ކަޅުފޮއެ ރެއެއްގެ ހިޔަނި އަޅަމުން ފުސްވިލާގަނޑެއް ކުއްލިއަކަށް އުދަރެސް ވަށާ ބަނަ ކޮށްލައިފި އެވެ!
ވަރަށް ވެސް ބުރަ އެހެނަސް ނުހަނު ފާގަތި ދުވަހެއްގެ އުފާ އިންސާނާގެ ޙަޔާތުގެ މިދަތުރުނާމާއަށް ހަދިޔާ ކުރުމަށްފަހު ވަދާޢީ ސަލާމަކުން ސަލާމް ކުރަމުން އިރު އުދަރެހާއި ނިވާ ވެއްޖެއެވެ. އެއާއެކު ބާއްޖެވެރި ރޭގަނޑަކަށް މަރުހަބާ ކިޔަން އުޑުމަތި އެހެރަ ދިއްލައިލީ ރީތި، މިޘާލެއްނެތް އަލިގަދަ ވޮށެކެވެ. އެ އުޑުގެ ޒީނަތްތެރި ކަމުގެ ހިއްސާއެއް ލިބިގަތުމަށްޓަކައި ބުރުހަމަ ހަނދުގެ ޝުޢާއުގައި އޭގެ އިޒުނަޔާއެކު ތަރިތައް އެހަނދުގެ ވަށަވަށައިގެން އިށީންދެ ތިބެއްޖެއެވެ. ތަރިތައް ވިދާ ބަބުޅަން ފެށި ހިނދު ސިފަކުރެވިގެން ދިޔައީ ރަނާ ރިހިން ޖަރީ ކުރެވިފައިވާ ސާލެއްގެ މަންޒަރެވެ. މި އަޖައިބު ކުރުވަނިވި ރޭގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެމުން ފިނިވައިރޯޅިތައް ވިހުރެމުން އައިސް ގަސްތަކުގެ ފަތްތަކުގައި ބީހެމުންދެއެވެ. އެހިނދު ނަލަނަލަ ރާގަކަށް އެފަތްތައް ހަރަކާތް ކުރަން ފަށައެވެ. އަދި މިހިތްގައިމު ރޯޅިތައް ގޭގޭގެ ކިޑިކީގެ ތެރެއިން ލާފައި ގޮސް އެގޭގެ އަހުލުވެރިންނަށް ހިތްގައިމު ރެއެއްގެ އުފާވެރި ޚަބަރު ދެއެވެ. އަދި ގޭގެ ކިޑިކީތަކުން ލޯތްބާއި ކުލުނާއި އޯގަތެރިކަމުގެ އަސަރުގަދަ ފަރިހިތަކުގެ އަޑު އިވެން ފަށައެވެ. އެއީ މައިވަންތަ ކަމުގެ ޖަޒުބާތުތަކެވެ. ﷲ ގެ އެންމެ ތަނަވަސް ދެއްވުން ކަމުގައިވާ ތުއްތު ދަރިން ތިބެ މައިންގެ އުނގުތެރޭން މިރޭގަނޑުގެ އަރާމު ނިދީގެ ފޮނިކަން ލިބިގަންނަމުން ދެއެވެ.
މައިވަންތަ ކަމުގެ ލޯބީގެ ނާނާތަކަށް ސާޢަތެއް ފާއިތުވުމަށް ފަހުގައެވެ. މުޅި ދުވާލު ﷲ ގެ ފަޟްލުވަންތަ ކަމަށް އެދި މަސައްކަތް ކުރުމަށްފަހު ވަރުބަލި ވެފައިވާ ފިރިމީހާ ގެއަށް އައުމުން އޭނާގެ ސުފުރާ ﷲ ދެއްވި ރިޒްޤުން ފުރާލާ އޭނާގެ ތަންމަތި ބާއްޖަވެރި ކުރުމުގެ މަސައްކަތުގައި އަނބިން އަވަދިނެތިވެ އުޅެނިކޮށްނެވެ.
