ކީރިތި ޤުރްއާން ހިތުދަސް ކުރުން
ކީރިތި ޤުރްއާން ހިތުދަސް حافِظ އަކު މުސްލިމުންގެ ތެރޭގައި އިތުރުވުމަކީ އެއީ ބައެއް މީހުން ހީކުރާ ފަދައިން ހަމައެކަނި މުޞްޙަފެއް (ނުވަތަ ޚަތިމެއް) ގެ ނުސްޚާ އެއް އިތުރުވުމެއް ނޫނެވެ. އެކަމަކު އެއީ އެއަށް ވުރެ މާ މަތީ ނިޢުމަތެކެވެ. މާ ބޮޑު ޝަރަފެކެވެ. އެއީ ކީރިތި މާތް الله سبحانه و تعالى ގެ މަތިވެރި ކަލާމްފުޅު ހިތުގައި ރައްކާކުރުމުގެ ޝަރަފު ލިބިފައިވާ މީހަކު މުސްލިމުންގެ ޖަމާޢަތަށް އިތުރުވެގެން ދިއުމުގެ ނިޢުމަތެވެ. އެއީ ދީނީ މާތްކަމެއް ޙާޞިލު ވުމުން ލިބިގެންދާ ދުނިޔަވީ އުފާވެރިކަމެއްމެއެވެ. އަދި އެއީ މުޅި މުސްލިމް އުއްމަތު ގެ މައްޗަށް ފަރްޟު ވެފައިވާ ކީރިތި ޤުރްއާން ގެ ތަވާތުރު ހިފަހައްޓާ ދެމެހެއްޓުމުގެ ވާޖިބު އަދާ ކުރުމަށް ތައްޔާރުވެ އިސްނަގާ ހިތްވަރުގަދަ ހީވާގި މުސްލިމް ދަރީންގެ ތެރެއިން އެކަކު އެ އަމާނާތް ތަޙައްމަލުކޮށް އުފުލުމު ގައި ކާމިޔާބު ކުރުމެކެވެ. ވީމާ އެއްވެސް މުސްލިމަކު ކީރިތި ޤުރްއާން އޭނާގެ ހަނދާނުގައި ޖަމާ ކޮށް ރައްކާ ކޮށްފި ނަމަ އެހެން ހުރިހާ މުސްލިމުން އޭނާގެ އެ އަގު ހުރި މަސައްކަތުގެ އަގު ވަޒަން ކޮށް އޭނާ އަށް ޙައްޤު މަޤާމް އެބަ ދޭން ޖެހެއެވެ. އެއީ އިސްވެދިޔަ މާތް ޤަރްނުގެ صالحބޭބޭފުޅުން ނަމޫނާ ދެއްކެވި ގޮތެވެ. އަދި އެއަށް ވުރެ ކުރީގައި އެއީ އަހަރެމެން މުސްލިމުންނަށް އަމުރު ކުރެވިފައިވާ ގޮތެވެ. މި ގޮތުން ނަމާދުގައި އިމާމަކަށް ވުމަށް އިސްކަން ދޭން ޖެހެނީ (ނަމާދާ ބެހޭ ފިޤްހީ ޙުކުމްތައް ދަތުމާ އެކު) ކީރިތި ޤުރްއާން އެންމެ ބޮޑަށް ހިތުދަސް މީހަކަށެވެ. އަޞްޙާބު ބޭކަލުން ކަންތައް ކުރެއްވީ އެފަދައިންނެވެ.
عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما ގެ ކިބައިން الإمام البخارى رحمه الله ރިވާ ކުރައްވާ ޙަދީޘެއްގައި އައިސްފައިވެއެވެ. عَبْدِ اللَّهِ بْنِ عُمَرَ ވިދާޅުވިއެވެ.
لَمَّا قَدِمَ الْمُهَاجِرُونَ الْأَوَّلُونَ الْعُصْبَةَ -مَوْضِعٌ بِقُبَاءٍ - قَبْلَ مَقْدَمِ رَسُولِ اللَّهِصَلَّى اللَّهُ عَلَيْهِ وَسَلَّم ، كَانَ يَؤُمُّهُمْ سَالِمٌ مَوْلَى أَبِي حُذَيْفَةَ ، وَكَانَ أَكْثَرَهُمْقُرْآنًا
މާނައީ: ހިޖްރަ ކުރެއްވުމުގައި އެންމެ އަވަހަށް އިސްނެންގެވި މުހާޖިރިއްޔަ ބޭބޭފުޅުން (ޤުބާ ގެ ހިސާބެއް ކަމަށްވާ) އަލްޢުޞްބާ އޭ ކިޔުނު ތަނަށް ފޯރުމުން رسول اللهصلى الله عليه و سلم މަދީނާ އަށް ވަޑައިގަތުމުގެ ކުރީގައި އެ ބޭބޭފުޅުންނާއިގެން އިމާމުވެ ނަމާދު ކުރައްވާ ކަމަށް ވަނީ އަބޫ ޙުޛައިފާ ގެ މައުލާ (ގެ ގޮތުގައި މަޝްހޫރު ވެފައިވާ) ސާލިމު އެވެ.
މި ޙަދީޘް ގެ އެހެން ރިވާޔަތެއްގައި މިކަމާ ބެހޭ އިތުރު ތަފްޞީލު އައިސްފައިވެއެވެ. އަލްއިމާމް އައްޛަހަބީ (رحمه اللهُ)ގެ سير أعلام النبلاء ގައި ވާ އެއް ރިވާޔަތެއްގައި މިކަމާބެހޭ ތަފްޞީލު ދެއްވަމުން عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهماވިދާޅުވެއެވެ.
فأمّهم سالم مولى أبي حذيفة , لأنّه كان أكثرهم قرآنا ، فيهم عمر ، وأبوسلمة بن عبد الأسد
މާނައީ: އަބޫ ޙުޛައިފާ ގެ މައުލާ ސާލިމު އެބޭބޭފުޅުންނާއިގެން (މުހާޖިރިއްޔަ ބޭކަލުންނާއިގެން) އިމާމުވެ ނަމާދު ކުރެއްވީ އެއީ (އެވަގުތު) ސާލިމު އަކީ އެބޭބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ކީރިތި ޤުރްއާން ހިތުދަސް ފަރާތް ކަމަށް ވުމުންނެވެ. އެބޭބޭފުޅުންގެ ތެރޭގައި ޢުމަރުގެފާނާއި އަދި أبو سلمة بن عبد الأسد ވެސް ހިމެނިވަޑައިގަންނަވައެވެ. (رضى الله عنهم)
(ނޯޓް 1: މި އަބޫ ސަލަމާ (رضى الله عنه) އަކީ އިސްލާމް ވެވަޑައިގަތުމުގައި އަދި ހިޖްރަ ކުރެއްވުމުގައި އިސްކަން ހޯއްދަވާފައި ޞަޙާބީއެކެވެ. رضاعة ގެ ގޮތުން މާތްرسول الله صلى الله عليه و سلم ގެ އަޚެކެވެ. އަދި ތިމާގެ ކަމުގެ ގޮތުން މާތްرسول الله صلى الله عليه و سلم އާ ދެބެންގެދެދަރި ބޭފުޅެކެވެ. އަބޫ ސަލަމާ ގެ މަންމައަކީ رسول الله صلى الله عليه و سلم ގެ ބޮޑުދައިތާފުޅު ކަމަށްވާ بَـــرّة بنتعبد المطلب އެވެ. ބަދްރު ހަނގުރާމަ އާއި އަދި އުޙުދު ހަނގުރާމާގައި ބައިވެރިވެވަޑައިގެންނެވި އަދި حَبَشَة އަށާއި المدينة المنوّرة އަށް ހިޖްރަ ކުރެއްވި މާތް ޞަހާބީއެކެވެ. އަބޫ ސަލަމާ އަކީ ޤުރައިޝުވަންހާގެ ބަނޫ މަޚްޒޫމު ދަރިކޮޅުގެ ބޭފުޅެކެވެ. އަވަހާރަވީ އުޙުދު ހަނގުރާމައަށް ފަހު އަބޫސަލަމާ ގެ ޤިޔާދަތުގައި ކުރެވުނު سريّة قطنއޭ ކިޔުނު ސަރިއްޔާ އަށް ފަހުގައެވެ. އެއީ އުޙުދު ހަނގުރާމާގައި ލިބިވަޑައިގެންނެވި ޒަޚަމް ތައް ހިސާބަކަށް ފަސޭހަވުމަށް ފަހުވެސް އެ ޒަޚަމްތަކުން އަލުން ލޭ އަންނަ ގޮތް ވެގެންނެވެ. ދުނިޔެ ދޫކުރައްވަންދެން ވެސް އަބޫސަލަމާ ގެ އަނބިކަނބަލުންނަކީ ފަހުން أمّالمؤمنين ކަމުގައި ހިމެނިވަޑައިގެންނެވި އުއްމު ސަލަމާ (رضى الله عنها) އެވެ.
أبوسلمة އަށާއި أمّ سلمة އަށް ލިބިވަޑާއިގެންނެވި ބޭފުޅުންނަކީ سلمة އާއި، عمر އާއި،درّة އާއި، އަދި زينب އެވެ. أبو سلمة (رضى الله عنه) އަވަހާރަވުމުން އަބޫ ސަލަމާ ގެ ބޭބޭފުޅުން ތަރުބިޔަތު ވެގެން ދިޔައީ މާތް نبىّ الله محمّـد صلى الله عليه و سلمގެ އޯގާތެރި ބެއްލެވުމާ ބަރަކާތްތެރި ޙިމާޔަތުގެ ދަށުންނެވެ.)
(ނޯޓް 2: މި ޙަދީޘް ގައި ނަން ގެނެވިފައިވާ ސާލިމް އަކީ سالم مولى أبي حذيفة ގެ ނަމުގައި މަޝްހޫރު ވެފައިވާ سالم بن معقل އެވެ. އިސްލާމް ވެ ވަޑައިގަތުމުގައި ވަރަށް ކުރީން އިސްނެންގެވި އަދި ބަދްރު ހަނގުރާމައިގައި ބައިވެރިވެ ވަޑައުގެންނެވި ޒުވާން ޞަޙާބީއެކެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމަށް އަރާ ހުންެނެވި އަދި ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. ވަރަށް ޅަފަތުގައި އަޅުވެތިކަމުގެ ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންފައި ވަނިކޮށް سالم (رضى الله عنه) އަށް މިނިވަންކަން ހަދިޔާ ކުރައްވާ ހެޔޮކޮށް ހިއްތެވީ އަންޞާރިއްޔަ ޞަޙާބިއްޔަ ބޭކަނބަލެއް ކަމަށްވާ ثبيتة بنت يعار(رضى الله عنها) އެވެ. މި ކަމަނާ އަކީ (ބައެއް) ޢިލްމު ވެރިން ވިދާޅުވާ ފަދައިން أبوحذيفة بن عتبة ގެ އަނބިކަނބަލެކެވެ. (މި ރައުޔު ابن سعد (رحمه الله) އަށް ވެސް ނިސްބަތް ވާ ކަމަށް الإصابة في تمييز الصحابة މި ފޮތުގައި ނަންގެނެވިފައި ވެއެވެ. އަދި އަލްއިމާމް އައްޛަހަބީ (رحمه اللهُ) ގެ سير أعلام النبلاء ގައި މި ރައުޔު موسىبن عقبة އަށާއި ابن أبي مليكة އަށް ނިސްބަތް ކުރައްވާފައިވެއެވެ. އަދި ابن عبدالبرّ (رحمه اللهُ) ގެ الاستيعاب ގައި ވެސް ތާއީދު ކުރައްވާ ނިންމަވާފައި ވަނީ ޘުބައިތާ އަކީ އަބޫ ޙުޛައިފާ ގެ އަނބިކަނބަލެއް ކަމަށެވެ.) ޘުބައިތާ ބިންތު ޔަޢާރް ގެ ފަރާތްޕުޅުން ސާލިމް އަށް މިނިވަންކަން ލިބުމުން ދެން އެކަމަނާ ގެ ފިރިކަލުން އަބޫ ޙުޛައިފާ ވަނީ ސާލިމް ތަބައްނީ (އެޑޮޕްޓް) ކުރައްވާ ދަރިކަލަކަށް ހައްދަވާފައެވެ. ނަމަވެސް ފަހުން ތަބަންނީ އަކީ ބާޠިލް ކަމެއް ކަމުގައި ހަމަޖެހިގެން ދިޔަ ނަމަވެސް ސާލިމް އަކީ رضاعةގެ ގޮތުން أبو حذيفة (رضى الله عنه) ގެ ދަރިކަލުންނެވެ. އެއީ أبو حذيفة (رضىالله عنه) ގެ އަނބިކަނބަލުން سَهْلـَة بنت سُهَيل (رضى الله عنها) ސާލިމް އަކީރަޟާޢާ ގެ ގޮތުން ސާލިމް ގެ މަންމަ ކަމުގައި ހިމެނިވަޑައިގަތުމުންނެވެ. އަދި އަބޫ ޙުޛައިފާ ވަނީ އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮ فاطمة بنت الوليد بن عتبة އާ ސާލިމް އާ ކައިވެނި ކޮށްދެއްވާފައެވެ. رضى الله عنه).
