top of page
Featured Posts

”ފާޅުގައި ﷲ އަށް ކިޔަމަންތެރިވެފައި، ސިއްރިއްޔާތުގައި އެއިލާހަށް ނުކިޔަމަންތެރިވާކަށް އަހަންނަކަށް ނ



ޢަބްދު ﷲ ބުނު ޒައިދު ބުނު އަސްލަމު އޭނާގެ ބައްޕަ އޭނާގެ ކާފަގެ ފަރާތުން ރިވާކުރައްވާފައިވާ ހާދިސާއެއް ރިވާކުރެއްވެވިއެވެ. އޭނާ ވިދާޅުވިއެވެ:


އެއްރެޔަކު އަހަރެން ޢުމަރު ބިން ޚައްޠާބު އާއި އެކު މަދީނާގެ މަގުތައް ޕެޓްރޯލް ކުރުމަށްޓަކައި ނިކުތީމެވެ. ޢުމަރު ބިން ޚައްޠާބު ވަރުބަލިވެ ވަޑައިގެން ފާރެއްގެ ކައިރީ ލެނގި ލެއްވިއެވެ. އަދި އެއީ ރޭގަނޑުގެ މެންދަމުގެ ވަގުތެވެ. އެވަގުތު އަންހެނަކު މިފަދައިން އޭނާގެ އަންހެން ދަރިފުޅާ މުޚާޠިބުކޮށް ބުނާތީ އަހަރެމެންނަށް އަޑު އިވުނެވެ.” އޭ އަހަރެންގެ އަންހެން ދަރިފުޅާއެވެ! ތެދުވާށެވެ! ތެދުވެގެން ގޮސް އެހެރަ ކިރުތަކަށް ފެން އަޅައި ފެނާއި އެއް ކުރާށެވެ.“


އެ އަންހެން ކުއްޖާ ބުންޏެވެ. ”އޭ އަހަރެންގެ މަންމާއެވެ! އަމީރުލް މުއްމިނީން (މުއުމިނުންގެ ވެރިޔާ) މިއަދު ނެރުއްވާފައިވާ އަމުރުފުޅު ކަމަނާ އަޑު ނައައްސަވަން ހެއްޔެވެ؟“


އޭނާގެ މަންމަ ބުންޏެވެ. ”އެއީ ކޮން އަމުރެއް ހެއްޔެވެ؟“


އަންހެން ކުއްޖާ ބުންޏެވެ. ”ކިރަށް ފެން އަޅައިގެން އެއްނުކުރުމަށް މީސްތަކުންނަށް އިވޭވަރަށް ހަރު އަޑުން އިޢުލާން ކުރުމަށްޓަކައި އެކަލޭގެފާނު މީހަކަށް އަމުރުކުރެއްވިއެވެ.“


އަންހެން ކުއްޖާގެ މަންމަ އެހިނދު ބުންޏެވެ. ”ތެދުވާށެވެ! ތެދުވެގެން ގޮސް ކިރަށް ފެން އަޅައި އެއް ކުރާށެވެ! ތިބާ ތިޔަ ވަނީ ޢުމަރަށް ތިބާ ނުފެންނާނެ ފަދަ ތަނެއްގައެވެ.“


އަންހެންކުއްޖާ އޭނާގެ މަންމަ އަށް ބުންޏެވެ. ”ފާޅުގައި (މީހުންގެ ތެރޭގައި) (ﷲ) އަށް ކިޔަމަން ތެރި ވެފައި ވަންހަނާގައި (އެކަނި ހުންނަ އިރުގައި) ﷲ އަށް ނުކިޔަމަންތެރިވާކަށް އަހަންނަކަށް ނުކެރޭނެއެވެ.“


ޢުމަރަށް މިއަޑު އިވުމާއި އެކު އަހަންނަށް ދެންނެވިއެވެ. ”އޭ އަސްލަމެވެ! އެތަނަށް ގޮސް އެ އަންހެން ކުއްޖަކީ ކާކުތޯ ބަލާށެވެ! އަދި އޭނާ ވާހަކަ އެދައްކަނީ ކާކާ ތޯވެސް ބަލާށެވެ! އަދި އެ އަންހެން ކުއްޖާގެ ފިރިޔަކު ހުރޭތޯވެސް އޮޅުންފިލުވާށެވެ.“ އެހެންކަމުން އަހަރެން އެތަނަށް ދިޔައީމެވެ. އަދި އެ އަންހެންކުއްޖާ އުޅެނީ މީހަކާ ނުއިނދެ ކަން އެނގުނެވެ. ދެވަނަ މީހަކަށް އޭނާޔާ ވާހަކަ ދައްކަމުން ދިޔައީ އަންހެން ކުއްޖާގެ މަންމަ ކަމާ އެދެމީހުން ކުރެ އެކެއްގެވެސް ފިރިޔަކު ނެތްކަން ވެސް އެނގުނެވެ.


އަހަރެން އެނބުރި ޢުމަރުގެ ގާތަށް އައިސް އަހަންނަށް ފެނުނު ކަންތަކާ ބެހޭގޮތުން ކިޔައި ދިނީމެވެ. އެހިނދު އެކެލޭގެފާނު އެކެލޭގެފާނުގެ ފިރިހެން ދަރިކަލުންތައް އެއްކުރައްވަވައި އެއްސެވި އެވެ. ”ތިޔައިގެ ތެރެއިން އެއްވެސް ކުއްޖަކު އަނތްބަކު ހޯދަން ބޭނުން ވޭހެއްޔެވެ؟ ބޭނުން ނަމަ ތިމަން ކަލޭގެފާނު އެކަންތައް ކޮށް ދެއްވާނަމެވެ. ތިމަންކަލޭގެފާނު ކައިވެންޏަކަށް ބޭނުންފުޅު ވެވަޑައި ގަންނަވާ ނަމަ މި ޅަޒުވާން އަންހެން ކުއްޖާޔާ އެންމެ ފުރަތަމަ ކައިވެނި ކުރާނޭ މީހަކު ކަމުގައި ތިމަން ކަލޭގެފާނު ވެވަޑައިގަތީމުހެވެ.“


އެކެލޭގެފާނުގެ ދަރިކަލުން ޢަބްދު ﷲ ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނަށް އަނތްބަކު ލިބިގެން ވެއެވެ.“ ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނަށް އަނތްބަކު ލިބިގެންވެއެވެ.“ ޢާސިމް ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނަކަށް އަނތްބަކު ލިބިގެނެއް ނުވެއެވެ. އެހެންކަމުން ތިމަން ކަލޭގެފާނާއި އެ އަންހެން ކުއްޖާގެ ކައިވެނި ކޮށްދެއްވަވާށެވެ.“ އެހެންކަމުން ޢުމަރު އެއަންހެން ކުއްޖާގެ ކައިވެނި ޢާސިމް އާއި ހަމަޖައްސަވައި ދެއްވެވިއެވެ. އަދި އެ އަންހެން ކުއްޖާ ޢާސިމްއަށް އަންހެން ދަރިއަކު ވިހައި، މި ވިހޭ އަންހެން ކުއްޖާ ވެގެން ދިޔައީ ޢުމަރު ބިން ޢަބްދުލް ޢަޒީޒް ގެ މަންމާފުޅު ކަމުގައެވެ.


އަޞްލު: www.seerah.net

29 މެއި 2010

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page