މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން – 2
ދެން އިބްނު ހުބައިރާ އަށް ވަޒީރުކަން ލިބުނު ގޮތް އަޑުއައްސަވާށެވެ! އޭނާ އުފަންވީ ވަރަށްވެސް ދެރަ ނިކަމެތި ފަޤީރު ޢާއިލައަކަށެވެ. އެއީ އައްދޫރު ނަމަކަށް ކިޔުނު ރަށުގެ އަހުލުވެރި ބައެކެވެ. ޢާއިލާގެ މީހުންނަކީ އާދައިގެ ދަނޑުވެރިންނެވެ. ދަނޑު ހައްދައިގެން ލިބޭ އެއްޗަކުން އުފަލާއެކު ދުވަސްތައް ވޭތުކުރަމުން ގެންދިޔައެވެ. ޢާއިލާގެ އެއްވެސް މީހަކަށް ޢިލްމު ޙާޞިލްކުރާނެ ވަގުތެއްނުލިބެއެވެ. ނުވަތަ އެފަދަ ޝައުޤުވެރިކަމެއްވެސް ނެތް ކަހަލައެވެ. ނަމަވެސް ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާގެ ކަންތައްމުޅިން ތަފާތެވެ. އޭނާއަކީ ކުޑައިރުއްސުރެވެސް ވިސްނުންތޫނު ބުއްދިވެރި ކުއްޖެކެވެ. ޢިލްމުގެ ރަޙްމަތްތެރިއެކެވެ. ޢިލްމުވެރިންގެ މަޖްލިސްތަކަށް ގޮސްއުޅުނެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ އެތާނގައެވެ. އަޑުއިވޭ އެއްޗެއް ދަސްކުރުމަށްފަހު ނޯޓްކުރެއެވެ. ހިތުދަސްކުރުމުގެ ބާރު ގަދައެވެ. އަދަބަށް ވަރަށް ޝައުޤުވެރިވެއެވެ. ޅެންވެރިކަމަށް ލޯބިކުރިއެވެ. ޚުދް އޭނާއަކީ ޅެންވެރިއެކެެވެ. އަދި އެހެނިހެން ޝާޢިރުންގެ އެތައް ޅެމެއް ހިތު ދަހެވެ. ޢިލްމުވެރިންގެ މަޖްލިސްތަކާއި ޙަލަޤާތައް އޭނާގެ ޢިލްމު އިތުރުކޮށްދިނެވެ. އެންމެ ފަހުން ޙަންބަލީ ފިޤުހުގެ މަޤުބޫލު އުސްތާޒެއްކަމުގައި ވެއްޖެއެވެ.
ޢިލްމުޙާޞިލްކުރުމުގެ ބޭނުމުގައި ވަރަށް ޅަޢުމުރުގައި އަމިއްލަ ރަށް ދޫކޮށްލުމަށްފަހު ބަޣުދާދުގައި ދިރިއުޅެން ފެށިއެވެ. އެންމެފަހުން އޭނާއަކީ އެތާނގެ ޢިލްމީ މުޖުތަމަޢުގައި އެނގިދެނިވާ މީހެއްކަމުގައި ވެއްޖެއެވެ. ދިރިއުޅުން ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މުސްތަޤިއްލުގޮތެއްގައި ފައިސާލިބޭނެ މަގެއްނެތެވެ. އެހެންކަމުން ވަޒީފާއެއް ހޯދުމަށްޓަކައި ސަރުކާރުގެ ތަފާތު އިދާރާތަކަށް ހުށައެޅިއެވެ. ނަމަވެސް އެއްވެސް ތާކުން ވަޒީފާއެއް ލިބޭގޮތެއްނުވިއެވެ. އެންމެފަހުން ޚަލީފާގެ ދަރުބާރުން ވަޒީފާއެއް ލިބޭތޯވެސް ހުށައެޅިއެވެ. ނަމަވެސް ޚަބަރު ބަލައިލަން ދާ ކޮންމެ ފަހަރަކަުވެސް ލިބޭ ޖަވާބަކީ އަދި އެއްވެސް މަޤާމެއް ހުހެއްނުވެއެވެ. ފަހުން އަންނާށެވެ! އެތައް ގިނަ މަސައްކަތަކަށްފަހުވެސް ނޯކިރީއެއް ނުލިބުނެވެ. އޭނާގެ އަތުގައި ހުރިފައިސާކޮޅުވެސް އެންމެ ފަހުން ހުސްވުމަކަށް އަތުވެއްޖެއެވެ. ވަޒީފާއެއް ލިބޭނެކަމުގެ އުއްމީދުވެސް ގެއްލިއްޖެއެވެ. އެހެންކަމުން އަމިއްލަ ރަށަށް އެނބުރި ދިއުމަށް ގަސްތުކުރިއެވެ.
