top of page
Featured Posts

މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން – 1



މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ލިބިއްޖެއޭ ބުނެފިނަމަ ތިބާ އެކަން ޤަބޫލުކުރައްވާނަންތޯއެވެ؟ ފަހަރުގައި ތިބާ އެކަން ޤަބޫލުނުކުރައްވައިފާނެއެވެ. އަދި އެވަޒީރުކަމުގެ އަގުހެޔޮކަމާމެދު ޢަޖައިބުވެލައްވައިފާނެއެވެ. އެކަމަކު ހަމަ ޙަޤީޤަތުގައިވެސް މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ވަނީ ލިބިފައެވެ. ނަމަވެސް އެއީ ތިޔަ ހީފުޅުކުރެއްވިހާ ފަސޭހަކޮށެއްނޫނެވެ. އެއީ ކެތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި ތަޤުވާވެރިކަން ފަދަ މަތިވެރި ސިފަތަކަކުން ވީ ޤުރުބާނީއެއްގެ އާޚިރު ނަތީޖާއެވެ. މިދެންނެވި ވަޒީރުގެ ނަމަކީ ޢަޥްނުއްދީން އަބުލް މުޡައްފަރު ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާ ޝައިބާނީއެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން ހަތަރުސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ބަޣްދާދުގެ ކައިރީގައި އޮންނަ “އައްދޫރު” ނަމަކަށް ކިޔުނު ރަށަކަށެވެ. އަދި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވަމުން ވަޑައިގެން އެންމެފަހުން ޢައްބާސީ ޚަލީފާ މުޤްތަފީ ލިއަމްރިﷲ އާއި އޭނާގެ ދަރިކަލުން މުސްތަންޖިދު ބިﷲ ގެ ޒަމާނުގައި ވަޒީރުކަންކުރެއްވިއެވެ. ވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ ދިރިއުޅުއްވާފައިވަނީ އިންތިހާއީ ފަޤީރު، ބީރައްޓެހިދިރިއުޅުމެކެވެ. ނުލާހިކު ކެތްތެރިކަމާއި ޝުކުރުވެރިކަމާއެކު އެދުވަސްތައް ހޭދަކުރެއްވިއެވެ. އެދުވަސްވަރު ވަރަށް ގިނަ ބަޔަކު އޭނާއަށް އަނިޔާވެރިވެ ނިކަމެތިކޮށް ހިތިއެވެ. ނަމަވެސް ވަޒީރުކަން ލިބިވަޑައިގަތުމަށްފަހު އޭނާއަށް އަނިޔާވެރިވެ އުނދަގޫތައް ދިން މީހުންގެ ކިބައިން ބަދަލުހިތްޕެވުމުގެ ބަދަލުގައި މަޢާފުކުރުން އިޚްތިޔާރުކުރެއްވިއެވެ. އާރާއި ބާރު ލިބިވަޑައިގަތުމުންވެސް ދީލަތިކަމާއި ހިތްހެޔޮކަން އިސްކުރެއްވިއެވެ.


