top of page
Featured Posts

ހުކުރުނަމާދު 12:35 އަށް ކަނޑައެޅުން

ޖަމާޢަތު މައްސަލަ (2)


ޖަމާޢަތަށް ނުދާ އަޚުންގެ އަނެއް ދަޢުވާ އަކީ ސަރުކާރުން ވަކިގޮތަކަށް ނަމާދު ކުރުމަށް އަމުރެއް ނެރެފައި އޮތުމެވެ. އަދި އެކަން ޘާބިތުވާ ދަލީލަކީ ހުކުރު ނަމާދު މެންދުރު 12:35 އަށް ސަރުކާރުން ކަނޑައަޅާފައިވުން ކަމުގައެވެ. އަދި ހުކުރު ކުރުމުގައި އަވަސް ކުރުމާއި ލަސްކުރުމަށް އިމާމުންނަށް އަދި ޚަޠީބުންނަށް އިޚްތިޔާރު ލިބިފައިނުވުމެވެ. އެހެންކަމުން މިއަމުރަކީ ޝަރުޢު ބަދަލުކުރުން ކަމުގައި މިއަޚުންތައް ދަޢުވާ ކުރެއެވެ. އަދި އިމާމު މީހާ، މިއަމުރަށް ކިޔަމަންވާ އެކިޔަމަންވުމަކީ ކިޔަމަންތެރިކަމުގެ ޝިރުކެއް ކަމަށްވެސް މިއަޚުން ދަޢްވާ ކުރެއެވެ.


ތާޣޫތީ ޙުކޫމަތެއް ނުވަތަ ކާފަރު ޙުކޫމަތެއްގެ ދަށުން ހިންގަމުން އަންނަ މިސްކިތްތަކެއްގެ އިމާމުންނަށް ނުވަތަ ޚަޠީބުންނަށް ނެރެވޭ އަމުރަކީ ސަމާލުވާން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް އެއަމުރު، ޤުރުއާނާއި ސުންނަތާއި ތަޢާރުޟު ނުވާނަމަ އެކަމުގައި އެއްވެސް މައްސަލެއް ނެތެވެ. އެހެނީ ﷲ އާއި ރަސޫލާއަށް އުރެދޭ ކަންތައްތަކުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުން ހުއްދަވެގެން ނުވެއެވެ.


ﷲ ވަޙީ ކުރައްވަނީ:


”وَوَصَّيْنَا الإنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (*) وَإِنْ جَاهَدَاكَ عَلى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ“


”އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު ވަޞިއްޔަތް ކުރައްވައި، އަމުރުކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢުވުން ވަނީ، ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ.އަދި ތިމަންއިލާހާއި މެދު، ތިބާއަށް އެނގުމެއްނުވާ ކަމެއްގައި ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންއިލާހުގެ ޙަޟްރަތަށް ކިޔަމަންވެ، ރުޖޫޢުވީ މީހުންގެ މަގަށް ތަބަޢަ ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢުވުން ވަނީ ތިމަންއިލާހުގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިމަންއިލާހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.“(ލުޤުމާނު 14-15)

ނަބިއްޔާ (صلى الله عليه وسلم)ގެ މަޝްހޫރު ޙަދީޘްގައިވާ ފަދައިންނެވެ.


”لا طاعة لمخلوق في معصية الخالق“ މާނައީ: ”ޚާލިޤުވަންތަ ﷲ އަށް އުރެދޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ.“


އެހެން ކަމުން ސުވާލަކީ ހުކުރުނަމާދުގެ ވަގުތު 12:35 އަށް ކަނޑައެޅުން މިއީ ޤުރުއާނާއި ސުންނަތާއި ތަޢާރުޟުވާ ކަމެއްތޯ ނުވަތަ ނޫންތޯއެވެ؟؟


މިކަމުގައި އެންމެ ފުރަތަމަ ބަލަން ޖެހޭނީ ހުކުރުނަމާދުގެ ވަގުތަކީ ކޮބައިކަމާއި މެދުގައެވެ؟


”ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި އެންމެ ޞައްޙަ ގޮތަކީ، ހުކުރު ނަމާދުގެ ވަގުތަކީ ހަމަ މެންދުރު ނަމާދު ވަގުތުކަމެވެ. އަދި އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އެންމެ ރައްކައުތެރި ގޮތްވެސް މެއެވެ.“


ޝެއިޚް ބިން ބާޒް (رحمه الله) ވިދާޅުވެފައިވެއެވެ.


