުން މިފަދަ ރިވެތި ސިފަތަކުން ޒީނަތްތެރި ވާންޖެހެއެވެ....
1️⃣ ޝެއިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ، ޞަޙީޙުލް ބުޚާރީ ޝަރަޙަކުރައްވަމުން ވިދާޅުވިއެވެ. ” ޢުމުރުން ދުވަސްވީ ބައެއްމީހުން ތިމަންމެނަށް ކިޔައިދެއްވި ގޮތުގައި ، ((އެއްފަހަރަކު މީހަކު އޭނާގެ ގޭގެ އަހުލުވެރީންނަށް (އަނބިދަރީންނަށް) ، އޭނާގެ އެއްވެސް މުދަލަކުން ޞަދަޤާތްކުރުން މަނާކުރިއެވެ. އެހެނަސް އެ ޢާއިލައަކީ ދީލަތި ޢާއިލައެއްކަމުން އެބައިމީހުންގެ ގާތަށް މީހަކު ބޭނުން ޖެހިގެން އައިސްފިނަމަ އެހީތެރިވެއެވެ.
ފަހެ އެމީހުންގެ ގާތަށް ފަޤިރަކު އައިސް ލާނެ ހެދުމެއް ދިނުމަށް އެދުމުން އެ ފަޤީރު މީހާއަށް ފޮތިގަނޑެއް ދީފިއެވެ. ދެން އެއަށްފަހު ބަނޑުހައިވެގެން ކައިއެއްޗަކަށް އެދިގެން އައި ފަޤީރަކަށް 3 ކަދުރު ދީފިއެވެ. އެންމެ 3 ކަދުރެވެ. ދެން އެއަށް ފަހުގައި މި ގޭގެ ވެރިމީހާއަށް ޤިޔާމަތްވެގެން އުޅޭތީ ހުވަފެނުގައި ފެނިއްޖެއެވެ. އަދި މީސްތަކުން ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އިރުގެ ހޫނުކަމުގައި ވަނިކޮށް ފެނުނެވެ. ފަހެ އެހިނދު ފޮތިގަނޑެއް އައިސް އޭނާގެ ބޮލާއިދިމާލުން ހިޔާކޮށްލައިފިއެވެ. އެހެނަސް އޭގައި ކުޑަ 3 އަލިފާންކޮޅު ހިފާފައި ހުއްޓެވެ. އެހިނދު 3 ކަނދުރު އައިސް އެތަން ފޫބައްދައި އެ އަލިފާންކޮޅުތައް ނިވާލައިފިއެވެ.))
2️⃣ ދން އޭނާ ، އޭނާގެ އަހުލުންގެ ގާތަށް ތެޅެމުން ފޮޅެމުން އައިސް ބުންޏެވެ. ތިމަންނާއަށް މިފަދަ މިފަދަ ގޮތަކަށް ހުވަފެނުގައި ފެނިއްޖެއެވެ. އެހިނދު އެމީހުން ފޮތިގަނޑަކާއި ، ކަދުރުއޮށުން ޞަދަޤާތްކުރި ޚަބަރު އޭނާއަށް ދިނެވެ. ފަހެ އެހިނދު އޭނާ ، އޭނާގެ އަހުލުންނަށް ބުންޏެވެ. ތިޔަބައިމީހުނަށް ވަނީ ހުއްދަ ލިބިގެންނެވެ. ތިޔަބައިމީހުން ބޭނުންވަރަކަށް ޞަދަޤާތްކުރާށެވެ. ފަހެ އެބައިމީހުން ވީ އޭނާއަށް ހެޔޮކަންކަމަށް މަގުހުޅުވައިދިން ބަޔަކަށެވެ.“
📌 އެހެންކަމުން ލޮބުވެތި މުސްލިމުންނޭވެ. އަހަރެމެން މުސްލިމުން މިފަދަ ރިވެތި ސިފަތަކުން ޒީނަތްތެރި ވާންޖެހެއެވެ. އަދި މައިންބަފައިން މިފަދަ ރިވެރި ނަމޫނާ ދަރިންނަށް ދަސްކޮށްދީ އެކުދިންގެ ކިބައިގައި އެ އާދަ އަށަގަންނުވަން އެދޭ ކަމުގައި ވާނަމަ ، އެ މައިންބަފައިންނަކީ ޙާލުގައި ޖެހިފައިވާ މީހުނަށް އަޅާލައި އެހީތެރިވެ ޞަދަޤާތްކުރާ މައިންބަފައިން ތަކަކަށް ވާންޖެހެއެވެ.
ނިކަން ދެކޭށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު މުސްލިމުންތައް ޙާލުގައި ޖެހިފައިވާ މިންވަރެވެ. ޔަމަނާއި އެފްރިކާގައި ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ބަނޑަށް މަރުވެއެވެ. ސީރިޔާގައި ޙާލުގައި ޖެހިފައި ވާމުސްލިމުންގެ އެތައްބަޔަކު ފިނިން ރައްކާތެރިވެވޭނެ ގޮތެއްނެތިގެން އެބަ މަރުވެއެވެ. މިޔަންމާ ، ކަޝްމީރު އަދި ޢިރާގާއި އަފްޣާނިސްތާން އަދި ޗައިނާއިން އަޅުވެތިކޮށް ނައްތާލުމަށް މަސައްކަތްކުރާ ތުރުކިސްތާނުގެ މުސްލިމުންގެ ޙާލަތެވެ. އަދި އަހަރެމެންގެ އެންމެ ލޯބިވާ އަދި އަހަރެމެންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދުލް އަޤްޞާއާއި ފަލަސްތީނުގެ ޙާލަތެވެ.
ފަހެ ތިބާ ، އަހަރެންނަކީ މުސްލިމެކޭ ބުނެގެން ފުއްދާ ލެވޭނެ ހެއްޔެވެ؟ މިއީ ތިބާގެވެސް އުއްމަތް ކަމުގައިވާއިރު މިއުންމަތާމެދު ތިބާގެ ޒިންމާއެއް ނުވާނެ ހެއްޔެވެ؟
((ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ))
” ދެން އެދުވަހުން(ޤިޔާމަތްދުވަހުން) ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ.“ ((سورة التكاثر 8))