އައްޝައިޚު މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން (رحمه الله)
1347ހ. – 1421ހ. އަށް
ނަންފުޅު: محمد بن صالح بن محمد بن سليمان بن عبد الرحمن آل عثيمين (މުޙައްމަދު ބިން ޞާލިޙް ބިން މުޙައްމަދު ބިން ސުލައިމާން ބިން ޢަބްދުއްރަޙްމާން އާލް ޢުޘައިމީން)
އުފަންވެވަޑައިގަތުން: 27 ރަމަޟާން 1347ހ. (1927މ.) ވީ ރޭ ޢަރަބި ޖަޒީރާގެ އަލްޤަޞީމްގެ އަވަށެއްކަމުގައިވާ ޢުނައިޒާ އަށެވެ.
ނިޔާވުން: 15 ޝައްވާލް 1421ހ. (2000މ.) ވީ ބުދަ ދުވަހު، ޖިއްދާގައެވެ.
ޢުމުރުފުޅު: 74 އަހަރެވެ.
ޅަފަތުގެ ދުވަސްވަރާއި ޢިލްމު ޙާޞިލްކުރެއްވުން
ޝައިޚް ޤުރްއާން އުނގެނިވަޑައިގެންނެވީ މަންމަ ފަރާތު ކާފާފުޅު ކަމުގައިވާ ޢަބްދުއްރަޙްމާން ބިން ސުލައިމާން އައްދާމިޣް (رحمه الله) ގެ އަރިހުންނެވެ. އަދި ލިޔެކިޔުމާއި، އަދަބު އަޚްލާޤާއި، ހިސާބުގެ ޢިލްމުން މިންވަރެއް ޙާޞިލްކުރެއްވީ އަލްއުސްތާޛް ޢަބްދުލް ޢަޒީޒް ބިން ޞާލިޙް އައްދާމިޣްގެ މަދަރުސާއިންނެވެ. އަދި ޢުމުރުން 11 އަހަރު ފުރުމުގެ ކުރިން ޝައިޚް ޤުރްއާން ހިތުދަސްކުރެއްވިއެވެ.
1370ހ. ވަނަ އަހަރު ޢުނައިޒާގެ ޖާމިޢުލް ކަބީރުގައި، ފަޟީލަތުއް ޝައިޚުލް އައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރުއް ސަޢުދީ (رحمه الله) އަރިހުން ޤުރްއާން ތަފްސީރާއި، ޙަދީޘާއި، ނަބިއްޔާ (صلى الله عليه وسلم) ގެ ސީރަތާއި، ތަޥްޙީދާއި، ފިޤުހާއި، އުޞޫލާއި، ފަރާއިޟާއި، ޢަރަބި ބަހުގެ ޤަވާޢިދު އުނގެނިވަޑައިގެންނެވިއެވެ. އެހެން އެއްވެސް ޝައިޚެއްގެ ކިބައިން ޢިލްމު ޙާޞިލްކޮށްފައިނުވާ މިންވަރަށް މި ޝައިޚްގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވިއެވެ.
ޢުނައިޒާގެ ޣާޒީއެއްގެ ގޮތުގައި ޝައިޚް ޢަބްދުއްރަޙްމާން ބިން ޢަލީ ބިން ޢަޥްދާން (رحمه الله) ހުންނެވިއިރު، އެ ޝައިޚްގެ އަރިހުންވެސް ފަރާއިޟްގެ ޢިލްމު އުނގެނިވަޑައިގެންނެވިއެވެ. އަދި ޝައިޚް ޢަބްދުއްރައްޒާޤް އަފީފީ (رحمه الله) ގެ އަރިހުން ޢަރަބި ބަހުގެ ޤަވާޢިދުތަކާއި ބަލާޣާތްތެރިކަން އުނގެނިވަޑައިގެންނެވިއެވެ.
ރިޔާޟުގައި ޢިލްމީ މަޢުހަދު ހުޅުވުމުން، އެތަނަށް ދިއުމަށް ބައެއް އަޚުން ޚިޔާލު ދިނުމުން، ޝައިޚް ޢަބްދުއްރަޙްމާން ބިން ނާޞިރުއް ސަޢުދީ (رحمه الله) ގެ އިޛުނަފުޅާއިއެކު އެތަނަށް ވަދެވަޑައިގަތެވެ. އަދި އެތަނުގައި ހޭދަކުރެއްވި އަހަރުތަކުގައި، އައްޝައިޚުލް މުފައްސިރް މުޙައްމަދުލް އަމީން އަލްޝަންޤީޠީ، އައްޝައިޚުލް ފަޤީހް ޢަބްދުލް ޢަޒީޒް ބިން ނާޞިރް ބިން ރަޝީދު އަދި އައްޝައިޚުލް މުޙައްދިޘް ޢަބްދުއްރައްޒާޤް އަލްއަފްރީޤީ (رحمهم الله) ފަދަ ބޭބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވެވިއެވެ.
އަދި އެދުވަސްތަކުގައި، ޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް (رحمه الله) ގެ އަރިހުގައި މިސްކިތުގައި އިށީނދެވަޑައިގެން، ޞަޙީޙުލް ބުޚާރީއާއި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) ގެ ފަތްފުއްތަކުން އުނގެނިވަޑައިގެންނެވިއެވެ. އަދި އޭގެ ސަބަބުން ޙަދީޘް ޢިލްމާއި މަޛްހަބުތަކުގެ ފިޤުހުވެރިންގެ ރަޢުޔުތަކާއި އަޅާކިޔުން އުނގެނިވަޑައިގެންނެވިއެވެ. ޝައިޚް އެންމެ ގިނައިން ޢިލްމު ޙާޞިލްކުރެއްވެވި އަދި އަސަރުކުރެއްވެވި ދެވަނަ ޝައިޚަކީ މިއީއެވެ.
އިލްމީ ޚިދުމަތްތައް
1376ހ. ގައި ޝައިޚްގެ އުސްތާޛް ޝައިޚުލް ޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރުއް ސަޢުދީ (رحمه الله) ނިޔާވުމުން، ޖާމިޢުލް ކަބީރުގެ މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތްޕުޅު ފެއްޓެވިއެވެ. އަދި ޢުނައިޒާގެ ކުތުބުޚާނާގައި ދަރުސްތައް ކުރިއަށް ގެންދަވަން ފެއްޓެވިއެވެ. އަދި ދަރިވަރުން އިތުރުވެ އެތަނުން ފުދޭވަރު ނުވުމުން، ޖާމިޢާގެ މިސްކިތުގައި ޝައިޚް އަމިއްލަފުޅަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި އެކިތަންތަނުން ދަރިވަރުން އައިސް އުނގެނެން ފެށިއެވެ.
1374ހ. ވަނަ އަހަރު ރިޔާޟުގެ އިލްމީ މަޢުހަދު ނިމުމާއިއެކު، އެތަނުގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ޝައިޚަށް ލިބިވަޑައިގަތެވެ. އަދި 1398ހ. ވަނަ އަހަރު ކުއްލިއްޔަތުއް ޝަރީޢާ ވަ އުޞޫލުއްދީންގެ އުސްތާޛެއްގެ ގޮތުގައި ބަދަލުކުރެވެންދެން އެތަނުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ޝައިޚް ނިޔާވުމާއި ހަމައަށް އެތަނުގެ އުސްތާޛެއްގެ ގޮތުގައި ހުންނެވިއެވެ.
ޝައިޚް ލިޔުއްވި ބައެއް ފޮތްތަކުގެ ތެރޭގައި:
• كتاب العلم (ކިތާބުލް ޢިލްމު)
• شرح كشف الشبهات (ކަޝްފުއް ޝުބުހާތުގެ ޝަރަޙަ)
• شرح الاربعين النووية (އިމާމް ނަވަވީގެ 40 ޙަދީޘްގެ ޝަރަޙަ)
• شرح العقيدة الواسطية (އަލްޢަޤީދަތުލް ވާސިޠިއްޔާގެ ޝަރަޙަ)
• مصطلح الحديث (މުޞްޠަލަޙަލް ޙަދީޘް)
• رسالة الحجاب (ރިސާލަތުލް ޙިޖާބް)
• أحكام الاضحية والذكاة (އުޟުޙިއްޔަތާއި ޒަކާތުގެ ޙުކުމްތައް)
• شرح الأصول الثلاثة (އަލްއުޞޫލުއް ޘަލާޘާގެ ޝަރަޙަ)
• عقيدة أهل السنة و الجماعة (އަހުލުއް ސުއްނަ ވަލް ޖަމާޢަތުގެ ޢަޤީދާ)
تفسير آية الكرسي (އާޔަތުލް ކުރުސީގެ ތަފްސީރު)
ޝަޚްޞިއްޔަތު