”ހުކުރު ނަމާދުގެ އެންމެ ރަނގަޅު ވަގުތަކީ އިރު، ޒަވާލުގެ ވަގުތަށް ފަހުގައެވެ. އެހެނީ މިވަގުތު، ޢިލްމުވެރިންގެ މެދުގައި އިޚްތިލާފްވެފައިވާ ވަގުތުގެ ތެރެއިން ސަލާމަތްވެގެންވެއެވެ. އަދި ގިނަ ޢިލްމުވެރިން ވިދާޅުވަނީ ހުކުރުނަމާދު ކޮންމެހެންވެސް ކުރަން ޖެހޭނީ އިރު، ޒަވާލުގެ ވަގުތަށް ފަހުގައެވެ. އަދި މިއީ ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތެވެ.“ (މަޖްމޫ ފަތުވާ 12/391-392 )


އެހެންކަމުން ހުކުރުނަމާދުގެ ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުކަމުން ދެންފަހެ، މެންދުރުނަމާދުގެ ވަގުތަކީ ކޮބައި ހެއްޔެވެ؟ މިކަން އަހަރެމެންނަށް ސާފުވެގެންދަނީ މާތް ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތުންނެވެ.


أن نبي الله صلى الله عليه وسلم قــال : ” إذا صليتم الفجر فإنه وقت إلى أن يطلع قرن الشمس الأول ، فإذا صليتم الظهر فإنه وقت إلى أن يحضر العصر ، فإذا صليتم العصر فإنه وقت إلى أن تصفر الشمس ، فإذا صليتم المغرب فإنه وقت إلى أن يسقط الشفق ، فإذا صليتم العشاء فإنه وقت إلى نصف الليل “ . صحيح مسلم 5/109 . فتاوى اللجنة الدائمة 6/121 .


ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުން ފަޖުރު ނަމާދު ކުރާ ހިނދުގައި، ފަހެ ފަޖުރު ނަމާދުގެ ވަގުތަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެން، އިރުގެ ފުރަތަމަ ދަޅަ ފެނިއްޖެއުމަށް ދާންދެނެވެ. (އެބަހީ: އުދަރެހުން އިރު އަރަން ފެށުމަށް ދާންދެނެވެ.).ތިޔަބައިމީހުން މެންދުރުނަމާދު ކުރާ ހިނދުގައި، ފަހެ، މެންދުރުނަމާދުގެ ވަގުތަކީ ޢަޞްރު ނަމާދާއި ހަމައަށެވެ. ތިޔަބައިމީހުން ޢަޞްރުނަމާދު ކުރާ ހިނދުގައި، ފަހެ، ޢަޞްރުނަމާދު ވަގުތަކީ އިރު ރީނދޫ ވެއްޖައުމަށްދާންދެނެވެ. ތިޔަބައިމީހުން މަޣްރިބުނަމާދު ކުރާ ހިނދުގައި، ފަހެ، މަޣްރިބުނަމާދުގެ ވަގުތަކީ ރަތްވިލާ އޮއްސުމަށް ދާންދެނެވެ. ތިޔަބައިމީހުން ޢިޝާނަމާދު ކުރާ ހިނދުގައި، ފަހެ، ޢިޝާނަމާދުގެ ވަގުތަކީ ރޭގަނޑުގެ މެދާއި ހަމައަށެވެ.“ (ޞަޙީޙް މުސްލިމް 5/109)


”ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ހުކުރުނަމާދުގެ ވަގުތު ވަނީ ޢަޞްރުނަމާދުގެ ވަގުތާއި ހަމައަށެވެ. އަދި މީސްތަކުން ޢަޞްރު ނަމާދުގެ ކުރިން ހުކުރުނަމާދު އަދާކޮށްފިނަމަ، ދެންފަހެ، އެބައިމީހުންނަށް ހުކުރުނަމާދު އަދާ ކުރެވިއްޖެއެވެ.“


އަދި ހުކުރުނަމާދު، ވަގުތުގެ ކުރީގައި އަދާ ކުރާ ބައެއްގެ ފަހަތުގައި ހުކުރު ކުރުން އަޢުލާކަންބޮޑެވެ. އެހެނީ ނަބިއްޔާ (صلى الله عليه وسلم) ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.