عمرو بن سلمة الجرمي (رضى الله عنهما) ގެ ޢުމުރުން އެންމެ ހަ އަހަރު ނުވަތަ ހަތް އަހަރު ގައި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއިގެން ނަމާދު ކުރައްވާ އިމާމަކަށް ހިމެނިވަޑައިގަތީވެސް މި ޒުވާން ބޭފުޅާއަކީ އޭނާގެ ޤައުމުގައި އެންމެ ބޮޑަށް ކީރިތ ޤުރްއާން ހިތުދަސް ފަރާތް ކަމުގައި ވުމުންނެވެ. އެއީ ކީރިތި رسول الله صلى الله عليهو سلم ގެ އިރްޝާދުގެ މަތީންނެވެ.
އެއީ وليؤمكم أكثركم قرآناً (ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރްއާން ހިތުދަސް މީހަކު ތިޔަބައިމީހުންގެ އިމާމަކަށް ވާހުށިކަމެވެ.) މިއީ عمرو بن سلمة (رضى الله عنه) ގެ ކިބައިން الإمام البخارى(رحمه الله) ރިވާ ކުރައްވާފައިވާ ޙަދީޘެއްގެ ބަޔެކެވެ.
އަދި الإمام مسلم (رحمه الله)أبو مسعود الأنصاري (رضي الله عنه ) ގެ ކިބައިން ރިވާ ކުރައްވާ ޙަދީޘް ގައިވަނީ يؤمّ القوم أقرؤهم لكتاب الله (ކީރިތި الله ގެ ފޮތް ޤުރްއާން ކިޔެވުމުގައި އެންމެ އަރާހުރި ފަރާތެއް ކޮންމެ ބަޔެއްގެވެސް އިމާމު ކަމުގައި ވާހުށިކަމެވެ) މި ފަދައިންނެވެ. أبو سعيد الخدرى (رضى الله عنه) ގެ ކިބައިން ابن أبى شيبة(رحمه الله) އޭނާގެ المصنّف ގައި ރިވާކުރައްވާފައިވާ ޙަދީޘް ގައި ވެއެވެ. إذا كانواثلاثة فليؤمهم أحدهم وأحقهم بالإمامة أقرؤهم (މާނައީ: ތިން މީހުން ތިބި ނަމަ އޭގެ ތެރެއިން އެކަކީ އިމާމު ކަމުގައި ހަދާހުށިކަމެވެ. ފަހެ އެމީހުންގެ ތެރެއިން އިމާމު ކަމުގައި ވުމަށް އެންމެ ޙައްޤުކަން ބޮޑު ވެގެން ވަނީ އޭގެ ތެރެއިން ޤުރްއާން ކިޔެވުމުގައި އެންމެ އަރާ ހުރި މީހެކެވެ). މި ަމތިވެރި ނަބަވީ އިރްޝާދުތަކުން އެގި ޔަޤީން ވާ ޙަޤީޤަތަކީ ނަމާދު އިމާމު ކަމަށް އެންމެ ޙައްޤު ފަރާތަކީ އެންމެ ގިނައިން ކީރިތި ޤުރްއާން ހިތުދަސް މީހާ ކަމެވެ.
ނަމާދުގެ އިމާމު ކަމުގެ އިތުރުން ޙަޤީޤީ ބާރާއި ނުފޫޒު ހިމެނޭ ވެރިކަމުގައި ވެސް އެހެން ޝަރްޠުތައް ފުރިހަމަ ވުމާ އެކު އިސްކަން ދޭން ޖެހޭނީ އިސްލާމީ ފިޤްހު ކަނޑައަޅާ ގޮތުގައި ކީރިތި ޤުރްއާނުން އެންމެ ބޮޑު ބައެއް ހިތުދަސް މީހާއަށެވެ. މުޅި އިންސާނިއްޔަތު ދުށް އެންމެ ހެޔޮ ޒަމާން ކަމުގައިވާ ކީރިތި رسول الله صلى الله عليه و سلم ގެ ޢަޞްރުގައި އެކަލޭގެފާނުގެ ދެއްވި ރައްބާނީ އިރްޝާދުގެ މަތީން އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން (رضى الله عنهم) ކަންތައް ކުރެއްވީ އެ ފަދައިންނެވެ. މީގެ ރީތި މިސާލެއް އަޅުގަނޑު ދަންނަވާނަމެވެ.
