top of page
Featured Posts

ރާ ވިއްކުން ޙަރާމް ކަމަށް ބުނުމަކީ ޠާލިބާނުންގެ ސިފައެއްބާ؟ ނުވަތަ މުސްލިމުންގެ ސިފައެއްބާ؟



އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދައް ގެންނެވި، ކާއިނާތުގެ ވެރިއިލާހުގެ ޙަޟުރަތުގައި ރަލަކީ ނުވަތަ މަސްތުވާ ތަކެއްޗަކީ އިންސާނުން ބޭނުން ކުރުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ ފެށުމެވެ. އެއީ އަލިފާން ދަރު އަންދާފަދައިން މީހުންގެ ދިރިއުޅުން އަންދާލާ އެއްޗެކެވެ. މި އަލިފާނުގެ ހުޅުކޮޅު 'ބިސްމީގެ ބަރަކާތުން' ރޯކޮއްފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ބޭނުންވާވަރަށް އެ އަލީފަންގަޑު ނުފެތުރޭތީވެ، މިއަދު ބަޔެއް ލާދީނީ ބޭފުޅުން އެ އަލިފާންގަޑަށް ތެލާއި ދަރު އަޅަން މަސައްކަތް ކުރަމުން އެބަދެއެވެ. އެ އަލިފާންގަނޑު ފުޅާކޮށް ބޮޑުކޮށް ފެތުރުމަށެވެ. މުސްލިމުން ދިރިއުޅެމުންދާ އިސްލާމީ މި މުޖުތަމައުގައި، އެތަކެތި ފަތުރާށެވެ.


އަދި އެހިސާބަކުން ހުއްޓާލަނީކީ ނޫނެވެ. ތިމާމެންގެ ފިކުރު ދިފާއު ކުރުމައްޓަކައި އިސްލާމު ދީނުގެ އަސްލުވެސް އޮޅުވާލަން މަސައްކަތް ކުރަނީއެވެ. މިގޮތުން މިމީހުން މިފަތުރަން އުޅޭ ނުބައިވެގެންވާ ކަންތަކާ ދެކޮޅަށް އެއްޗެއްބުނާ މީހުންނަކީ އަފްގާނިސްތާނުގެ މީހުންކަމުގައި ހަދައެވެ. ނުވަތަ ތޯލިބާނުންގެ މީހެކެވެ. ނުވަތަ އަލްޣައިދާގެ މީހެކެވެ. އެކަން މަނާކުރާ ދިވެހި ޢިލްމުވެރިންނަކީ ތާލިބާނުންގެ މުއްލާއިންނޯލަޔޯއެވެ. އަދި މީގެއިތުރުން މިސަރުކާރު އައުމުގެ ކުރިންވެސް އެކަން ރިސޯޓުތަކުގަޔާއި ޔޮޓްތަކުގައި ހުއްދަވެފައިވާ ވާހަކަ ބުނެ ކަމުގެ ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރެއެވެ.


އާއެކެވެ. މިސަރުކާރު އައުމުގެ ކުރިންވެސް ރިސޯޓްތަކުގަޔާއި ޔޮޓްތަކުގައި ޣައިރު މުސްލިމުންނަށް އެވިއްކުން ހުއްދަ ކޮއްފައިވެއެވެ. އެކަމަކު އޮބޮނީ ހަމައެކަނި ޣައިރު މުސްލިމުން ތޯއެވެ؟ އެގޮތަށް ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިންނަށް ރާބުއިމަށް ހުޅުވުނު ދޮރެއް ކަމުގައެވެ. އަދި ދިވެހިންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރުމަށް ކޮށުނު މަގެއް ކަމުގައެވެ. މިއީ ދިވެހި ޤައުމަށް ލޯބިވާ ކޮންމެ ދަރިޔަކަށްވެސް އެނގޭކަމެކެވެ. އެހެން އެކަންއޮއްވައި މި ސަރުކާރު ވުޖޫދައްއައީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވަމަށްފަހުގައެވެ. އޭގެތެރެއިން އެއްވައުދަކީ 'މަސްތުވާތަކެތީގެ ވަބާއިން' ދިވެހިން މިންޖުކޮއްދިނުމެވެ. ސުވާލަކީ ރަލަކީ މަސްތުވާ އެއްޗެއް ނޫންތޯއެވެ؟ ނުވަތަ އިންސާނާގެ ހަށިގަނޑައް ގެއްލުންދޭ އެއްޗެއް ނޫންތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އެހެންކަމަށް ވާނަމަ، ކުރީގެ ސަރުކާރުން އެކަން ކުރުން އެއީ މިސަރުކާރުން އެކަން ކުރުމަށްއޮތް ހުއްޖަތެއް ނޫނެވެ. ސަބަބަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ކޮއްދޭނެކަމަށް މިސަރުކާރުންވަނީ ވައުދު ވެފައެވެ. އެހެން ނޫންތޯއެވެ؟


