ހަނދާނުން ފޮހެވެމުންދާ މުސްލިމުންގެ ރަން ތާރީޚް
ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ އިސްލާމްދީނުގެ ރިސާލަތާއިގެން ފޮނުވުމުން މައްކާއިން އީމާންވީ މަދު މީސްކޮޅެކެވެ. އޭގެތެރޭގައިވެސް ގިނައީ ނިކަމެތި ބޭކަލުންނެވެ. އެހެންކަމުން އެ ބޭކަލުން މައްކާގެ މުޝްރިކުން ގެފުޅުވަށައި ބަހައްޓައިގެން އަޅުކަން ކުރަމުންދިޔަ ބުދުތަކަށް ކާފިރުވިއެވެ. މައްކާގެ މުޝްރިކުން މީސްތަކުންގެ ބޮލަށް ސަވާރުވެ އޮޅުވާލަމުންދިޔަ ދިޔުން ނިމުމަކަށް ގެނެސް އިސްލާމްދީނާއި މެދު އެބޭކަލުންގެ އަމިއްލަ ސިކުނޑިން ވިސްނަންފެށިއެވެ. އަދި އެއަށްފަހު ހިތުން ރުހުމުން އިސްލާމްދީން ޤަބޫލުކުރިއެވެ .އެއީ އިސްލާމްދީނަކީ ޙައްޤު ދީންކަން އެނގި ބަޔާންވުމުންނެވެ. އަދި އިސްލާމްދީންދެކެ އިންތިހާއަށް ލޯބިވިއެވެ .
ނަމަވެސް އެބޭކަލުން އިސްލާމްދީނާއިމެދު ލޯބިވާ މިންވަރު މިސްތަކުންނަށް ފެންނާނެހެން އެބޭކަލުން އިމްތިޙާންވާން ފެށިއެވެ. އެއީ ތެދުވެރީންނާއި ދޮގުވެރިން އެނގި ބަޔާންވުމަށެވެ. އެގޮތުން މައްކާގެ ބޮޑުންގެ އަތްތަކުން އެކިކަހަލަ އަނިޔާ އާއި އުނދަގޫތައް މުސްލިމުން ތަޙައްމަލު ކުރިއެވެ. ހިތްތައް ކުދިކުދިވާހާ އަނިޔާތަކެވެ. ލޯތައް ކަރުނުން ފޯކޮށްލާފަދަ މަންޒަރުތަކެވެ. ނަމަވެސް އެބޭކަލުން ދެއްކެވީ ކެތްތެރި ކަމުގެ ރިވެތި ނަމޫނާއެކެވެ. މުޅި ދުނިޔޭގެ ތާރީޚުގައި ބަޔަކު އަތްފުނާއެޅިޔަސް ނުފެންނަ ފަދަ ކެތްތެރިކަމެކެވެ. ޖާހިލިއްޔަތުގައި އެންމެ މުއްސަނދިންގެ ލިސްޓުގައި ވަނިކޮށް މުދާތައް ފޭރިގަނެ ގެދޮރުން ނެރެލެވި މަގުމަތިވެ އެއްދުވަހުން މީހާ ފަޤީރުވީއެވެ. ކުރިމަތީގައި މަންމަ ބަނދެވި މަންމަގެ ލަދުވެތި ގުނަވަނަށް ލޮނސި އަމުނާލި ގޮތަށް ބުރިކަށިން ނެރެލައި މަންމަ ޝަހީދު ކޮށްލީއެވެ. އަޅާލާނެ މީހަކު ، ދިފާޢުކުރާނެ ޢާއިލާއެއް ނެތި އަޅެއްގެ ގޮތުގައި ވަނިކޮށް ތަޅާސުންނާފަތިކޮށް ، މައްކާގެތެރެއަށް ނެރެ ގަންހިންގުވަނީއެވެ. މިގޮތުގައި 13 އަހަރު އެކި ކަހަލަ ޢަޛާބު ދެކެމުން މުސްލިމުން ދިޔައެވެ.