އާދެ ކަޅުފޮއެ ރެއެއްގެ ހިޔަނި އަޅަމުން ފުސްވިލާގަނޑެއް ކުއްލިއަކަށް އުދަރެސް ވަށާ ބަނަ ކޮށްލައިފިއެވެ. އަލިގަދަ ހަނދާ އެހަނދުގެ ވަށައިގެން ބަބުޅަމުން ދިޔަ ތަރިތައް ވެސް ވިލާތަކާ ނިވާ ވެއްޖެއެވެ. ދެން ފަހެ ތޫފާނީ ވަޔާއެކު ބޯވިއްސާރަ ބޯމަތި ކޮށްފިއެވެ. އެހާރުން ފަޒާ އެކީއެކަށް ގުގުމައިގެން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑުންނެވެ. އާދޭހާއެކު ދުޢާތައް އުފުލެން ފަށައިފިއެވެ. ސިކުންތު ކޮޅެއްގެ ތެރޭ މީސްތަކުން އެބައިމީހުންގެ އަތްތަކުން ރެއާދުވާލު މިންނެތް މަސައްކަތް ކޮށް އާބާދުކޮށްފައިވާ ގެތައް ފުނޑުފުނޑުވެ މުދާތައް ރަތްއަލިފާނުގައި އަނދާ އަޅިއަށް ވެއްޖެއެވެ. ކުށެއް ނެތް އެތައް އަންހެނުންނާ މައުސޫމު ކުޑަކުދިންނެއްގެ ތާޒާ ލެއިން ބިންމަތީގައި ކޯރުދެން ފަށައިފިއެވެ. ޖައްވުގެ އެކި ދިމަދިމާލުން ކަންފަތްތައް ބީރުވެދާ ފަދަ އަޑުތަކާއި ލޯތައް ތަރަތަރަ ޖަހައިގެން ދާފަދަ ގަދަ އަލިތަކުން ދިއްލާލައިފިއެވެ. ހަމައެއާއެކު އަލިފާނުގެ ކަނިތައް ބުރަބުރައިގެން ގޮސް ރީތިމާމެލާމެލީގެ ބަގީޗާތަކާއި ދަނޑުބިންތަކުގައި ރޯވެ އެތަންތަން އެއްކޮށް ނެތިފަނާވެ ހިނގައްޖެއެވެ.
ދިމަދިމާލުން ބިންގަނޑަށް ލޮޅުންތައް އަރާ އެތަންތަން ބަލިކަށިވެ ހަލާކުވާން ފަށައިފިއެވެ. މައިން އެބައިމީހުންގެ ތުއްތުދަރިންތައް ދެއަތަށް ލައިގެން ރައްކާތެރިކަމާއި އަމާންކަމެއް ލިބޭތޯ އެތަންމިތާ ދުވަން ފަށައިފިއެވެ. ހިމާޔަތް ދޭނޭ އެއްވެސް ފަރާތެއް ނެތެވެ. ޚާލިޤުވަންތަ ﷲ ފިޔަވައެވެ. ބިޔަގަސްތަކާއި ފަރުބަދަ ތަކުގެ ނިވަލުގައި ފިލާތިބި މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް އިވެމުންދާ ބިރުވެރި އަޑުތައް އެހުމަށް ކުޅަދާނަ ނުވެގެން އޭގެތެރެއިން އެތަކެއް ބައެއްގެ ކަންފަތުގެ އިވުން ނެތިގޮއްސިއެވެ. ފެންނަމުން ދިޔަމަންޒަރުތަކުގެ ސަބަބުން އެތަކެއް ސިކުޑިއެއް ނުކުޅެދޭ ހާލަތައް ބަދަލު ވެއްޖެއެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެބައިމީހުންގެ ކުރިމަތިން އެބައިމިހުންގެ މައިންބަފައިން ޤަތުލުވެދިއުމުގެ ހިތާމައިގައި އަޑުން އަޑުނަގާ ރޯންފަށައިފިއެވެ. އަދި ހަމަ އެފަދައިން ފުރާނަ ނެތް މަސްގަނޑުތަކާއި ޒަޚަމްވެފައިވާ މީހުންގެ ހަށިތައް އަތުރައިގެން ޢާއިލާތައް އެބައިމީހުންގެ ލަނގޮޑިތަކަށް ކެތް ނުކުރެވޭ ހާލު ބަލަން ތިބެ ކަރުނަ އަޅަނީއެވެ. ބޭސްފަރުވާއެއް ކުރާނޭ ގޮތެއް ނެތެވެ. ލިބެމުންދާ އަނިޔާ ތަކާއި ރިހުމަށް ކުޑަނަމަވެސް ލުޔެއް ލިބޭނޭ މަގެއް ނެތެވެ. ވީނުވީއެއް ނޭނގޭ މީހުންގެ ޢަދަދު ގަލަމަކުން ބަޔާން ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
ނާމާން ކަމާއި ފުންއަދިރިކަމުގައި ވަގުތުތައް ފާއިތުވަމުން ގޮސް އިރުގެ އަލިކަމާއި ހަމަޔަށް ދުނިޔެ އެނބުރެމުން އޭގެ މަސައްކަތް ފުރިހަމަ ކޮށް ބުރުޖަހައިފިއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އެންމެ ރެއެއްގެ ތޫފާނަކަށް ފަހު މުޅި ދިރިއުޅުން ބަދަލު ވެއްޖެއެވެ. މިނިވަންކަމުގެ އަލިން އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ދިރިއުޅުން ދަތުރު ކޮށްފިއެވެ. ވީރާނަވެ ބިމާ ހަމަވެފައިވާ ގެތަކުގެ ދަށުން ޅަދަރިންނާއި މައިންގެ ހަށިތައް އެއްކުރެވެން ފަށައިފިއެވެ. އެތަކެއް މުސްލިމު ދަރިންނެއް އަސީރުންގެ ގޮތުގައި އަދުއްވުންގެ އަތްދަށުވެއްޖެއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ބީރައްޓެހިކަމާއި ބިރުވެރިކަމެވެ. ޢަދުއްވުންނާއި އެބައިމީހުންގެ ބަރު ހަތިޔާރު ތަކާއި އުޅަނދު ތަކެވެ. އިއްޔެއާ ޖެހެންދެން ނިކަން އުފާވެރި ހަމަހިމޭން ޙަޔާތެއް ވޭތުކުރަމުން އައި މިބިމަށް މިވަނީ ކޮންފަދަ މުސީބާތެއް ވެރިވެފައި ހެއްޔެވެ؟ ކާބޯތަކެއްޗާއި ބޯފެނާއި ހިޔާވަހިކަން ނެތިފައި ތިބި މީހުން ރޮއެ އާދޭސް ކުރަމުން ދެއެވެ. ”ފަހެ އަހަރުމެންނަށް އެހީވެދޭނީ ކޮންބައެއް ހެއްޔެވެ؟ މިމުސީބާތުން އަހަރުމެން ނެރެދީ ސަލާމަތް ކޮށްދޭނޭ އަތްތަކެއް ފަހެ ވޭހެއްޔެވެ؟“