ވަޒީރުކަންލިބިވަޑައިގަތް ފަހުން އެއްދުވަހަކު ފުލުހުން، މީހަކު ހައްޔަރުކޮށް ބިޑިއަޅުވައިގެން އޭނާގެ އަރިހަށް ގެނައެވެ. އެމީހާގެ މައްޗަށް ކުރެވިފައިވަނީ މީހަކު ޤަތުލުކުރުމުގެ ތުހުމަތެވެ. ދަޢުވާކުރާ މީހުންވެސް އޭނާ އާއެކު އައިސް ތިއްބެވެ. ޤަތުލުވަނީ ސާބިތުވެސްވެފައެވެ. އިބްުނު ހުބައިރާ ކުށްވެރިޔާގެ މޫނަށް ބައްލަވައިލެއްވިއެވެ. އެހިނދު އެއީ އޭނާގެ ރަށުގެ މީހެއްކަންއެނގިވަޑައިގެންނެވިއެވެ. އެހެންނޫނަސް އެމީހާގެ މަތިން އޭނާ ހަނދުމަނެތޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެތައްލައްކަ މީހުންގެއެއްވުމެއްގައި ތެރޭގައި ހުއްޓަސް އޭނާއަށް އެމީހާ ފާހަގަކުރެއްވޭނެއެވެ. އޭނާ އަމިއްލަ ޖީބުން މަރުގެ ދިޔައިގެ ގޮތުގައި ހަސަތޭކަ ދީނާރު މަޤުތޫލުގެ ވާރިޘުންނަށް ދެއްވައިގެން އެމީހުން ރުއްސެވިއެވެ. އަދި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިވާ އެންމެންގެ ކުރިމަތީގައި އަމިއްލަ އަތްޕުޅުން ޤާތިލުގެ ބިޑި ނައްޓަވައިލައްވައި މިނިވަންކުރެއްވިއެވެ. އަދި ކުށްވެރިޔާއަށް ފަންސާސްދީނާރު ދިނުމަށްވެސްް އަމުރުކުރެއްވިއެވެ. އެހިނދު އެމީހާ ވަޒީރަށް ހެޔޮދުޢާކުރަމުން އެނބުރިދިޔައެވެ. ދެން އަބުލްމުޡައްފަރު އޭނާގެ ވަށައިގެން ތިބި މީހުންނާ ސުވާލުކުރެއްވިއެވެ. ((هَلْ تَعْلَمُوْنَ أَنَّ عَيْنِيَ الْيُمْنَى لاَ أُبْصِرُ بِهَا)) ތިމަންގެ ކަނާތު ލޮލަށް ނުފެންނަކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟


މީސްތަކުން ދެންނެވިއެވެ. [ތިކަމެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ.] އޭނާ ވިދާޅުވިއެވެ. [ޙަޤީޤަތަކީ ތިމަންގެ ކަނާތު ލޯ ވަނީ ބޭކާރުވެފައެވެ. އެގޮތަށް ކަންތައް ދިމާވީ ތިމަން ދެންމެ އެމީހެއްގެ މަތިން މަރުގެދިޔަ އަދާކޮށް އިތުރަށް އޯގާތެރިވި މީހާގެސަބަބުންނެވެ.]


އެކަންވީގޮތަކީ ތިމަން އެއްދުވަހަކު ތިމަންގެ ރަށުގެ މަގެއްގެ އެއްފަރާތެއްގައި އިށީނދެގެން، ތިމަންގެ އަތުގައި އޮތް ފިޤުހު ފޮތެއް މުޠާލިޢާކުރުމުގައި މަޝްޣޫލުވެގެން ވީމެވެ. އެހެން އިންދާ އެމީހާ މޭވާ ވަށިގަނޑުތަކެއް ހިފައިގެން އެތަނަށް އައެވެ. އަދި ތިމަންނާއަށް ބުންޏެވެ. [މި ވަށިގަނޑުތައް ކޮނޑަށް ލައިގެން މަށާއެކު އަންނާށެވެ!] އަހަރެން، އޭނާއަށް ބުނީމެވެ. [މަށަކީ ތަންތަނަށް އެއްޗިހި އުފުލައިދޭ މަސައްކަތު މީހެއް ނޫނީމެވެ.] އެހެން ބުނުމާއެކު އޭނާ ތިމަންގެ މޫނު މަތީގައި ވަރަށް ބާރު އެތިފަހަރެއް ޖެހިއެވެ. އަދި އެކަމުގެ ސަބަބުން ތިމަންގެ ލޮލުގެ ފެނުން ގެއްލުނެވެ. އެކަމަކު މިއަދު އޭނާ އެފަދަ ނިކަމެތި ޙާލެއްގައި ހުރިތަން ފެނުމުން އޭނާގެ ކިބައިން ބަދަލުހިފުމުގެ ބަދަލުގައި ތިމަން ބޭނުންވީ އޭނާއަށް ހެޔޮކޮށްހިތައި އިޙްސާންތެރިވުމަށެވެ.