އެހެނަސް މުސްލިމުންގެ ކިޔަމަންތެރިކަމެވެ. މަތިވެރި ވަންތަ ޢިއްޒަތްވަންތަ އިލާހު މުސްލިމުންނަށް ހަނގުރާމަކުރުމަކަށް ނާންގަވައެވެ. އެހެންކަމުން ކިޔަމަންތެރިކަމާއެކު ރިވެތި ކެތްތެރިކަމުން ކެތްތެރިވީއެވެ. ފަހެ ތިބާ ޢަޖާއިބު ނުވޭ ހެއްޔެވެ ؟ އެވަރު ވާއިރު ހަމަ ކެތްކުރަންވީ ހެއްޔެވެ؟ އާއެކެވެ. އަޅުގަނޑުމެން އީމާންވަނީ އެންމެ ގަދަފަދަވަންތަ ޖައްބާރުވަންތަ ޢަޒީޒްވަންތަ އިލާހަށެވެ. އެއިލާހު އެގޮތަށް ކަންކުރައްވަނީ އެކާފަރުން ވަރުގަދަވެގެނެއް ނޫނެވެ. އެކަމަކު އެއިލާހުގެ އަޅުންގެ ކިޔަމަންތެރިކަން ، އެއިލާހަށް އީމާންނުވާ އަޅުން (ކާފިރުން) ދެކުމަށެވެ. އަދި އެބައި މީހުން އެކަމާއި މެދު ޢަޖާއިބުވެ އަންތަރީސް ވެއެވެ. އަދި އެއަށްފަހު އެބައިމީހުންގެ އެ ބާޠިލް ޢަޤިދާއާއި މެދު ޝައްކުކުރެއެވެ.
މިއަނިޔާތައް މުސްލިމުންނަށް ދިނުމުގައި އަހަރުތަކެއް ވުމަށްފަހު ދެން ﷲ ގެ އަޅުން އެ ކުފުރުގެ ބިން ދޫކޮށް ހިޖުރަކުރުމަށް އަމުރުފުޅު އައެވެ. އެކަމުގައިވެސް އެބޭކަލުން ފަސްނުޖެހި ދީނަށްޓަކައި އުފަންބިމާއި ، ލޯބިވާ މައިންބަފައިން އަދި ބައެއް ބޭކަލުން އެބޭކަލުންގެ އަނބިދަރީންވެސް ދޫކޮށްލީއެވެ. އެހެނީ ﷲ ތަޢާލާދެކެ ވާ ލޯބި ދުލުން ބަޔާންކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެންމެ މާތް އިލާހެވެ. އެހެންކަމުން އަޅުގަނޑުމެންގެ ލޯބީގެ އެންމެ މަތީ ހަރުފަތުގައި އެއިލާހުނޫން ފަރާތަކަށް ޖާގައެއް ދެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
ދެން އެއަށްފަހުގައި މުސްލިމުން މަދީނާއަށް ހިޖުރަކުރިތާ 2 ވަނައަށް ވި އަހަރު ކާފިރުންގެ ތެރެއިން އަނިޔާދޭ މީހުންނާއި ހަނގުރާމަކުރުމުގެ އިޒުނަ ﷲ ތަޢާލަ ދެއްވައިފިއެވެ. އެތަށް ދުވަހަކަށް ފަހުގައެވެ. މުސްލިމުން އެތައް އަނިޔާއެއްގެ ރަޙަދެކުމަށް ފަހުގައެވެ. މައްކާގެ މުޝްރިކުންގެ ޖައްބާރުކަން މުޅި ޢަރަބިންގެ ތެރެއަށް ފެތުރި އެބައިމީހުންނަކީ ވަރަށްވަރުގަދަ ބައެއްގެ ގޮތުގައި މުޅި ޢަރަބި ޖަޒީރާއަށް ސިފަވެފައިވާ ވަގުތެއްގައެވެ. މުސްލިމުންގެ ހިތްތަކަށް ތަސައްލީއެއް ލިބުމަށެވެ. އަދި ﷲ ތަޢާލާ މުސްލިމުންނާއި އެކު ވޮޑިވެންވާކަން މުސްލިމުންނަށް އެނގި އެބައިމީހުންގެ އިމާންކަން އިތުރަށް ވަރުގަދަވުމަށެވެ. އަދި އެކާފިރުން ފަޟީޙަތްވެ ނިކަމެތި ވުމަށެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާންމަސް ވެގެންދިޔައީ ، މުސްލިމުންގެ ކަނޑިތައް ކާފިރުތަކުންގެ މައްޗަށް ދަމާލެވުނު ފުރަތަމަ ތާރީޚުކަމުގައެވެ. އަދި މިއީ ޙައްޤާއި ބާޠިލް ވަކިކުރެވުނު އެންމެ ފުރަތަމަ ، އަދި އެންމެ ބޮޑު ހަނގުރާމަކަމުގައެވެ.
﴿وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرࣲ وَأَنتُمۡ أَذِلَّةࣱۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡ تَشۡكُرُون﴾ ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ. (آل عمران 123)