ތިބާގެ ދަރިން ހެޔޮލަފާ ދަރިންތަކަކަށް ހަދަން ބޭނުންކަމުގައި ވާނަމަ...
- @zauja saaliha
- Apr 24, 2020
- 1 min read

🔰 ޢަބްދުﷲ ބިން ޢަމްރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
” ތިޔަބައިމީހުންގެ ދަރީންނަށް 7 އަހަރު ވުމުން އެކުދިންނަށް ނަމާދު ކުރުމަށް އަމުރުކުރާށެވެ(ހާނުވާށެވެ). އަދި 10 އަހަރުވުމުން ، ޖަހައިގެންވެސް ނަމާދު ކުރުވާށެވެ. (އެބަހީ ނަމާދުކުރުމަށް ދެކޮޅުހަދާނަމައެވެ.) އަދި އެކުދިންގެ ނިދާ ތައްމަތިތައް ވަކި ކުރާށެވެ. “ [އަބޫދާވޫދު 495]
📌 އޭ ލޮބުވެތި މައިންބަފައިންނޭވެ. މިއީ މާތް ނަބިއްޔާގެ ފަރާތުން ތިޔަބޭފުޅުންނަށް ވާ އަމުރެކެވެ. ފަހެ 3 އަހަރުވަންދެން އެމީހެއްގެ ދަރިފުޅު ނަމާދަށް ހާނުވަން ޤަވައިދުން މަސައްކަތް ކޮށްފިނަމަ ނުހޭނި ހުންނާނެ ހެއްޔެވެ؟
ދުވާލަކު 5 ފަހަރެވެ.
މަހަކު (30×5) 150 ފަހަރެވެ. އަހަރަކު (150×12) 1800 ފަހަރެވެ. 3 އަހަރުން (1800×3) 5400 ފަހަރެވެ.
މިއީ ބައްޕަ ނުވަތަ މަންމަ ، ދަރިފުޅު ކައިރީގައި ކޮންމެ ނަމާދެއްކުރުމަށް އެންމެ ފަހަރަކު ބުނުމުން 3 އަހަރުން ވާވަރެވެ. ފަހެ މިވަރު ވާއިރު އެ މައިންބަފައިން ކެތްތެރި ނޫންހެއްޔެވެ؟ އެއަށް ފަހު އެވަރުންވެސް އެ ދަރިއަކު ނަމާދު ނުކުރުމުން ޖެހުމުގެ ހުއްދަ އިސްލާމްދީނުގައި ދެއްވާފައި އެވަނީއެވެ. ނަމަވެސް އެއީވެސް އެކުދިންނަށް އަނިޔާވާގޮތަކަށް ނޫނެވެ. އަދަބުވެރި ކުރުމަށެވެ. އެކުދިން އެކުރީ ވަރަށް ބޮޑު ކުށެއްކަން އެކުދިންނަށް އިޙްސާސް ވުމަށެވެ.
އެހެންކަމުން ތިބާގެ ދަރިން ހެޔޮލަފާ ދަރިންތަކަކަށް ހަދަން ބޭނުންކަމުގައި ވާނަމަ ނަބަވީ އިރުޝާދުތަކުގައި ހިފާށެވެ. އަދި ދަރިފުޅަށްވުރެ ކުރިން ތިބާ ނަމާދަށް ތައްޔާރު ވާށެވެ. އެހެނީ ދަރީންގެ ފުރަތަަމަ ނަމޫނާ އަކީ މައިންބަފައިންނެވެ.