ޝައިޚަކީ ވަރަށް ރުޅިމަޑު، ކެތްތެރި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރައްވާ ބޭކަލެކެވެ. އަދި ތަވާޟުޢުވެރިވުމާއި، ރިވެތި އަޚްލާޤާއި، ރަނގަޅު އަދަބުތަކުގެ ވެރި ބޭކަލެކެވެ. އަދި ޝައިޚް ދަރުސްތަކަށް ވަޑައިގަންނަވާ ހިނދު، މޫނުފުޅުން އުފާވެރިކަން ފެނިގެންދެއެވެ. ޝައިޚަކީ ހިތްހެޔޮ ބޭކަލެކެވެ. އަދި ޝައިޚުގެ އަޑުއެހުމަށް ޙާޟިރުވެ ތިބޭމީހުންނާއި ގުޅި ވާހަކަދައްކަވާ ހައްދަވައެވެ. އަދި ޝައިޚުގެ ހުރިހާކަމެއްގައިވެސް ސުންނަތަށް ތަބަޢުވުމަށް ވަރަށް މަސައްކަތްޕުޅު ކުރައްވައެވެ. ޝައިޚް ނިޔާވުމުގެ 6 މަސްދުވަސް ކުރިން އެމެރިކާއަށް ކުރެއްވި ބޭސްދަތުރުގައި، ބަލި ޙާލުކޮޅައިގެންވެސް ހުކުރު ނަމާދުގައި އިމާމްވެ ނަމާދުކުރެއްވުމުގެ އިތުރުން، ޝައިޚްވަނީ އެމެރިކާގެ އިސްލާމީ މަރުކަޒުގައި އެމެރިކާގެ މީހުންނަށާއި އެނޫން މީހުންނަށް އަމާޒުކޮށް އެތައް ދަރުސްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބޭސްފަރުވާ ކުރެއްވުމަށްފަހު އެނބުރިވަޑައިގެން، ނިޔާވުމަށް ދާންދެން، މައްކާގެ ޙަރަމްފުޅުގައި ދަރުސްތައް ކުރިއަށް ގެންދެވުން ހުއްޓައެއް ނުލައްވައެވެ.
ގެންގުޅުއްވި ސިޔާސަތު
އިސްލާމްދީނަށް ޚިދުމަތްކޮށްދޭ ފަރާތްތައް ފާހަގަކޮށް، ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ފައިޞަލްގެ ނަމުގައި އެތަނުގެ ސަރުކާރުން ދޭ އިނާމު 1414ހ. ވަނަ އަހަރު ޝައިޚަށް ލިބިލެއްވިއެވެ. އެއީ މުސްލިމުންގެ މެދުގައި އިޞްލާޙުކުރުމަށްޓަކައި ޝައިޚް ދެއްވި ދަރުސްތަކާއި، ފަޠުވާތަކާއި، އެހެނިހެން މަސައްކަތްތައް ފާހަގަކޮށް އަދި ޝައިޚްގެ ވަރަޢަވެރިކަމާއި، އެހެންމީހުންނާއި މުޢާމަލާތްކުރުމުގައި ގެންގުޅުއްވާ މަޑުމައިތިރި އުޞޫލާއި، ޙައްޤުބަހާއި، ޢަމަލާއި އަދިވެސް އެހެނިހެން ކަންކަން ފާހަގަކޮށް ދެވުނު އިނާމެކެވެ.
ޝައިޚް ފުރުއްވި ބައެއް މަޤާމުތަކުގެ ތެރޭގައި:
• ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެންމެ ބޮޑު ޢިލްމުވެރިންގެ މަޖްލިހުގެ މެންބަރެއްގެ ގޮތުގައި 1407ހ. އިން ފެށިގެން ނިޔާވުމާއި ހަމައަށް ހުންނެވިއެވެ.
• ޖާމިޢަތުލް އިމާމް މުޙައްމަދު ބިން ސުޢޫދުލް އިސްލާމިއްޔާގެ ޢިލްމީ މަޖްލިހުގެ މެންބަރެއްގެ ގޮތުގައި 1398ހ. އިން 1400ހ. އަށް ހުންނެވިއެވެ.
• ޙައްޖު މޫސުމުގައި މީސްތަކުން ހޭލުންތެރިކުރުމުގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1392ހ. އިން ނިޔާވުމާއި ހަމައަށް ހުންނެވިއެވެ. އަދި މިދުވަސްތަކުގައި މައްކާގައި ދަރުސްދެއްވާ، ޝަރުޢީ މައްސަލަތަކުގައި ފަޠުވާ ދެއްވަވާ އުޅުއްވިއެވެ.
• ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޓީވީ ޕްރޮގްރާމްތަކުގައި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވެވި ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގެންނެވިއެވެ.
