top of page
Featured Posts

މުސްލިމުންގެ ނަމުގައި ތިބެ ﷲ ގެ ޝަރީޢަތަށް ޙުކުމް ނުކުރަންވީ ކީއްވެ؟



އެއްމެހާ ޙަމްދު ޘަނާއެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ سبحانه وتعالى އަށެވެ. އެއިލާހީ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި އެއިންސާނާ ދިރިއުޅެންވީ ގޮތް އިންސާނާއަށް އެންގެވި އިލާހެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم އަށެވެ. އެކަލޭގެފާނަކީ އިންސާނުން ދިރިއުޅެންވީ ފުރިހަމަގޮތް މީސްތަކުންނަށް ދަސްކޮށްދެއްވި ކަލޭގެފާނެވެ.


މީސްތަކުންގެ ޖާހިލުކަން ޙައްދު ފަހަނައަޅައިގޮސް ﷲ سبحانه وتعالى ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރަން ފެށުމުން ﷲ سبحانه وتعالى އެބައިމީހުންގެ ޙައްޤު އިލާހަކީ ކޮބައިކަން އަންގަވައި މީސްތަކުން އުޅެންވީގޮތް ބަޔާންކޮށްދެއްވުމައްޓަކައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައެވެ. އެހެންކަމުން ހަމަ އެގޮތުގެމަތީން މިއުއްމަތުގެ ރަސޫލާ صلى الله عليه وسلم ވެސް ވަނީ ފޮނުއްވިފައެވެ. ނަމަވެސް ޖީލަކަށްފަހު ޖީލެއް ނިމެމުންގޮސް އަހަރެމެންނަށް ލޯހުޅުވާލެވިފައި މިތިބީ ދާދި ދެންމެ އެވެ.


މީސްތަކުން އެބައިމީހުންގެ އުޅުމާއި ގުޅުމަށް ބަލާލައިފިނަމަ ފެންނަނީ އެމީހުން އަމިއްލައަކަށް ޤާނޫނުހަދައިގެން އެއަށް ޢަމަލުކުރަމުންދާ ތަނެވެ. ޝައްކެއްވެސް ނެތެވެ. މީސްތަކުން އެތައް ޒަމާންތަކެއް ވީއިރު އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ތިމާމެންގެ ވެރިއިލާހު ބާވާލެއްވި ޝަރީޢަތް އެއްފަރާތްކޮށް ވަޟަޢީ ޤާނޫންތަކުގެ ދަށުގައެވެ. އަދި އެހެންނަމަވެސް އެންމެ އަޖައިބުވާންޖެހޭ ތަންކޮޅަކީ އެމީހުން ދަޢުވާކުރަނީ އެމީހުންނަކީ މުސްލިމުންކަމުގައި ވުމެވެ. އެހެންނަމަވެސް މުސްލިމުން ޙުކުމް ކުރަންޖެހެނީ އިންސާނާ ނެތުމުގެތެރެއިން ވުޖޫދަށްގެންނެވި ޚާލިޤުވަންތަ އިލާހު އެމީހުންނަށް ބާވާލެއްވި ޙުކުމުންނެވެ. މިހެން މިކަންއޮތްއިރު މިބައިމީހުން ޢަމަލުކުރަމުން މިގެންދަނީ ކިހާ އަނިޔާވެރި މުޑުދާރު ގޮތަކަށްހެއްޔެވެ؟ ޙަޤީޤީ މުސްލިމެއްނަމަ ތިމާ ހެއްދެވި އިލާހުގެ ޙުކުމަކީ، ތިމާ ޙުކުމްކުރަންޖެހޭ ޤާނޫނުކަން ބުއްދިއަށް ޤަބޫލު ކުރެވޭނެއެވެ. އެހެނީ އިސްލާމީ ޝާރީޢަތާއި ނުލައި ދިރިއުޅުން އެއީ އޭނާގެ ބުއްދި ޤަބޫލު ކުރާކަމަކަށް ނުވާތީއެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ މުޅިން އެހެންމަންޒަރު ތަކެކެވެ. މިބައިމީހުން މުސްލިމުންގެ ނަމުގައިތިބެ ﷲ سبحانه وتعالى ބާވާލެއްވި ޙުކުމް ދޫކޮށް އަމިއްލައަށް ހަދައިފައިވާ ޤާނޫނުތަކަށް ޢަމަލުކޮށް ހަދަމުންދާއިރު އެމީހުން ދެކެނީ ﷲ سبحانه وتعالى ގެ ޝަރީޢަތަކީ އެމީހުންގެ ބޭނުންތަށް ފުއްދައިދެވޭނޭ އަދި މިޒަމާނުގައި އެއަށް ޢަމަލުކުރުން ރަނގަޅުނޫން ޝަރީޢަތެއްކަމުގައެވެ. މިފަދަމީހުންނާއި މެދު ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ:


”فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا “

”އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގަފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއް ވާކަމުގައި އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ.“

(ނިސާ 65)


އެހެންކަމުން މިއާޔަތުން އެނގޭގޮތުގައި އަހަރެމެން އެއަށް ޙުކުމް ކޮށްފުމަށް ދާންދެން އީމާންވިބަޔަކު ކަމުގައި ނުވެއެވެ. އަދި އެއްވެސް ނުރުހުމެއް އެޙުކުމާއި ދޭތެރޭ އޮވެގެންނުވާނެއެވެ. އެއާއި ދޭތެރޭ ނުރުހުންވާނަމަ އަހަރެމެންނަކީ މުސްލިމުން ކަމުގައި ވާނެހެއްޔެވެ.؟ މޮޅަށްދެނެވޮޑިގެންވަނީ ﷲ سبحانه وتعالى ނޫންހެއްޔެވެ؟ އަހަރެމެންނަކަށް ނޭނގެއެވެ. އެހެންކަމަށް ވާއިރު އަހަރެމެން އުޅެންވީގޮތް އެނގޭނީ އަހަރެމެން ހެއްދެވި އިލާހަކަށް ނޫންހެއްޔެވެ؟ ދެން ޔަހޫދީންނާއި ނަޞާރާއިން ޑިމޮކުރަސީއާއި އަދިވެސް އެހެނިހެން ނަންނަމުގައި ޤާނޫނުތައް ހެދުމަށްފަހު ޝަރީޢަތަކީ މިއީއޭ، މިޒަމާނާ ގުޅޭގޮތަކީ މިއީއޭ ބުނުމުން އަހަރެމެން އެބަލައިގަންނަން ޖެހޭހެއްޔެވެ؟ އަދި އެއީ ކިހާމޮޔަކަމެއް ހެއްޔެވެ؟ ﷲ سبحانه وتعالى ވަޙީކުރައްވާފައި ވެއެވެ.:

”أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ“

”ފަހެ އެބައިމީހުން އެހޯދުމަށް އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ އަދި ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމް ކުރެއްވުމަށް މޮޅީ ފަހެ ކާކު ހެއްޔެވެ؟“

(އަލް މާއިދާ 50)


މިޔަހޫދީންނަކީ މިވަރުގެ ބައެއްކަން އެނގޭ ހިނދު އަހަރެމެން އެމީހުން ގެންނަ ޤާނޫނުތަކާއި ޝަރީޢަތްތައް ބަލައިގަންނަންވީ ކީއްކުރަންހެއްޔެވެ؟ އަހަރެމެން މިހާ ނިކަމެތިވެފައި ވެސް މިވަނީ އަހަރެމެންގެ ޝަރީޢަތާއި އަދިވެސް ދީނުގެ މުހިއްމު ކަންކަން ދޫކޮށްލުމުންކަން ދަންނާށެވެ! ޙަޤީޤަތުގައި ނިކަމެތިކަމަކީ ހަމައެކަނި ޖަލަކަށްލާ އަނިޔާކުރުމެއްނޫނެވެ. އަދި ފަޤީރުކަމެއްވެސް ނޫނެވެ. ޙަޤީޤަތުގައި މުސްލިމަކަށް އެއްމެ ނިކަމެތިވެގެންވަނީ އިސްލާމީޝަރީޢަތެއް ނެތި އެތަނެއްގައި ދިރިއުޅުމެވެ. އެހެނީ މުސްލިމުންގެ ޙައްޤުތައް ލިބުންވަނީ އެ ޤާނޫނުގެ ދަށުންނެވެ. އެހެންކަމަށްވާއިރު މުސްލިމުންގެ ނަމުގައިތިބެ ﷲ سبحانه وتعالى ބާވައިލެއްވި ޝަރީޢަތަށް ޙުކުމްނުކުރަންވީ ކީއްވެގެންހެއްޔެވެ؟


އަދިވެސް ﷲ ވަޙީކުރެއްވިއެވެ:

”يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا فَرِيقًا مِنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُمْ بَعْدَ إِيمَانِكُمْ كَافِرِينَ“