އަތުގައި އޮތް އެންމެ ފަހު ދިރުހަމް ބަޣުދާދަށް ޚަރަދުކުރުމަށްފަހު ރަށަށް ދިއުމަށް މިޞްރާބުޖެހިއެވެ. ފައިސާ ނެތުމުން ދަތުރުކުރަންޖެހުނީވެސް ފައިމަގުގައެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ އަޞްރުނަމާދު ވަގުތުވެއްޖެއެވެ. ނަމާދުކޮށްލުމަށްޓަކައި ކައިރި ހިސާބަކުން މިސްކިތެއް ފެނޭތޯ ބަލަމުން ދަނިކޮށް މަގާ ތަންކޮޅެއްދުރުން ބާވެ ވީރާނާވެފައި ހުރި މިސްކިތެއް ފެނުނެވެ. މިސްކިތުގެ ވަޅުން ވުޟޫކޮށްލައިގެން ނަމާދަށް ހަމަ ފެށިތަނާ އެއްފަރާތަކުން މީހެއްގެ ކުކުރުމުގެ އަޑުއިވެންފެށިއެވެ. ނަމާދު ނިންމާލުމަށްފަހު އެއަޑު އައި ދިމާއަށް ބަލައިލި ހިނދު އޭނާއަށް ފެނުނީ މިސްކިތުގެ އެއްކަނެއްގައި އޮށޯވެގެން އޮތް މީހެކެވެ. އަވަސްއަވަހަށް އެމީހާގެ ކައިރިއަށް ގޮސް އޭނާގެ ހަށިގަނޑުގައި އަތްޖައްސައިލުމުން އޭނާ އޮތީ ވަރަށް ބޮޑަށް ހުންއައިސްފާކަން އެނގުނެވެ. ޙާލު އަހައިލުމުން އެމީހާ، ބުނަންފެށިއެވެ. [އަހަރެންގެ މުޅި ގައިގައި ވަރަށް ބޮޑަށް އެބަ ރިއްސައެވެ. މިދުނިޔޭގައި އަހަރެންގެ އެއްވެސް ތިމާގެމީހެއް އެކުވެރިޔެއް ނެތެވެ. އަޅައިލާނެ ޔާރެއް އިޔާރެއްނެތެވެ. އެހެންވެ އާބާދީއާ ދުރު މި މިސްކިތުގައި ޙަޔާތުގެ އެންމެފަހު ނޭވާތައްލުމަށްޓައި އޮތީމެވެ.] އިބްނު ހުބައިރާ، އޭނާއަށް ތަސައްލީ ދެވޭތޯ މަސައްކަތްކުރަންފެށިއެވެ. އަދި އޭނާ އާއި ސުވާލުކުރިއެވެ. [ކަލޭ ބޭނުން އެއްވެސްކަމެއް އެބައޮތްހެއްޔެވެ؟] ބަލިމީހާ، އޭނާއަށް ބަލައިލުމަށްފަހު ބުންޏެވެ. [އާނއެކެވެ! މޭބިސްކަދުރު ކޯޅިއެއް ލިބޭނެނަމައެވެ. އެހެނީ މަރުވުމުގެ ކުރިން ހިތްފުރެންދެން މޭބިސްކަދުރު ކާން ލިބޭނެނަމައޭ ތިމަންގެ ހިތަށް އަރާތާ ހާދަދުވަހެއްވެއްޖެއެވެ.]
