ރަސޫލު ﷲ (صلى الله عليه وسلم) ހުވަފެނުގައި ފެނުމަށް އެދޭނަމަ...
ނަބިއްޔާ (صلى الله عليه وسلم) ހުވަފެނުގައި ފެނުމާމެދު ޝެއިޚް މުޙައްމަދު ޙުސެއިން އަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި ޝެއިޚް ކިޔާ ދެއްވިއެވެ.
’އެއްދުވަހަކު ދަރިވަރަކު އޭނާގެ އުސްތާޛުގެ ގާތުގައި ސުވާލު ދެންނެވިއެވެ. ”އޭ އަހަރެންގެ އުސްތާޛެވެ! އަހަރެންގެ ލޮބުވެތި ރަސޫލާ (صلى الله عليه وسلم) އަހަރެންނަށް ހުވަފެނުގައި ފެންނާނެ ގޮތެއް ކިޔައި ދެއްވަ ބައްލަވާށެވެ.“ އެހެންކަމުން އެ އުސްތާޛު އޭނާގެ ދަރިވަރަށް ބުންޏެވެ.
”ހަމަ ޙަޤީޤަތުގައި ވެސް ތިބާ ރަސޫލު ﷲ (صلى الله عليه وسلم) ތިބާގެ ހުވަފެނުގައި ފެނުމަށް އެދެމުހެއްޔެވެ؟“ ދަރިވަރު އާދޭހޭ ބުނުމުން އުސްތާޛު ދެންނެވިއެވެ. ”ތިހެންކަމުގައި ވާނަމަ މިރޭގެ ރޭގަނޑުގެ ކެއުމަށް ތިބާއަށް އަހަރެންގެ ގެއަށް ދަޢުވަތު ދެމެވެ. އަހަރެންނާއި އެކު މިރޭގެ ކެއުމަށް އިންޞާފު ކުރުމަށެވެ.“
ދަރިވަރު ބުންޏެވެ. ”މާޝާ ﷲ ، ފަޟުލަވަންތަކަމާއި ބަރަކާތް ދެއްތޯއެވެ.“ ކޮންމެއަކަސް މި ދަރިވަރު އޭނާއަށް އުނގަންނައިދޭ އުސްތާޛުގެ ދަޢުވަތަށް އެގެއަށް ހިނގައްޖެ އެވެ. އަދި އޭނާގެ އުސްތާޛު އޭނާއަށްޓަކައި ރޭގަނޑުގެ ކެއުން ވަރަށް ލޮނު ގަދަކޮށް ތައްޔާރުކޮށް ކެއުމަށް އެރުވި އެވެ. އަދި ކައިނިމުމުން އެއްވެސް ކަހަލަ ފެނެއް ނުބުއިމަށް އަމުރު ކުރި އެވެ. ދަރިވަރު ރަނގަޅަށް ކައި ނިމުމުން ކައި ނިމުނީތޯ އުސްތާޛު ސުވާލު ކުރިއެވެ. ދެން ޖަވާބުގައި ދަރިވަރު ”އާދޭހޭ އުސްތާޛު“ އޭ ބުންޏެވެ. އެއަށްފަހު އޭނާ ބުންޏެވެ.
”އަހަރެން މިވަނީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފަ އެވެ.“ ޖަވާބުގައި އުސްތާޛު ވިދާޅުވިއެވެ.
”ނޫނެކެވެ. ތިބާއަށް ފެން ބުއިން މަނައެވެ.“ ދެން އަނެއްކާވެސް ދަރިވަރު ބުންޏެވެ.
”އުސްތާޛު އެވެ. އަހަރެން މިވަނީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފައެވެ. އަދި ފެންބޯން ކޮންމެހެންވެސް އަހަރެން ބޭނުމެވެ.“ ހަމަކުރިންވެސް ބުނިފަދައިން އޭނާގެ އުސްތާޛު ފެންލިބެން ނެތް ވާހަކަ އޭނާގެ ގާތު ބުނެފިއެވެ. އެހެންކަމުން ދަރިވަރު މިގޮތާއި އެއްބަސްވެ ކައި އަވަދިވެގެން އޭނާގެ އުސްތާޛުގެ އަރިހުގައި އޭނާއަށް ކިޔައި ދެއްވަން ވަޢުދުވި ވާހަކަ ކިޔައި ދެއްވުމަށް އެދިއްޖެއެވެ. މީގެ ޖަވާބުގައި އުސްތާޛު ވިދާޅުވިއެވެ.
”ނޫނެކެވެ. އަހަރެން ތިބާއަށް އެވާހަކަ އަދި ކިޔައެއްނުދޭނަމެވެ.“ ދަރިވަރު ދެންކޮން އިރަކުންތޯ އެހުމުން އުސްތާޛު ޢޭނާއަށް ބުންޏެވެ.