ދެންބުނެފާނެއެވެ. ރާލާއި އަދިވެސް ވިއްކުން ޙަރާމްވެގެންވާ އެހެނިހެންތަކެތި ވިއްކުމަށް ހުއްދަކުރަނީ ހަމައެކަނި ޣައިރު މުސްލިމުންނަށެވެ. މުސްލިމުންނަކަށް ނޫނެވެ. ސުވާލަކީ ވިއްކުމަކީ ހުއްދަކަމެއް ތޯއެވެ؟ ޖަވާބު އެންމެނަށްވެސް އެގެނއެވެ.


ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ބަގުރާ ބުއިން ޙަރާމް ކުރެއްވި އިލާހުގެފަރާތުން، އެ ވިއްކުންވެސް ވަނީ ޙަރާމްކުރައްވާފައެވެ" (މުސްލިމް 1579)


އިއްތިފާގުން ސާބިތުވާ (މުއްތަފަޤުން ޢަލައިހި) ޙަދީޘެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމަ އެވެ...." މާނައަކީ ރާވިއްކުން ތަނެއްގައި ހުއްދަކުރެވިއްޖެނަމަ ހުރި ނުބައިކަންތަށް އެތަނެއްގައި އާންމު ނުވެއެއް ނުހުންނާނެއެވެ. ދިވެހި ރާއްޖެއަކީ އެކަމުގެ ރިވެތި މިސާލެކެވެ. ކުރިންވެސް ދެންނެވި ފަދައިން ރިސޯޓްތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިން އެކަން ކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމުގައެވެ. އަދި މަސްތުވާތަކެއްތީގެ ވަބާ ފެތުރިގެން ދިޔުމަށް ކޮށުނު މަގެއް ކަމުގައެވެ. އެހެން އެކަން އޮތްއިރު، ކޮއްފައިވާ ވައުދު އޮތްތާނގައި ބާވާފައި، އެފަދަ ނުބައިކަމެއް މަނާކުރުމަކާނުލާ އެކަން ކުރުމަށް އިތުރަށް މަގުފަހިވާގޮތަށް މީހުން ދިރިއުޅޭ ރައްރަށުގައިވެސް ރާވިއްކުން ހުއްދަކުރުމުން ދެން ނުކުންނާނެ ނަތީޖާ ވަރަށް ހިތިވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މިއީ މިއަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކުރި ވައުދާ ކަޑައެޅިގެން ހިލާފުވުމެވެ.


މިފަދަގޮތަކަށް މީހަކު ބުނެފިނަމަ، އެއީ ތޯލިބާނުން އަފްގާނިސްތާނަށް ގެނައި ވެރިކަން ގެންނަންއުޅޭ ބަޔެކޭ، ނުވަތަ އަލްޣައިދާގެ މީހުނޭ ނުވަތަ މުއްލާއިންނޭ ކިޔާ ކަމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި މަސައްކަތް ކުރެއެވެ. ނަމަވެސް ރަލުގެ ޙަޤީގަތަކީ މީހުންނަށް އެޅުވާލެވޭނެ އެއްޗެއް ނޫނެވެ. އެއީކީ ތޯލިބާނުން އެކަނި މާނާކުރި ކަމެއް ނޫނެވެ. އެކަން ޙަރާމް ކުރެވުނީ އަފްގާނިސްތާނުގައި އެކަންޔެއް ނޫނެވެ. އެއީ ދުނިޔޭގެ ހުރިހާ ދީންތަކުގައިވެސް މަނާކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުންވެސް އެކަން ނުކުރުމަށް ގޮވާލާކަމެކެވެ. އެއީ، ތިމާ ހެއްދެވިފަރާތާ ބައްދަލުވާންޖެހޭ ދުވަހެއް އޮތްކަން ދަންނަ އެއްވެސް މީހަކު، ކުރަން ނުވަތަ ފަތުރަން ބޭނުންވާނެ އެއްޗެއް ނޫނެވެ.


