އިޚްލާސްތެރިކަން ލިބިގަތުމަށް ކުރާ ގަދަފަދަ މަސައްކަތް
رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...
އިމާމް އިބްނި އަލް-ޤައްޔިމް އަލް-ޖައުޒިއްޔާ (رحمه الله)
އެމީހަކަށް ތަޢުރީފާއި މަދަހަ ކިޔުމަށް އެދޭ މީހާގެ ހިތުގައި އިޚްލާސްތެރިކަމެއް ނުއުފެދޭނެއެވެ. އަދި އެމީހަކަށް ލިބިގެންވާ ކަންތައްތައް މީސްތަކުންގެ ކުރިމަތީގައި ދެއްކުމަށް އެދޭ މީހާގެ ހިތުގައިވެސް އިޚްލާސްތެރިކަމެއް ނުއުފެދޭނެއެވެ. އެހެނީ އަލިފާނާއި ފެނާއި އެއްނުވާ ބީދައިންނެވެ.
ތިބާގެ ނަފްސު އިޚްލާސްތެރިކަން ހޯދުމަށް އެދިއްޖެނަމަ ފުރަތަމަވެސް ވަޅިއަކުން ތިބާގެ ހަވާނަފްސުގެ އެދުންތައް ކަތިލާލާށެވެ. އެއަށްފަހު ތިބާއަށް މަދަހަ ކިޔުމާއި ތަޢުރީފުކުރުމުގެ މައްޗަށް ޒާހިދު މީހެއްގެ ހައިސިއްޔަތުން ދެކޭށެވެ. އާޚިރަތަށްޓަކައި، ހަމައެކަނި މިދުނިޔެއަށް ލޯބިކުރާ ޒާހިދެއް ފަދައިންނެވެ. ތިބާގެ އެދުންތައް ކަތިލާލެވި އަދި ތަޢުރީފާއި މަދަހަ ލިބިގަތުމުގެ މައްޗަށް ޒުހުދުވެރިކަން ލިބިގަތުމުގައި ކާމިޔާބު ވެއްޖެނަމަ، ތިބާ ހޯދުމަށް މަސައްކަތްފެށި އިޚްލާސްތެރިކަން ތިބާއަށް ލިބިގެންދާނެއެވެ.
ސުވާލުވެވުނެވެ. ތަޢުރީފާއި މަދަހަ ލިބިގަތުމަށް އެދުންވެރިވުމާއި، ހަވާނަފްސުގެ އެދުންތަކާއި ދެކޮޅަށް ޒުހުދުވެރިކަން ހާޞިލު ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބުގައި ބުނަމެވެ.
ހަވާ ނަފްސުގެ އެދުންތައް ކަތިލާލުން (ނައްތާލުން): ﷲ ތަޢާލާއަށް ޚާލިޞްކޮށް އަޅުކަން ކުރުން ފިޔަވައި ތިބާ އެދުންވެރިވާ އެހެން އެއްވެސް ކަމެއް ނުވާ ކަމުގެ ފުރިހަމަ ޢިލްމު ތިބާއަށް ލިބިގެންވުމެވެ. އެހެނީ ﷲ ފިޔަވައި އެހެން ފަރާތަކަށް، ﷲ އަށް ލިބިގެންވާ އެންމެހާ ކަންތައްތައް ލިބިގެނެއް ނުވެއެވެ. އަދި ﷲ ދެއްވި ނިޢުމަތްތައް ދެވޭނެ އެހެން ދެވަނަ ފަރާތެއް ނުވާކަމަށްޓަކައެވެ.
ތިބާއަށް މަދަހަ އާއި ތަޢުރީފު ކިޔުމަށް އެދުންވެރިވުމާއި ދެކޮޅަށް ޒުހުދުވެރިކަން އުފެއްދުން: ﷲ އާއި އެއްފަދައިން މަދަހައާއި ތަޢުރީފު ހައްޤުވެގެންވާ އެހެން އެއްވެސް ފަރާތެއް ނުވާކަމުގެ ޢިލްމު ތިބާއަށް ލިބިގެންވުމެވެ. އަދި ބަދުނާމު ކުރުމުންނާއި ނިކަމެތި ކުރުމުން އެއްވެސްފަދަ ގެއްލުމެއް ނުދެވޭނެ ފަރާތަކީވެސް ﷲ ތަޢާލާކަން ދެނެގަތުމެވެ.