عمر بن الخطّاب (رضى الله عنه) ގެ ޚިލާފަތުގައި މައްކާގެ އިދާރީ ހިންގުމުގެ ވެރިޔަކަށް نافع بن عبد الحارث އޭ ކިޔުނު ބޭފުޅަކު ޢައްޔަން ކުރެއްވިއެވެ. (އެއީ މައްކާގެ عَامِل ގެ މަޤާމަށެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ އެއީ މައްކާ ގެ މޭޔަރ ކަމެވެ.) މި نافع بن عبد الحارث (رضى الله عنه) ގެ ކިބައިން الإمام مسلم(رحمه الله) އާއި އަދިވެސް އެތައް އިމާމުންނެއް ރިވާ ކުރައްވާ ޞައްޙަ ޙަދީޘެއް ގެ މާނާގައި ވެއެވެ. މައްކާ ގެ ޢާމިލު ގެ މަޤާމުގައި ނާފިޢު ހުންނެވި ދުވަސްވަރު މައްކާ ގެ (އިދާރީ) ވެރިކަން عبد الرحمن بْنُ أبْزَى (رضى الله عنه) އޭ ކިޔުނު ބޭފުޅަކާ ހަވާލު ކުރެއްވުމަށް ފަހު عمر بن الخطّاب (رضى الله عنه) އާ ބައްދަލު ކުރެއްވުމަށް ވަޑައިގަތެވެ. ޢަސްފާނު އޭ ކިޔުނު ތާނގައި ޢުމަރުގެފާނު ވަޑައިގެން ވަނިކޮށް ނާފިޢު ވަޑައިގެން ބައްދަލު ކުރެއްވުމުން މައްކާ ހަވާލު ކުރެއްވީ ކާކާތޯ ޢުމަރުގެފާނު ސުވާލުކުރެއްވިއެވެ. ޖަވާބުގައި ނާފިޢު ދެންނެވީ އިބްނު އަބްޒާ އާ މައްކާ ގެ ކަންތައްތައް ހަވާލު ކުރެއްވި ކަމަށެވެ. ދެން އިބްނު އަބްޒާ އެއީ ކާކުކަން އޮޅުންފިލުވައިދެއްވުމަށް ޢުމަރުގެފާނު އެދިވަޑައިގަތުމުން ނާފިޢު ބަޔާން ކޮށް ދެއްވީ އިބްނު އަބްޒާ އެއީ މައުލާ އެއް (މިނިވަން ކުރެވިފައިވާ އަޅެއް) ކަމުގައެވެެ. މައްކާ އަކީ އެ ރަށެއްގައި މާތްވެގެންވާ ޙަރަމްފުޅާއި ގެފުޅު ހުރި ރަށް ކަމަށް ވެފައި އެ ޙަރަމް ފުޅު ބަލަހައްޓާ ޤުރައިޝު ވަންހާގެ ޝަރަފުވެރި ދަރިކޮޅުތަކަށް ނިސްބަތްވާ ޢަރަބިން އުޅޭ ރަށަކީ މައްކާ ކަމަށް ވާއިރު މިނިވަން ކުރެވިފައިވާ ކުރީގެ އަޅަކު އެ ރަށަށް ވެރި ކުރެއްވުމުގެ ޙިކްމަތާމެދު ޙައިރާން ވެ ވަޑައިގެން ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ. މައްކާގެ އަހުލު ވެރީންގެ މައްޗަށް ތިބާ ތިޔަ އިސް ކުރީ މައުލާއެއް ހެއްޔެވެ؟ ނާފިޢު ދެންނެވިއެވެ. އޭނާ (އިބްނު އަބްޒާ) އަކީ ކީރިތި މާތް الله عزّ و جلّ ގެ ކަލާމްފުޅު (ހިތުންދަސްކޮށްގެން އެ ކަލާމްފުޅު) ކިޔަވާ މީހެކެވެ. އަދި އޭނާ އަކީ ވާރުތަމުދާ ބެހުމާ ބެހޭ ޢިލްމު ދަންނަ މީހެކެވެ. މި ޖަވާބު އަޑު އިވި ވަޑާއިގަތުމުން ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވާ ޢުމަރުގެފާނު ވިދާޅުވިއެވެ.
أمَا إنّنبيّكم صلى الله عليه وسلم قَد قال : إنّ الله يَرفَعُ بِهذا الكتابِ أقواماً ويَضَعُ بهآخرين ((މާނައީ: ފަހެ ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ނަބިއްޔާ صلى اللهعليه وسلم ވަނީ ވިދާޅުވެފައެވެ: މި ފޮތުގެ ސަބަބުން (ކީރިތި ޤުރްއާން ގެ ސަބަބުން) މާތް الله އެތައް ބައެއްގެ ދަރަޖަ އުފުއްލަވާނެކަން ކަށަވަރެވެ. އަދި ހަމަ މިފޮތުގެ ސަބަބުން އެތައް ބައެއްގެ ދަރަޖަ ދަށް ކުރައްވާނެ ކަން ކަށަވަރެވެ.)).
ވިސްނަވާށެވެ! އަޅުވެތިކަމުގެ ނިކަމެތިކަމުން ކައިރި މާޒީއެއްގައި ސަލާމަތް ވެވުނު އިބްނު އަބްޒާ (رضى الله عنه) އަށް ޤުރައިޝުގެ އަޝްރާފުން ގެ މައްޗަށް ބަސްކިޔާ އަމުރު ކޮށް ނުފޫޒު ފޯރުވުމުގެ މަގު މި ފަހި ކޮށް ދިނީ ކީރިތި ޤުރްއާން ހިތުދަސް ވުމާއެކު އެ މާތް ފޮތުގައި ވާރިދު ވެފައިވާ ބައެއް ޝަރްޢީ ޢިލްމު އިބްނު އަބްޒާ ޙާޞިލު ކުރައްވާފައި ވުމުންނެވެ. އަދި އިބްނު އަބްޒާ އަކީ ކީރިތި ޤުރްއާން ހިތުދަސް އަދި ޤުރްއާން ކިޔަވާ ޢިލްމު ވެރިއެއްކަން އެނގިވަޑައިގަތުމުން ޢުމަރު (رضى الله عنه) ވެސް އިބްނުއަބްޒާ އަށް އެ ހަވާލު ކުރެވުނު މަތިވެރި މަޤާމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަން ކަން ދޭހަ ކޮށްދެނީ މި ފަދަ މަޤާމުތަކަށް މީހުން ހޮވުމުގައި ކީރިތި ޤުރްއާން ހިތުދަސް މީހުންނަށް އަޞްޙާބުބޭކަލުން އިސްކަން ދެއްވާ ކަމެވެ.
(ނޯޓް: މި ނާފިޢު އަކީ نافع بن عبد الحارث بن حبالة بن عمير الخزاعي އެވެ. ނާފިޢު އަކީ މައްކާ ފަތަޙަ ވީ ދުވަހު އިސްލާމް ދީނަށް ވެދެވަޑައިގެންނެވި ޞަޙާބީއެކެވެ. (رضى الله عنه).
މި އިބްނު އަބްޒާ ނަމަކީ عبد الرحمن بن أبزى އެވެ. އެއީ نافع بن عبد الحارثالخزاعي މިނިވަން ކުރެއްވި ބޭފުޅެކެވެ. އިބްނު އަބްޒާ ހިމެނިވަޑައިގަންނަވަނީ އަޞްޙާބު ބޭކަލުންގެ ތެރޭގައެވެ.