سلمة بن الأكوع رضي الله عنه قال : ”كُنَّا نُجَمِّعُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا زَالَت الشَّمْسُ) “ رواه البخاري (4168) ومسلم (860) واللفظ لمسلم .


ސަލަމާ ބިން އަކްވާ (رضي الله عنه) ވިދާޅުވެފައިވެއެވެ. ”އަހަރެމެން ނަބިއްޔާ (صلى الله عليه وسلم) ގެ އަރިހުގައި ހުކުރު ނަމާދުކޮށް އުޅުއްވަނީ އިރުގެ ޒަވާލުގެ ވަގުތު ފިލައި ދިޔުމުންނެވެ.“ (ރިވާކުރެއްވީ އަލްބުޚާރީ 4168 އަދި މުސްލިމް 860)


ހުކުރުނަމާދުގެ ވަގުތު ފާއިތުވުމަށް ދާންދެން (އެބަހީ ޢަޞްރު ވަގުތަށް ފަހުގައި) އެނަމާދު ލަސްކުރުން ޙަރާމްވެގެންވެއެވެ. އަދި އެއީ ބޮޑު ފާފައެކެވެ. އެހެނީ ﷲ ވަޙީ ކުރައްވަނީ:


”..إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا“


”ހަމަކަށަވަރުން ނަމާދަކީ މުއުމިނު ތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައިވެއެވެ.“

(النساء 103)


(އަލްމަޖްމޫ (4/377-388)، އަދި މުޙައްލާ (5/42-45))


އަދި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތުން ފެންނަންއޮތީ އެކަލޭގެފާނު، ނަމާދުގެ ވަގުތުގައި ކަމެއް ދިމާވެއްޖެނަމަ، މިޘާލަކަށް މެހެމާނެއް އެކަލޭގެފާނުގެ އަރިހުގައި މަޑުކުރެއްވުން ނުވަތަ މަދު މީސްކޮޅެއް ޖަމާޢަތަށް ޙާޟިރުވުން ފަދަ ކަންތައްތަކުގައި އެކަލޭގެފާނު، ބައެއްފަހަރަށް ނަމާދު ކުޑަ ހިނދުކޮޅަކަށް ލަސްކުރައްވާ ކަމެވެ.


ނަމާދުގެ ވަގުތު ބެހިގެންވަނީ ދެބަޔަކަށެވެ. އެހެނީ ވަގުތުގެ ކުރީކޮޅާއި ވަގުތުގެ ފަހުކޮޅެވެ. އެހެންނަމަވެސް ޢިޝާނަމާދާއި (ޢާންމުގޮތެއްގައި) މެންދުރުނަމާދު (ގަދަ ހޫނު މޫސުމުގައި) ފަސް ކުރުން މޮޅުއިތުރުވެގެންވެއެވެ. މިދެނަމާދު ފިޔަވައި އެހެން ނަމާދުތައް ވަގުތުގެ ކުރީކޮޅުގައި ކުރުން މޮޅު އިތުރުވެގެންވެއެވެ. އެހެންނަމަވެސް ވަގުތުގެ ތެރޭގައި ނަމާދު އަދާކޮށްފިނަމަ އެނަމާދަކީ ޞައްޙަ ނަމާދެކެވެ.


