top of page
Featured Posts

”އިބަ އިލާޙުގެ ލޯތްބާއި އަޅާ ކިޔާއިރު މިހުރިހާ ކަމަކީ (އަނިޔާތަކަކީ)، އެއްވެސް ކަމެއް ނޫނެވެ.“

رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...

ޝައިޚް އަބްދު ﷲ ޢައްޒާމް (رحمه الله)


”ނުބައިކަން ބޮޑު ފާސިޤަކަށް ޤުރުއާނަކީ ކޮންފަދަ ބުރަ އެއްޗެއް ހެއްޔެވެ؟ އަދި ފާސިޤު މުނާފިޤަކަށް ނަމާދާއި އަޅުކަމަކީ ކޮންފަދަ ބުރަ ކަންތައްތަކެއް ހެއްޔެވެ؟ ނަމާދަކީ މުނާފިޤުންނަށް ވަރަށް ބުރަ ކަމެކެވެ! އޭނާ، އޭނާގެ ޑައިރީގައި ލިޔަން 2 ގަޑި އަދި 3 ގަޑި އިރު ހޭދަކުރާތަން ތިބާއަށް ފެންނާނެއެވެ. އަދި 2 ގަޑި ނުވަތަ 3 ގަޑިއިރު ވާހަކަ ދެއްކުމަށްޓަކައި ކޮޅަށް ހުންނަ ތަން ފެންނާނެއެވެ. އެކަމަކު އިމާމް މީހާގެ ފަހަތުގައި 5 މިނެޓް ހުންނަން ޖެހިއްޖެނަމަ، އޭނާއަށް ހީވާނީ ފަރުބަދައެއް އޭނާގެ މޭމަތީގައްޔާއި ހިތުގެ މަތީގައި ބޭއްވި ހެންނެވެ. ﷲ ގެ ހަޟްރަތުން، ހިތުގެ ބަލިތަކުން އަހަރެމެން ރައްކައުތެރިކަމަށް އެދެމެވެ!


އެހެންކަމުން، ތިބާގެ ހިތް އިމްތިޙާން ކުރަން ބޭނުން ނަމަ، ޤުރުއާން ކިޔެވޭ ހިނދު ތިބާގެ ހިތް އިމްތިޙާން ކުރާށެވެ. އެޤުރުއާން ކިޔެވުމުން ތިބާގެ ހިތަށް ބުރަވި ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ އަޅުކަން ކުރުމުން ތިބާގެ ހިތް އިމްތިޙާން ކުރާށެވެ. ޞާލިޙުން ފެންނަ ހިނދު ތިބާގެ ހިތް އިމްތިޙާން ކުރާށެވެ. ހެނދުނުގެ ވަގުތު ތަކުގައި ޛިކުރު ކުރާ ހިނދު ތިބާގެ ހިތް އިމްތިޙާން ކުރާށެވެ. ނަމާދު ކުރަން ތެދުވެ ހުންނަ ހިނދު ތިބާގެ ހިތް އިމްތިޙާން ކުރާށެވެ. ތިބާ ނަމާދު ކުރަން ލޯބިކުރަން ހެއްޔެވެ؟ ނުވަތަ އެއީ ތިބާއަށް ބުރަ ކަމެއް ހެއްޔެވެ؟ އެހެން ކަމުން އަޅުކަން ތިބާއަށް ބުރަކަމަކަށް ވާނަމަ، ތިބާގެ ހިތުން، ހަރުކަން ފިލުއްވާ، ތިބާގެ ހިތް މަޑުކޮށް ދެއްވުމަށް ﷲ ގެ ހަޟްރަތުގައި އެދޭށެވެ. އެހެނީ މިކަމުން ދޭހަކޮށްދެނީ 'ޖާހިލިއްޔަތު'، އަދިވެސް ތިބާގެ ހިތާއި ނަފްސުގެ ތެރޭގައި ހަރުލާފައިހުރިކަމެވެ.