މިއަދު ޔޫރަޕުގެ މައިގަނޑު ދީންކަމުގައިވާ ނަސާރާ ދީނުގައިވެސް އެކަން ކުރުމާއި އެކަން ފެތުރުން ވަނީ މަނާކޮށްފައެވެ. ބައިބުލްގައި އައިސްފައި ވެއެވެ. "(ތިޔަބައި މީހުން) ވައިން (ރާ) ބޮއިގެން މަސްތުނުވާށެވެ. (އެހެނީ) އެކަމުގެ ސަބަބުން އެންމެހާ ފާފަތަކަށް (ނުބައިކަންތަކާ ފަސާދައަށް) މަގުފަހި ކޮއްދެއެވެ." (އެފެސިއަންސް 5ވަނަބައި 18ވަނަ ވާސް)


އަދިވެސް އައިސްފައި ވެއެވެ. "ވައިންއަކީ (ރަލަކީ) މަލާމާތްތެރިއެކެވެ. އަދި ބިޔަރަކީ (ރަލަކީ) ތަޅާފޮޅުންތެރިއެކެވެ. (އެބަހީ ރަލަކީ އެފަދަ ކަންކަމަށް މަގުފަހިކުރާ އެއްޗެކެވެ.) ފަހެ އެތަކެތީގެ ސަބަބުން މަގުފުރެދިގެންދާ މީހުންނަކީ ބުއްދިވެރިންނެއްނޫނެވެ." (ޕްރޮވާބްސް 20ވަނަބައި 1ވަނަ ވާސް)


މިއީ ނަސާރާއިންގެ މުގައްދަސް ފޮތުގައިވެސް ބަޔާންކޮށްފައިވާ ގޮތެވެ. އެއީވެސް ތާލިބާނުންގެ ނުވަތަ އަލްޣައިދާ މީހުންގެ ފެތެއްތޯއެވެ؟ ނުވަތަ އަފްގާނިސްތާނުގައި އޮތްގޮތްތައް ޤަބޫލުކުރާ މީހުންގެ ފޮތެއްތޯއެވެ؟ މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ވަރަށްގިނަ ދީންތަކުގައި، އެންމެ ބޮޑު 5 ފާފައިގެ ތެރޭގައި ރާބުއިން ހިމެނެއެވެ. އަދި އެ ބުއިމާ އެ ފެތުރުމަކީ އެ ދީންތަކުގައިވެސް މަނާކަމެކެވެ. އެ ދީންތަކަށް ތަބާވާ މީހުންނަކީވެސް ތޯލިބާނުންތޯއެވެ؟ ނުވަތަ އެދީންތަށް ފަތުރާ ފާދިރީންނަކީ އިސްލާމުދީނުގެ 'މުއްލާއިން' ތޯއެވެ؟


އިސްލާމު ދީނުގައި ރަލާބެހޭގޮތުން މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅާއި ހަމަޔަށް ދިޔުމުގެކުރިން، ތިބޭފުޅުންގެ ހިތުގައި އުފެދިދާނެ ސުވާލަކަށް އިންސާފު ކޮެއްލެވޭތޯ ބަލާނަމެވެ. ސުވާލު އުފެދިދާނެއެވެ. އެހުރިހާ ދީނެއްގައި ރާ ޙަރާމް ކުރެވިފައިވާއިރު ރާ އެހާ އާންމު އެއްޗަކަށްވީ ކީވެބާވައެވެ؟ ޙަޤީޤަތުގައި ރަލަކީ ހުރިހާ ދީނެއްގަވެސް މަނާކަމެކެވެ. ތާރީޚަށްޖެހިލާއިރު، ދީނުގައި އެކަން އޮންނަގޮތް އޮޅި އާންމުންގެ ތެރޭގައި އެކަން އާންމުވެފައިވާނީ ކީއްވެތޯ ބަލާލާއިރު، މައިގަޑު 3 ސަބަބެއް ވެއެވެ. އެއީ:


