top of page
Featured Posts
ދީނީ ނިއުސް

އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު ކުރާތީ (ފުރަތަމަ ބައި)



އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިސްލާމްދީނާއި މުސްލިމުންގެ ޙިމާޔަތުގައި އަދި ދީނުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ﷲގެ މަގުގައި ހަނގުރާމަ ކުރުން ވާޖިބު ކުރެއްވެވި، ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އެއިލާހު މުސްލިމުންގެ މައްޗަށް ޖިހާދު ވާޖިބު ކުރައްވާފައިވަނީ، ޖިހާދަކީ ގިނަބަޔަކު އެކަމަށް ނުރުހޭނޭ ކަމެއް ކަމުގައި ވާނޭކަންވެސް ބަޔާން ކުރައްވަމުންނެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އަޅުގަނޑުމެންނަށް ހަނގުރާމަ އުނގަންނަވައިދެއްވާ، ހަނގުރާމަކުރަން ދަސްކޮށްދެއްވެވި، މުސްލިމުންގެ ކޮމާންޑަރު އަދި ޤާއިދުކަމުގައިވާ މުޙައްމަދު صلى الله عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ހިދާޔަތުގައި ހިފަހައްޓައިގެން ހަނގުރާމަކުރަމުންދާ އެންމެހައި މުޖާހިދުން ޝާމިލު ކުރަމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.


"كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ" (البقرة: 216)

"ފަހެ ތިޔަބައިމީހުން އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކުރުން ފަރުޟު ކުރައްވައިފިއެވެ."


ޖިހާދާއި ބެހޭގޮތުން މުސްލިމުން ކަމުގައި ދަޢުވާ ކުރަމުންދާ ބައެއް މީހުން މިހާރު ދައްކަމުންދާ ވާހަކަތަކުގެ ބޮޅަށް އިތުރުވެގެންދިޔަ އެއްޚަބަރަކީ ހަވީރު ނޫހުގެ 26 މާރޗް 2009ގެ ޢަދަދުގައި "އަފްޣާނިސްތާން ހަނގުރާމައަށް ދިވެހިން" މިމައުޟޫއަށް ލިޔެފައިވާ ލިޔުމެވެ. މިއަދު ޖުމްލަކޮށް މީހުން ދައްކަމުންދާ ވާހަކަތަކުންނާއި އަދި އެލިޔުންވެސް ކިޔާލުމުން އަޅުގަނޑުގެ ހިތަށް ތަޞައްވަރު ކުރެވިގެން ދިޔައީ އިސްލާމްދީނާއި މުސްލިމުންނާއި އިދިކޮޅަށް ޔަހޫދީންނާއި ނަޞާރާއިންނާއި އަދި އެހެނިހެން ކާފަރުންތައް، ގުޅި އަތުގުޅާލައިގެން ކުރަމުންމިދާ ހަނގުރާމާގައި ފިކުރީ ގޮތުންނާއި ޢަމަލީގޮތުން އަޅުގަނޑުމެންވެސް ޖެހި ހައްޔަރުވެ އަޅުވެތިވެފައިވާ ކަމެވެ. އެއްބަޔަކު މިމަޅީގައި ޖެހިފައިވަނީ ނޭނގުމެއްގެ ތެރޭގައެވެ. އަނެއް ބަޔަކު އެމީހުންނަށް މިދުނިޔެމަތީގައި ލިބެން އޮތް ސިޔާސީ ބާރާއި ނުފޫޒާއި ޖާހާއި މަންސަބާއި ޑޮލަރު ބޮނޑިތަކަށްޓަކައި، އިސްލާމްދީނުގެ ހިދާޔަތު މިވަނީ މަގުފުރެދުމަށް ވިއްކާލާފައެވެ. އެހެންކަމުން މިމައުޟޫއަށް ދީނީ ނަޒަރަކުން އަލިއަޅުވާލަން، އަޅުގަނޑުގެ ޤަލަމް އުފުލާލަން މަޖުބޫރުވީއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.


"أُولَئِكَ الَّذِينَ اشْتَرَوُا الضَّلالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ" (البقرة:16)

މާނައީ: "ދަންނައެވެ. އެމީހުންނަކީ އެއީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. ފަހެ އެމީހުންގެ އެވިޔަފާރިއަކުން އެމީހުނަކަށް ފައިދާއެއް ނުކުރިއެވެ. އަދި އެމީހުންނީ ހިދާޔަތް ލިބިގެންވީ ބަޔަކު ކަމުގައިވެސް ނުވެއެވެ."