ކީރިތި رسول الله صلى الله عليه و سلم ދެކެވަޑައިގެން އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވުމުގެ ޝަރަފު ޢަބްދުއްރަޙްމާން އިބްނު އަބްޒާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އިބްނު އަބްޒާ އާ ބެހޭ ގޮތުން ޢުމަރު ގެފާނު (رضى اللهعنه) ވިދާޅުވާ ކަމަށް ވެއެވެ:
عبد الرحمن بن أبزى ممن رفعه الله بالقرآن. (މާނައީ: ޢަބްދުއްރަޙްމާން އިބްނު އަބްޒާ އަކީ ކީިރިތި ޤުރްއާން ގެ ސަބަބުން މާތް الله މަތިވެރި ކުރައްވާފައިވާ މީހުންގެ ތެރެއިން މީހެކެވެ.) މައްކާ ގެ ޢާމިލު ނާފިޢު ގެ ނައިބަކަށް ޢުމަރުގެފާނުގެ ދުވަސްވަރުގައި ހުންނެވި މި އިބްނުއަބްޒާ ވަނީ ޢަލީ އިބްނު އަބީ ޠާލިބް(رضى الله عنه) ގެ ޚިލާފަތުގައި ޢަލީގެފާނުގެ ފަރާތްޕުޅުން ޚުރާސާނު ގެ ވާލީ (ނުވަތަ ގަވަރުނަރު) ގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ. (رضى الله عنه).
ކީރިތި ޤުރްއާން ހިތުދަސްކޮށް ޤުރްއާން ކިޔަވާ އަދި އެއަށް ޢަމަލު ކުރާ މީހުންނަކީ އެހެން އެއްވެސް ބަޔަކަށް ނުލިބޭ މަތިވެރި ޝަރަފެއް ލިބިފައިވާ މާތް ބަޔެކެވެ. އަދި އެމީހުންނަށް ލިބިފައިވާ ޝަރަފަކީ އެއަށް ވުރެމަތީ ޝަރަފެއް ނުވާހާ މަތިވެރި، ޤަދަރުވެރި، ޢިއްޒަތްތެރި އަދި އަގުހުރި ޝަރަފެކެވެ. އެ ޝަރަފަކީ ތޯއެވެ؟ އެއީ ކީރިތި މާތް الله سبحانه و تعالىއާ އެންމެ ކުއްތަންވުމުގައި އެންމެ އަރާ ތިބި ބަޔަކަށް އަދި އެކަނލާގެ ޙަޟްރަތުގައި އެންމެ އިސް ބަޔަކަށް އެމީހުން ވުމެވެ. ކީރިތި رسول الله: محمّد صلى الله عليه وعلى آله و سلم ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘް ގައި ވެއެވެ: إنّ لله تعالىأهلين من الناس : أهل القرآن ، هم أهل الله و خاصّـته މާނައީ: މީސްތަކުންގެ ތެރެއިން ކީރިތި މާތް الله އަށް އަހުލުވެރިންތަކެއް ވެއެވެ. ކީރިތި ޤުރްއާން ގެ އަހުލުވެރީންނަކީ އެއީ ކީރިތި މާތް الله ގެ އަހުލުވެރީންނެވެ. އަދި އެމީހުންނަކީ އެކަލާނގެ އާ އެންމެ ކުއްތަންވެގެންވާ މީހުންނެވެ. މި މަތިވެރި ޝަރަފާ އެކީގައި (އިޚްލާޞްތެރި ނިޔަތަކާ އެކު) ޤުރްއާން ހިތުދަސްކޮށްފައިވާ މީހުންނަށް ލިބޭ ނިޢްމަތަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ތަކަށް ވާޞިލު ވުމުގެ ހެޔޮ ތައުފީޤު ކީރިތި މާތް الله އެމީހުންނަށް ދެއްވުމެވެ. މިކަމުގެ ތެދުވެރި ޚަބަރު ދެއްވަމުން އެންމެ ތެދުވެރި މާތް އިންސާނާ ކީރިތި رسول الله: محمّد صلى الله عليه و علىآله و سلم ޙަދީޘް ކުރައްވައެވެ. يقال لصاحب القرآن اقرأ وارتق ورتل كما كنتترتل في الدنيا، فإن منزلتك عند آخر آية تقرأ بها ((މާނައީ: ކީރިތި ޤުރްއާން ގެ އެކުވެރިޔާއަށް (ޤިޔާމަތް ދުވަހު) އެންގެވޭނެތެވެ: ތިބާ (ޤުރްއާން) ކިޔަވާށެވެ! އަދި (ކިޔަވަމުން) މައްޗަށް އަރަމުން ދާށެވެ! އަދި ދުނިޔޭގައި ވެސް ތިބާ ތަރްތީލު ކޮށް (ޤުރްއާން) ކިޔެވި ފަދައިން (މިހާރުވެސް) ތަރްތީލު ކޮށް ކިޔަވާށެވެ! ފަހެ (ސުވަރު ގޭގައި) ތިބާ ގެ މާޤާމު ވާ ކަން ކަށަވަރީ ތިބާ ކިޔަވާ އެންމެ ފަހުގެ އާޔަތާ ހަމައިގައެވެ.)) މި ޙަދީޘް ގައި ވާ تــَـرْتِـيْـل ގެ މާނައަކީ އަވަސް އަރައިގަތުމެއް ނެތި، ލަސް ލަހުން އަދި ކިޔެވުމުގެ ހަމަތައް ނިޔާ ކުރާ ގޮތަށް ޤުރްއާން ކިޔެވުމެވެ. އަދި މިޙަދީޘް ގައި ވާصَـاحِب القرآن ނުވަތަ ޤުރްއާން ގެ އެކުވެރިޔާ އަކީ އައްޝައިޚު ނާޞިރުއްދީން އަލްއަލްބާނީ ވިދާޅުވާ ގޮތުގައި މުޅި ޤުރްއާން އެއްކޮށް ހިތުދަސް މީހާއެވެ. ދެން އައްޝައިޚު އަލްއަލްބާނީ (رحمه الله) ވިދާޅުވެއެވެ: ”ސުވަރުގޭގެ ދަރަޖަ ތަކުގައި އެކަކަށްވުރެ އަނެކަކު މަތިވެރި ވުން ބިނާ ވެފައި ވަނީ ދުނިޔޭގައި އެމީހުން ކީރިތި ޤުރްއާން ހިތުދަސް ކުޅަ މިންވަރެއްގެ މައްޗަށެވެ. އެއްގޮތަކަށް ވެސް އެކަން ބިނާ ވެފައި އޮންނަނީކީ ބައެއް މީހުން ހީ ކުރާ ގޮތަށް ހިތުދަސް ކުރުމެއް ނެތި ވެސް ކޮންމެ ދުވަހަކު ޤުރްއާނުން ކިޔަވާ މިންވަރުގެ މައްޗަކަށް ނޫނެވެ.