މިހެފެނީ މާ ބާވައެވެ؟
މުސްލިމުންގެ އެންމެ މާތް މައްސަރުކަމަށްވާ ބަރަކާތްތެރި ރަމަޟާން މަސް ފެށުމަށް މުއްދަތު ކުޑަތަން ވަމުން ދާއިރު ދިވެހިރާއްޖޭގެ އެކިކަން ކޮޅުތަކުގައި ”މާހެފުން“ މިނަމުގައި ބޭއްވޭ ކެއުމުގެ ހަފްލާތަކަކީ މީގެ އެތައް އަހަރުތަކެއް ކުރިން ދިވެހިންގެ ތެރޭގައި ފެށިގެން އައިސްފައިވާ ޚުރާފަތުގެ ކަމެކެވެ.
ބުނެވޭ ގޮތުގައި މިހެފެނީ މަލެވެ. ބަހުގެ މާނައަށް ބަލައިފިނަމަ މިބުނެވޭ އެއްޗަކީ ހަމަޔަޤީނުން ވެސް ތެދަކަށް ނުވެއެވެ. އެހެނީ މިބޭއްވޭ ކެއުމުގެ ހަފްލާތަކުގައި ހަމަ ޔަޤީނުން ވެސް ހަފަނީ މަލެއް ނޫނެނެވެ. ނުވަތަ މާހަފުވައިގެން ހަދާފައިވާ ކާތަކެއްޗެއް ވެސް ނުމެނޫންމެއެވެ.
މިހަފާ ހެފުންތަކަކީ ބަރަކާތްތެރި ރަމަޟާން މަސް އަންނަން އުޅުމުގެ މުނާސަބަތުގައި ދިވެހިންގެ ތެރޭގައި ހަފާ ހެފުންތަކެކެވެ. އެހެންކަމަށް ވާނަމަ މިކަމާއި މެދު ވިސްނާލުން ހުއްޓެވެ. އެހެނީ މިކަމުގައި ޖަވާބު އެނގުން މުހިއްމު އެތައް ސުވާލުތަކެއް އެބަހުއްޓެވެ. މިހަފާ ހެފުމަކީ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ހަފާ ހެފުންތަކެއް ކަމުގައި ވާނަމަ މިކަން މިއީ ދީނުގެ އަޅުކަމަކާއި ގުޅުވައިގެން ކުރާ ކަމަށްކަށް ވީތީވެ، މިކަން ވެސް މިއީ ޙަޤީޤަތުގައި ދީނުގެ ތެރެއަށް ވެއްދޭ ކަމަކަށް ނުވާނެ ބާއެވެ؟ މިހެން ކަމަށް ވެއްޖެ ނަމަ އުފެދޭ އިތުރު ސުވާލުތަކެއް އެބަހުއްޓެވެ. މިއީ ދިވެހި ރާއްޖެ ފިޔަވާ އެހެން އެއްވެސް ޤައުމެއްގެ މުސްލިމުން ހަފަންމުންދާ ހެފުން ތަކެއް ބާވައެވެ؟ މިހެފުންތަކަކީ އަހަރުމެންގެ ކުރީގައި އައިސްގޮސްފައިވާ ދީނުގެ ތަބަޢަތާބިޢީންގެ ތެރޭގައި ހެފެމުން ދިޔަ ހެފުންތަކެއް ބާވައެވެ؟ ނަބިއްޔާ (صلى الله عليه وسلم) އަށް ފަހު ދެން މިއުއްމަތުގެ އެންމެ މާތް އިންސާނުން ކަމަށް ވާ ޞަހާބާއިންގެ (رضي الله عنهم) މެދުގައި ހެފެމުން ދިޔަ ހެފުން ތަކެއް ބާވައެވެ؟ ނުވަތަ ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތުން އަހަރުމެންނަށް ފެންނަން އޮތް ހެފުންތަކެއް ބާވައެވެ؟
މިސުވާލުތަކުގެ ޖަވާބު އެނގެނީ މިހެފުންތައް ހަފާ މީހުންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ؟ އެހެނީ މިއީ ދީނީ އަޅުކަމަކާއި ގުޅުވައިގެން ކުރާ ކަމަކަށް ވީހިނދު މިހަފާ ހެފުމަކީ ވެސް ދީނީ ކަމަކަށް ވެއްޖެނަމަ އެކަމަކީ އަހަރުމެންގެ ދީނުގައި، އެދީން ގެނެސް ދެއްވި މާތް ނަބިއްޔާ (صلى الله عليه وسلم) ގެނެސް ދެއްވި ކަމެއްތޯ ބެލުން ވަރަށް މުހިއްމުކަން ބޮޑެވެ. މިކަމަކީ އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ ސުންނަތުން ސާބިތުނުވާ ކަމެއް ކަމުގައި ވާނަމަ މިކަން ވާނީ އަހަރުމެން ދީނުގެ ތެރެއަށް އަލަށް ވައްދައިގެން އުޅޭ ކަމަކަށް ނޫންބާވައެވެ؟ މިސުވާލުތަކުގެ ޖަވާބަކީ މިހެފުންތައް ހަފާ ކޮންމެ މީހަކަށްމެ އެނގުން ލާޒިމް ޖަވާބު ތަކެކެވެ. އެހެނީ މިއީ އަހަރުމެން ދީނުގެ ތެރެއަށް އަމިއްލަ އަށް ވައްދައިގެން އުޅޭ ކަމަކަށް ވެއްޖެނަމަ މިކަން މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ ނަބިއްޔާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ.
