މާވަޑިޔާ
އެއްދުވަސްވަރެއްގައި އުޅުނު ވަރަށް ހުނަރުވެރި ވަޑިއެއް އޭނާގެ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވާން ފެށުމުން އޭނާގެ ވެރިމީހާ ކައިރިން ވަޒީފާއިން ވަކިކޮށްދިނުމަށް އެދުނެވެ. ވެރިމީހާ މިކަމާ ވަރަށް ދެރަވިއެވެ. އޭނާއަށް އިތުބާރުހުރި ހުނަރުވެރި ވަޑިއެއް ގެއްލޭތީއެވެ. ނަމަވެސް ވެރިމީހާ އެ ވަޑިއަށް ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދިނެވެ. އަދި ހަމައެއާއެކު އޭނާގެ އެންމެ ފަހުގެ އެދުން ފުރިހަމަކޮށް ދިނުމަށް އެދުނެވެ. ވެރިމީހާ މާވަޑިބެ ގާތުން އެދުނީ އޭނާއަށް އަދި އެއް ގެ އަޅާ ދިނުމަށެވެ.
ކޮންމެއަކަސް މާވަޑިޔާއަށް މިކަންތައްވީ ވަރަަށް ބުރަ ކަމަކަށެވެ. ވަޒީފާ މަތިން ފޫހިވެފައި ހުރިވަރުންނެވެ. ނަމަވެސް އޭނާ މިކަމަށް އެއްބަސްވެ އިސާހިތަކު މަސައްކަތް ފަށައިފިއެވެ. އޭނާގެ މިފަހަރު ގެ ހެދުމުގެ މަސައްކަތްކުރީ ޝައުޤުވެރި ހިތަކުންނެެއްނޫނެވެ. މަސައްކަތަށް ބޭނުންކުރީ އެންމެ އާދައިގެ ސާމާނެވެ. ގެ ހެދީވެސް ވަރަށް އާދައިގެ ގޮތަކަށެވެ.
ގެ ހަދާ ނިމުމުން މާވަޑިޔާ، އޭނާގެ ވެރިމީހާ ގެނެސް އޭނާގެ މަސައްކަތް ދެއްކިއެވެ. ވެރިމިހާ ގެ ބަލައިލުމަށްފަހު މާވަޑިބެ އަތަށް ލިޔުންތަކަކާއި ގޭގެ ތަޅުދަނޑި ދިނެވެ. އަދި ބުންޏެވެ. ”މީ ތިބާއަށް އަހަރެން ދޭ ހަދިޔާއެކެވެ.“
މާވަޑިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކޮންފަދަ ހިތާމަ ހުރި ކަމެއްހެއްޔެވެ؟ އޭނާއަށް މި އެޅެނީ ތިމާގެ އަމިއްލަ ގެކަން ކުރިން އެނގުނުނަމަ އޭނާ އެގެ އިމާރާތްކުރީހީ މީގެ ކުރިން އޭނާ އެއްވެސް ގެއެއް ޢިމަރާތްނުކުރާހާ ފުރިހަމަޔަށް ކަން ކަށަވަރެވެ.
މި ވާހަކައިގައި މާވަޑިޔާއަށް ދިމާވި ޙާލަތުން އަހަރަމެން ޢިބްރަތް ލިބިގަންނަންވީއެވެ. މާތް ﷲ ، އަހަރަމެން މި ދުނިޔެއަށް ފޮނުއްވާފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ޒަރީޢާއިން ސުވަރުގޭގައި ގެ ބިނާކުރުމަށްޓަކައެވެ. އެހެންކަމުން އަބަދަށްޓަކައި އަހަރަމެން ދިރިއުޅެން އޮތް ތަނުގައި ޢިމާރާތްކުރާނީ ކިހާ ފެންވަރެއްގެ ގެއެއްކަން ކަނޑައެޅުމުގެ އިޚްތިޔާރު އޮތީ ހަމަ އަހަރަމެންގެ އަތުގައެވެ.