މައިންބަފައިންގެ ރުހުން ، ޙަޔާތުގެ ދިރުން
އޭ ލޮބުވެތި މުސްލިމް އަޚާއެވެ. ތިބާއަކީ ހެޔޮލަފާ ޞާލިޙު ދަރިއަކަށް ވާށެވެ. އޭރުން ތިބާ ވާހުށީ ހެޔޮލަފާ ޞާލިޙު ފިރިއަކަށެވެ. އެއަށްފަހު ހެޔޮލަފާ ޞާލިޙު ބައްޕައަކަށެވެ.
ފަހެ ތިބާގެ މައިންބަފައިންނަށް އިޙްތިރާމާއި ޤަދަރު ކުރާށެވެ. އަދި އެމީހުންގެ ހިތްހަމަޖެހުން ހޯދޭތޯ އަބަދުވެސް ބަލާށެވެ. އަދި އެދެމީހުންގެ ކުރިމަތީގައި ބާރަށް ބަސްނުބުނާށެވެ. އެހެނީ ތިބާގެ ކޮންމެ ހަރަކާތެއް ތިބާގެ ދަރީން އެދަނީ ބަލައި ދަސްކުރަމުންނެވެ. އަދި ތިބާ ތިބާގެ މައިންބަފައިންނަށް އިހާނެތިކޮށް ހަދައި އެމީހުނާ މެދު ނަފުރަތު ކުރާނަމަ ، ތިބާ ތިޔަ ދަސްކޮށްދެނީ ތިބާގެ ދަރިން ތިބާއާމެދު އެފަދައިން ކަންތައް ކުރުމަށް ކަން ހަނދާން ކުރާށެވެ. އެހެނީ އެމީހަކާއި މެދު މިނޭނީ އެމީހަކު މިނެއުޅުނު ނާޅިއަކުންނެވެ. ފަހެ ތިބާގެ ދަރީންނަށްޓަކައި ތިބާ މިއަދު އަވަދިނެތި ބުރަ މަސައްކަތް ކުރާކަމުގައި ބުނެ ތިބާގެ މައިންބަފައިންނާއި މެދު އިހުމާލު ވާއިރު ، ތިބާއަށްޓަކައި އެ މައިންބަފައިން އުފުލި ބުރައާއި ވޭން އިހުސާސު ވޭ ހެއްޔެވެ؟
ފހެ ތިބާ މުސްކުޅިވެ ގައިބާރު ނެތުމުން ދާނެ ތަނެއް އަދި ދެވޭނެ ތަނެއްވެސް ނެތެވެ. އެނދުގައި ނުވަތަ ފުރޮޅިލީ ގޮނޑިއެއްގައި އިނދެ ގޭގެ ގެ ދޮރުން ބޭރަށް ބަލަހައްޓައިގެން ހުންނައިރު އެދަރިން ވަދެ ނިކުމެ ހަދައެވެ. ނަމަވެސް ތިބާގެ އިހުސާސްތަކަަށް ކުޑަކޮށްވެސް ވިސްނާލާނެ ހެއްޔެވެ؟ އެހެނީ މިއަދު އެދަރީންވެސް އެވަނީ ތިބާ އެ ދަރީން ތަރުބިއްޔަތު ކުރިފަދައިން އަވަދި ނެތިއެވެ. މައިންބަފައިންނަށް ދޭނެ ވަގުތެއް ނެތެވެ. ވަޒީފާއެވެ. ކުޅެން ދިއިމެވެ. ރަށްޓެހިންނާއެކު މުނި ފޫހި ފިލުވައިލުމެވެ. ކޮފީއަށް ގޮސްލުމެވެ. އަމިއްލަ ދިރިއުޅުމާއި ޒަވާޖީ ޙަޔާތެވެ. އަނބިމީހާ ނުވަތަ ލޯބިވެރިޔާ ރުއްސުމެވެ.
އެހެންކަމުން ތިބާއަށް އޮތީ އެ ބަލި ތަންމަތީގައި މާޔޫސްކަމާއި ފޫހިކަމުގައި ދުވަސް ގުނަން އޮތުމެވެ. އެ ހިތްދަތިކަމަށްވުރެ މަރުވުންވެސް ހެޔޮވެފައި އެ މަރަށް އުއްްމީދުކޮށްލައި ރުއިމެވެ.
ފަހެ މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކިތައް މައިންބަފައިން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ ވިސްނާ ފިކުރު ކުރަނީ ކާކު ހެއްޔެވެ؟ އޭ ލޯބިވާ އަޚާއެވެ. މައިންބަފައިންނަކީ އަގުބޮޑު ނިޢުމަތެކެވެ. އެ މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވާށެވެ. އެ ފައިތިލަ ދަށުން ، ތިބާ ޖަންނަތަށް ދިޔުމަށް ހުޅުވިފައިވާ ދޮރު ތިބާގެ އަތުން ބަންދު ކޮށްނުލާށެވެ. ޙަޔާތުގެ ވަގުތުތައް ބަހާލައި ތަރުތީބުކޮށްލައި އޭގެން ކޮންމެ ބަޔަކަށްވެސް ތިބާއަށް ވީމިންވަރަކުން ވަގުތު ދޭށެވެ. އަދި ހަރުދަނާމީހަކަށް ވާށެވެ. ﷲ ތިބާއަށް ބަރަކާތްލައްވައި ބާއްޖަވެރިއެއް ކަމުގައި ލައްވާށިއެވެ.