1- ދީނާއި ސިޔާސަތާ ވަކިކޮއްލުން ނުވަތަ ދީނާއި ދިރިއުޅުމާ ވަކިކޮށްލުން. އޭގެސަބަބުން އިންސާނުން ރޫހާނިއްޔަތުގެ މަތިން ހަދާންނެތި، ހަމައެކަނި މާއްދިއްޔަތަށް ބޯލަބަންފެށިއެވެ.


2- އިންސާނުން މާއްދިއްޔަތަށް ބޯލަބާފައިވާލެއް ބޮޑުކަމުން، އެކަމަކީ ގޯސްކަމެއްކަން އެގިތިބެވެސް، އެކަމުން ލިބޭ ވަގުތީ އަރާމަކަށްޓަކައި ނުވަތަ ދުނިޔެވީ ފައިދާއަށްޓަކައި އެކަން ކުރަނީއެވެ. ރާބުއިމަކީ ފާފައެއްކަން އަންގަވާ ކީރިތި ޤުރުއާނުގެ ބަގަރާސޫރަތުގެ 219 މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "... އެދެކަމުގައިމެ (ޖުވާކުޅުމާއި ރަލުގައި) ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." އިންސާނުން މާއްދިއްޔަތަށް ގޮސްފައި ތިބޭވަރުން، އޭގައިވާ ގެއްލުމުގެމަތިން ހަދާން ނައްތާލަނީއެވެ. ވިސްނެނީ ހަމައެކަނި އޭގައި އެކުލެވޭ ދުނިޔެވީ ފައިދާގެ މަތިންނެވެ.


3- އޭގެއިތުރުން ތާރީޚު ހެކިދޭ އެންމެބޮޑު އެއްސަބަބަކީ ވެރިންގެތެރޭގައި އެކަން ކުރަންބޭނުންވާ ބޭފުޅުން އުޅުއްވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވެރިންގެ ތެރޭގައި އަބަދު ހަމާގައި ތިބެން ބޭނުންނުވާ ބޭފުޅުން އުޅުމެވެ. އެހެންކަމުން އެކި ދީންތަކަށް ނިސްބަތްވާ އެކި ޤައުމުތަކުގެވެރިން، އެބޭފުޅުން ނުވަތަ އެބޭފުޅުންގެ އަރިހުގައި އުޅުއްވާ ބޭފުޅުން އެކަންކުރަން ބޭނުންވާތީވެ، ކޮންމެވެސް ނަމެއްގައި ޤާނޫނީގޮތުން އެކަން ހުއްދަކުރަނީއެވެ.


ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ރިސޯޓް ތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަ ކުރެވުނު ގޮތަށް ބެލިޔަސް، ތާރީޚުން ސާބިތުވާ މިހިރަ ސަބަބުތަށް އެ ހުއްދަކުރެވުނު ސަބަބު ތަކުގެތެރޭގައި ވެއެވެ. އަޅުގަނޑު ހިތުން މިއަދުވެސް ކަންވަމުން މިދަނީ އެފަދަ ގޮތަކަށެވެ. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ހިތާމަކުރާ ކަމެކެވެ.


ސަބަބަކީ ރަލާ ބެހޭގޮތުން މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.


"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ. އަދި ހޭދަކުރާންވީ އެއްޗަކާމެދު ވެސް އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހޭދަކުރުންވަނީ ތިމާގެ ބޭނުންތަކަށް ވުރެ އިތުރުވާ އެއްޗަކުންނެވެ. ﷲ އެކަލާނގެ އާޔަތްތައް ތިޔަބައި މީހުންނަށް މިފަދައިން ބަޔާންކޮށް ދެއްވަނީ، ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ." (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)


ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނާށެވެ. ދުނިޔެވީ ވަގުތީ ފައިދާއަކަށްޓަކައި އާޚިރަތް ވިއްކާލުމަކީ ހާދަހާވާ ހިތާމަކުރަންޖެހޭނެ ކަމެކެވެ. އަދިވެސް މާތްﷲ ވަޙީކުރައްވާފައި ވެއެވެ.


