top of page
Featured Posts

ފުރިހަމަ އީމާނަކުން، އީމާން ވަމާ ހިނގާށެވެ.



އިންސާނާ، އޭނާ ކުރާ ދަޢްވާތަކަށް ފުރިހަމައަށް ޢަމަލު ނުކުރާ ހިނދެއްގައި ދުވަހަކުވެސް އޭނާއަށް އެކަމެއް ޙާޞިލެއް ނުވާނެއެވެ. ތިމަންނައީ މުއްސަންޖަކީމޭ ބުންޏަކަސް މުއްސަންޖަކަށް ނުވާނެއެވެ. މުއްސަންޖަކަށް ވާނީ އަތުގައި މުދަލާއި ފައިސާ ހުރެގެންނެވެ. މުދަލާ ފައިސާ ލިބޭނީ އެކަމަށްޓަކައި ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. ހަމައެފަދައިން ތިމަންނައީ މުސްލިމެކޭ ނުވަތަ އީމާންވެގެންވާ މީހަކީމޭ ދުލުކޮޅުން ބުނެފައި އެކަމަށް ފުރިހަމައަށް ޢަމަލު ނުކުރާހާ ހިނދަކު އޭނާ އެކުރި ދަޢްވާއެއްވެސް އޭނާއަކަށް ފުރިހަމައެއް ނުވާނެއެވެ.


ﷲ ވަޙީކުރައްވާފައިވެއެވެ.


وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ وَمَا هُمْ بِمُؤْمِنِينَ

ތިމަންމެނީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންވެގެންވާ ބަޔަކީމޭ ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ނަމަވެސް އެބައިމީހުންނީ އީމާންވެގެންވާ ބަޔެއްނޫނެވެ.

[سورة البقرة ގެ 8]


އީމާންކަމަކީ (1) ހިތުން ތެދުކޮށް ޤަބޫލުކުރުމާއި އެކު، (2) ދުލުން އިޤުރާރުވެ، (3) އެއާއި އެއްގޮތަށް ޢަލުކުރުން. ބަޔާންވެ ދިޔަ ތިން ކަންތައް ފުރިހަމަ ނުކުރާ މީހެއްގެ އީމާންކަމެއް ނުވެއެވެ. މިސާލަކަށް: މީހަކު ހިތުގެ އަޑިން ޤަބޫލުކުރޭ، ނަމަވެސް ދުލުން އިޤްރާރެއްނުއެވެ. އަދި ޢަމަލުވެސްނުމެކުރެއެވެ. މިފަދަ މީހަކު އީމާންވީ ކަމުގައި ވާނެތޯއެވެ؟ މަދީނާގައި ތިބި ޔަހޫދީން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަން ފުރިހަމައަށް ދަނޭ، ހިތުން ޤަބޫލުކުރޭ ނަމަވެސް ދުލުން އިޤުރާރެއްނުކުރެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.


الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقاً مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ

ހަމަކަށަވަރުން އެބަޔަކަށް ތިމަން ﷲ ފޮތްދެއްވި މީހުން، އެބައިމީހުންގެ ދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އީ ޙައްޤު ރަސޫލާކަން) ދަނެއެވެ. އަދި އެބައިމީހުންގެ ތެރެއިން ބަޔަކު އެބައިމީހުން ދަނެތިބޭ ޙާލު ޙައްޤު އޮޅުވާލަނީއެވެ.

[سورة البقرة ގެ 146]


ޔަހޫދީންނަށް މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަން އެނގުނު އިރުވެސް ދުލުން އިޤްރާރުވުމުން މަނާވެގަތީ ހިތުތެރޭގައިވާ ޙަސަދަވެރިކަމަކާއި ރުޅިވެރިކަމެއްގެ ސަބަބުންނެވެ. ވީމާ ހިތުން ޤަބޫލުކޮށް، ނަމަވެސް ދުލުން އިޤުރާރުނުވެ އަދި ޢަމަލުނުކުރާ މީހުންގެ މިސާލަކީ ކީރިތިރަސޫލާ صلى الله عليه وسلم އަށް ކާފިރުވީ ޔަހޫދީންނާއި، ނަޞާރާއިންނާއި، އަދި އަބޫޖަލުފަދަ މީސްމީހުންގެ މިސާލުތައް ފަދައިންނެވެ.


