top of page
Featured Posts
ކުލިކް4އިސްލާމް

ތަޥްޙީދާއި އޭގެ އަހައްމިއްޔަތު



މިއީ އެންމެ މުޙިއްމު ޢުންވާނެވެ. މުސްލިމަކު އެންމެ ފުރަތަމަ އުނގެނެންޖެހޭ ފިލާވަޅެވެ. މުދައްރިބުންނާއި މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންޖެހޭ މައުޟޫޢެވެ. އެމައުޟޫޢެއްގެ ސަބަބުން އެމީހެއްގެ ދުނިޔެވީ ޙަޔާތާއި އުޚްރަވީ ޙަޔާތް އުޖާލާވެ ބާއްޖަވެރި ވެގެންދާނެ މައުޟޫޢެވެ. އިސްލާމް ދީން އޭގެ މައްޗަށް ބިނާވެގެެންވާ އަސާސީ ރުކުނެވެ. ހުރިހާ ރަސޫލުން އެބޭކަލުންގެ އުއްމަތްތަކަށް ދެއްވި ދަޢުވަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މިޢާލަމް ހެއްދެވުމުގެ ސަބަބެވެ. ޢަރަބީން ޝިރުކުންނާއި، ޖަހާލަތުގެ އަނދިރިކަމުންނާއި، ބައިބައި ކުރުމުން ނެރެ، ހަމަހަމަ ކަމަށް ވެއްދި މުޤައްދަސް މައުޟޫޢެވެ. އަދި އެއީ، ޢަރަބީންނާއި ޢަޖަމީން އެއްބައިވަންތަކޮށް އެދެބައި މީހުން އެއްއުއްމަތަކަށް ހެދި މައުޟޫވެސް މެއެވެ.


ކަންމިހެން ހުރުމާއެކު މިމުޙިއްމުކަން ބޮޑު ޢުންވާނަށް ކޮންމެވެސް ވަރެއްގެ ލިޔުމެއްނަމަވެސް ލިޔެލުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.


ތަވްޙީދަކީ ތޯއެވެ. އާދޭހެވެ! ލުޣަވީ ގޮތުން ތަވްޙީދަކީ އެކައްޗެއް ކަމުގައި ބެލުމެވެ. ނުވަތަ އެކަހެރި ކުރުމެވެ. ޝަރުޢީ ގޮތުން ތަވްޙީދަކީ ހުރިހާ މާނަ އެއްގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެއީ، އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގަޔާއި، އެކަލާނގެއަށް ކުރާ ހުރިހާ އަޅުކަންތަކުގަޔާއި، އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައިވެސް އެކަލާނގެއާ އިތުރު އެހެން ބައިވެރިއަކު ނުވާކަމުގައި ހިތުގެ އެންމެ އަޑިން އިޢުތިޤާދު ކުރުމެވެ.


ތަވްޙީދު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ:


1. توحيد الرّبوبيّة (އެކަލާނގެ ކުރައްވާ ކަންތައްތަކުގައި އެއްކައުވަންތަ ކުރުން)

2. توحيد الألوهيّة (އެންމެހައި އަޅުކަންތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުން)

3. توحيد الأسماء والصِّفات ( ﷲ ގެ ނަންފުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުން). މިއެވެ.


ތަވްޙީދުގެ ފުރަތަމަބައި توحيد الرّبوبيّة


توحيد الرّبوبيّة އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެންމެހައި މަޚްލޫޤުންގެ ޚާލިޤުކަމާއި، ރާޒިޤުކަމާއި އަދި މިކާއިނާތުގައި ހިނގާ ހުރިހާ ކަންތައްތައް ކޮންޓްރޯލް ކުރައްވަނީ އެކަލާނގެ ކަމާއި، އަދި ﷲ ގެ ކޮންޓްރޯލުން އެއްވެސް ކަމެއް ބޭރުނުވާކަމާއި، އެންމެހައި މަޚްލޫޤުން ދިރުއްވާ އަދި މަރުއްވަނީ ހަމަެކަނި އެކަލާނގެ ކަމުގައި އީމާންވުމެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ އެކަލާނގެ ކުރައްވާ އެންމެހާ ކަންތައްތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ.


ﷲ ތަޢާލާ ވަޙީކުރައްވަނީ:

"الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ"

"އެންމެހައި ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތައް ހައްދަވާ ބޮޑުކުރައްވާ އަދި އެތަކެތި ބަލަހައްޓަވާ އަދި އެތަކެތި ތަރުބިއްޔަތު ކުރައްވާ އެތަކެތީގެ ވެރި މާތް ﷲ އަށެވެ." (ސޫރަތުލް ފާތިޙާ: 1)


އަދިވެސް އެކަލާނގެ ވަޙީކުރައްވަނީ:


"اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ"

" ﷲ އެއީ ކަލޭމެން ހައްދަވައި ދެން ކަލޭމެންނަށް ރިޒުޤުދެއްވި ކަލާނގެއެވެ. ދެން ކަލޭމެން މަރުއްވާ ދެން އަލުން ކަލޭމެން ދިރުއްވާނޭވެސް ކަލާނގެއެވެ." (ސޫރަތުއް ރޫމް:40)


ދަންނާށެވެ! ހަމައެކަނި ތަޥްޙީދުގެ މިބަޔަށް އީމާންވެ، އަނެއް ދެބަޔަށް އީމާންނުވާކަމުގައި ވަނީނަމަ އެމީހެއްގެ ތަޥްޙީދު ފުރިހަމައެއް ނުވާނެއެވެ. ހަމަކަށަވަރުން ނަބީ صلى الله عليه وسلّمގެ ޒަމާނުގައި ތަޥްޙީދުގެ މިބައި (އެބަހީ: توحيد الرّبوبيّة) ޤަބޫލުކޮށް އުޅުނެވެ. އެހެންނަމަވެސް ތަޥްޙީދުގެ ބާކީ އޮތް ދެބައިގައި ޝިރުކުކުރުމުގެ ސަބަބުން އެބައިމީހުންގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލު ނުކުރައްވާ މުޝްރިކުންގެ ގޮތުގައި ނިންމެވީއެވެ.