ހިތް ހަރުވުން:- އަހަރެމެންގެ ހިތްތައް ހަރުވުމުން ﷲ ގެ ހަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ! ހިތް ހަރުވުން އިތުރުވެގެންދަނީ އަމިއްލަ އެދުންތައް ފުއްދުމުގެ ސަބަބުންނެވެ. އޭގެތެރޭގައި ޖިންސީ އެދުންތަކާއި ކާބޯތަކެއްޗަށް އެދުންވެރިވުންވެސް ހިމެނެއެވެ. އަދި އެއީ މިކަންތައްތައް ޙާޞިލްކުރުމުގައި، ހުއްދަ ގޮތްތައް ބޭނުންކުރި ކަމުގައި ވިޔަސް މެއެވެ.


ހިތް މަޑުވުން ޙާޞިލު ކުރެވެނީ 6 ކަންތައްތަކަކުންނޭ ބުނެވެނީ މިސަބަބުތަކާއި ގުޅިގެންނެވެ.

• ރޭގަނޑުގައި ނަމާދު ކުރުން.


• ޤުރުއާން ކިޔެވުން.


• ކާބޯތަކެތިން ބަނޑު ހުސްކޮށް ބެހެއްޓުން.


• ޞާލިޙުންނާއި ގުޅުން ބަދަހި ކުރުން.


• ޛިކުރު ކުރުން.


• ހެނދުނުގެ ވަގުތުގައި އިސްތިޣްފާރު ކުރުން.


މިހެން ވުމުގެ ސަބަބުން، އެބައެއްގެ ހިތްތައް ހަރުވެއްޖެ ކަމުގެ އިޙްސާސް ކުރެވޭ މީހުން ބުނެއެވެ. ”އަހަރެމެން ﷲ އާއި ގާތްކޮށްދޭނެ ބަޔަކާއި ގާތްކޮށްދޭށެވެ.“ އަދި އެންމެ ހެޔޮކަން ބޮޑު މީހުންނަކީ އެބަޔަކާއި ތިބާއާއި ބައްދަލުވުމުން، ތިބާ ﷲ މަތިން ހަނދުމަކޮށްދޭ މީހުންނެވެ. އެމީހެއްގެ ޙާލަތާއި އުޅުންތަކުގެ ސަބަބުން ﷲ މަތިން ހަނދުމަކޮށްދޭ މީހުންނެވެ. އަދި އެމީހެއްގެ ބަސް ތަކުގެ ސަބަބުން ﷲ އަށް ކިޔަމަންތެތެރިވުން އިތުރުކޮށްދޭ މީހުންނެވެ. އަދި އެމީހަކު ފެނުމުން ﷲ މަތިން ހަނދުމަކޮށްދެއެވެ.


އަޅުގަނޑު ބައެއް ފަހަރު މީހުންނާއި އެކު ނަމާދުގައި އިމާމްވެ ހުންނަމެވެ. އެގޮތުން ބައެއް ޒުވާނުން އަޅުގަނޑުގެ ފަހަތުގައި ތިބެއެވެ. އޭގެތެރޭގައި ޗެޗްނިޔާގެ 90 އަހަރުވީ މުސްކުޅި މީހަކުވެސް ވިއެވެ. ނަމާދުގައި، ޤުރުއާން ކިޔެވުމަށް އަޅުގަނޑު ވަރަށް ލޯބިކުރަމެވެ. ފުރަތަމަ ސަބަބަކަށްވަނީ އަޅުގަނޑު ނަމާދުގައި ވީތީއެވެ. އަދި ﷲ ގަންދީ ބުނަމެވެ. ޤުރުއާނުން 2 އާޔަތް ނުވަތަ 3 އާޔަތް ކިޔެވުމަކީ އަޅުގަނޑަށް ނުހަނު އުދަނގޫ ކަމެކެވެ. ގިނައިން ޤުރުއާން ކިޔަވައިފި ނަމަ، އަޅުގަނޑުގެ ފަހަތުގައި ތިބި މީހުން ނުރުހޭނެކަން އަޅުގަނޑަށް އެނގެއެވެ. އެހެން ނަމަވެސް ނަމާދުކޮށް ނިމުމުން ޒުވާނުންތައް ޝަކުވާ ކުރިއެވެ. އަދި އެޝަކުވާގެ އަޑުތައް އަޅުގަނޑަށް އިވުނެވެ. އެކަމަކު 90 އަހަރުގެ މުސްކުޅި މީހާ ބުނެއެވެ. ”ކަލޭމެންނަށް ޤުރުއާނުން ކިޔެވޭނެ އެންމެ ދިގުކޮށް ކިޔަވާށެވެ.“ އެކަމަކު، އޭނާ އަކީ 90 އަހަރުން މަތީގެ މީހެކެވެ.