”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، އީމާންކަމަށްފަހު، އެބައިމީހުން ތިޔަބައިމީހުންނީ އަލުން ކާފިރުން ކަމުގައި ރައްދުކުރާނެއެވެ.“

(އާލް ޢިމްރާން 100)


އަދިވެސް ﷲ ވަޙީކުރަށްވާފައިވެއެވެ:

”يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَى أَعْقَابِكُمْ فَتَنْقَلِبُوا خَاسِرِينَ“

”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަފިރުވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެބައިމީހުން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެއެވެ. (އެބަހީ: ތިޔަބައިމީހުން ދީނުން ބޭރުކޮށްފާނެއެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ ޙާލުގައެވެ.“

(އާލް ޢިމްރާން 149)


އަދިވެސް ﷲ ވަޙީކުރައްވާފައި ވެއެވެ:

”وَإِنْ تُطِعْ أَكْثَرَ مَنْ فِي الأرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ إِنْ يَتَّبِعُونَ إِلا الظَّنَّ وَإِنْ هُمْ إِلا يَخْرُصُونَ“

”އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެބައިމީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެއެވެ. އެބައިމީހުން ހީއަކަށް ނޫނީ ތަބަޢައެއް ނުވެއެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެބައިމީހުން ނުވެއެވެ.“

(އަލް އަންޢާމް 116)


އަދިވެސް ﷲ ވަޙީކުރެއްވިއެވެ:


”اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلا مَا تَذَكَّرُونَ“

”ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާއްވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބަޢަވާށެވެ! އަދި އެއިލާހު ފިޔަވައި އެހެން އެހީތެރިންތަކަކަށް ތަބަޢަ ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.“

(އަލް އަޢުރާފް 3)


އަދިވެސް ﷲ ވަޙީކުރެއްވިއެވެ:


”اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلا لِيَعْبُدُوا إِلَهًا وَاحِدًا لا إِلَهَ إِلا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ“

”އެބައިމީހުން ޢީލްމުވެރިންނާއި، ފާދިރީންނާއި، މަރްޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) އަކީ ﷲ ފިޔަވައި އިލާހުން ކަމުގައި އެބައިމީހުން ހެދިއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރު ކުރައްވާފައި ނުވެއެވެ. އެއިލާހު މެނުވީ އިލާހަކު ނުވެއެވެ. އެބައިމީހުން އެ ޝިރުކު ކުރާ ތަކެތިން އެއިލާހު ހުސްޠާހިރުވެ ވޮޑިގެންވެއެވެ.“

(ތައުބާ 31)


މިގޮތަށް އެތައް އާޔަތެއް ފެންނަން ހުރިއިރު އަހަރެމެން އަދިވެސް ހަމަ ޔަހޫދީންގެ ޑިމޮކުރަސީގައި ހިފަންވީހެއްޔެވެ؟ އަދި ﷲ سبحانه وتعالى ގެ ޙުކުމަށް ޙުކުމް ނުކުރާމީހަކީ އިސްލާމަކަށް ފުދޭވަރުގެ މީހަކަށްނުވާއިރު ވެސްމެހެއްޔެވެ؟


ﷲ سبحانه وتعالى ވަޙީކުރަށްވާފައިވެއެވެ:

”وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ“

”އަދި ﷲ ބާވައިލެއްވެވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، އެއީ ހަމަ ކާފަރުންނެވެ.“

(މާއިދާ 44)


މިފަދަ ބޮޑުވެގެންވާ ބިރުވެރިކަމެއް، އަހަރެމެން މުސްލިމުންގެ ނަމުގައި ތިބެ ކުރުމަކީ ކިހާދެރަ ކަމެއްހެއްޔެވެ؟ އޭ! ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާއަށް ތިބާގެ ޙައްޤުތަށް ލިބެނީ ކިހާމިންވަރަކަށް ހެއްޔެވެ.؟ ތިބާއަށް ދުވަހަކުވެސް އިސްލާމީ ޝަރީޢަތެއްގެ ދަށުގައި ދިރިއުޅުމުގެ ނިޢުމަތް ލިބިފައި ނުވާހިނދު ތިބާ މިކަމާ ވިސްނާ ފިކުރުކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ މުސްލިމުންގެ ނަމުގައިތިބެ ﷲ سبحانه وتعالى ގެ ޝަރީޢަތަށް ޙުކުމް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ފަހެ ތިބާގެ ދަޢުވާއަކީ ކިޔަމަންތެރިކަން ނޫންހެއްޔެވެ؟


އަޞްލު: ލިޔުންތެރިޔާ

25 މެއި 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page