އެއްދުވަހަކު ތުރުކީ ސިފައިންގެ މީހެއް ވަޒީރު އަބުލް މުޡައްފަރުގެ އޮފީހަށް ވަނެވެ. އެހިނދު ވަޒީރު އޭނާގެ ހަށިފާރަވެރިޔާއަށް ވިދާޅުވިއެވެ. [އެސިފައިންގެ މީހާއަށް ވިހި ދީނާރު ދީފައި އަވަހަށް ބޭރަށް ނެރޭށެވެ. ހަނދާންކުރާށެވެ! އޭނާ ދެވަނަ ފަހަރަށްމިތަނަށް ވަނަސް ނުދޭއްޗެވެ.] ދެން އޭނާގެ އަރިހުގައި ތިބި މީހުންނަށް ވިދާޅުވިއެވެ. އެއްފަހަރަކު އަހަރަމެންގެ ރަށް އައްދޫރުގައި މީހަކު ޤަތުލުކޮށްލެވުނެވެ. އެކަން ތަޙުޤީޤުކުރުމަށް އައި ތުރުކީ ސިފައިން ރަށުގެ އެންމެން، ރަށުން ބޭރަށް ނެރެގެން ގެންދަންފެށިއެވެ. ތިމަން ދިޔައީ ދެންމެ މިތަނަށް އެއައި މީހާގެ ބަޔަށެވެ. އޭނާ، އަހަރަމެންގެ ދެއަތް ފުރަގަހަށް ލައި ބަނެވެ. ދެން ޚުދް އަހަށް ސަވާރުވެ އޭނާ އާއި އެއްވަރަށް ދުވުމަށް އަހަރަމެންނަށް އަމުރުކުރިއެވެ. ދިޔަ މަގުމަތީގައި ތިމަންގެ އެކުވެރީން އޭނާއަށް ދިރުހަމާ ދީނާރު ދޭންފެށިއެވެ. އޭނާއަށް ހަދިޔާ ދޭ ކޮންމެ މީހަކު ދޫކޮށްލަމުން ގެންދިޔައެވެ. ނަމަވެސް ތިމަންގެއަަތުގައި އަމިއްލަ ނަފްސު ސަލާމަތްކުރާކަށް އެންމެ ފައިސާފޮއްޗެއްވެސް ނެތެވެ. އޭނާ އެއްވެސް ރަޙުމެއް ޙަމްދަރުދީއެއްނެތި ތިމަންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް އަޞްރު ނަމާދު ވަގުތުވިއެވެ. ތިމަން ނަމާދުކުރުމަށް ހުއްދައަށް އެދުނީމެވެ. ނަމަވެސް ހުއްދައެއް ނުލިބުނެވެ. އަދި ކިއެއްތަ! ދިމާ އިދިކޮޅަށް ހަޑިހުތުރު ބަސްތަކުން ޖަވާބުދިނެވެ. އެކަމަކު މިއަދު ޙާލަތު ބަދަލުވެފައިވާ ގޮތް ނިކަން ދެކޭށެވެ! ﷲ ތަޢާލާ، އޭނާގެ މައްޗަށް ތިމަންނައަށް މިވަނީ ބާރު ދެއްވާފައެވެ. ތިމަން ބޭނުންނަމަ އޭނާގެ ކިބައިން ބަދަލުހިފިދާނެއެވެ. އެހެންނަމަވެސް ތިމަން އޭނާއަށް މަޢާފުކޮށްފީމެވެ . (ނުނިމޭ)


ނޯޓް: މިވާހަކައިގެއަޞްލުވަނީ شذرات الذهب في أخبار من الذهب ، المنتظم ابن الجوزي ، وفيات الأعيان 6/230 ، كتاب الذيل علىطبقات الحنابلة 3/251-291 މިފޮތްތަކުގައެވެ. ތަރުޖަމާކުރުމުގައި އަޞްލަކަށް ބަލާފައިވާނީ ޢަބްދުލްމާލިކް މުޖާހިދް ލިޔުއްވާފައިވާ ”ސުންހެރޭ އައުރާޤް“ މިފޮތެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page