އެހެންކަމުން ރާއްޖޭގައި ހުކުރުނަމާދަށް ކަނޑައެޅިފައިވާ ވަގުތަކީ ހުކުރުނަމާދުގެ ވަގުތުގެ ތެރެއިން އަދި ކިއެއްތަ، ވަގުތުގެ ކުރީ ކޮޅުގައި ކަނޑައަޅާފައިވާ ވަގުތެއް ކަމުން، މިކަމުގައި ޝަރީޢަތާއި ތަޢާރުޟުވާ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އަދި ވަގުތުގެ ތެރެއިން ކަނޑައަޅާފައި ވަގުތަކަށް އިމާމް މީހާ ނުވަތަ ޚަޠީބު ކިޔަމަންވާ ކިޔަމަންވުން އެއީ ޝަރީޢަތާއި ޚިލާފުވާ ޢަމަލެއް ނޫންކަން އަހަރެމެންނަށް ޤުރުއާނާއި ސުންނަތުން ޘާބިތުވެއްޖެއެވެ. މިއާ ޚިލާފަށް ސަރުކާރުން އިރު އެރުމަށްފަހު ފަތިސްނަމާދު ކުރުމަށް އަމުރެއް ނެރުމުން އެފަދައިން އިމާމުން ޢަމަލު ކޮށްފިނަމަ، ނުވަތަ ޢަޞްރުނަމާދަށް ފަހު ހުކުރު ކުރުމަށް އަމުރެއް ނެރުމުން، އެފަދައިން އިމާމުން ނުވަތަ ޚަޠީބުން ޢަމަލު ކުރާނަމަ، އެޢަމަލު ވެގެންދާނީ ޤުރުއާނާއި ސުންނަތާއި ޚިލާފު ޢަމަލަކަށެވެ.


މިމައްސަލައިގައި މިހާތަނަށް ސުވާލު ކުރެވެނު އެއްވެސް ބޮޑުޢިލްމުވެރިއެއް މިނޫން ގޮތަކަށް ޖަވާބު ދެއްވާފައި ނޫނީ ނުވެއެވެ. ހުރިހާ ޢިލްމުވެރިން ވެސް ވިދާޅުވަނީ އެވަގުތަކީ ހުކުރުނަމާދުގެ ވަގުތުގެ ތެރެއިން ކަނޑައެޅިފައިވާ ވަގުތެއް ކަމުން އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ޢިލްމުގެ އަހުލުވެރިންގެ މަޝްވަރާއާއި ނުލާ އަޅުގަނޑުމެން އަމިއްލައަށް ގޮތް ނިންމުމުން، އޭގެ ނަތީޖާ ހީވެސް ނުކުރާ ހިސާބަކަށް ހިނގައިދާނެއެވެ.


ވަގުތުގެ ކުރީ ކޮޅުގައި އަދި އެންމެ ޞައްޙަ ގޮތުގައި ހުކުރު ކުރާ ޖަމާޢަތަކީ ތިމަންމެން ވަކިން ހަދާ ޖަމާޢަތޭ ބުނެ ދަޢްވާ ކުރާ ހިނދުގައި ވިސްނާލަން ޖެހޭ ނުކުތާއަކީ އެފަދައިން ސަރުކާރާއި އިދިކޮޅަށް ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުން، އެކަމުގެ ސަބަބުން ނުކުންނަ މަޞްލަޙަތާއި މަފްސަދާ އަށެވެ. މިހާތަނަށް ކުރެވުނު ތަޖުރިބާއިން ވެސް އެކަމުގައި ފެންނަން އޮތީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުމެވެ.


ޝެއިޚް އަބޫ މުޙައްމަދު އަލް މަޤްދިސީ (حفظه الله) ’ޖިހާދުގެ މޭވާ ތަކުގެ ތެރެއިން‘ މިފޮތުގައި ވިދާޅުވެފައިވެއެވެ.