”މިހާރު ގޮސް ނިދާށެވެ. އަދި މިރޭ ފަޖްރުގެ ކުރިން އަހަރެން ތިބާއަށް ރަސޫލު ﷲ (صلى الله عليه وسلم) ހުވަފެނުގައި ފެންނާނެ ގޮތެއް އިންޝާ ﷲ ކިޔައި ދޭނަމެވެ.“ މިހެން ބުނުމުން ލިބެން އުޅޭ އަގުހުރި ފިލާވަޅަށް ކެތްމަދު ވެފައިވާ ދަރިވަރު އަވަހަށް ގޮސް ނިދައިފިއެވެ.
ފަޖުރު ވުމުގެ ކުރިން އުސްތާޛު އޭނާގެ ދަރިވަރަށް ގޮވައިފިއެވެ. އަދި ވިދާޅުވި އެވެ. ”އަހަރެންގެ ދަރިފުޅާއެވެ! އަންނާށެވެ!“
ދަރިވަރު ތެދުވެގެން ގޮސް އުސްތާޛަށް ބުންޏެވެ. ”އަހަރެންގެ އުސްތާޛެވެ! އަވަހަށް ކިޔާދެއްވާށެވެ!“
އުސްތާޛު ޖަވާބުގައި ވިދާޅުވިއެވެ. ”ނޫނެކެވެ. އިހަށް ބުނެބަލާށެވެ. ރޭގައި ހުވަފެނުގައި އެއްވެސް އެއްޗެއް ފެނުނު ހެއްޔެވެ؟“
ދަރިވަރު ޖަވާބުގައި ބުންޏެވެ. ”އާދޭހެވެ.“
މިހެން ބުނުމުން އުސްތާޛު ވިދާޅުވިއެވެ. ”ހުވަފެނުގައި ފެނުނީ ކޯއްޗެއް ހެއްޔެވެ؟“
ދަރިވަރު ކިޔައިދިނެވެ. ”އަހަރެންގެ އުސްތާޛެވެ! އަހަރެންނަށް ފެނުނީ އުޑުން ވާރޭ ވެހޭ ތަނެވެ. އަދި ފެނުގެ ކޯރުތައް ދެމޭ ތަނެވެ. އަދި އަހަރެންގެ ކުރިމަތިން ކަނޑުގެ ފެންގަނޑު ދެމޭތީ ފެނުނެވެ.“
ދަރިވަރު ކިޔައިދީ ނިމުމުން އުސްތާޛު ވިދާޅުވިއެވެ. ”އާނއެކެވެ. އަހަރެންގެ ދަރިވަރު ތެދު ބުނެފިއެވެ. އަހަރެންގެ ދަރިވަރު ތެދު ބުނެފިއެވެ. އަދި ތިބާގެ ނިޔަތް އިޚްލާޞްތެރި ވިއެވެ. އެހެންކަމުން ތިބާގެ ހުވަފެން ވެސް ތެދުވި އެވެ. އަދި ތިބާ ރަސޫލު ﷲ (صلى الله عليه وسلم) އަށް ވާ ލޯތްބަކީ އިޚްލާޞްތެރި ތެދު ލޯތްބެއްނަމަ ތިބާއަށް ރަސޫލު ﷲ (صلى الله عليه وسلم) (ހުވަފެނުގައި) ފެންނާނެއެވެ.“‘
ދަންނާށެވެ! މީސްތަކުންގެ ތެރެއިން އެބަޔަކު، ނަބިއްޔާ (صلى الله عليه وسلم) ގެ އަރިހަށް ޒިޔާރަތް ކުރާ ބަޔަކު ވެއެވެ. އަދި އެބައެއްގެ ގާތަށް ނަބިއްޔާ (صلى الله عليه وسلم) ޒިޔާރަތް ކުރައްވާ ބަޔަކު ވެއެވެ.
އަހަރެންނަށް ދިމާވި ޙަޤީޤީ ހާދިސާއެއްގެ ވާހަކަ ކުރިން ވެސް އަހަރެން ކިޔާ ދިނީމެވެ. އެވާހަކަ ގިނަ ގިނައިން ކިޔާ ދިނުމަށް އަހަރެން ލޯބި ކުރަމެވެ.
