ހަލާކުވި އިންޖީނު
އެއްފަހަރަކު ވަރަށް ބޮޑު މަނަވަރެއްގެ އިންޖީނު ހުއްޓުނެވެ. ބޯޓުގެ ވެރިފަރާތުން އިންޖީނު ހެދޭތޯ މަސައްކަތްކުރަންފެށިއެވެ. ކަމުގެ ތަޖުރިބާ ހުރި އެތައް އެކްސްޕާޓުންނެއް ގެނައެވެ. އެކަމަކު އެއިން އެކަކަށްވެސް އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލެއްނުކުރެވުނެވެ. އެންމެފަހުން އިންޖީނު ހެދުމުގެ މަސައްކަތުގައި މުޅި އުމުރު ހޭދަކޮށްފައިހުރި މުސްކުޅިފުރައިގެ މީހަކު ގެނައެވެ. އޭނާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނު އަޅާފައިވާ ވަރަށް ބޮޑު ދަބަހެއްވެސް އޮތެވެ. މުސްކުޅިޔާ ހަމަ ވަގުތުން މަސައްކަތަށް ފަށައިގަތެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ”އަލިފުން ޔާއަށް“ މުޅި އިންޖީނު ބަލައި ތަޙުލީލުކުރިއެވެ.
މަނަވަރުގެ ދެ ވެރީންވެސް އޭނާ މަސައްކަތްކުރާތަން ބަލަން އެތާނގައި ތިއްބެވެ. އެމީހުން އުންމީދުކޮށްގެން ތިބީ އޭނާއަށް އިންޖީނު ރަގަޅުކުރެވޭނެކަމަށެވެ. މުސްކުޅިޔާ ބަލަންވީ ހުރިހާ ބެލުމެއް ބެލުމަށްފަހު އޭނާގެ ދަބަސް ކައިރިއަށް އައިސް އެއިން ކުޑަވަރެއްގެ މަރުތޭލެއް ނެގިއެވެ. އަދި އެމަރުތޭލުން އިންޖީނުގެ ތަނެއްގައި މަޑުމަޑުން ޖަހައިލިއެވެ. ހަމަ ޖަހައިލުމާއެކު އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލުވެއްޖެއެވެ. އޭގެ ހަފްތާއެއް ފަހުން ބޯޓުގެ ވެރީންނަށް މުސްކުޅިޔާގެ ފަރާތުން ދިހަހާސް ޑޮލަރުގެ ބިލެއް ލިބުނެވެ. ބިލު ފެނުމާއެކު ބޯޓުގެ ވެރީންގެ ލޮލުން ތަރިބުރައިގެން ދިޔައެވެ. އެމީހުންނަކަށް އެއްގޮތަކަށް ވެސް މިއަގު ހަޖަމެއްނުކުރެވުނެވެ. އެދެމީހުން އެކަކު އަނެކަކަށް ބުންޏެވެ. [ދިހަހާސް ޑޮލަރު އަރަންވީ ކީއްވެ ހެއްްޔެވެ؟؟؟ އޭނާ މާބޮޑުކަމެއް ކުރީއެއްވެސް ނޫނެވެ. އޭނާ އެކުރި ކަންތައް އަހަރަމެންނަށްވެސް ކުރެވޭނެއެވެ. މަރުތޭލަކުން އިންޖީނުގައި ނުޖެހޭނީ ކާކަށް ހެއްޔެވެ؟؟]
އެހެންކަމުން ތަންކޮޅެއް ތަފްޞީލު ބިލެއް ފޮނުވައިދިނުމަށް އެދި ބޯޓުގެ ވެރީން މުސްކުޅިޔާއަށް ނޯޓެއް ފޮނުވިއެވެ.
މުސްކުޅިޔާ އޭގެ ޖަވާބުގައި ތަފްޞީލު ބިލެއް ފޮނުވިއެވެ. އޭގައިވެއެވެ:
މަރުތޭލުން ޖެހުމަށް: 2 ޑޮލަރު
ޖަހަންވީތަން އެނގުނީތީ: 9998 ޑޮލަރު
ތެދެކެވެ! ކޮންމެ މީހަކަށްވެސް އިންޖީނުގައި މަރުތޭލުން ޖެހިދާނެއެވެ! ނަމަވެސް ޖަހަންވީ ތަނާއި ޖަހަންވީ ބާރުމިން ނޭގިއްޖެނަމަ މައްސަލަ ޙައްލުވުމުގެ ބަދަލުގައި އިތުރަށް ގޯސްވުންނޫން ކަމެއްނުވާނެއެވެ. ހަމައެފަދައިން އިންސާނާގެ ޙަޔާތުގައިވެސް ހިންމަތާއެކު މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ. އެކަމަކު އެހަކަތަ އާއި ބުންވަރުު ބޭނުންކުރަންވީ ކޮންތާކަށް ކިހާ މިންވަރަކަށްކަން އެނގުމަކީ އަދި އެއަށްވުރެ މުހިއްމުކަމެކެވެ. ހުރިހާ ތަފާތެއް ގެނުވައިދޭ ކަމަކީ އެއީއެވެ.
މިދެންނެވި އެނގުންތައް އިންސާނާއަށް އަންގައިދެނީ ޢިލްމުގެ ޒަރީޢާއިންނެވެ. އެހެންކަމުން އިސްލާމްދީނުގައި ވަރަށްވެސް މަތިވެރި ދަރަޖައެއް ޢިލްމަށް ދެއްވާފައިވެއެވެ. ޢިލްމުގެ ސަބަބުން ދުނިޔެ އާ އާޚިރަތުގައިވެސް އިންސާނާއަށް ބާއްޖަވެރިކަން ލިބެއެވެ.