އެހެނަސް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއްބަނޑު އެއްބަފާ ބައެއްގެ މިސާލުގައި އެއް ރައްބަކާއި އެއްދީނަކާއި އެއްއުއްމަތެއް އަދި އެއް މިއްލަތެއް ހިއްސާ ކުރަމުންދާ މުސްލިމުންގެ ތެރެއިން ބައެއްގެ ދީނާ މިނިވަންކަމާއި ޢިއްޒަތް ވެއްޔާއި މޮޑެވުނު ހިނދު އަދި އެބައިމީހުންގެ ހަށިތައް ފޮތިފޮތި ކުރެވި އެބައިމީހުންގެ ލޭބޮމުން ކާފަރުންގެ ހިތްފުރަމުން ދިޔައިރު މިމުސްލިމު އުންމަތްވަނީ އެބައިމީހުންގެ ގޮވަތި ގެދޮރުގައި އަރާމު ނިދީގައި ޣާފިލުވެފައެވެ. މިބައިމީހުންގެ ލޮލުގެ ފިނިކަން ކަމުގައިވާ ދަރިން މިބައިމީހުންގެ ކުރިމަތީ ހެޔޮޙާލުގައި ވާތަން ފެނި އުފާ ކުރެއެވެ. މިބައިމީހުންގެ ދާންތައް ފަޅުފިލުވާދޭ އަނބިންގެ ކިބައިން ހިތްފުރަމުން ދެއެވެ. ދުނިޔޭގެ ލައްޒަތާއި މަލައްޒަތުގައި ގެބެމުން ދާހިނދު ތިމާގެ އަޚުންނާއި އުޚުތުންގެ ޙާލުވަނީ ކޮންފަދައަކުން ހެއްޔެވެ؟ ފަހެ މިއީ ނަބިއްޔާ (صلى الله عليه وسلم) ސިފަކުރެއްވެވި އެއްބަނޑު އެއްބަފާ އުންމަތް ހެއްޔެވެ؟ އެކަލޭގެފާނު (صلى الله عليه وسلم) ސުވަރުގެ ވަޑައިގަތުމަށްފަހު އަމާނާތެއްގެ ގޮތުގައި އަހަރެމެންނާ ހަވާލުކޮށްފައިވާ މިބޮޑު އަމާނާތައް ޚިޔާނާތްތެރި ވީހެއްޔެވެ؟
ﷲ ގަންދީ ބުނަމެވެ. މޭގައި ހިތެއް ވެފައި އެހިތުގައި އެއްބަނޑު އެއްބަފާ ކަމުގެ ލޭހިނގާ އެއްވެސް އިންސާނަކަށް އޭނާގެ ލޯބިވާ ކޮއްކޮއިން ނުވަތަ ދައްތައިން އެއްވެސް ރަޙުމެއް ނެތް ގޮތުގައި ނިކަމެތި ކަމާއެކު އަނިޔާދެވި މަރާލެވެމުން ދާހިނދު މަންޒަރު ބަލަން އެހިތަކަށް ކެތެއް ނުކުރެވޭނެ އެވެ. ތިމާގެ އަމިއްލަ މައިމީހާ ކަތިލެވި ދަރިންގެ ކަފުންތައް އުފުލޭތަން ބަލަން އެ ދެލޯ ނުކުޅެދުނީސްކަން ކަށަވަރެވެ. އަދި އެފަދަ ހިތެއް ނަމަ ސިއްރާ ފާޅުގައި ގިސްލާ ރޯނެއެވެ. އަދި އެ ހިތައް ލިބޭ އަނިޔާތަކުގެ ސަބަބުން އެ ހިތުގައި ކޫރުން އެޅި އެތަކެއް ފަހަރު އެ ހިތް ކުދިކުދި ވާނެ އެވެ. އަދި މިއަނިޔާވެރި މުޖުރިމުންގެ މައްޗަށް ނަފްރަތުގެ ހުޅު ރޯވާނެ އެވެ. އަދި އެ ހިތުގެ ވަށައިގެންވާ އެއްވެސް އުފަލަކާއި އަރާމެއްގެ ރަހަ ލިބުމަށް އެހިތް ނޭދޭނެއެވެ. ނުވަމަހާއި ދިހަ ދުވަސް ވަންދެން ބަނޑުއަޅާ ވޭން އުފުލި އެ މަންމަގެ ދިފާޢުގައި އެކަނިމައި އެކަނި ނަމަވެސް އޭނާގެ ކަނޑި އުރައިން ދަމައިގަތީސްކަން ކަށަވަރެވެ.
= إنّا لله وإنّا إليه راجعون =
މަޞްދަރު: ލިޔުންތެރިޔާ
29 ޖުލައި 2010 -
www.click4islam.com