އިބްނު ހުބައިރާއަށް ބަލިމީހާގެ ބޭނުން އަޑުއިވުމާއެކު ޚިޔާލުތަކުގެ ދުނިޔެއަށް ގެއްލިއްޖެއެވެ. [މޭބިސްކަދުރު ކޯޅިއެއްގެ އުންމީދެވެ. އެކަމަކު މޭބިސްކަދުރު ހޯދާނީ ކޮންތާކުންބާއެވެ؟ އަހަރަމެން މިތިބީ އާބާދީއާ ދުރުގައެވެ. އަދި އަހަރެންގެ އަތުގައި އެންމެ ދީނާރެއްވެސް ނެތެވެ. އެކަމަކު މިބަލިމީހާ އެދުން…] އިބްނު ހުބައިރާ، އޭނާގެ އަމިއްލަ ނަފްސަށް ބުންނަފެށިއެވެ. [ކޮންމެގޮތެއްވިޔަސް މޭބިސްކަދުރު ލިބޭތޯ މަސައްކަތްކޮށްލަންވީއެވެ. އެކަމުގައި އޮތީ ކޮން ގެއްލުމެއްހެއްޔެވެ؟ ޙަޔާތުގެ އެންމެފަހު ނޭވާތައް ލަމުންދާ މީހެއްގެ އެދުމެކެވެ. ފަހަރުގައި އޭނާގެ ދުޢާގެ ސަބަބުން ﷲ ތަޢާލާ، އަހަރެންނަށް ކުރިމަތިވެފައި މިވާ ދަތިއުނދަގޫތަކާއި ކަންބޮޑުވުންތައް ފިއްލަވައިފާނެއެވެ. ނިކަމެތި ފަޤީރު ބީރައްޓެހި މީހަކަށް ހެޔޮކޮށްހިތުމަކީ ހަމަ ޔަޤީނުންވެސް ﷲ ގެރުހިވޮޑިގަތުން ލިބޭނޭ ޢަމަލެކެވެ. ހަމަކަށަވަރުންވެސް މީނާގެ ފަރާތަކުން މިކަމުގެ އަގެއް ނުވަތަ ބަދަލެއް ނުލިބޭހުއްޓެވެ. އެކަމަކު މިއީ ﷲ ގެ ރުހިވޮޑަގަތުން ލިބޭނެކަމެކެވެ. އަހަރެން އެކަމަށްޓަކައި ކޮންމެހެންވެސް މަސައްކަތްކުރާނަމެވެ.]
އޭނާ ޚިޔާލީ ދުނިޔެއިން ނުކުމެ ބަލިމީހާއަށް ބުންޏެވެ. [އަހަރެންނަށް އިންތިޡާރުކުރާށެވެ! އަހަރެން މިހާރު މިދަނީ ކަލެއަށް މޭބިސްކަދުރު ކޯޅިއެއް ހިފައިގެން އަންނާށެވެ.]
އިބްނު ހުބައިރާ މިސްކިތުން ނުކުމެ ބާރުހިނގުމުގައި އާބާދީއާ ދިމާއަށް މިސްރާބުޖެހިއެވެ. އެއީ އިރުއޮއްސުމުގެ ކުރިން މޭބިސްކަދުރު ހިފައިގެން އެނބުރި އާދެވޭތޯއެވެ. ބާޒާރަށް ފޯރުމާއެކު އަވަސްއަވަހަށް މޭވާ ވިއްކާ ފިހާރަޔަކަށް ވަނެވެ. މޭބިސްކަދުރު ކޯޅިތައް އެލުވައިފައި ހުއްޓާ ފެނުނެވެ. އޭނާ އެތަނުން ބޮޑު ކޯޅިއަކަށް އިޝާރާތްކޮށް އޭގެ އަގަކީ ކިހާވަރެއްތޯ ސުވާލުކުރިއެވެ. ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. [އޭގެ އަގަކީ ބައި ދިރުހަމެވެ.]