"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. ޝައިތާނާ އެދޭކަން ކަށަވަރީ ރާއާއި ޖުވާގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާ ރުޅިވެރިކަން އިތުރުމަށެވެ. އަދި (އެކަމުގެ ސަބަބުން) ﷲގެމަތިން ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތަށް ހުއްޓާލަން ހެއްޔެވެ؟ (ސޫރަތުލް މާއިދާ 90-91ވަނަ އާޔަތް)


ހުއްޓާލަން ތައްޔާރު ތޯއެވެ؟ ނުވަތަ ﷲގެ އެންގެވުން ތަކަށް ގޮންޖަހާލުމަށްފަހު އެކަމަށް ފަށައިގަންނަން ތައްޔާރުވަނީ ތޯއެވެ؟ ކޮންމެއަކަސް މިފަދަ ކަންކަން ކުރުމަށާ ދެކޮޅުހަދާ މީހުނާއި، އެފަދަކަންކަން ކުރުމަށް ވާގިވެރިވާ މީހުނާއި ދެމެދުގައި ހުރި ތަފާތަކީ ޙައްޤާއި ބާތިލާއި ދެމެދުގައިވާ ތަފާތެވެ. މާތްﷲގެ އަމުރުފުޅުތަކަށް ތަބާވާމީހުނާ، އެ އަމުރުފުޅުތަކަށް ގޮންޖަހަން މަސައްކަތްކުރާ މީހުނާ ދެމެދުގައި ހުރި ތަފާތެވެ. ދީނަށްލޯބިކުރާ މީހުނާ، ލާދީނީ މީހުނާ ދެމެދުގައި ހުރި ތަފާތެކެވެ.


އިސްލާމު ދީނަކީ ﷲގެ ދީނެވެ. އެދީނުގައިވާ ޙުކުމްފުޅުތަކަކީ ﷲގެ ޙުކުމްފުޅުތަކެވެ. ކޮންމެ މީހަކު ކޮންމެއެއްޗެއް ކީކަމުގައި ވިއަސް، ޙަރާމް ކަމެއް ހުއްދަކަމަކަށް ނުވާނެއެވެ. ރައީސަކަސް، މުއްސަންޖަކަސް، ފަޤީރަކަސް އެކަލާނގެ ޙުކުމްފުޅުތަކާ ދެކޮޅުހަދާނަ އެކަމުގެ ރަހަ ދެކޭނެއެވެ. މިއަދު ނޫނީ މަދަމާއެވެ. މިއަދު އެކަން ކުރެވިދާނެއެވެ. ސަބަބަކީ މިއަދުވަނީ ބާރު ދެއްވާފައެވެ. 'ޗޮއިސް' ދެއްވާފައެވެ. ޤާނޫނަކުން ހުއްދަވެސް ކުރެވިދާނެއެވެ. ޤާނޫނަކޫން މަނާވެސް ކުރެވިދާނެއެވެ. މިއީ އިމްތިހާނުގެ ގޯޗެވެ. "އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮއަމަލު ކުރަނީ ކާކުތޯ އިމްތިހާނު ކުރެއްވުމަށްޓަކައި ދިރުމާއި މަރުވުން ލެއްވި އިލާހެވެ..." (ސޫރަތުލް މުލްކު 2ވަނަ އާޔަތް)


މަރުވުމަށްފަހުގައި ދާންޖެހޭފަރާތަކީ އެއީއެވެ. އެއީ ކުރެވުނު ކަންތަކާމެދު ސުވާލު ކުރެވޭނޭ ދުވަހެވެ. އެދުވަހުން 'ޗޮއިސް' އެއް ނޯނާނެއެވެ. އެކަލާނގެ ހަޟުރަތަށް ބިރުވެތިވެ އެކަލާނގެ އެންގެވުންތަކަށް ތަބާވުމަށްވުރެ މޮޅުއިތުރު ގޮތެއް އޮންނާނެ ތޯއެވެ؟

14 ނޮވެމްބަރު 2009 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page