top of page
Featured Posts

ރޯދަ ވީއްލާ ވަގުތުގައި ގިނައިން ކެއުން

އިމާމް އަލް-ޣަޒާލީ(رحمه الله)


”އެމީހެއްގެ ބަނޑު ފުރެންދެކަށް މީހަކު ރޯދަ ވީއްލާ ގަޑީގައި ކައިގެން ނުވާނެއެވެ. އެހެނީ، ފުރިފައިވާ ބަނޑެއް ފިޔަވައި ﷲ ތަޢާލާ އެހާ ބޮޑަށް ނުރުހުންވެވޮޑިގަންނަވާ ކަންވާރެއް ނުވެއެވެ. މުޅި ދުވަހު ނުކެވި ހުރި އެއްޗެހި ކައި ފުރިހަމަ ކުރުމުން ރޯދަ ވީއްލާނަމަ، މިދުޝްމަން ކޮންޓްރޯލްކޮށް ރޯދައިން ފައިދާ ލިބިގަނެ މި އެދުން ނެތިކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ޙަޤީޤަތުގައި ބައެއް މީހުން އެމީހުން ދުވާލުގެ ވަގުތުގައި އާންމުގޮތެއްގައި ކާވަރަށް ވުރެ ގިނައިން ރޯދަވީއްލާ ވަގުތުގައި ކައެވެ! މިއާދަ ދެމިގެން ގޮސްފައިވާ މިންވަރަކީ ރޯދަމަހަށްޓަކައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށް އަދި އެހެނިހެން މަސްތަކާއި ޚިލާފަށް މިމަހުގައި ގިނަ ކާއެއްޗެހި ކެއުމެވެ.


އެނގޭކަމަކީ ރޯދަހިފުމުގެ ހުރިހާ މަޤްޞަދަކީ ތަރުބިއްޔަތު ކުރުމެވެ. އަދި މީހާގެ ނަފްސާއި ތަޤްވާވެރިކަން ވަރުގަދަކުރުމަށްޓަކައި އަމިއްލަ އެދުންތައް ނެތިކޮށްލުމެވެ. އެހެންކަމުން، ތިބާ ރޭގަނޑު ވަންދެން ހަޖަމްކުރުމުގެ ނިޒާމް ކާއެއްޗެހި ލިބުމުން މަޙްރޫމްކޮށް، އޭގެ ސަބަބުން އެއަށް ކާއެއްޗެހި ބޭނުންވުމުގެ އެދުންވެރިކަން އިންތިހާއަށް ގޮސްފައި ވަނިކޮށް ދެން ތިބާ އޭގެ އެދުން ފުރިހަމަ ވަންދެން ކާއެއްޗެހި ދީފިނަމަ، މީގެ ސަބަބުން އޭގެ އެދުންވެރިކަން އިތުރަށް ބޮޑުވެގެންދެއެވެ. އަދި އޭގެ ހަކަތަ ގިނަވެ އިތުރުވެގެންދެއެވެ. އަދި ކާއެއްޗެއްސަށް އެދުންވެރިވުން އިތުރުވެގެންދެއެވެ. އަދި އެއީ އޭގެ ކުރީގައި، ޢާންމުގޮތެއްގައި ގޮހޮރަށް ކާއެއްޗެހި އެތެރެ ކުރެވޭ މިންވަރުގައި ބެހެއްޓިނަމަ ހުންނާނެ އެދުންވެރިކަމަށްވުރެ ބޮޑު އެދުންވެރިކަމެކެވެ.