”فإن أصدق الحديث كتاب الله وخير الهدي هدي محمد صلى الله عليه وسلم وشر الأمور محدثاتها وكل محدثة بدعة وكل بدعة ضلالة وكل ضلالة في النار“
”އެންމެ ތެދުވެގެންވާ ބަސްފުޅަކީ ﷲ ތަޢާލާގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ މަގަކީ މުޙައްމަދު (صلى الله عليه وسلم) ދެއްކެވި މަގެވެ. އަދި އެންމެ ނުބައިވެގެންވާ ކަމަކީ އެގޭ (ދީނުގެ) ތެރެއަށް އަލަށް ވެއްދޭ ކަންތައްތަކެވެ. އަދި އަލަށް ވެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ.“
އެހެންކަމުން މިކަމަށް އިތުރަށް ސަމާލުވެ ތިމާގެ އަތުން ކުރެވޭ ޢަމަލަކީ ކޮންފަދަ ޢަމަލެއްކަން އެނގުން މުހިންމުކަން ބޮޑެވެ. އަދި މިއީ އެފަދައިން ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަމެއްކަމުގައި ވާނަމަ އެކަމުން ދުރުހެލިވާން ނުޖެހޭނެ ބާވައެވެ؟
ކޮންމެއަކަސް މިހެފޭ ހެފުންތަކުން ފެންނަމުންދާ ނަތީޖާތަކަށް ބަލާއިރު ފެންނަމުންދާ މަންޒަރު ތަކަކީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި ޙުދޫދުތަކާއި މުޅިން ޚިލާފު ކަންތައްތަކެވެ. މިކަމުގެ ތެރޭގައި ހިމެނިފައިވާ، ދެޖިންސުގެ ހިލޭ މީހުން އެއްތަނަކަށް އެއްވެ، ބައެއް ތަންތަނުގައި ބޮޑުބެރު ޖަހާ ނަށާ ކުޅެވެމުންދާ ނާޗަރަންގީ ޝޯ ތަކަކީ މާތް ވެގެންވާ އަޅުކަމުގެ މި މައްސަރަށް މަރުޙަބާ ކިއުމުގެ ގޮތުން ކުރުން ހެޔޮވާނެ ވަރުގެ ކަންތައްތައް ތޯއެވެ؟ ޒަމާނީ ތަރައްޤީއާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއެކޭ އެއްފަދައިން ޒަމާނުގެ މިންގަނޑުތަކަށް ތަރައްޤީވަމުން ކުރިއަރާފައިވަ ޝައިޠާނާގެ ހެއްލުންތެރިކަމާއި މަގުފުރެއްދުމުގެ އާ ޓެކްނޮލޮޖީގެ ދަށުން، އަދުގެ ޒުވާން ދެޖިންސުގެ ކުދިން ރަމަޟާން މަހަށް މަރުޙަބާ ކިއުމަށް ބާއްވާ މި މާހެފުމުގެ ހަފްލާ ފާހަގަ ކޮށްލަނީ ދެޖިންސުގެ ޅަކުދިން ރޭގަނޑު ދަންވަރު އެއްވެ ބައްވާ ޑިސްކޯ ޕާރޓީ އަކުންނެވެ. މިފަދަ ތަންތަނުގައި ދެޖިންސުގެ ހިލޭ ޅަޒުވާނުން އެއްވެ ނަޝާ ބުރެކި ޑާންސްކޮށް، ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ އެންމެހާ ފާޙިޝް ޢަމަލުތައް ހިންގާ ހެދުމީ މި މަތިވެރި މައްސަރަށް މަރުޙަބާ ކިއުމަށް ކުރުން ހެޔޮވެގެންވާނޭ ކަމެއް ތޯއެވެ؟
ބުނެވިދިޔަ ކަންކަމާއި ލިޔެވިދިޔަ ވާހަކަތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ! މިހެފުންތައް ހަފަމުންދާ ކޮންމެ މީހަކުމެ މިކަންތައްތަކަށް ސަމާލުވެ ތިމާއަށް މިކުރެވޭ ޢަމަލަކީ ކޮންފަދަ ޢަމަލެއްތޯ ބެލުން އެއީ މީގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކުރުން ލާޒިމު ކަމެކެވެ. އަދި މިފަދަ ކަންކަމުން ދުރުހެލިވުން ވެސް މެއެވެ.
www.click4islam.com
03 އޮގަސްޓު 2010