ކޮންމެއަކަސް ޖިހާދަކީ މިހާރު މީސްތަކުން އެކަމަށް ނުރުހޭ ކަމެއްގެ އިތުރުން އެކަމަކާއިމެދު ނަފްރަތްތެރިކަން އުފެދިފައިވާ ކަމެއްވެސްމެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއި އިސްރާއީލުން މުސްލިމުންނާއި މެދު ގެންގުޅޭ ހައްދުފަހަނާޅާފައިވާ އެއްވެސް ޢަދުލުވެރިކަމެއް ނެތް އަނިޔާވެރި ސިޔާސަތަށް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުންތެރިކަން ފާޅުކުރިކަމުގައި ވީނަމަވެސް، މިދެންނެވި ކުފުރުގެ ދައުލަތްތަކާއި އިދިކޮޅަށް ބަހެއް ބުނެލާ މީހަކުވެސް މިހަދަނީ ހައްދު ފަހަނާޅާފައިވާ ޓެރަރިސްޓަކަށެވެ. މިއީ މިއަދު އަޅުގަނޑުމެން މުސްލިމުންގެ ޙާލަތު ހުރި ގޮތެވެ. މިއަދު އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ވަޒަން މިކުރަނީ (މިނެކިރާލަނީ) އެއްކަލަ ޙަރުބީ ކާފަރުންގެ ތިލަފަތުންނެވެ. އާދެ އެވެރިންގެ ކުފުރުގެ ސިކުނޑިތަކުގެ ހަމަތަކުގެ މައްޗަށެވެ. އެމީހުންނަށް ރަނގަޅު ކަންތައްތައް އެއީ ރަނގަޅު ކަންތައްތައްކަމުގައި ދެކި އެމީހުންނަށް ނުރަނގަޅު ކަންތައްތައް އެއީ އަޅުގަނޑުމެންނަށްވެސް ނުރަނގަޅު ކަންތައްތަކަށް މިވަނީ ހަދާފައެވެ. އެއީ ދީނުގެ ކިތައްމެ ބޮޑު މައްސަލައެއް ނަމަވެސް އެވެ. އަޅުގަނޑުމެންނީ މުސްލިމުންނަށްވާއިރު ދީނުގައި މިކަންއޮތީ ކިހިނެއްތޯ ހޯދާ ބެލީ ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.


"لا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ" (النساء: 95)

މާނައީ: "މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭ ވަރުގެ) ޢުޛުރުތަކުގެވެރިން ފިޔަވައި، ހަނގުރާމައަށް ނުގޮސް ތިބޭ މީހުން، ﷲގެ މަގުގައި އެބައިމީހުންގެ މުދަލުންނާއި ނަފްސުތަކުން (ޖާނުން) ޖިހާދު ކުރާ މީހުންނާއި ހަމަހަމަވެގެން ނުވެއެވެ."


މިފަދަ މަތިވެރި ކަމެއްގެ ގޮތުގައި ޖިހާދު ލައްވާފައިވާއިރު އަޅުގަނޑުމެން މިއަދު މިތިބެނީ އެމަތިވެރި އަޅުކަން އަދާކުރާ މީހުންނާއި ދިމާލަށް ފުރައްސާރަކޮށް އެއްޗެތި ގޮވާށެވެ. އެމީހުން އަނބިދަރީންނަށް އަޅާނުލާ ދޫކޮށްލާފައި ދިޔަ ވާހަކައެވެ. ނޫންނަމަ އެމީހުންގެ މޮޔަކަމުން މިދުނިޔެމަތީގައި މިއޮތް މުއްސަނދިކަމާއި ކުޅިމަޖަލާއި އަނބިދަރީން ކައިރީ މަޖާ ކުރުމަށް ނުތިބެ ޖިހާދަށް ދިޔަ ވާހަކައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.


"قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ" (التوبة:24)

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރީންނާއި، އަޚުންނާއި، އަނބީންނާއި، ގާތް ތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ތިޔަ ބިރުގަންނަ ވިޔަފާރިއާއި، އަދި ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި، މިހުރިހައި ތަކެތި، ﷲއާއި އެއިލާހުގެ ރަސޫލާއާއި އެއިލާހުގެ މަގުގައި ޖިހާދު ކުރުމަށްވުރެ ބޮޑަށް، ތިޔަބައިމީހުން އެތަކެއްޗަށް ލޯބިވެއްޖެކަމުގައި ވާނަމަ، ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ. ހަމަކަށަވަރުން ފާސިޤުވީމީހުންނަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ."

www.dheenee-news.com

SUNDAY, APRIL 26, 2009


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page