އެހެންކަމުން، ރޯދައިގެ ސިއްރު އަދި ރޯދައިގެ ފޮނިކަމަކީ، ޝައިޠާނާ ތިބާ ނުބައިކަންތަކަށް އަނބުރުވާލާ މަގަށް މަގުފަހިކޮށްދޭ މި ހަކަތަ ނިކަމެތިކޮށްލުމެވެ. އަދި ތިބާ ކާއެއްޗެހި ކާ މިންވަރު މަދު ނުކުރެވޭނަމަ މިކަމެއް ނުވާނެއެވެ. ރޯދަ ވީއްލާ ވަގުތުގައި، ތިބާ އާންމު ގޮތެއްގައި ރޯދަ ނޫން ދުވަސްތަކުގެ ވަކި ވަގުތުތަކުގައި ކާ މިންވަރަށް ކާށެވެ. ނަމަވެސް، ދުވާލުގައި ތިބާ ނުކައި ހުރި އެއްޗެއްސާއި ޢާންމުގޮތެއްގައި ރޭގަނޑުގައި ކާމިންވަރާއި އެއްކޮށްގެން ކާނަމަ، ތިބާގެ ރޯދައިން އެއްވެސް އެއްޗެއް ޙާޞިލެއް ނުކުރެވޭނެއެވެ.


ޙަޤީޤަތުގައި، ރޯދަ ހިފުމުގެ އަދަބުތަކުގެ ތެރެއިން ވަނީ، ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން އިޙްސާސްކުރުމަށްޓަކައި ދުވާލުގެ ވަގުތުގައި ގިނައިން ނުނިދުމެވެ. އަދި މިހަކަތަ ނިކަމެތިކޮށްލުމެވެ. މީގެ ސަބަބުން ކޮންމެ ރެއަކުން ވެސް ހިތް ސާފުވެ، މިހަކަތަ ނިކަމެތިވެ އޭގެ ސަބަބުން ތިބާއަށް ރޭއަޅުކަން ކުރުމާއި ޤުރުއާން ކިޔެވުމާއި ﷲ އަށް ޛިކުރުކުރުމަށް ފަސޭހަވާނެއެވެ. އަދި ޝައިޠާނާއަށް ތިބާގެ ހިތާއި ދިމާލަށް މިސްރާބު ޖެހުމުން ދުރުކޮށްދީ އަދި ތިބާއަށް އުޑުތަކުގެ ކާއިނާތް ބެލުމަށް މަގުފަހިކޮށްދޭނެއެވެ. އަދި ޤަދަރުގެ ރެއަކީ އެރެއެއްގައި މިކާއިނާތުގައިވާ ބައެއް ތަކެތި ދައްކުވައިދޭ ރެއެކެވެ. އަދި ﷲ ތަޢާލާގެ މިބަސްފުޅުގެ މާނައަކީވެސް މިއެވެ. ”ހަމަކަށަވަރުން ތިމަންއިލާހު އެ ޤުރުއާން ބާއްވާލެއްވީ ޤަދްރުގެ ރޭގައެވެ.“


އަދި އެމީހެއްގެ ހިތާއި މެޔާއި އަދި ކާއެއްޗެއްސާއި ދެމެދުގައި ހުރަހެއް ބަހައްޓައިފި މީހަކަށް، އޭނާއާއި މިކާއިނާތުގައި ދައްކައިލެވޭ ތަކެއްޗާއި މެދުގައި ހުރަހެއް ބެހެއްޓޭނެއެވެ. އަދި ތިބާގެ ފިކުރު ﷲ ތަޢާލާ ނޫން އެހެން ފަރާތްތަކުން ސަލާމަތްވެގެން ނުވެހުރެ ގޮހޮރު ހުސްކޮށް ބެހެއްޓުނަސް މިހުރަސް ނެތިކޮށެއް ނުލެވޭނެއެވެ. އަދި މައިގަނޑު ނުކުތާއަކީ މިއެވެ.


މިހުރިހާ ކަމެއްވެސް ފެށޭ ހިސާބަކީ ކާއެއްޗެހި ކެވޭ މިންވަރު މަދުކުރުމުންނެވެ“

(”އިޙްޔާ އުލޫމް އައް-ދީން“: 303/1)


މަޞްދަރު: www.Iskandrani.com

18 އޮގަސްޓު 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page