މުޖާހިދުންނާއި ޝައިޚް
ޝައިޚަކީ ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ލޯބިކުރައްވާ ބޭކަލެކެވެ. މިގޮތުން ޝައިޚްގެ ޙަޔާތުގައި މުޖާހިދު އަޚް އުސާމާ ބިން ލާދިން (حفظه الله) އާއި ބައްދަލު ކުރެއްވިއެވެ. އަދި އެ ބައްދަލުވުމަށް ޝައިޚް އެދިލެއްވި މިންވަރާއި، މުޖާހިދުން އަފްޣާނިސްތާނުގައި ރޫސީންނާއި ދެކޮޅަށް ކުރި މަސައްކަތަށް ތަޢުރީފުކުރެއްވިއެވެ. އަދި މަތިވެރި މާތް މަޤްޞަދަކާއިއެކު ހުއްޓުމެއްނެތި މަސައްކަތް ކޮށްފިނަމަ، އިސްލާމްދީނުގެ މައްޗަށް ކުފުރަށް ވެރި ނުވެވޭނެކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ މުސްލިމުން ހެއްލުންތެރިކުރުވާފައި މިވަނީ ދުނިޔެއާއި އޭގެ ލައްޛަތުތަކަށް ލޯބިކުރުމުން ކަމުގައި ޝައިޚް ވިދާޅުވިއެވެ. އަދި މުސްލިމުން ތެދުވެރި އީމާނަކާއި، ހެޔޮ ޢަމަލާއި، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަމުން ﷲގެ މަގަށް ގޮވާލަމުންދާނަމަ، އެމީހުންނަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ މުސްލިމުން، ދީނަށް ކިތަންމެ ގެއްލުމެއް ލިބުނު ނަމަވެސް އެމީހުންގެ އަމިއްލަ ނަފްސުތަކުގެ އެދުންތައް ފުއްދަމުންދާކަމާއިމެދު ހިތާމަ ފާޅުކުރެއްވިއެވެ. އަދި މުޖާހިދުން ފާޅުވަމުން އަންނާތީ އެކަމަށް ﷲއަށް ޙަމްދުކުރެއްވިއެވެ. އަދި ނަބިއްޔާ (صلى الله عليه وسلم) ގެ ރިސާލަތު ފެތުރުމަށް މަސައްކަތްކުރަމުންދާ މީހެއްނަމަ، އެފަދަ މީހަކާ ދެކޮޅުވެރިވާ މީހުން ތިބޭނެކަމަށް ވިދާޅުވިއެވެ. އަދި މުޖާހިދު އަޚް އުސާމާ ބިން ލާދިނަށް ހެޔޮ ޖަޒާދެއްވަވާ، ބަރަކާތްތެރި ބައްދަލުވުމެއްގޮތުގައި ލެއްވެވުން އެދި ޝައިޚް ދުޢާކުރެއްވިއެވެ.
އަދި މީގެ އިތުރުން ޝައިޚްގެ ފަރާތުން ޢިލްމު ޙާސިލް ކުރި އެތަކެއް ދަރިވަރުންނެއް ދަނީ މިހާރުވެސް ﷲގެ މަގުގައި ހަނގުރާމަ ކުރަމުންނެވެ. އުނގެނުނު އެއްޗެއްގެ މައްޗަށް ޢަމަލު ކުރަމުންނެވެ. މީގެ ތެރެއިން ޝީޝާނުގައި މިހާރުވެސް ހަނގުރާމައިގެ އިސް އަމީރުންގެ ތެރެއިން ހިމެނިވަޑައިގެން އުޅުއްވާ އައްޝައިޚް އަބޫ ޢުމަރުއްސައިފް (حفظه الله تعالى) ފާހަޤަ ކޮށްލެވެއެވެ. އަދި މި ނޫނަސް އެތަކެއް ދަރިވަރުންނެކެވެ.
ނިޔާވުން
ޝައިޚް ނިޔާވީ 1421ހ. ވަނަ އަހަރުގެ ޝައްވާލް މަހުގެ 15 ވަނައަށްވީ ބުދަދުވަހުއެވެ. ޢުމުރުފުޅުން ގާތްގަނޑަކަށް 74 އަހަރުގައެވެ. ޝައިޚްގެ ޖަނާޒާ ބޭއްވުނީ ޢަޞުރު ނަމާދުގެ ފަހުގައި، މައްކާގެ މަސްޖިދުލް ޙަރަމްގައެވެ. އަދި ފަސްދާނުލެވުނީ މައްކާގައެވެ. ޝައިޚް ނިޔާވިއިރު، ފަސް ފިރިހެން ދަރިކަލުންނާއި، ތިން އަންހެން ދަރިކަނބަލުން ތިއްބެވިއެވެ.
ﷲ ޝައިޚްގެ ފާފަތައް ފުއްސަވައިދެއްވާ ޝައިޚްއަށް ހެޔޮ ރަޙްމަތް މިންވަރު ކޮށްދެއްވާށިއެވެ!
އަޞްލު: އެކުލަވާލެވިފައި
12 އޮގަސްޓު 2010 -
www.click4islam.com