އެހެން ކަމުން މިމައްސަލައަކީ އަމިއްލަ ވަކި ނަފްސުތަކާއި ގުޅިފައިވާ ކަމެކެވެ. އެއްފަހަރަކު، އަލް ބަންނާގެ ކިޔަވާ ކުއްޖަކު ރޯދަމަހުގައި، އަޅުގަނޑުގެ ފަހަތުގައި ނަމާދު ކުރިއެވެ. އެހެން ކަމުން އަޅުގަނޑު ކޮންމެ ރެއަކުވެސް 1 ފޮތް ކިޔަވަމެވެ. ނަމާދުކޮށް ނިމުމުން އެކުއްޖާ ސުވާލުކުރެއެވެ. ”ކިހާ ވަރެއް ކިޔެވިން ހެއްޔެވެ؟“ އަޅުގަނޑު ޖަވާބު ދެމެވެ. ”އެއް ފޮތެވެ.“ އެކުއްޖާ ބުންޏެވެ. ”ޔާ ސަލާމް! އެކަން ވެގެން ދިޔައީ މިނިޓެއްގެ ކަމެއް ފަދައިންނެވެ.“ އެކަމަކު، ނަމާދުގައި އިށީނުން ތިބާއަށް ހުއްދަވެގެން ނުވެއެވެ. ފިކުރު ކުރުމެއް ނެތި މީނާ ދިޔައީ ޤުރުއާނުން ހިތްހަމަޖެހުން ހޯދަމުންނެވެ. އެގޮތުގައި މުޅި ރޭ ހޭދަކުރިއަސް ފޫހިކަމެއް އަދި އުދަނގުލެއް އޭނައަކަށް ނުވާނެއެވެ. އެކަމަކު އެއާއި ޚިލާފަށް އެހެން މީހަކު ވެއެވެ. سبحان الله! އޭނާގެ ހިތް ހަރުވެގެން ވެއެވެ. އެހެން ކަމުން ޤުރުއާނުގެ ސަބަބުން އޭނާ ބޮޑަށް ފޫހިކުރުވައެވެ. މީގެ ސަބަބުން އެޤުރުއާނުގެ ސަބަބުން އޭނާގެ ހިތް މަޑެއް ނުވެއެވެ. އަދި އެފަދަ މީހަކަށް ކިތަންމެ ގިނައިން ޤުރުއާން ކިޔަވައި ދިނަސް އޭނާއަށް އެކަން ވާނީ ބުރަ އަދި އުދަނގޫ ކަމަކަށެވެ.


މިހެން ވުމުގެ ސަބަބުން، މީހެއްގެ މައްޗަށް ﷲ ގެ ފަރާތުންވާ ބަރަކާތަކީ، އީމާންކަން އެއީ އެމީހަކަށް ލޮބުވެތިކަން ބޮޑު އެއްޗަކަށް ވުމެވެ. އަދި އޭނާގެ ހިތުގެ ތެރޭގައި އެ އީމާންކަން ޒީނަތްތެރި ކުރުމެވެ.


”وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ لَوْ يُطِيعُكُمْ فِي كَثِيرٍ مِنَ الأمْرِ لَعَنِتُّمْ وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الإيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُولَئِكَ هُمُ الرَّاشِدُونَ“

”އަދި ތިޔަބައިމީހުންގެ ތެރޭގައި ﷲ ގެ ރަސޫލާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކުގައި އެކަލޭގެފާނު ތިޔަބައި މީހުންނަށް ކިޔަމަންވެވަޑައިގަންނަވާ ނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބި ޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެއީމާންކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިޤުކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރި ކުރެއްވިއެވެ. އެބައިމީހުންނީ ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.“

(ސޫރަތުލް ޙުޖުރާތު :7)


މިއީ ﷲ ގެ ޙަޟްރަތުން ލިބޭ ރަޙްމަތެވެ. މީގެ ސަބަބުން އިންސާނާ މުޞީބާތްތަކާއި އުދަނގޫތަކުން ހިތްހަމަ ޖެހުން ލިބިގަނެއެވެ. ކީއްވެ ހެއްޔެވެ؟ ﷲ އަށްޓަކައެވެ. އޭނާ އޭގެން ފޮނި ރަހަ ލިބިގަނެއެވެ. ﷲ އަށްޓަކައި ނަމަ، އަނިޔާއަކީވެސް ފޮނި އެއްޗެކެވެ. ޣައިބް ދެނެވޮޑިގަންނަވާ އިލާހަށްޓަކައި ނަމަ، ވަރުބަލިކަމާއި ކަންބޮޑުވުން، އޭނާގެ ހިތަށް ލޮބުވެތިވެއެވެ.


ޖާބިރު ރިޒްޤް ނަމަކަށް ކިޔާ ކޮންމެވެސް ނޫސްވެރިއަކު އަޅުގަނޑުގެ ގާތުގައި އެއްފަހަރު ބުންޏެވެ. އޭނާ ފޮތެއް ލިޔުނެވެ. ސައްޔިދު ޤުތުބާއި އެކު ޝަޙީދުކޮށްލެވުނު މުޙައްމަދު ޔޫސުފް ޙައްވާޝްއަށް އެފޮތް އޭނާ ދިނެވެ. އިސްލާމް ދީނާއި މެދު އާދަޔާއި ޚިލާފު ފުރިހަމަ ވިސްނުމެއް މީނާގެ ކިބައިގައި ވިއެވެ. ޝަހީދުކޮށްލެވުމުގެ ކުރިން 10 އަހަރު ވަންދެން މީނާ ޖަލުގައި ހުންނެވިއެވެ. އޭނާ ހައްޔަރު ކުރެވުނީ 1954 އިން 1964 އަށެވެ. އަދި ޝަހީދުކޮށްލެވުނީ 1966 އަހަރުއެވެ. ޞިއްޙީ މައްސަލަތަކަކާއި ހެދި ޖަލުން މީނާ ދޫކޮށްލެވުނެވެ. އެހެން ނަމަވެސް އަނެއްކާވެސް އަނބުރާ ގެނެވުނެވެ.


ޖާބިރު ރިޒުޤް އަޅުގަނޑުގެ ކައިރީގައި ބުންޏެވެ. އަނިޔާ ކުރުން އިންތިހާ ދަރަޖައަށް އިތުރުވެގެން ދިއުމުން މީނާ އުޑަށް ބަލަން ހުރެ ބުނެއެވެ. ”އިބަ އިލާހުގެ ލޯތްބާއި އަޅާ ބަލާއިރު މިހުރިހާ ކަމަކީ (އަނިޔާތަކަކީ) އެއްވެސް ކަމެއް ނޫނެވެ. އިބަ އިލާހުގެ ލޯތްބާއި އަޅާ ބަލާއިރު މިހުރިހާ ކަމަކީ (އަނިޔާތަކަކީ) އެއްވެސް ކަމެއް ނޫނެވެ.“ މާނައަކީ ﷲ ގެ ލޯތްބަށްޓަކައި ނަމަ މިހުރިހާ އަނިޔާއަކީ އެއްވެސް އެއްޗެއް ނޫނެވެ.“


އަޞްލު: ފީޡިލާލް ސޫރަތުއް ތައުބާ

03 ޖެނުއަރީ 2010

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page