އިބްނު ހުބައިރާ ބުންޏެވެ. [މިވަގުތު އަހަރެންގެ އަތަކު ފައިސާއެއްނެތެވެ. އެކަމަކު ތިބާގެ އަތުގައި އަހަރެންގެ ”އަބާ“ (ޢަރަބިހެދުމުގައި ކަމަރުބަންނަ ލިބާހުގެ މަތީން ލާ ބޮޑު ލިބާސް. މިއީ ވަރަށް ފުޅާކޮށް އޮންނަ ބަނޑުފެޅި ލިބާހެކެވެ.) ރަހުނެއްގެ ގޮތުގައި ބާއްވާށެވެ. އަހަރެން، ތިބާއަށް ބައި ދިރުހަމް ދިނުމަށްފަހު އަބާ ގެންދާނަމެވެ. ވިޔަފާރިވެރިޔާ އެގޮތަށް އެއްބަސްވިއެވެ. އެހެންކަމުން އިބްނު ހުބައިރާ އޭނާގެ އަބާ ރަހުނުކުރުމަށްފަހު މޭބިސްކަދުރު ކޯޅި ހިފައިގެން މިސްކިތާ ދިމާއަށް ދުއްވައިގަތެވެ. އޭނާއަށް މިސްކިތަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. އޭނާ އެންމެ ފުރަތަމަވެސް ވުޟޫކޮށްގެން މަޣްރިބްނަމާދު ކުރިއެވެ. ދެން މޭބިސްކަދުރު ކޯޅި ދޮވެލައިގެން ގޮސް ބަލިމީހާއަށް ދިނެވެ. މޭބިސްކަދުރު ކޯޅި ފެނުމުން ބަލިމީހާ ވަރަށް އުފާވިއެވެ. އަދި އެކޯޅި އެއްކޮށް ކައި ހުސްކޮށްލިއެވެ. އަދި ބުނަންފެށިއެވެ. [ﷲ އަށް ޙަމްދުހުއްޓެވެ. މަރުވުމުގެ ކުރިން މޭބިސްކަދުރު ކެއުމަށް ތިމަން ކުރަމުން އައި އުންމީދު އެކަލާނގެ ފުރިހަމަކޮށްދެއްވައިފިއެވެ. ހިތްފުރެންދެން މޭބިސްކަދުރު ކެއުމަށް ތިމަން ޝައުޤުވެރިވެގެން ހުންނަތާ އެތައް ދުވަހެއްވެއްޖެއެވެ. އެކަމަކު ފައިސާނެތުމުގެ ސަބަބުން އެކަން ނުވެ އޮތީއެވެ.]
ދެން އިބްނު ހުބައިރާ އާއި ދިމާއަށް މޫނު އަނބުރާލުމަށްފަހު ބުނަންފެށިއެވެ. [ދަރިފުޅާއެވެ! ރަގަޅަށް އަޑުއަހާށެވެ! ހީވާގޮތުގައި ﷲ ތަޢާލާ، އަހަރެންގެ ކައިރިއަށް ތިބާ ފޮނުއްވާފައިވަނީ ރަޙުމަތެއްގެ ގޮތުގައެވެ. އަހަރެންގެ ކައިރީ އިށީންނާށެވެ! އެއީ މަރުވުމުގެ ކުރިން އަހަރެންގެ ޙަޔާތުގެ ވާހަކަ ތިބާއަށް ކިޔައިދިނުމަށްޓަކައެވެ. އަހަރެންނަށް އިޙްސާސްކުރެވޭ ގޮތުގައި މިއީ އަހަރެންގެ ޙަޔާތުގެ އެންމެ ފަހު ރެއެވެ.] (ނުނިމޭ)