”ދަޢުވަތު ދިނުމުގައި މީހަކު އަބަދުވެސް ބަލާނީ އެކަމުގައި އެންމެ ބޮޑު މަޞްލަޙަތެއް އޮތް ގޮތެކެވެ. އަދި އެންމެ ބޮޑު ފަސާދައަކުން ސަލާމަތްވަނިވި ގޮތަކަށެވެ. އަދި މިއީ ޝަރީޢަތުގައި އޭގެ އަސާސްތައް ތަޢާރުޟު ނުވާ ހިނދުގައެވެ. އަދި އެންމެ ވަރުގަދަވެގެންވާ އުޅައްގަނޑާއި އަދި ތަޥްޙީދާއި ތަޢާރުޟު ނުވާ ހިނދެއްގައެވެ.“


-ޝެއިޚްގެ ބަސް ނިމުނީ-


އަދި މިއަދު އިސްލާމީ އުއްމަތުގެ ޢަދުއްވުން އެހާ ގިނަވެފައި، މުސްލިމު ޤައުމުތަކުގެ ވެރިންތައް އެބައިމީހުންގެ ކުޅޭކުޅޭ ބުދުތަކެއްކަމުގައި ހަދާފައި ދަނޑިވަޅެއްގައި، އަޅުގަނޑުމެން އެންމެ އިސްކުރަން ޖެހޭ އަމާޒުތަކަށް މަސައްކަތް ކުރުން ދޫކޮށްލުމަށްފަހު، އަޅުގަނޑުމެން އަމިއްލައަށް މިފަދަ މައްސަލަތަކުގައި ބައިބައިވެގެން ފުނޑިގެންދަނީއެވެ. އިންފިރާދީވެގެން ނުވަތަ ވަކިވެގަނެގެން ދެން ތިބި އެންމެން ގޯސް ކުރުމުގެ ބަދަލުގައި، މީސްތަކުންނާއި ރަނގަޅު ގުޅުމެއް ޤާއިމްކޮށް، އުއްމަތުގެ ޙާލަތާއި މެދު މީސްތަކުން ހޭލުންތެރިކުރުވާ، މިއުއްމަތަށް ފަރުޟު ވެފައިވާ ދިފާޢީ ޖިހާދުގެ މަގަށް މީސްތަކުން ހޭލުތެރި ކުރުވައިފިނަމަ، އުއްމަތަށާއި ދީނަށް މާބޮޑަށްވެސް މަންފާ ކުރާނެއެވެ. އަދި ކާފަރުން ގެނެސްދިން ޑިމޮކްރަސީ ދީނުގެ ނުބައިކަން މީސްތަކުންނަށް ބަޔާންކޮށްދީ އިސްލާމީ ޝަރީޢަތުން މެނުވީ މިދީނަށް ޢިއްޒަތާއި ކަރާމާތް އަނބުރާ ނުލިބޭނެކަން އަންގައި ދިނުމުންނެވެ. އަދި ކާފަރުންނާއި ގުޅިގެން އެމީހުންގެ މަޖްލީސްތަކަށް ވަދެގެން ދުވަހަކުވެސް އެކަމެއް ކާމިޔާބު ވެފައިނުވާކަމަށާއި، އިސްލާމީ ތާރީޚުގައި އެކަން ވެފައި އޮތީ އަބަދުވެސް ޖިހާދުގެ މަގު އިޚްތިޔާރުކޮށްގެން ކަމާއި މެދުގައެވެ.


އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތަކީ މިއަދު އިސްލާމުންނަށް އެބައިމީހުންގެ ދީން ތަންފީޛު ކުރުމަށް ޢަދުއްވުންތައް ހުރަސް އަޅާފައިވާ މިންވަރެވެ. އެއީ ރާއްޖޭގައިވެސް އަދި ދުނިޔޭގެ ހުރިހާ އިސްލާމީ ޤައުމުތަކެއްގައިވެސް ދީނީ މީހުންނަށްވަނީ ފިއްތުންތައް ކުރިމަތިވެފައެވެ. އަދި ރާއްޖޭގައި ﷲ ގެ ރަޙްމަތުން މިފިއްތުންތައް ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ވަރަށްވެސް ކުޑައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ޚިޔާލު ތަފާތުވާ ހިސާބަކީ ޢަދުއްވުންގެ ވަކިތަކުން ސަލާމަތްވެގެން އިސްލާމުންނަށް އެބައިމީހުންގެ ޝަރީޢަތާއި ދީން ފުރިހަމައަށް ޤާއިމް ކުރެވޭނީ ކިހިނެއް ކަމާއި މެދުގައެވެ. ޝައްކެތްވެސް ނެތް ގޮތުގައި އެފަދަ ނިޡާމެއް ގެންނަން މަސައްކަތް ކުރާ ބަޔަކީ ﷲ ގެ މަގުގައި ރެޔާއި ދުވާލު ހަނގުރާމަ ކުރަމުންދާ މުޖާހިދުންނެވެ. އިސްލާމީ ބިންތަކަށް ވެރިވަގަނެފައިވާ ޢަދުއްވުން ފަހަތަށް ޖައްސާ އެބައިމީހުންނަށް އެހީވަމުންދާ އެންމެހާ އަޢުވާނުންތައް ބަލިކުރުމުންނެވެ. މިޤަބޫލުކުރަންދަތި ޙަޤީޤަތް ކޮންމެ ބަޔަކަށްވެސް އިޙްސާސްކޮށްލެވޭނީ އެބަޔެއްގެ އަމިއްލަ ވަޠަނަށް ޢަދުއްވުން އަރައިގަނެ އަމިއްލަ މީހުން ޤަތުލުވެ އަމިއްލަ އަނބީން ނުވަތަ އަންހެން ދަރީންގެ ޢިއްފަތްތެރިކަން ނަގާލެވުމުންނެވެ. އެހެންކަމުން އަހަރެމެންނަށް މިވަގުތު އެންމެ އަޢުލާކަން ބޮޑު ކަމަކީ ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ފަހު މުޖާހިދުން މިކުރަމުންދާ މިންނެތް މަސައްކަތަށް އެމީހަކަށް ދެވެން އޮތް ޙިއްޞާއެއް ދިނުމެވެ. އަދި އޭގެ ފޮނި މޭވާ ވެގެން ދާނީ އިސްލާމްދީނުގެ ޢަދުއްވުން ބަލިވެ، ތާޣޫތީ ސަރުކާރުތައް ފުނޑުފުނޑުވެ އިސްލާމީ ދައުލަތެއްގެ ދަށުން މުސްލިމުންނަށް އެބައިމީހުންގެ ދީން ފުރިހަމައަށް ތަންފީޛު ކުރެވުމުވެ.


މީސްތަކުންނާއި ވަކިވެގެން އަމިއްލައަށް ވަކިޖަމާޢަތެއް ހަދައިގެން ނަމާދު ކުރާ އަޚުންނަށް ދޭން އޮތް ހެޔޮ އަދި ފުން ނަޞޭޙަތަކީ ހަނި ދާއިރާއަކުން ވިސްނުމުގެ ބަދަލުގައި އަބަދުވެސް ބޮޑު ތަޞައްވުރާއި މެދު ވިސްނުމަށެވެ. އަދި މިދީނަށް އެންމެ ފައިދާ ކޮށްދެނިވި މަގުތައް ޚިޔާރު ކުރުމުގައި އަވަސްވެގަތުމަށެވެ.


އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހަރެމެންގެ ދުޢާ އަކީ ﷲ ތަޢާލާ އަހަރެމެންނަށް ޙައްޤު، ޙައްޤު ގޮތުގައި ދައްކަވާ، ޙައްޤަށް ތަބަޢުވުމުގެ ތައުފީޤު އަހަރެމެންނަށް މިންވަރު ކޮށްދެއްވެވުމެވެ. އަދި ބާޠިލް، ބާޠިލް ގޮތުގައި ދައްކަވާ, އޭގެން އެއްކިބާވުމުގެ ތައުފީޤް އަހަރެމެންނަށް ދެއްވެވުމެވެ. އަދި އަހަރެމެންނީ ޙައްޤަށް ވަޞިއްޔަތްކޮށް ކެތްތެރިވުމަށް ވަޞިއްޔަތްކުރާ ބައެއް ކަމުގައި ލެއްވެވުމެވެ. އާމީން.

*** ނިމުނީ ***

08 މެއި 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page