“ ހަމަ މި މޭރުމުން އަލްއިމާމް އަލްޚައްޠާބީ (رحمه الله) ވިދާޅުވެފައިވާ ބަސްފުޅެއް އެއަށް ތާއީދު ކުރައްވަމުން އަލްއިމާމް އަލްމުންޛިރީ (رحمهالله) އޭނާގެ ފޮތް އައްތަރްޣީބު ވައްތަރްހީބު ގައި ނަކަލު ކުރައްވާފައި ވެއެވެ. الإمامالخطـّابى (رحمه الله) ވިދާޅުވެއެވެ: ”ކީރިތި ޤުރްއާން ގެ އާޔަތްތައް ވަނީ އާޚިރަތު ގައި ސުވަރުގޭގެ ދަރަޖަތައް ހުންނާނެ ޢަދަދަށް ކަމަށް ބައެއް ޚަބަރުތަކުން މާނަ ލިބެއެވެ. މި ގޮތުން ކީރިތި ޤުރްއާން (ހިތުދަސްކޮށް) ކިޔަވާ މީހާއަށް ދުނިޔޭގައި ތިބާ ކިޔަވާ މިންވަރަށް ސުވަރުގޭގެ ދަރަޖަ ތަކުން މަތިވެރިކަން ޙާޞިލު ކުރުމަށް އެންގެވޭނެތެވެ. ފަހެ އެހިނދު މުޅި ޤުރްއާން ހިތުދަސް ކޮށްގެން ކިޔަވާ މީހާއަށް ސުވަރުގޭގައި މަތިވެރި ވުމަށް އޮންނަ ހުރިހާ މަރްޙަލާ އެއް ކަޑަތުކޮށް އެންމެ މަތީ ދަރަޖަ ޙާޞިލު ކުރެވޭ ހުއްޓެވެ. މުޅި ޤުރްއާން ހިތުދަސް ނުކޮށް އެކަމަކު ޤުރްއާން ގެ ބައެއް ހިތުދަސް މީހާ އަށް އޭނާ ހިތުދަސްކޮށް ކިޔަވާ މިންވަރުން މަތިވެރި ވުމުގެ މަރްޙަލާތައް ގިރާ ކުރަމުން ގޮސް އޭނާ ހިތުދަސް ކުރި މިންވަރާ އެކަށޭނަ ދަރަޖަ އޭނާ އަށް ޙާޞިލު ކުރެވޭ ހުއްޓެވެ.“ އަދިވެސް ހަމަ މި ޙަދީޘް އާ ބެހޭ ގޮތުން الإمام ابنُ الجوزى (رحمه الله) ވިދާޅުވެއެވެ: މި ޙަދީޘް އަޑު އިވުމަށް ފަހު ދެން ޤުރްއާން ހިތުދަސް ކުރުމަށް ޝައުޤުވެރި ނުވާނީ ހެޔޮ ކަމުން ދުރުކުރެވި ފައްސާލެވިފައިވާ މީހެކެވެ. އިބްނުލްޖައުޒީ މި ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ޤުރްއާން ހިތުދަސް ކުރުމުން ދުނިޔެ އާއި އާޚިރަތު ގައި މި ލިބޭ މަތިވެރި ނަޞީބު އެނގުމަށް ފަހުގައި (ޤުރްއާން ހިތުދަސް ކޮށްގެން) އެ ނަޞީބު ޙާޞިލު ކުރުމަށް ހިތުގައި ދަހިވެތިކަން ނުއުފެދޭ މީހާ އަކީ ހާދަ ބޮޑު ހެވަކާއި ނިޢްމަތަކުން މަޙްރޫމު ވެފައިވާ މީހެކެވެ. އެ ފަދަ ބަދުނަޞީބުވެރި މަޙްރޫމަކަށް މީހަކު ވާނީ ހިތާއި ސިކުނޑި ފާފައިގެ ކިލަނބު ކަމުގައި އަމިއްލައަށް ޣަރަޤު ކުރުމުންނެވެ. އެހެނީ ފާފަތަކުގެ އަނދިރި ކިލަނބު ކަމާއި، އަދި މަތިވެރި كلام الله ގެ ލޯބީގެ ނޫރާއި އެއްތަނެއްގައި ޤަރާރު ވުމަކީ ވަރަށް ދުރު ކަމެކެވެ. عثمان بن عفـّـان (رضى الله عنه) ވިދާޅުވާ ފަދައިން އަހަރެމެންގެ ހިތް ތައް (ފާފައިން) طـَاهِر ކުރެވިއްޖެ ނަމަ ދެން ކިތަންމެ ގިނައިރު ކީރިތި ޤުރްއާން ކިޔެވި ކަމުގައި ވިޔަސް އެއްގޮތަކަށްވެސް ފޫހި ކަމެއް ނާންނާނެއެވެ. އަދި ކިތަންމެ ގިނައިރު ޤުރްއާން ކިޔެވުމުންވެސް ފުދުނީ ކަމަށް ހީ ކޮށް ފޫއްސެއް ނުވާނެއެވެ.
ސުވަރުގޭގެ މަތިވެރި ދަރަޖައަށް ވާޞިލު ވެވުމުގެ އިތުރުން ޤުރްއާން ދަސްކޮށް ޤުރްއާން ކިޔަވާ އަދި ޤުރްއާން ގައިވާ ގޮތަށް ޢަމަލުކުރުމުގައި އިޚްލާޞްތެރި ނިޔަތަކާ އެކު ދެމިހުރެ ދުނިޔެ ދޫކުރާ މީހާ އަށް އާޚިރަތުގައި ޤުރްއާން ޝަފާޢަތްތެރިވެ އޭނާ އަށް މަތިވެރިކަމާއި މާތް ކަމުގެ ތާޖާއި އަދި މަތިވެރިކަމާއި މާތްކަމުގެ ގަހަނާ ގެ އިނާމު ދެއްވޭ ހުއްޓެވެ.