ހިތުގެ އަޑިން ޤަބޫލުކޮށް ދުލުން އިޤްރާރުވާ، ނަމަވެސް ޢަމަލު ނުކުރާ މީހެއްގެ އީމާންކަމެއް ވޭބާއެވެ؟ ޝައިޠާނާ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ފެނި، ﷲ މެނުވީ އިލާހަކު ނުވާކަން އެނގި، ﷲ އަށް ބިރުވެތި ވާކަމަށް އިޤްރާރުވިއެވެ.


ބަދުރުހަނގުރާމާގައި ޝައިޠާނާ މައްކާގެ މުޝްރިކުންނަށް ހިތްވަރުދިން ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.


وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لاَ غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَّكُمْ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَى عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِّنكُمْ إِنِّي أَرَى مَا لاَ تَرَوْنَ إِنِّيَ أَخَافُ اللّهَ وَاللّهُ شَدِيدُ الْعِقَابِ

އަދި ޝައިޠާނާ އެބައިމީހުންނަށް އެބައިމީހުންގެ ޢަމަލުތަށް ޒީނަތްތެރިކުޅަހިނދެވެ. އަދި ބުންޏެވެ: 'މިއަދު އިންސާނުންގެ ތެރެއިން އެއްވެސް ބަޔަކަށް ތިޔަބައިމީހުންގެ މައްޗަށް ގަދައެއްނުވެވޭނެއެވެ. އަދި ތިޔަބައިމީހުންގެ އަވަށްޓެރިއަކީ (އެހީތެރިއަކީ) އަހުރެންނެވެ.' ނަމަވެސް ދެލަޝްކަރު އެއްބަޔަކު އަނެއްބަޔަކަށް ފެންނަ ހިސާބަށް އައިހިނދު އޭނާ ފުރަގަސްދީ ދުއްވައިގަތެވެ. އަދި ބުންޏެވެ: 'ހަމަކަށަވަރުން އަހުރެން ކަލޭމެންގެ ކިބައިން ބަރީޢަވެގެން ވަމުއެވެ. ހަމަކަށަވަރުން އަހަންނަށް ކަލޭމެންނަށް ނުފެންނަ ކަންތައްތަކެއް އެބަފެނެއެވެ. އަދި އަހުރެން ﷲ އަށް ބިރުވެތިވަމެވެ. އަދި ﷲ އީ عذاب ދެއްވުމުގައި ގަދަފަދަވަންތަ އިލާހެވެ.

[سورة الأنفال ގެ 48]


މިއާޔަތުގައި ޝައިޠާނާ މީސްތަކުންނަށް ނުފެންނަ ކަންތައްތަކެއް ފެންނަ ކަމަށާއި އަދި ﷲ އަށް ބިރުވެތިވާ ކަމަށް އިޤުރާރުވެފައިވެއެވެ. ނަމަވެސް މިއިޤުރާރުވީ އިޤުރާރުވުމުން ޝައިޠާނާއަށް މަންފާއެއްނުކުރާނޭކަން ﷲ ބަޔާން ކުރައްވާ ވަޙީކުރައްވާފައިވެއެވެ.


كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِّنكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ . فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا وَذَلِكَ جَزَاءُ الظَّالِمِينَ

(އެބައިމީހުންގެ އެހީތެރިން އެބައިމީހުންނަށް އޮޅުވާލަނީ) ޝައިޠާނާފަދައިންނެވެ. އޭނާ އިންސާނާގެ ގާތުގައި ﷲ އަށް ކާފިރުވާށޭ ބުނާ ހިނދުގައެވެ. ނަމަވެސް (އިންސާނާ) ކާފިރުވާ ހިނދު އޭނާ (އެބަހީ: ޝައިޠާނާ) ބުނެއެވެ: 'ހަމަކަށަވަރުން އަހުރެން ކަލޭގެ ކިބައިން ބަރީއަވެގެން ވަމެވެ. ހަމަކަށަވަރުން އަހުރެން عَالَمْ ތަކުގެ ވެރި رَبُّ، ﷲ އަށް ބިރުވެތިވަމެވެ. ފަހެ އެދެމީހުންގެ ނިމުމަކަށްވާނީ އެދެމީހުން ނަރަކައިގައި ދެމިތިބުމެވެ. އަދި އަނިޔާވެރިންގެ ޖަޒާއަކީ އެއީއެވެ.

