top of page
Featured Posts
@zauja saaliha

ސަލަފުން އެބޭކަލުންގެ ދަރިންނަށް ދެއްވި ހެޔޮތަރުބިއްޔަތު


🔰 ސަލަފުންގެ ދަރިން އުއްމަތުގެ ބޮޑެތި ޢާލިމުންނަށް ، އަޅުވެރިންނަށް ، ޒުހުދުވެރިންނަށްވީ ، ބޮޑު ޓީވީ ދޮށުގައި ދަރިފުޅު ގޭމްކުޅެން ބަހައްޓާފައި ، މަންމަ ބަތްތަށި ހިފައިގެން އައިސް ސަމްސަލުން ލަވައިދީގެނެއް ނޫނެވެ.


އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ބޭނުންވަނީ އެބޭފުޅެއްގެ ދަރި މަތި އުޑުގައި ތަރިއެއްހެން ފިޔަޖަހާށެވެ. އެންމެންގެ ދޫތަކުން އެދަރިފުޅަށް ސަނާކިޔުމަށެވެ. އެންމެންގެ ލޯބި އެދަރިއަކަށް ލިބުމަށެވެ. އެދަރިފުޅަކީ ވަރަށް ހެޔޮލަފާ ޞާލިޙު ދަރިއަކަށް ވުމަށެވެ. ނަމަވެސް އެދަރިފުޅު ހޯދުމުގެ ކުރީގައި އެ ދަރިފުޅަށްޓަކައި ހެޔޮލަފާ މަންމައެއް ހޯދަނީ ކިތައް މީހުން ތޯއެވެ. މުސްކުޅިވެރިންގެ މިސާލުބަހެއްގައި ވެއެވެ. " ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ނެގިއަސް އެ ހުންނާނީ ކައްޗަށެވެ." އެ ދަރިފުޅަށްޓަކައި ޙަޔާތުގެ އެތައް ވަޤުތެއް ޤުރުބާންކޮށް ހެޔޮލަފާ ތަރުބިއްޔަތެއް ދެނީ ކިތައް މައިންބަފައިންތޯއެވެ. މި ބުރަ ތަޙައްމަލު ނުކޮށް އެފަދަ ފޮނިކަމެއް ލިބުމަކީ ނާދިރު ކަމެކެވެ. ނިކަން ދެކޭށެވެ. ސަލަފުންގެ ބޭކަލުން ދަރިން ހެޔޮކަންކަމަށް އަހުލުވެރި ކުރުވައި ހާނުވާން މަސައްކަތް ކުރައްވާ މިންވަރެވެ. އެކަމަށްޓަކައި ވާ ޤުރުބާނީއެވެ.


⭕️ ހިޖުރައިން 977 ގައި ސީރިޔާގެ ދިމިޝްޤަށް އުފަންވެ ވަޑައިގަތް "ނަޖުމުއްދީން މުޙައްމަދު ބިން މުޙައްމަދު އަލް ޣައްޒީ" ރަޙިމަހުﷲ އަކީ އެދުވަސްވަރުގެ ޝެއިޚުލް އިސްލާމެވެ. ޙަދީޘް ޢިލްމާއި ، ޤުރުއާން ތަފްސީރާއި ، އުޞޫލުލް ފިޤުޙުގެ އިތުރުން ޝާފިޢީ މަޛުހަބުގެ ބޮޑު ފަޤީިހެކެވެ.

ނަޖުމުއްދީނުގެ ބައްޕާފުޅު އެކަލޭގެފާނު ކުޑަކުޑައިރުއްސުރެ ޢިލްމަށް ހާނުވަން މަސައްކަތް ކުރެއްވިއެވެ. އެގޮތުން ޤުރުއާން ދަސްކުރުވަން ފެއްޓިއެވެ. އަދި ދަސްކޮށް ނިންމާފައި އައިސް ބައްޕާފުޅަށް ކިޔައިދެއްވައެވެ. ނަޖުމުއްދީނުގެ އުމުރުން 6 އަހަރުގައި ރޯދަހިފުމަށް ބާރުއެޅުއްވިއެވެ.އަދި ރޯދައަށް ހުންނަ ކޮންމެ ދުވަހަކު ރިހި (ފައިސާ) ފޮއްޗެއް ދެއްވައެވެ. ނަޖުމުއްދީން ވިދާޅުވިއެވެ :

” އެއީ ބައްޕާފުޅުގެ ހެޔޮލަފާ ތަރުބިއްޔަތެވެ. ތިމަން ރޯދައަށް ޝައުޤުވެރިކުރުމުގެ ގޮތުންނެވެ . އެފަހަރު ރަމަޟާންމަހުގެ ބޮޑުބައި ރޯދަ ހިފީމެވެ. އަދި ބައްޕާފުޅު ނިޔާވި އަހަރުގެ ރޯދަމަހުގައިި ، 1ދުވަސް ނުވަތަ 2 ދުވަސް ފިޔަވައި ހުރިހާދުވަހެއްގައި ރޯދަ ހިފީމެވެ. އޭރު ތިމަންގެ ޢުމުރަކީ 7 އަހަރެވެ. އަދި ހާރުދަމުގެ ވަގުތުގައި ބައްޕާފުޅާއެކުގައި ތިމަން އިންނަމެވެ . އެވަގުތުގައި ބައްޕާފުޅު ނުހަނު ގިނައިން ތިމަންނާއަށް ދުޢާކޮށްދެއްވައެވެ.“

ނިކަންދެކޭށެވެ. ނަޖުމުއްދީނުގެ ތުއްޕުޅު އިރުގައި ބައްޕާފުޅު ދުނިޔެ ދޫކުރެއްވި ނަމަވެސް ، ހާރުދަމުގެ ވަގުތުގައި ( ރޭގަނޑުގެ ފަހު ބައިގައި ) އެ ބައްޕަ ކުރި ދުޢާތައް ދުނިޔެ ދޫނުކުރެއެވެ. އެހެނެއްކަމަކު އެ ދުޢާތައް ވީ ނަޖުމުއްދީން ބޮޑު ޢާލިމަކަށް ވުމުގެ ސަބަބެއްކަމުގައެވެ. މިއީ މައިންބަފައިންގެ ހެޔޮދުޢާ އާއި ހެޔޮ ތަރުބިއްޔަތުގެ ނަތީޖާއެވެ.

﴿ وَأَمَّا ٱلۡجِدَارُ فَكَانَ لِغُلَـٰمَیۡنِ یَتِیمَیۡنِ فِی ٱلۡمَدِینَةِ وَكَانَ تَحۡتَهُۥ كَنزࣱ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحࣰا ﴾ ” އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕައަކީ، صالح މީހެއް ކަމުގައިވިއެވެ.“ (الكهف 82)


ވީއިރު ތިބާއަކީ ތިބާގެ ދަރީންނަށް ޞާލިޙު ބައްޕައަކަށް ވާށެވެ. އަދި ހެޔޮބަހެއް މެނުވީ ނުބުނާށެވެ. އަދި ހެޔޮ ދުޢާއެއް މެނުވީ ނުކުރާށެވެ. އަދި ޙަލާލު ގޮތުގައި ހޯދާ އެއްޗެއް މެނުވީ އެދަރީންނަށް ކާން ނުދޭށެވެ. އެއީ ތިބާއަށް ފަހުގައިވެސް އެ ދަރީންނަކީ ހެޔޮލަފާ ޞާލިޙު ކުދިބަޔަކަށް ވުމަށެވެ. ދެދުނިޔޭގެ ފަލާޙާއި ނަޞީބު ލިބުމަށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page