أبوهريرة (رضى الله عنه) ގެ ކިބައިން الإمام الترمذى (رحمه الله) ރިވާ ކުރައްވާ ޙަދީޘް ގައި ވެއެވެ. يجيء القرآن يوم القيامة فيقول : يا ربّ حلِّه ، فيلبستاج الكرامة ثم يقول : يا ربّ زِدْه ، فيلبس حلة الكرامة ، ثم يقول : ياربّ ارض عنه فيرضى عنه ، فيقال له : اقرأ وارق وتزاد بكل آيةحسنة (މާނައީ: ޤިޔާމަތް ދުވަހު ޤުރްއާން ކީރިތި ﷲ ގެ ޙަޟްރަތަށް އައިސް (ޤުރްއާން ހިތުދަސްކޮށްފައިވާ މީހާ އާބެހޭ ގޮތުން) ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! ރިވެތި ގަހަނާ އިން އޭނާ (ޤުރްއާން ހިތުދަސް މީހާ) އަށް ފޭރާން ދެއްވާނދޭވެ! އެހިނދު މާތްކަމާއި މަތިވެރި ކަމުގެ ތާޖު އޭނާ ގެ ބޮލުގައި ތުރުކުރެއްވޭ ހުއްޓެވެ. ދެން ޤުރްއާން ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! އަދިވެސް އޭނާއަށް އިތުރުކޮށް ދެއްވާނދޭވެ! އެހިނދު މާތްކަމާއި މަތިވެރި ކަމުގެ ފޭރާމުން އޭނާ ޒީނަތްތެރި ކުރެވޭހުއްޓެވެ. ދެންވެސް ޤުރްއާން ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! އޭނާއާމެދު އިބައިލާހު ރުހވޮޑިގަންނަވާނދޭވެ! އެހިނދު ކީރިތ މާތް ﷲ ގެ ރުހިވޮޑިގަތުން އޭނާއަށް ދެއްވާ ދަރުމަ ކުރައްވާހުއްޓެވެ. ދެން އޭނާ އަށް އެންގެވޭނެތެވެ. ތިބާ (ޤުރްއާން) ކިޔަވަމުން މަތީ ދަރަޖަތަކަށް އަރަމުން ދާށެވެ. އަދި ތިބާ ކިޔަވާ ކޮންމެ އާޔަތަކާ އެކު ތިބާ އަށް އިތުރު ހެޔޮ ކަމެއް ދެއްވޭ ހުއްޓެވެ.) މި ޙަދީޘް ރިވާ ކުރެއްވި އަލްއިމާމް އައްތިރްމިޛީ ކަނޑައަޅުއްވާ ގޮތުގައި މިއީ حسن صحيح ދަރަޖާގެ ޙަދީޘް އެކެވެ. އަދިالشيخ محمد ناصر الدين الألبانى ތަޞްނީފު ކުރައްވާފައިވާ صحيح الترمذى އޭ ކިޔުނު ޙަދީޘް ފޮތުގައި މި ޙަދީޘް އަކީ حسن ދަރަޖާ ގެ ޙަދީޘް އެއް ކަމަށް ވަނީ ނިންމަވާފައެވެ. ((ޞަޙީޙުއްތިރްމިޛީ އަކީ އަލްއިމާމް އައްތިރްމިޛީ ގެ ސުނަނު، ޙަދީޘް ޢިލްމު ގެ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތީން ވަރަށް ފުރިހަމައަށް ތަޚްރީޖު ކުރެއްވުމަށް ފަހު އެ ސުނަނު ގައި ހިމެނޭ ޞަޙީޙު އަދި حسن ދަރޖާ ގެ ޙަދީޘް ތައް ހިމެނޭ ގޮތަށްالشيخ محمد ناصر الدين الألبانى އެކުލަވާލައްވާފައި ވާ ޙަދީޘް ފޮތެކެވެ.
ހަމަ މިފަދައިން سنن أبى داؤد އާއި سنن النسائى އާއި އަދި سنن ابن ماجه ވެސް الشيخمحمد ناصر الدين الألبانى ވަނީ ތަޚްރީޖު ކުރައްވާ މިއިން ކޮންމެ ސުނަނު އެއްގެ ވެސް صحيح އާއި ضعيف ވަކި ކުރައްވާ (ކޮންމެ ސުނަނު އެއްގެ ވެސް) އެދެބައި ދެފޮތެއްގައި ވަކިން އެކުލަވާލައްވާ ނެރުއްވާފައެވެ.))
ޤުރްއާން ހިތުދަސްކޮށްފައިވާ ކޮންމެ މުސްލިމަކީ އޭނާއަށް އެހެން ހުރިހާ މުސްލިމުން އިޙްތިރާމް ކުރުން ވާޖިބު މީހެކެވެ. މި ވާޖިބު ގެ މަތިވެރިކަމާ މެދު ވިސްނާލަމާތޯއެވެ! އަޅުގަނޑުމެންގެ ތެރެއިން ޤުރްއާން ހިތުދަސް މުސްލިމް އަޚުންނާއި އުޚްތުންނަށް އިޙްތިރާމް ކުރުން އިސްލާމް ދީނުގައި ހިމަނުއްވާފައިވަނީ އެއީ ކީރިތި މާތް الله عزّ و جلّ އަށް ކިޔަމަންތެރިވެ ބޯލަނބާ އެކަލާނގެ މަތިވެރިކަން ދަނެ އެކަލާނގެ އަށް އަދަބު تـَعــْظِيمއަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އެކަން މި މާތް ނަބަވީ ޙަދީޘްފުޅުން ދޭހަ ވެއެވެ.