[سورة الحشر ގެ 16 ،17]


މިއާޔަތުން އެނގެނީ ޝައިޠާނާ، ﷲ އަށް ބިރުވެތިވަމޭ ބުނެ އިޤުރާރުވުމުން އޭނާ ނަރަކަ އިން ސަލާމަތެއް ނުވާކަމެވެ. ނަމަވެސް އެފަދަ މީހުންނަށް އޮތީ ގަދަފަދަ عذاب ކަމެވެ. ވީމާ ހިތުން ޤަބުލުކޮށް ދުލުން އިޤުރާރުވާ، ނަމަވެސް ޢަމަލުނުކުރާ މީހުންގެ މިސާލަކީ ޝައިޠާނާގެ މިސާލެވެ. ވީމާ ﷲ އަށް ބިރުވެތިވެ ޝައިޠާނަފަދަ މީހަކަށް ނުވުމަށް ވަޞިއަޔަތްކުރަމެވެ.


އަދި ދުލުން އިޤުރާރުވެ، ޢަމަލުކުރާ، ނަމަވެސް ހިތުގެ އަޑިން ޤަބޫލުނުކުރާ މީހާގެ މިސާލު ވަރަށްވެސް ނުރައްކަލެވެ. އެފަދަ މީހެއްގެ އީމާންކަން ވެސް ފުރިހަމަ ވެގެނެއްނުވެއެވެ. އެފަދަ މީހުންގެ މިސާލަކީ عَبدُ الله بنُ أُبَيُّ بن سَلُولُ ފަދަ މުނާފިޤުންގެ މިސާލެވެ. عَبدُ الله بنُ أُبَيُّ بن سَلُولُ ވެސް ދުލުން އިޤުރާރުވިއެވެ. އަދި އިސްލާމްދީނާއި އެއްގޮތަށް ބޭރުފުށުން ޢަމަލުތައް ބެހެއްޓިއެވެ. ނަމަވެސް ހިތުގެއަޑިން ކާފަރުވިއެވެ. މިކަން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ.


إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ

މުނާފިޤުން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު އެބައިމީހުން ބުނެއެވެ. 'ކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް އަހުރެމެން ހެކިވަމެވެ.' އަދި ކަލޭގެފާނީ ﷲ ގެ ރަސޫލާކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި މުނާފިޤުންނީ ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.

[سورة المنافقون : 1]


އަދި މިފަދަ މީހުންނަށްވާ عذاب ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.


إِنَّ الْمُنَافِقِينَ فِي الدَّرْكِ الأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا

ހަމަކަށަވަރުން މުނާފިޤުންވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ. އަދި އެބައިމީހުންނަށް ނަޞްރުދޭނޭ މީހަކު ވަނިކޮށް ކަލޭގެފާނަކަށް ފެނިވަޑައެއްނުގަންނަވާނެއެވެ.

[سورة النساء ގެ 145]

އެހެންކަމުން އަޅުގަނޑުމެންނީ މުއުމިނުން ކަމުގައި ދަޢުވާ ކުރާ ބައެއް ކަމުގައިވަނީ ނަމަ ފުރިހަމަ ގޮތުގައި އީމާންވެގެންވާ ބައެއް ކަމުގައި ވާން އެބަޖެހެއެވެ. އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންނީ ފުރިހަމަ ގޮތުގައި ﷲ އަށް އީމާންވާ ފުރިހަމަ މުއުމިނުން ކަމުގައި ވުމަށެވެ. ހިތާއި، ދުލާއި، ޢަމަލުން އީމާންވާ ބައެއް ކަމުގައި ވުމަށެވެ. ވީމާ، ތިޔައެންމެހާ ލޮބިވެތި އަޚުންނާއި އުޚްތުންނަށް އަޅުގަނޑު ވަސިއްޔަތް ކުރަނީ ހިތާއި ދުލާއި ޢަމަލުން އީމާންވާ ބަޔެއް ކަމުގައި ވުމަށެވެ. އަޅުގަނޑުމެން އެންމެންނަށް ﷲ ފާފަ ފުއްސަވާށިއެވެ. އަދި އަޅުގަނޑުމެންގެ ކިބައިއިންނާއި، ތިޔަބައިމީހުންގެ ކިބައިން (އެންމެހާ އަޅުކަމެއް) ﷲ ޤަބޫލު ކުރައްވާށިއެވެ.


އަޞްލު: ލިޔުންތެރިޔާ

11 ޑިސެމްބަރު 2009 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page