ޝަރަފުވެރި މަތިވެރި އަންހެނެއްގެ ވާހަކަ އެވެ. އޭނާ އޭނާގެ ފިރިހެން ދަރިފުޅު އަހަރެންގެ ގާތަށް ފޮނުވިއެވެ. އެއީ އަލްމަންސޫރާގައި އަހަރެން ކިޔަވައިދެމުން ދަނިކޮށެވެ. އެކުއްޖާ އަހަރެންގެ ގައިގައި ހިފަހައްޓާފައި ބުންޏެވެ. ”ޝޭޚުއެވެ! މިހެން ބުނަން ޖެހުނުކަމަށްޓަކައި އަހަރެންނަށް މަޢާފުކުރާށެވެ. މިރޭ މަންމަ ގާތަށް ޝެއިޚް އައިސް ދެއްވުމަށް އެދޭ ވާހަކަ ބުނުމަށް އަހަރެންގެ މަންމަ އަހަރެން ގާތުގައި ބުންޏެވެ.“
އަހަރެން އެކުއްޖާ އަށް ބުނީމެވެ. ”އެހެންވެއްޖެއްޔާ އަވަހަށް ހިނގާށެވެ!“
އެގެޔަށް ދިޔައިރު އެގޭގައި ވަނީ ގާތްގަޑަކަށް 70 އަހަރުގެ މުސްކުޅި އަންހެނެކެވެ. މާޝާ ﷲ! ނަބިއްޔާ (صلى الله عليه وسلم) އަށް ޞަލަވާތް ކިޔެވުން އޭނާ އެންމެ ހިނދުކޮޅަކަށް ވެސް ހުއްޓާނުލައެވެ. ތިބާ ފެނުމުން އޭނާ ސަލާމް ގޮވާލައެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ޛިކުރު ކުރުމައިގެން ކުރިއަށް ދެއެވެ. މިމަތިވެރި އަންހެނާގެ ކުރިމަތީގައި އަހަރެންގެ އަގެއްނެތް ކަމާއި ދަށު ދަރަޖަ އިހުސާސް ކުރެވުނެވެ. އެހެންކަމުން އަހަރެން އެ އަންހެން މީހާ އަށް ބުނީމެވެ. ”އޭ މަންމާއެވެ! ކަމަނާ އަހަރެން އައުމަށް އެދުމުން އަހަރެން މިހުރީ ޙާޟިރުވެއެވެ. ދެން ބުނެބަލާށެވެ. ކަމަނާއަށް ޖެހިފައިވަނީ ކޮންކަމެއް ހެއްޔެވެ؟ އަދި އިންޝާ ﷲ، ކަމަނާއަށް ބޭނުންވާފަދަ ޑޮކްޓަރެއް އަންނަ ހަފްތާގައި އަހަރެމެންގެ އަޚުންގެ ތެރެއިން ގެނެސް ދޭން އަހަރެން ވަޢުދު ވަމެވެ. އަދި އެނާ އައިސް މިތަނުގައި ކަމަނާއަށް ފަރުވާ ދޭނެއެވެ.“
އެމުސްކުޅި އަންހެނާ އަހަރެން ގާތުގައި ބުނެލިއެވެ. ”ދަރިފުޅާއެވެ! ދަރިފުޅާއެވެ! އަހަރެންގެ ބައްޔަކީ ކޮބައިކަމާއި އެބަލީގެ ފަރުވާ އަކީ ކޮބައިކަން ވެސް އަހަންނަށް އެނގެއެވެ.“
އެހެން ކަމުން އަހަރެން އޭނާއަށް ބުނީމެވެ. ”ﷲ ގަންދީ ބުނަމެވެ. އަހަންނަށް ކިޔާ ދެއްވާށެވެ.“
އޭނާ ކިޔާ ދިނެވެ. ”އަހަރެންގެ ދަރިފުޅާއެވެ! އަހަރެމެންގެ ސާހިބާ ނަބިއްޔާ (صلى الله عليه وسلم) އަހަރެންގެ ގާތަށް ހުވަފެނުގައި ވަޑައިނުގަންނަވާތާ ތިން ދުވަސް ވެއްޖެއެވެ.“
އަހަރެން ހާއިރާންވެފައި ހުރެ އަހާލީމެވެ. ”އެކަލޭގެފާނު (صلى الله عليه وسلم) ކަމަނާ ގާތަށް ވަޑައިނުގަންނަވާ ތިން ރޭ ވެއްޖެ ހެއްޔެވެ؟ ތީގެ މާނަ އަކީ އޭގެ ކުރިން ކޮންމެ ރެއަކު އެކަލޭގެފާނު (صلى الله عليه وسلم) ކަމަނާ ގާތަށް (ހުވަފެނުގައި) ވަޑައިގަންނަވާ ވާހަކަ ހެއްޔެވެ؟“
އޭނާ އެހިނދު ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު (صلى الله عليه وسلم) އެންމެ ރެއަކު ނުފެނުނު ކަމުގައި ވިޔަސް އަހަރެން ބަލިވެއެވެ. އަހަރެން ބަލިވެ އުޅޭތާ ތިން ރޭ ވެއްޖެއެވެ. އެއީ (އެތިން ރޭގައި ވެސް) ނަބިއްޔާ (صلى الله عليه وسلم) ނުފެންނާތީއެވެ.“
ތިޔަބައިމީހުންނަށް ހުވަފެނުގައި ނަބިއްޔާ ފެނުމަށް އެދޭނަމަ ބުނަމެވެ. ތެދުވެރި ނިޔަތެއް ވާނަމަ ތެދު ހުވަފެނެއް ފެނި ދެއެވެ. އަދި ނަބިއްޔާ (صلى الله عليه وسلم) އާ މެދުވާކަމަށް ބުނާ ލޯތްބަކީ ތެދުވެރި ލޯތްބެއްކަމުގައި ވާނަމަ ހުވަފެނުގައި އެކަލޭގެފާނު (صلى الله عليه وسلم) ފެންނާނެއެވެ.
މަޞްދަރު: އިސްލާމިކްއެމިރޭޓްސް.ކޮމް
21 ޖޫން 2010 -
www.click4islam.com