إِنَّ مِنْ إِجْلَالِ اللَّهِ : إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ، وَ حَامِلِ الْقُرْآنِ غَيْرِ الْغَالِيفِيهِ وَ الْجَافِي عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ،. (މާނައީ: މުސްކުޅިވެ ނުރަ ޖަހާފައިވާ މުސްލިމުންނަށާއި އަދި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެމީހުންގެ ހިތްތަކުގައި އެ ޤުރްއާން އުފުލާއިރު ޤުރްއާނާ ގުޅިގެން ހަރުކަށިވެގެން ޙައްދު ފަހަނައެޅުމެއް ނުގެންގުޅޭ އަދި ޤުރްއާނާ މެދު އިހުމާލުވެގެން ދުރުހެލިވުމެއް ވެސް ނުގެންގުޅޭ މީހުންނަށް މާތްކޮށްހިތާ ކަމޭ ހިތުމަކީ އަދި ޢަދްލުވެރި ވެރީންނަށް މާތް ކޮށް ހިތާ ކަމޭހިތުމަކީ ކީރިތި މާތް اللهގެ މަތިވެރިކަން ދަނެ އެ ކަލާނގެ އަށް އަދަބު تعظيم އަދާ ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.) މިއީ حسـن ދަރަޖާ ގެ ޙަދީޘެކެވެ. މި ޙަދީޘަކީ حسن ދަރަޖާގެ ޙަދީޘެއް ކަމަށް ކަނޑައަޅުއްވާ ޢިލްމުވެރީންގެ ތެރޭގައި الإمام النووى، އާއި الإمام الذهبى، އާއިالإمام الحافظ العراقى، އާއި الإمام ابن حجر العسقلانى އާއި އަދި الشيخ ناصرالدين الألبانى ހިމެނިވަޑައިގަންނަވައެވެ. (رَحِمَهُم اللهُ) މި ޙަދީޘް ގައި ވާ الْغَالِي فِيهِނުވަތަ ޤުރްއާނާ ގުޅިގެން ޙައްދު ފަހަނައަޅާ ދާ މީހަކީ ބައެއް ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި ޤުރްއާނުގެ ބަރަކާތްތެރި އާޔަތްތަކުގެ މާތް ލަފްޒުތަކުން ނެރެވެން ނޯންނަ މާނަ އެއް އަމިއްލައަށް ގެނެސްގެން އެ މާނައެއް އެއާޔަތްތަކަށް ނިސްބަތް ކުރާ މީހާއެވެ. އަދި އަމިއްލަ ހިތަށް ފެންނަހާ ގޮތަކަށް ޤުރްއާނުގެ މާނަ ކުރާ މީހާއެވެ. އަދި ޤުރްއާނުގެ ޙުކުމްތަކުން ތިމާގެ ހަވާނަފްސު އެއާ އިދިކޮޅު ނުހަދާ ބައިތަކަށް ޢަމަލު ކޮށްފައި ތިމާގެ ހަވާނަފްސު އެއާ ހިތާނުވާ ޙުކުމްތައް އިހުމާލުކޮށް ހަނދާން ނައްތާލާ މީހާއެވެ. އަދި ބައެއް ޢިލްމު ވެރީން ވިދާޅުވާ ގޮތުގައި މި ޙައްދު ފަހަނައެޅުމުގެ ތެރޭގައި ޤުރްއާނުގެ މަތިވެރިކަމާ ނުގުޅޭފަދައަކުން މާ އަވަސް އަރުވައިލައިގެން ޤުރްއާނު ގެ ތިލާވަތު ކުރުން ހިމެނޭއިރު އަނެއް ކޮޅުން ތަޖްވީދަށް ޤުރްއާން ކިޔެވުމުގައި މާ ކަންތައްގަނޑު ބޮޑުކޮށްގެން މުބާލަޣާ ކުރުންވެސް އެއީ ޙައްދު ފަހަނައެޅުމެވެ. މި މާތް ނަބަވީ އިރްޝާދުގައިވާ الْجَافِي عَنْهُނުވަތަ ޤުރްއާނާ ދުރުހެލިވާ މީހާ އަކީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޤުރްއާން ދަސްކޮށް ޤުރްއާނާ ގުޅޭ ޢިލްމުތައް އުގެނުމަށް ފަހު ޤުރްއާން އިހްމާލުކޮށް ދޫކޮށްލާ މީހާއެވެ. އަދި ޚާއްޞަކޮށް ހަނދާން ނައްތާލާ ދަރަޖައަށް މި އިހްމާލުގައި ދެމިހުންނަ މީހާއެވެ. އަދި ބައެއް ޢިލްމުވެރީން ވިދާޅުވަނީ އެއީ ޤުރްއާނަށް ޢަމަލު ކުރުމާއި ޤުރްއާން ތިލާވަތު ކުރުން ދޫކޮށްލާ މީހާއެވެ. އަދިވެސް ބައެއް ޢިލްމުވެރީން ވިދާޅުވަނީ ޤުރްއާން ރަނގަޅަށް ކިޔެވުމަށްޓަކައި ތަޖްވީދު މަގުން އެ ކިޔުވުން އިހްމާލުކުރާ މީހާ އަކީވެސް މިالْجَافِي عَنْهُ ގެ ތެރެއަށް ވަދެގެން ދާނޭ މީހެއްކަމަށެވެ.
ޝައްކެއް ނެތެވެ. ފަތްފުށްތަކާއި ފޮތް ތަކުގައި ލިޔެވި އަދި އޭގެ ފަހުން ކެސެޓް ޓޭޕް ގެ މެގްނެޓިކް ފީތާތަކުގައި ރެކޯޑު ކުރެވި އަދި އޭގެ ވެސް ފަހުން ސިލިކޯން ޗިޕްސްތަކާއި ކޮމްޕިއުޓަރ ހާޑްވެއަރ ތަކުގެ މެމޮރީގައި ސޭވް ކުރެވިގެން ރައްކާ ކުރެވުމުގެ ކުރީގައި ކީރިތި ޤުރްއާނަކީ މުސްލިމުން ގެ ހިތްތަކާއި ސިކުނޑިތަކުގައި ރައްކާތެރިކަމާއެކީ ތަސްޖީލު ކުރެވިފައިވާ މަތިވެރި މާތް އިލާހީ ވަޙީއެވެ. މި މާތް ފޮތަކީ ކީރިތި މާތް الله ގެ މުޤައްދަސް ކަލާމްފުޅެވެ. މި ކަލާމްފުޅުގައިވާ އައިސްފައިވާ ތައުޖީހާތުތަކަކީ މުޅި އިންސާނިއްޔަތަށް އެ އިންސާނިއްޔަތުގެ ވެރި ސާހިބާ މަތިވެރި މާތް ޚާލިޤު الله سبحانه وتعالى ދެއްވާ ދަރުމަ ކުރައްވާފައިވާ އެންމެ މަތިވެރި ހަދިޔާއެވެ. މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން މުސްލިމުން ސަމާލު ވާން ޖެހޭ އެންމެ މުހިންމު ކަމަކީ ކީރިތި ޤުރްއާން އަކީ އެއަށް ޢަމަލު ކުރެވޭ މަންހަޖު ކަމުގައި ބަލައިގަތުމެވެ.
ކީރިތި މާތް الله عزّ و جلّ، އަޅުގަޑުމެން މުސްލިމުންނަށް ކީރިތި ޤުރްއާނަށާއި މާތް ސުންނަތަށް ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން!
و صلّى اللهُ تعالى و سلّم وبارك على خاتم أنبيائه و آخر رُسُلِه محمد بن عبد الله – صلّى الله عليه و على آله و صحبه و سلّم. و سلام على المرسلين، و الحمد لله ربّ العالمين.
28 ނޮވެމްބަރ 2010 (އާދީއްތަ)
www.click4islam.com