އެކަލާނގެ ވަޙީކުރައްވަނީ:


"وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ"

"އަދި އެމީހުން ހެއްދެވީ ކާކުތޯ ކަލޭގެފާނު ސުވާލު ކޮށްފިއްޔާ ހަމަ ޔަޤީނުންވެސް އެމީހުން ބުނާނީ އެއީ ﷲ އެވެ." (سورة الزخرف:87)


ތަވްޙީދުގެ ދެވަނަބައި توحيد الألوهيّة


توحيد الألوهيّة އަކީ، ކުރާ އެންމެހާ އަޅުކަންތަކެއް މުސްތަޙިއްޤުވަނީ ހަމައެކަނި ﷲ އަށް ކަމުގައި އިޤްރާރުވުމެވެ. އެހެނީ ތިމާކުރާ އެންމެހާ އަޅުކަންތަކެއް ކުރަންވާނީ ސީދާ ﷲ އަށެވެ. އޭގައި ﷲ ފިޔަވައި އެހެން ފަރާތަކަށް ކުޑަ ނަމަވެސް ދެއްކުންތެރިކަމެއް ނުވަތަ އިއްވުންތެރިކަމެއްވެސް އޮވެގެން ނުވާނެއެވެ.


ﷲ ތަޢާލާ ވަޙީކުރައްވަނީ:

اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ

"ކަލޭމެން ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކަު ކަލޭމެންނަކަށް ނުވެއެވެ." (ސޫރަތުލް އަޢްރާފު: 65)


އަންބިޔާއިންނާއި ﷲ ފިޔަވައި އެހެނިހެން އިލާހުންތައް އިޚްތިޔާރު ކުރި މީހުންނާ ދެމެދު ޚިލާފު އުފެދުނީ ތަވްޙީދުގެ މިބައިގައެވެ. އާދެ! ތަވްޙީދުލް އުލޫހިއްޔާ ގައެވެ.


ތަވްޙީދުގެ ތިންވަނަބައި توحيد الأسماء والصِّفات


توحيد الأسماء والصّفات އަކީ، ﷲ ގެ އެންމެހާ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެއްވެސް އުނިއިތުރު ކުރުމެއްނެތި، ﷲ ތަޢާލާ އެކަލާނގެ ޞިފަފުޅުތަކާއި ނަންފުޅުތައް އެކަލާނގެ ފޮތުގައި ބަޔާން ކުރައްވާފައިވާ ގޮތަށް، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު صلّى الله عليه وسلّم ގެ ޞައްޙަ ޙަދީޘުން ޞިފަކުރައްވާފައި ވާގޮތަށް، އެއްވެސް މިސާލުކުރުމެއް ނެތި، އަދި ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގެ ލަފްޡުތައް ތަޣައްޔަރުނުކޮށް، ހަމައެއާއެކު އެނަންފުޅުތަކާއި ޞިފަފުޅުތަކުން ދަލީލުކުރާ ޙައްޤު މާނަ ނަފީނުކޮށް އެއަށް އިޤުރާރުވެ ޘާބިތުކުރުމެވެ.


އެކަލާނގެ ވަޙީކުރައްވަނީ:


لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ

“އެކަލާނގެއާ އެއްފަދަ ވެގެންވާ އަދި އެއްޞިފަވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.” (سورة الشورى:11)


މަތީގައި ބަޔާންވެގެން ދިޔަ އާޔަތުން އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭފަދައިން ﷲ ތަޢާލާ އެއްވެސް އެއްޗެކާއި ވައްތަރުވެގެން ނުވެއެވެ. އެހެންނަމަވެސް އެކަލާނގެ އަބަދުމެ އަބަދަށް އައްސަވާ އަދި ބައްލަވާވޮޑިގެން ވެއެވެ. އެހެނީ، އެކަލާނގެ އައްސަވާ އަދި ބައްލަވާވޮޑިގެންވަނީ އެކަލާނގެ އަމިއްލަފުޅު ޒާތުފުޅާ މުނާސިބު ގޮތަކަށެވެ. އޭގެ ކައިފިއްޔަތެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެއީ އެކަލާނގެ އިންސާނުންނަށް ދެއްވާފައިވާ މަޙްދޫދު ޢިލްމުގެ ސަބަބުންނެވެ. ދަންނަންވީ އެކަލާނގެ އައްސަވާ ވޮޑިގަތުންވެސް އަދި ބައްލަވާ ވޮޑިގަތުންވެސް އެއްވެސް މަޚްލޫޤަކާއި އެއްވެސް ގޮތަކުން ވައްތަރުވެގެން ނުވާކަމެވެ. އެކަލާނގެ އައްސަވާވޮޑިގަތުމާއި ބައްލަވާވޮޑިގަތުން ވާނީ އެކަލާނގެ ޒާތުފުޅާއި އެކަށީގެންވާ ގޮތަކަށް ކަމެވެ.

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page