އެހެނީ ބަދަވީ މީހާ ރަސޫލު (صلى الله عليه وسلم) އާއި މުޚާތަބުކޮށް ދެންނެވި ފަދައިންނެވެ.
އަހަރެންގެ ތަޢުރީފުކުރުންވަނީ ރިވެތި ކުރެވިގެންނެވެ. އަދި އަހަރެން ކުރާ ބަދުނާމުތައް ވަނީ ނިކަމެތި ކުރެވިގެންނެވެ. އެހިނދުގައި ރަސޫލު (صلى الله عليه وسلم) ހަދީޡް ކުރެއްވިއެވެ. އެއީ ﷲ ތަޢާލާއެވެ. (ތިރިމީޒީ 3266)
އެހެންކަމުން ތަޢުރީފު ލިބިގަތުމުގައި ޒުހުދުވެރި ވާށެވެ. އަދި ތިބާ އަށް ތަޢުރީފު ކުރުމަށް ނުކުޅެދިގެންވާ މީހާއާއި މެދުގައިވެސް ޒުހުދު ވެރިވާށެވެ. އަދި ތިބާ ބަދުނާމުކުރާ މީހާއި މެދުގައާއި ތިބާ ބަދުނާމު ކުރުމަށް ނުކުޅެދިގެންވާ މީހާއާއި މެދުގައިވެސް ޒުހުދު ވެރިވާށެވެ. ތަޢުރީފާއި މަދަހަ ކިޔުމަށް އެންމެ ޙައްޤު ފަރާތާއި މެދުގައި އެދުންވެރިވާށެވެ. އެހެނީ އެފަރާތަކީ، އެފަރާތަށް ނިސްބަތްކޮށް ކުރެވޭ ބަދުނާމުތަކުން ދުރުވެގެންވާ ފަރާތެވެ. އެހެންނަމަވެސް މިސިފަ ލިބޭނީ ހަމައެކަނި ޔަޤީން ކުރާ ޙާލު ކެތްތެރިވާ މީހުންނަށެވެ. ކެތްތެރިކަމާއި ޔަޤީންކަން ތިބާއަށް ޙާޞިލު ނުވެއްޖެނަމަ، ތިބާގެ މިސާލަކީ އެއްވެސް ދުއްވާނެ އުނޅަދެއްނެތި ކަނޑުގައި ދަތުރުކުރަން އެދޭ މީހެއްގެ މިސާލެވެ.
އެހެނީ ﷲ ވަޙީ ކުރައްވިއެވެ.
”فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَلا يَسْتَخِفَّنَّكَ الَّذِينَ لا يُوقِنُونَ “
”ފަހެ ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢްދުފުޅަކީ ޙައްޤު ތެދެވެ. އަދި އީމާންކަމާއި މެދު ޔަޤީން ނުކުރާ މީހުންގެ ސަބަބުން ކަލޭގެފާނުގެ ދަޢުވަތު މެދުކަނޑައިލިޔަ ނުދެއްވާށެވެ.“
(ސޫރަތު އައް-ރޫމް 60)
އަދިވެސް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
”وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا وَكَانُوا بِآيَاتِنَا يُوقِنُونَ“
”އަދި އެބައިމީހުން ކެއްތެރިވިހިނދު، ތިމަންއިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް އެބައިމީހުންގެ ތެރެއިން ލެއްވެވީމެވެ. އަދި ތިމަންއިލާހުގެ އާޔަތްތަކާއި މެދު ޔަޤީން ކުރާ ބައެއް ކަމުގައި އެބައިމީހުންވިއެވެ.“ (ސޫރަތު އައް-ސަޖިދަ 24)
އަޞްލު: www.islam.com
www.click4isalam.com
29 ޑިސެމްބަރު 2009 -